ވާހަކަ

ނަފްސު ހޭލައްވާލި އެކުވެރިޔާ

ރަމަޟާން މަހަކީ އަހަރުގެ އެހެން މަސްތަކާ ޚިލާފަށް ވަގުތައް ސަމާލުކަން ދޭން ޖެހޭ މަހެކެވެ. ޚާއްޞަކޮށް މަސައްކަތުގެ މައިދާނުގައި އުޅޭ އަންހެނަކަށް ވަގުތުތައް ތަވާލުނުކުރެވިއްޖެނަމަ ދުވަސް ނިމުމަކަށް އަންނައިރު ވެސް ކުރަންހުރި ކަންތައްތަކުން ސަލާމަތެއް ނުވެވޭނެއެވެ. އަހަރުގެ އެންމެ މާތް މަހަށް ރަމަޟާން މަސް ވާއިރު ޚުދު އަހަރެންނަށް ވެސް އެހެން މަސްތަކަށްވުރެ ބޮޑަށް މި މަހު އަޅުކަމަށް ސަމާލުކަން ދެވެއެވެ. ނުބައިކަންތައްތަކާ ދުރުވުމަށް މަސައްކަތްކުރެވެއެވެ. އެއީ އަހަރެންގެ އަމިއްލަ ނަފްސާއި އެކުވެރީން ތެރެއިން ކަމަށް ވިޔަސްއެވެ. ބައެއްފަހަރު މި ބަދަލު އަހަރުގެ ހުރިހާ މަހެއްގައި ނުފެންނަނީ ކީއްވެބާއޭ ހިތަށް އަރައެވެ. އަދިވެސް އަހަރެންގެ އިމާންތެރިކަން ކުޑައީކަމަށްވެދާނެއެވެ. އެހެންވިޔަސް ހެޔޮމަގަށް އުޅޭ މީހަކަށްވާން އަހަރެން މަސައްކަތް ކުރަމެވެ.

ހެނދުނު ނުވައެއް ޖަހަންވީއިރު އަހަރެން ހުރީ އޮފީހުގަ އެވެ. ހެނދުނުގެ ބްރީފިން ނިންމާފައި އެންމެންތައް އެމީހަކާ ހަވާލުވެފައި އޮތް މަސައްކަތެއް ކުރުމަށް އުޅުނެވެ. އަހަރެން ވެސް މޭޒުދޮށުގައި އިށީނީ ވެރިޔާއާ ހަމައަށް އަވަސް ގޮތަކަށް ގެންދަންވެފައި އޮތް ރިޕޯޓެއް ނިންމާލުމަށެވެ. އެކަމުގައި ގިނަވަގުތެއް ނުނެގިއެވެ. "އާޖަންޓް" މަސައްކަތް ނިމި އާންމުކޮށް ދުވަހަށް ނިންމަން ހުންނަ މަސައްކަތްތައް ފެށީމެވެ. އެހެން އިނދެފައި ގޮނޑި އަނބުރާލެވުމާއެކު ލޮލުގައި އަޅައިގަތީ އަހަރެންގެ ވައަތްފަރާތައް ހުރި "ވޯކްސްޓޭޝަން" ގަ އެވެ. ބޭއިޚްތިޔާރުގައި އަހަރެންނަށް ހިނިތުންވެވުނެވެ. އެ މޭޒު ދޮށުގައި މިހާރު މީހަކު ނެތަސް މިދަޔަ ރޯދަ މަހުގައި އެ މޭޒު ދޮށުގައި އިނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ މަޤާމަށް މިހާރު އައިސްފައިވާ ފަޒީނާ އެވެ. އޭނާ މި އޮފީހުން ވަކިވިތާ ހަތަރު މަސް ވެއްޖެއެވެ. އެހެންވިޔަސް އޭނާއާއެކު މި އޮފީހުގައި ހޭދަވި ދުވަސްތައް އަހަރެންނަށް ވަރަށް ޚާއްޞައެވެ. ފުރަތަމަ ފަހަރަށް ރަނގަޅު މަގަށް އަހަރެންގެ ނަފްސު ހޭލައްވާލި އެކުވެރިއަކީ އެއީއެވެ.

ފަޒީނާ އަހަރެމެންގެ އޮފީހަށް ވަނީ އަހަރެން ވަޒީފާގައި އުޅޭތާ އަހަރެއް ފަހުންނެވެ. އޭނާއަކީ ވަރަށް އާދައިގެ ސާދާ އަންހެން ކުއްޖެކެވެ. ކަޅުކުލައިގެ ދޫ، ބޮޑު ހެދުމާއެކު ތިންމުށުގެ ބުރުގާއަކުން ބޮލާއި ދެ ކޮނޑާއި މޭމަތިން ބޮޑުބައެއް ނިއްވާކޮށްލާފައި ހުރެއެވެ. އޭނާގެ ދެފައިތިލަ ވެސް މީހަކަށް ނުފެންނާނެ އެވެ. ކަޅު އިސްޓާކީނާއި ކަޅުބުޓޫގައި ހުންނާނީ ފޮރުވާލެވިފަ އެވެ. މާގިނަ ވާހަކަތަކެއް އޭނާ ދައްކާ އަޑެއް ނީވޭނެވެ. އޮފީހަށްވަންތާ ކުރީކޮޅުވީމާ ދެން އުޅޭ މުވައްޒަފުންނާއެކު ގުޅުން ބަދަހި ނުވާތީ ކަމަށް އަހަރެން ހީކުރީމެވެ. ނަމަވެސް ފާއިތުވަމުން ދިޔަ ދުވަސްތަކާއެކު ފަޒީނާގެ ޠަބީޢަތަށް އެއްވެސް ބަދަލެއް ނައެވެ. ކޮންމެ މީހަކު ފެނުނަސް އޭނާގެ ފުށުން ބޮޑުވަރަކަށް ވެސް ލިބޭނީ ހިނިތުންވުމެކެވެ. ބަސްމަދު ވިޔަސް އެންމެންނާ އޭނާ ގުޅެއެވެ. ޚާއްޞަކޮށް ވަގުތާއި މަސައްކަތަށް ވަރަށް ކަމޭހިތައެވެ. އަމިއްލަ މަސައްކަތްތައް ކުރުމުގެ އިތުރުން އެހެން މުވައްޒަފުންގެ މަސައްކަތްތުގައި ވެސް އޭނާ އެހީތެރި ވެދޭތަން އަހަރެން ދުށީމެވެ.

އޮފީހަކީ ތަފާތު ޠަބީޢަތުގެ މީހުން މަސައްކަތްކުރާ ތަނަކަށްވާއިރު އެމީހުންގެ މެދުގައި ދެކެވޭ ވާހަކަތައް ވެސް ތަފާތުވެއެވެ. އެގޮތުން އާންމުކޮށް ގިނައިން ދައްކާއަޑު އިވޭނީ އެއްބަޔަކު އަނެއްބައެއްގެ ވާހަކަތަކެވެ. އެކަމުގައި އަންހެން ފިރިހެން ވެސް ވަނީ އެއްވަރެކެވެ. އާދަކޮށް ވާހަކަ ހިފައިގެން އަންނަ ބަޔަކު ވެސް އުޅޭނެއެވެ. މަސައްކަތުގެ "ސްޓްރެސް" ފިލުވާލުމަށް، "އޭ މިއަދު ފެނުނު ކަމެއް އެނގޭ ހެއްޔޭ" ކިޔައި ވާހަކަ ފެށި ދާނެ އެވެ. އެ އަޑަށް މަދު ސްޓާފެއް ނޫނީ ދެން ތިބި އެންމެންގެ ކަންފަތްތައް ހުޅުވެއެވެ. އަހަރެންނަކީ ވެސް އެތަނުން އެކަކެވެ. ގިނައިން އިނދެވެނީ އަޑުއަހާ ގުރޫޕުގަ އެވެ. އޮފީހަށް އަލަށް ކުއްޖަކު އަތުވެއްޖެނަމަ އޭނާ ރުހުނަސް ނުރުހުނަސް އޭނާގެ ހުރިހާ ވަނަވަރުތަކެއް އަހާ އޮޅުން ފިލުވާނެ އެވެ. އޭނާ އެ ވާހަކައެއް ދައްކަން ފަސްޖެހިއްޖެނަމަ އެހެން ގޮތްގޮތުން ވެސް އެ ހޯދާ ބަޔަކު ބޭނުންވާ މަޢުލޫމާތެއް ހޯދާލަ އެވެ. އަދި އަހަރެންނަށް އެންމެ ކަމުނުދާ ކަމަކީ އެމީހުން ބޭނުންވާ މަޢުލޫމާތުތައް ލިބުމުން އެކަމާ އެމީހަކާ ސުވާލުކުރާތީ އެވެ. އެހެން ހަދަނީ ލިބުނު މަޢުލޫމާތުގެ ތެދުދޮގު އޮޅުން ފިލުވަން ކަމެއް ނޫނީ ނުބުނަން އުޅުނު ކަމެއް އެނގިއްޖެކަން އަންގާލުމުގެ ނިޔަތުގައި ކަމެއް ނޭނގެ އެވެ.

ފަޒީނާގެ ނަން އޮފީހުގައި އޮތް "ނާގޫރު" ގުރޫޕުގެ ތެރޭގައި ކިޔެން ފެށި އެވެ. އެންމެންނަށްވުރެ ކުރީން އޭނާ އޮފީހަށް އަންނާތީ އެވެ. ހެދުން އެޅުމުގައި އަބަދު ކަޅުކުލަ އޭނާ ބޭނުން ކުރާތީ އެވެ. އޮފީސް ނިންމާފައި ހިނގާފައި ގެއަށް ދާތީ އެވެ. ދަރިއަކު ހުރިކަން އެނގުމުން ފިރިމިހާ ކޮބާތޯ ސުވާލު ކުރެ އެވެ. އޮފީސް ނިމޭގަޑިއަށް ފިރިމީހާ ބަލާ ނާންނަނީ ކީއްވެތޯ އަހައެވެ. އެހެން މީހަކު އިނދެފައި ފަޒީނާ އުޅެނީ ކޮން ހިސާބަކު ހުރި ކޮންނަމެއް ކިޔާ ގެއެއްގައި ތޯ ވެސް އޮޅުން ފިލުވިއެވެ. މިހުރިހާ ވާހަކަތަކަށްފަހު ވެސް އެ މީހުން ހިތްހަމައެއް ނުޖެހުނެވެ. ފަޒީނާ ގެނެސް އެ ގުރޫޕުގެ ތެރޭގައި ބައިންދައިގެން ވާހަކަ ދައްކަނީ އެވެ. އެގޮތުން އޮފީހަށް އަންނައިރު ހެދުން އަޅަން ޖެހޭނޭ ގޮތް ފަޒީނާއަށް ބުނެދޭން އެމީހުން ފެށި އެވެ. އަބަދު ކަޅު ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ބުނަމުން ދިޔައެވެ. އެއީ ފަޒީނާގެ މިނިވަންކަމަށް އަރައިގަތުމެއް ނޫން ހެއްޔެވެ. ދޫކޮށް ހުންނަ އޮފީސް ގަމީހާއި ފަޔަށް ހިފާފައި ހުންނަ ފަޓުލޫނުގައި އަހަރެން އޮފީހަށް ދާން ފެށީ ވެސް މި ބުނާ ބައެއްގެ ނުފޫޒުންނެވެ. އެކަމަކު އަހަރެންނަކީ އޭރު ބުރުގާ ނާޅާ ހުރި އަންހެންކުއްޖަކަށްވީމަ އެ މީހުން އެބުނިހާ ގޮތެއް ހެދުނީ އެ ދެއްކި ވާހަކަތަކަކީ އޮފީހެއްގައި އުޅޭން ފަސޭހަވާނޭ ގޮތް ކަމަށް ވިސްނިގެންނެވެ. އެ މީހުން ތިބެނީ ނުލާހިކު ހެދިގެންވިއްޔާ އެވެ. ޒަމާނީ ވައްޓަފާޅީއާއެކު އެއިރެއްގެ އެންމެ ހިނގާ "ޓެރެންޑް" އަކަށް ހުރިހާ ކަމެއް ބަދަލުކޮށްލާނެއެވެ. އެހެންނޫޅޭނަމަ އެންމެންގެ ތެރޭގައި ބާކީ ވެދާނޭ އަހަރެންނަށް ހީވީއެވެ.

އެ މީހުންގެ ވާހަކަތަކުން ފަޒީނާއަށް އަސަރެއް ނުކުރީތީ އަހަރެން އަޖައިބުވި އެވެ. އެމީހުންގެ އެކުޅިވަރު ނުހުއްޓިގެން އެންމެފަހުން އޭގައި ނަގާ ކިޔާ އުޅޭ ޒޫނާއަށް ފަޒީނާ ދިނީ ވަރުގަދަ ރައްދެކެވެ. އޭނާ ބުންޏެވެ.

"ކަޅަކީ ރީތި ކުލައެއް. އަހަރެން ލަދުގަނޭ އައުރަ ނިވާނުވާ ހެދުމެއް އަޅަން. މުސްލިމަކަށްވީތީ އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަން ވާނެއެއްނު. މީ އަހަރެން ޚިޔާރުކުރި ގޮތް" ވަގުތުން އެންމެންގެ ދޫތައް ހިމޭންވިއެވެ.

އަހަރެމެން އުޅެމުން މިދަނީ ސަތޭކަ އިންސައްތަ މުސްލިމު ޤައުމެއްގަވެ. އިސްލާމީ ރިވެތި އަދަބުތައް އަހަރެމެން އެންމެންނަށް ވެސް އެނގެއެވެ. އެހެންވިޔަސް ޣާފިލުކަމުގެ ތެރޭ ހުޅަނގުގެ ދަޅައަށް ހެއްލޭހާ އަޤީދާވަނީ ބަލިކަށިވެފައެވެ.
ފަޒީނާގެ އެ ރައްދުގެ ސަބަބުން އޮފީސް ތެރޭގައި ނަގާ ކިޔާ އަންހެން ގުރޫޕުގަނޑަށް ހީވީ އެ މީހުންނާ ޒާތީވުމުގެ ގޮތުން ކޮށްލި މަލާމާތެއް ކަމަށެވެ. ޚާއްޞަކޮށް ފަޒީނާއަށް ދޭނޭ ރައްދެއް ނެތި އެ މީހުންގެ ކޮޅު ބަލިވީކަމުގައި ހީވީމައެވެ. އެމީހުންގެ އެއްވުންތަކުން ފަޒީނާ ބާކީ ކުރީއެވެ. ކަމެއް ބޭއްވިޔަސް އެ މީހުންގެ ތެރޭގައި ފަޒީނާ ބައިވެރި ނުކުރަނީ އެވެ. އެމީހުން ބުނަންފެށީ ފަޒީނާއަކީ ދީނުގައި ހައްދުފަހަނަ އަޅާފައި ހުރި އަންހެނެއް ކަމެވެ. އަދި އެއީ އޭނާގެ ދެއްކުންތެރިކަން ކަމުގައެވެ.

މެންދުރަށް ލިބޭ އެއްގަޑިއިރުގެ "ލަންޗު ބްރޭކް" ވަގުތުގައި ނަމާދަށް ނުކުންނާނީ ވަރަށް މަދު ބައެކެވެ. ގިނަ މީހުން ދަނީ ގުރޫޕު ހަދާފައި މެންދުރު ކެއުން ކޮންމެވެސް ރެސްޓޯރެންޓަކުން ކާލާށެވެ. އަހަރެންގެ ގެ ހުންނަނީ އޮފީހާ ވަރަށް ކައިރީގަ އެވެ. ގޭގައި ހުންނާނީ މެންދުރަށް ކާން ހެދިފަ އެވެ. އެހެންވިޔަސް މެންދުރު ކާން ގެއަށް ދިއުމުގެ ބަދަލުގައި އަހަރެން ވެސް ދަނީ އޮފީސް ގުރޫޕާއެކު އެވެ. އެކަމަށް ހުރީ ހޭނި އާދަވެފަ އެވެ. ފައިސާގެ އިސްރާފާ މެދު ކުޑަކޮށް ވެސް ވިސްނައެއް ނުލެވެއެވެ. އަހަރެންގެ މި ދެވިހިފުން ހުއްޓުވި އެކުވެރިޔަކީ ހަމަ ފަޒީނާ އެވެ.

އޮފީހުގައި ހުންނަ ނަމާދުކުރާ ކޮޓަރިއަކީ އަހަރެންގެ ލޮލުން ދުށް ވެސް ތަނެއް ނޫނެވެ. އެތަން ހުންނަނީ އޮފީހުގެ ކޮންބަޔަކު ކަމެއް ނޭނގެ އެވެ. ފުރަތަމަ ފަހަރަށް ފަޒީނާ އަހަރެން ގާތު ނަމާދު ކުރަން ދާން ބުނުމުން އަހަރެން ދެއްކީ އުޒުރުތަކެވެ. އަހަރެންނަކީ ބުރުގާ ނާޅާ މީހަކަށްވީމާ ބޯ ނިވާ ކުރާނޭ ގޮތެއް ނެތްކަމެވެ. އަދި ވެސް ނަމާދަށް ބޭނުންވާނޭ އެހެނިހެން ސާމާނު ނެތް ކަމެވެ. ދެން ގެއަށް ގޮސް ކޮށްލާނީ ކަމުގައި ބުނެ ނިންމާލީ މެވެ. ދެންވީ އެހެންގޮތެވެ. ޖެހިގެން އައި ދުވަހު ވެސް ފަޒީނާ އެދިއްޖެ އެވެ. އަހަރެންނަކަށް އުޒުރު ދައްކާނޭ ފުރުޞަތެއް އޭނާ ނުދިނެވެ.

"މީ އަހަރެންގެ އަތުގައި އިތުރުވެފައި އޮތް ދޮޅިއެއް، އައު އެއްޗެއްވީމަ ދޮވެލައިގެން މި ގެނައީ، މި ދޮޅި އެޅީމަ މުޅި މީހާ ނިވާވާނެ، މައިޝާ ހެދުން ބަދަލު ކުރާކަށް ވެސް ނުޖެހޭނެ، އަތުގައި އޮތީމާ ހިތަށް އެރީ މައިޝާއަށް ގެނެސްދޭނީއޭ، އޮފީހުގައި ބާއްވަންވީނު، ހަޑިވީމަ އަހަރެން އަތައް ދީ، އޭރުން ދޮވެލާފައި ގެނެސްދޭނަން، މި އޮތީ އިސްޓާކީނެއް ވެސް" ފަޒީނާ ހިނިތުންވެލައިގެން ހުރެ ބުނެލި އެވެ. އޭނާ އެ ގޮވާލަނީ ހެޔޮ ކަމަކަށްކަން އަހަރެންގެ ޟަމީރު އެއްބަސްވެއެވެ. އަހަރެން ނަމާދު ކުރިއްޔާ އަދި ނުކުރިއްޔާ ވެސް އޭނާއަށް ކީއްހޭ ބުނަން ނުކެރުނީ އެހެންވެއެވެ. ތިމާ ހެޔޮ ޢަމަލު ކުރަމުން އަނެކާ ލައްވާ ވެސް ހެޔޮ ޢަމަލުތައް ކުރުވަން މަސައްކަތް ކުރާތަން އަހަރެން ދުށް މީ ފުރަތަމަ ފަހަރެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީ ނަމަވެސް ފަޒީނާގެ ނިޔަތުގައި ދެއްކުންތެރިކަމެއް ނުވާކަން އަހަރެންނަށް ޤަބޫލު ކުރެވުނެވެ. އަހަރެން ކުރާ ހެޔޮ ކަމެއްގެ ސަވާބުވަނީ އަހަރެންނަށެވެ. ފަޒީނާ އަހަރެންގެ ގާތުން އެދުނޭ ކިޔާފައި އެކަމުން އެއްވެސް މިންވަރެއް އުންޏެއް ނުވާނެ އެވެ. އެ ދުވަހު ނަމާދުކުރާ ކޮޓަރިއާ ހަމައަށް އަހަރެން ގޮވައިގެން ދިޔައީ ފަޒީނާ އެވެ. އެތަން ހުންނަތަނެއް ނޭނގޭތީ އެކަމުން ފުރަތަމަ ފަހަރަށް އަހަރެންގެ ނަފްސަށް ލަދުވެތިކަން އިޙްސާސް ކުރެވުނެވެ. ޖެހިގެން އައި ދުވަހު އަހަރެން ގާތުގައި ފަޒީނާ ބުނުމުގެ ކުރީން އޭނާއާއެކު ނަމާދަށް ދިއުމަށް އަހަރެން ތެދުވީމެވެ. އަހަރެން ނަމާދަށް އާދަކުރުވި އެކުވެރިޔަކީ އެއީއެވެ.

އޮފީސް ކުއްޖެއްގެ އުފަން ދުވަސް ފާހަގަ ކުރުމުގައި އެންމެން އެކަމަށް ތައްޔާރުވަމުން ދިޔައެވެ. އެކަކު ވެސް ފަޒީނާގެ ގާތުގައި ނުބުންޏެވެ. ސައިކޮޓަރި ތެރޭ ހުރި މޭޒުގައި ކޭކު ބަހައްޓާފައި ހުއްޓެވެ. އެންމެން ވެސް ތައްޔާރުވީ މެންދުރު "ބްރޭކް" ވަގުތު ސައިކޮޓަރީގައި އުފަންދުވަހުގެ ކެއުމެއް ބާއްވާށެވެ. އެތަނުގައި އެއްވެ ތިބި އެންމެންގެ ތެރެއިން ކުރިއްސުރެ ހިތްހަމަނުޖެހިފައި ހުރި ޒޫނާ ވާހަކަ ދެއްކި އެވެ.

"އެނގޭތަ؟ ކުރިން ރޭ ބޮސްއާއި އެ އުޅޭ ދީނީ ފަޒީނާއާ ސީގަލްއިން ނުކުންނަނިކޮށް ދުށީން، އޭނާގެ އަތުގައި ހިފާލައިގެން ކުޑަކުއްޖަކު ވެސް ހުރި، އެ ދެމީހުން ކަމެއްހެން ހީވަނީ، ނިކަން ހިނިއައިސްފަ ތިބީ ވެސް، އޭރު ވެސް މަ ނުބުނަންތަ އޭނަ މި އޮފީހަށް ވަނީ ރަނގަޅުގޮތަކަށް ނޫނޭ، މަށަށް ހީވަނީ އެއީ ބޮސްގެ ކަމެއްހެން، ލީވާންއަކީ ވެސް ނުލާހިކު ސްމާޓްވެފައި ޒުވާން ބޮސްއެއް ވިއްޔަ"

ޒޫނާގެ މި ވާހަކައިން އަހަރެންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. އެންމެން އެންމެނަށް އެ ވާހަކައިން ކުރި ފަޅައި ގޮސް ފަޒީނާ ބަދުނާމުވެ ނިމިއްޖެ އެވެ. އެތަނުގައި ހުރުން އުނދަގޫވުމުން އަހަރެން ސައިކޮޓަރިން ނުކުންނަން އައި ވަގުތު ފޯނުން މެންދުރު ނަމާދަށް ބަންގި ގޮވައިފި އެވެ. އަހަރެން ހޯދަމުން ފަޒީނާ އެތަނަށް އަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހަޤީޤަތުގައި އެމީހުންގެ އެ ހުތުރު ވާހަކަތައް ފަޒީނާއަށް އިވެން އަހަރެން ބޭނުން ނޫނީ އެވެ. ނުކުންނަން އައިވަގުތު ކުޑަކޮށް ހުޅުވިފައި ހުރި ދޮރުގެ ދޭތެރެއިން ފަޒީނާ ފެނުމުން އަހަރެން ވެސް ދިޔައީ ސިއްސައިގެންނެވެ. އަތަށް ކޮފީ ފެކެޓެއް ލައިގެން އޭނާ ހުއްޓުން އަރާފައި ހުރިއިރު އޭނާގެ މޫނުމަތިން ހީވަނީ ބިރުވެރިކަމެއްގެ އަލާމަތް ފާޅުވަމުންދިޔަ ހެނެވެ. އަހަރެން ދޮރުހުޅުވާލުމުން ނިކަން އަވަހަށް ހިނގައްޖެ އެވެ. އަހަރެން ނޭދުނަސް އޭނާގެ ކަންފަތަށް އެ ހުރިހާ ވާހަކަތަކެއް ފޯރައިފިކަން އަހަރެންނަށް ޔަގީންވިއެވެ.

މެންދުރު ނަމާދު ކުރަން ނަމާދުކުރާ ކޮޓަރިއަށް ދިޔައިރު ފަޒީނާ ހުރީ ނަމާދަށް އަރައެވެ. އަހަރެން ވަރަށް ދެރަވިއެވެ. ފަޒީނާ އެ ހުރީ އަހަރެންދެކެ ހިތްހަމަނުޖެހިފައޭ ހިތަށް އަރާފަ އެވެ. އަހަރެން ނަމާދުން އަވަދިވެގެން ނުކުމެ ބޭރުގައި މަޑުކޮށްލީމެވެ. ފަޒީނާގެ ގާތުން މަޢާފަށް އެދުމުން އޭނާ އަހަރެންގެ މައްޗަށް ހިތްބަރު ނުކުރާނޭ ހީވާތީ އެވެ. ނަމާދުން ފައިބައިގެން ފަޒީނާ އައީ އެހެން ދުވަސް ދުވަހަށްވުރެ މާލަހުންނެވެ. ދެ މީހުންގެ ހަތަރުކަޅި ބައްދަލުވީ ބޭއިޚްތިޔާރުގަ އެވެ. އެހިނދު ފަޒީނާގެ ރަތްކަމާއި ތެތްކަން އެކުލެވިފައިވި ދެ ލޯ އަހަރެންނަށް ފާހަގަވި އެވެ. ވަގުތުން ފަޒީނާގެ އަތުގައި އަހަރެން ހިފާލީމެވެ.

"ވަރަށް ބޮޑަށް ސޮރީ ފަޒީ، އަހަރެންނަށް އެނގޭ އެ މީހުން އެ ވާހަކަ އެ ދައްކަނީ ބޮޑު ކޮށްލައިގެންކަން، އެހެންވިޔަސް ފަޒީގެ ރަޙުމަތްތެރިއަކަށްވެ ހުރެ އެކަން ހުއްޓުވަން އެއްޗެކޭ ނުބުނެވުނު،" އަހަރެން ދެރަވެފައި ބުނީމެވެ. ފަޒީނާ އަހަރެންގެ އަތުގައި ހިފައިގެން އިށީނީ ނަމާދުކުރާ ކޮޓަރި ތެރޭ ހުރި ބެންޗުގަ އެވެ.

"އަހަރެން ދިޔައީ އަހަރެންގެ ހަތަރު އަހަރުގެ ދަރިފުޅަށް އައިސްކްރީމް ދޭން، ލީވާންއާއި އޭނާގެ ރަޙުމަތްތެރިން ތިބީ އެތަނުގައި ކޮފީއަކަށް އަރާ، އެއީ ކުރިމަތިވި އިއްތިފާގެއް" މަޑުމައިތިރިކަމާއެކު ފަޒީނާ ބުންޏެވެ.

"ފަޒީ އެކަމާ ދެރަވަގެން ރޮއެފަ ދޯ ތިހުރީ" އަހަރެން އެހީމެވެ. އެހިނދު ފަޒީނާ ދެފަރާތަށް ބޯހޫރާލި އެވެ.

"މައިޝާ އަނގައިން ނުބުނީތީ އަހަރެން އުފާވި، ޣީބަ ބުނުން މިވަނީ އާންމުވެފައި، އަހަރެން ބިރުގަތީ އެ މީހުންގެ އެ ނުބައި ވާހަކައިގެ ސަބަބުން އަހަރެންގެ ދޫ ރައްކާތެރި ނުކުރެވިދާނެތީ، މީހުންގެ ވާހަކަ ދެއްކުމަކީ ފާފައިގެ ތެރެއިން ހުތުރުކަން ބޮޑުވެގެންވާ ފާފައެއް، މީހަކު ކުރިކަމެއް ވިޔަސް ނުކުރާކަމެއް ވިޔަސް އޭނާ ނެތްތަނުގައި އޭނާގެ ވާހަކަ ދައްކައިގެން ނުވާނެ، އަހަރެމެންގެ ތެރޭގައި ދެކޮޅުވެރިކަމާއި ފިތުނަވެރިކަން އުފެދެން މެދުވެރިވަނީ އެހެންވެ، ޣީބަ ބުނެވޭ ހިނދުވެސް އެއީ މާބޮޑުކަމަކަށް ނުހަދައި، އެންމެންވެސް ކޮށްލާ އާދައިގެކަމެއް ކަމަށް ދެކޭ ދަރަޖައަށް މިއަދު މިކަން އަހަރެމެންގެ މުޖުތަމަޢުގައި ވަނީ ފެތުރިފައި، އީމާންކަން ބަލިކަށި ވެފައިވާ ބައެއްގެ މެދުގައި މެނުވީ މިކަން ފެތުރިގެން ނުދާނެ. އެކަމަކީ މީސްތަކުންގެ އަބުރު ވެއްޔާ މޮޑެލާ ކަމެއް. އަދި އެކަމަކީ ތިބާގެ އަޚާގެ ޙައްޤު ނިއުޅައިގަނެ އެ އަޚާއަށް ދެވޭ ބޮޑު އަނިޔާއަކަށް ނޫނީ ނުވޭ. އަދި އެކަމަކީ ﷲ ތަޢާލާ ޙުރުމަތް ތެރި ކުރެއްވި ނަފްސެއްގެ އަބުރަށް ދެވޭ ގެއްލުމެއް، މިކަމުގަ ހުރި ނުބައިކަން އަންގަވައި ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ މިކަމަކީ އެމީހެއްގެ އަޚާގެ، މަސް މުޅަކޮށްގެން ކެއުން ކަމުގައި ސިފަ ކުރައްވާފަ" ފަޒީނާ ބުންޏެވެ.

އަހަރެންގެ ހިތަށް އެރިއެވެ. އޮފީހުގައި އެ އުޅޭ ރަޙުމަތްތެރީން ފަދަ އެއްހާސް ރަޙުމަތްތެރިންނަށްވުރެ ފަޒީނާ ފަދަ އަޙުލާޤު ރަނގަޅު ދީންވެރި އެންމެ އެކުވެރިޔަކުން ފުދޭނެ އެވެ. މި ހުރިހާ ދުވަހު އަހަރެންގެ ނަފްސު ނިދާފައި ވަނިކޮށް އަލިކަމުގެ ތެރެއަށް ގޮވާލި ހަމައެކަނި ރަޙުމަތްތެރިއަކީ އޭނާ އެވެ. އެ އެކުވެރިކަން ދޫކޮށްލަން އަހަރެން ބޭނުން ނުވީ އެހެން ވެއެވެ. އެފަދަ ރަޙުމަތްތެރިއެއްގެ ފަރާތުން ތިމާއަށް ގެއްލުމެއްނެތްކަން ޔަގީންވާތީ އެވެ.