ވާހަކަ

މިންޖު

ފެންކަޅިވަމުން އައި ދެލޯ ހުމާމު އަވަސް އަވަހަށް ފޮހެލި އެވެ. އެވަގުތު ކުއްލިއަކަށް އޭނާ އިން ބަންދު ކޮޓަރީގެ ތެރެއަށް ފުލުހެއް ވަނެވެ. އޭނާގެ ގާތުގައި ކުލަހެދުމުގައި ހުރި މީހަކު ހުއްޓެވެ. ފެންނަފެނުމަށް ހީވަނީ އެއީ ވެސް ފުލުހުންގެ މީހެއްހެންނެވެ. ޔުނީފޯމުގައި ހުރި މީހާއަށް ބަލާލުމުން އޭނާއަކީ ކޮން ރޭންކެއްގެ މީހެއްކަން އެނގުނެއް ކަމަކު އިތުރު އެއްޗެއް އެނގޭކަށް ހުމާމު ބޭނުމެއް ނުވިއެވެ. އޭގެ ބަދަލުގައި އަނެއްކާވެސް އޭނާ އިސްޖަހާލި އެވެ.

"އަހަންނަށް ކިޔަނީ ހައިތަމް، ތަޙުޤީޤުގައި ހުމާމު ގެންނަން މިޖެހުނީ، އަހަރުމެންގެ މީހުން ކުށުގެވެއްޓަށް ދިޔައިރު އެތަނުގައި ތިބި ހަމައެކަނި ދެ މީހުންގެ ތެރެއިން އެކަކަކީ ހުމާމްއަށް ވީމަ، އެއަންހެން ކުއްޖާ މަރުވެފައި އޮތީ އަމިއްލައަށް ކަމަށްވިޔަސް އޭނާގެ ހަށިގަނޑުން ފެންނަ ހެކިތަކުން ކޮންމެވެސް މީހަކު އޭނާއަށް ވަރަށް ގިނައިން އަނިޔާ ކޮށްފައިވާކަން ސާބިތުވޭ، އެހެންވީމަ އެއީ އަމިއްލައަށް މަރުވި މަރުވުމަކަށް ނުވުން ވެސް އެކަށީގެންވޭ، ކޮންމެވެސް މީހަކު އޭނާއަށް މަޖުބޫރު ކުރުވުމަކީ ވެސް ވެދާނެ ކަމެއް ކަމަށް އަހަރުމެން ޤަބޫލުކުރަން، ބުނޭ... ހުމާމު އެގެއަށް ދިޔައީ ކޮން ބޭނުމަކު؟ އެ ދެމަފިރިންނާ ހުމާމުއާ އޮތް ގުޅުމަކީ ކޮބާ؟ ކުށުގެވެށިން އެތަނުގައި ހުމާމު ހަރަކާތްތެރިވެފައި ހުރިކަން އަހަރުމެންގެ ފޮރެންސިކް ޓީމުން ޔަޤީންކޮށްދިން" ހައިތަމްގެ އަޑުގައި އެއްވެސް ހަރުކަށި ކަމެއް ނެތެވެ.

އޭނާއަށް ހުމާމުގެ ހިތް ސާފުކޮށް އެނގޭކަހަލަ އެވެ. ހުމާމުގެ ދެލޮލަށް ބަލާލުމުން ހައިތަމްއަށް އެލޮލުން ގާތިލެއް ސިފަ ނުކުރެވުނު ނަމަވެސް އޭނާ ހަޤީޤަތް އެނގެން ބޭނުމެވެ. ލިބިފައިވާ ތަޖުރިބާއާއެކު އެފަދަ ކިތަންމެ ކަމެއްގެ އަޑިއަށް ފީނާ އޭނާވަނީ ހަޤީޤަތް ހޯދާ ފެންމަތި ކޮށްފަ އެވެ. ހުމާމުގެ ފަރާތުން އެއްބާރުލުން ލިބޭނަމަ އޭނާގެ ހަރުކަށިކަމާ ބާރުގެ ބޭނުން ކުރުމުގެ އެއްވެސް ޝައުގެއް ހައިތަމްގެ ނެތެވެ. ބޭނުންވަނީ ކަންވީގޮތް އޮޅުންފިލުވާށެވެ.

ރާއްޖޭގެ ނޫސްތަކުގެ ފުރަތަމަ ޞަފުހާގައި ފަލައަކުރުން ލިޔެފައިވަނީ ދަންވަރުގެ ވަގުތެއްގައި މާލޭގެ ގެއެއްގައި އަންހެން ކުއްޖަކު އަމިއްލައަށް މަރުވެފައި އޮއްވައި ފެނުނު ޚަބަރެވެ. ކޮންމެ ނޫހަކުން އަނެއް ނޫހަށްވުރެ މޮޅަށް އެޚަބަރުގެ ސުރުޚީ ލިޔެލެވޭތޯ ބެލި އެވެ. މީޑިއާއަށް ހުރިހާ ލޯތަކެއް އަމާޒުވެފައިވާ ދުވަސްވަރެއްގައި ގިނަ މީހުންގެ މަޤުބޫލުކަން އެނޫހަކަށް ހޯދޭނީ އެފަދަ އުކުޅެއް ބޭނުން ކޮށްގެންނެވެ. ނަމަވެސް އެއިން އެއްވެސް ނޫހަކަށް ކަމުގެ ހަޤީޤަތެއް ނޭނގެ އެވެ.

މަރުވި އަންހެން ކުއްޖާ މަރުވީ ކިހިނެއްކަމެވެ. ނޫހުގައި ޖަހަން ލިބުނު ޚަބަރުގައި އޮތީ މަރުވި އަންހެން ކުއްޖާއަކީ ކޮންގެއެއްގެ އުމުރުން ކިހާވަރެއްގެ އަންހެން ކުއްޖެއް ކަމެވެ. އަދި އޭނާގެ މަރާގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާގެ ފިރިމީހާ އާއި އިތުރު މީހަކު ހުރިކަމެވެ. އެމަރާ ބެހޭގޮތުން އިތުރު އެއްވެސް އެއްޗެއް ބަޔަކަށް އޮޅުމެއް ނުފިލައެވެ. އެހެންވިޔަސް ނޫސްތަކުގެ ކޮމެންޓު ކޮލަމް ފުރި ބަންޑުންވަމުން ދިޔައީ އާންމުގެ ޚިޔާލުތަކުންނެވެ.

އެއްބަޔަކު އެއަންހެން ކުއްޖާގެ ފިނޑިކަމާމެދު އެއްޗެހިކިޔާ މަލާމާތްކުރި އެވެ. އަނެއްބަޔަކު ހަމްދަރުދީ ފާޅުކޮށް ކަމުގެ ހަޤީޤަތް ވީހާވެސް އަވަހަކަށް އާންމުންނާ ހަމައަށް ގެނެސްދިނުމަށް އެދިފައި އޮތެވެ. ދެންތިބި ބަޔަކު ބުނަމުން ދިޔައީ އެއަންހެން ކުއްޖާގެ މަރާ ގުޅިފައިވަނީ އޭނާގެ ޢާއިލާ މީހުން ނުވަތަ އޭނާގެ ފިރިމީހާ އެވެ. އެކަންވީ ގޮތެއް އެމީހުނަށް އެނގޭނޭ ކަމަށެވެ.

މަޑުމަޑުން އިސްޖެހިފައި އިން ހުމާމު އަތުގެ ނުފުށުން ދެލޯ ފޮހެލުމާއެކު ވާހަކަ ދައްކަން ފެށީ ކުރެހިފައިވާ އަޑަކުންނެވެ. އިސްކޮޅުން ދިގު ހިމަތޮޅި ހަށިގަނޑެއްގެ ވެރި ހުމާމްގެ ނިތްކުރި މައްޗަށް ވެރިފައިވާ އޭނާގެ ފަން އިސްތަށިތަކުން އެ ދެލޯ ފަރުދާ ކޮށްފައިވާ ކަހަލަ އެވެ. އޭނާގެ އަޑުން ހީވަނީ ވަރަށް ގިނައިރު ވަންދެން ރޮއެފައި ހުރި ހެންނެވެ. އޭނާ ކިޔައިދޭން ފެށީ މަރުވި އަންހެންކުއްޖާގެ ގެއަށް އޭނާ ދާންޖެހުނު ގޮތެވެ.

"އެމްއީއެސް ސްކޫލުން ދަސްވެނިވެގެން ނުކުން އެންމެފަހު ކުދިބަޔަކީ އަހަރުމެންގެ ބެޗު، އެކުގައި ކިޔަވަން އުޅުނުއިރު އެއްކުލާހުގައި ކިޔަވަންޖެހުމުން އަހަންނާ، ނިހާނުއަކީ ވަރަށް ގާތް ދެރަޙުމަތްތެރިން، ހަމައެއާއެކު ޒޫރިން... ޒޫރިންއަކީ އަހަރުމެން ދެމީހުންގެ ވެސް ރަޙުމަތްތެރިއެއް، ނިހާނުގެ އަނބިމީހާއަށް ޒޫރިން ވުމުގެ ކުރިން ވެސް އަހަރުމެން ތިން މީހުންނަކީ ރަޙުމަތްތެރިން، ނިހާނު، ޒޫރިންއާއި އިނދެގެން އެ އެޕާޓްމެންޓަށް ބަދަލުވީ، އަހަރެން އެތަނަށް ނުދާ ދުވަހެއް ވަރަށް މަދުވާނެ، ގިނައިން ދަނީ ނިހާނު އޮފީހުން ނިމޭގަޑީގައި އޭނާއާއެކު... ޒޫރިން، އޭނާއަކީ ވަރަށް ހިތްހެޔޮ އަންހެންކުއްޖެއް، އަހަރެން ދުވަހަކުވެސް ނުދެކެން ޒޫރިން ދެރަވެފައި ހުއްޓައެއް" ހުމާމު މިހިސާބަށް ބުނިއިރު އޭނާގެ ހިތުގައި އިތުރުވޭނެއް އުފެދިގެންދިޔަ އެވެ. ކުރިމަތީ އިން ހައިތަމްއަށް އޭނާ ދޮގުހެދީމަ އެވެ. އޭނާ ޒޫރިންގެ ލޮލުން އެތަކެއް އިޙުސާސްތަކެއް ވަނީ ދެނެގަންފަ އެވެ. އެއަންހެން ކުއްޖާގެ ކައިވެނީގެ އަނދިރިފަރާތް ނިއުޅެމުން ހުޅުވެމުން ދިޔައީ އޭނާގެ ކުރިމަތީގައެވެ. ޒޫރިންގެ ޢަމަލުތައް އެހިސާބަށް ދިޔައީ ކީއްވެކަން ހުމާމަށް އެނގޭކަހަލަ އެވެ. ނަމަވެސް އޭނާ އެކަން ސިއްރުކުރަނީ ކީއްވެބާއެވެ.

"ޒޫރިން އާއި ހުމާމާ ދެތެރޭ އިތުރުގުޅުމެއް އޮތްކަން ސިއްރު ކުރަނީތަ؟ މިވަގުތު ހުރިހާ ވާހަކައެއް ކިޔާދިނުން ވަރަށް މުހިއްމު، ހުމާމުގެ އަތެއް މިކަމުގައި ނުވާކަން ނިންމަން އެނގޭނީ އޭރުން، ނިހާނު ބުނާ ގޮތުންނަމަ ޒޫރިންއާއި ހުމާމު ވަރަށް ގާތް" ހައިތަމް ވެސް އިތުރަށް އޮޅުން ފިލުވަން ބޭނުންވެފައި ހުރި ވަރުން ދޮގެއް ހެދިއެވެ. ބޭނުންވީ ހުމާމާ ޒޫރިންގެ މެދުގައި އޭނާއަށް ހީވާފަދަ ގުޅުމެއް އޮތްތޯ ޔަޤީން ކުރާށެވެ.

"ނިހާނު...." އިރުކޮޅަކު ހިމޭނުންއިން ހުމާމުގެ ހިތުގައި ރުޅިވެރިކަމުގެ އޮއެވަރެއް އުފެދިގެން ދިޔަ އެވެ. ނަމަވެސް އޭނާ އެކަން ހައިތަމްއަކަށް ނުދެއްކި އެވެ.

"ޒޫރިން، އޭނާއަކީ ނިހާނުގެ އަންހެނުންކަން އެއްފަހަރު ވެސް ހަނދާންނައްތައެއްނުލާ، އޭނާގެ ފަރާތުން އެފަދަ އެއްވެސް ޢަމަލެއް ނުފެނޭ، އެކަމަކު ނިހާނު އޭނާގެ އަނބިމީހާދެކެ ލޯބިވާކަމާމެދު އަހަންނަށް މިހާރު ޝައްކު، އެހެން ނޫންނަމަ ކުށެއްނެތް އަނބިމީހާ ވަރި ކުރަން އުޒުރެއް ނުހޯދީސް" އުނގުގައި މުށްކަވާލާފައި އޮތް އަތަށް ބާރުލަމުން ހުމާމު ބުނެލިއެވެ.

"ކީއްވެ ތިހެން ތިބުނީ؟ ހުމާމަށް އެފަދަ މަންޒަރެއް ފެނުނީތަ" ހައިތަމް މޭޒުމަތީ ބާއްވާލާފައި އޮތް ރިކޯޑިން ޑިވައިސްއަށް ބަލާލަމުން އަހާލި އެވެ.

"ނިހާނު ހީކުރަނީ އަހަންނާ ޒޫރިންނާ ދެމެދު ގުޅުމެއް އޮންނަނީ ކަމަށް، އާނ! އަހަރެން ޒޫރިންދެކެ ލޯބިވޭ، އެލޯތްބަކީ ޒޫރިން، ނިހާނުގެ އަނބިމީހާއަށްވުމުގެ ކުރިން ވެސް އަހަރެންގެ ހިތުގައި އުފެދިފައި އޮތް ލޯތްބެއް، އެކަން އަހަރެން ޒޫރިންއަށް ހާމައެއް ނުކުރަން، އެކަމަކު ނިހާނަށް އެކަން އެނގޭނެ، އޭނާ ކަންތައް ކުރިގޮތް މީގެން އެނގޭނެ" ކުއްލިއަކަށް ފަޓުލޫނުގެ ޖީބުން ނަގާފައި ހުމާމު ދިއްކޮށްލީ ފަތްޖަހާލާފައި އޮތް ކަރުދާސްތަކެކެވެ. އެވަގުތު ހައިތަމް އެތަނުގައި ކުއްލަހެދުމުގައި ހުރި ޒުވާނާއަށް ބަލާލީ ހުމާމްގެ ހަށިގަނޑު ޗެކް ނުކުރަންތޯ އަހާލާފަދަ ގޮތަކަށެވެ.

"މީ ކޮންއިރަކު ހުމާމަށް ލިބުނު އެއްޗެއް" ހުމާމު ދިއްކޮށްލި ކަރުދާސްތައް ހުޅުވާލަމުން ހައިތަމް ސުވާލު ކުރި އެވެ.
"ތީ ޒޫރިންގެ އެންމެ ފަހު ބަސް، ތީ ގައިވަނީ ނިހާނުގެ ހަޤީޤަތް، އެކުވެރިއެއްކަމަކު އޭނާއަކީ އިންސާނުންގެ ސިފަޖެހިފައި ހުރި ހައިވާނެއް، ޒޫރިން މަރާލި މީހަކީ އެއީ، އޭނާގެ އަތުން ޒޫރިން މަރާ ނުލިއެއްކަމަކު އެއީ ގާތިލެއް" ހުމާމު އަނެއްކާވެސް އިސްޖަހާލީ އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތުމުންނެވެ. ހުމާމަށްކޮށްފައިވާ އަސަރު ހައިތަމް ދެނެގަންނަން މަސައްކަތްކުރަމުން އޭނާގެ އަތުގައި އޮތް ކަރުދާސްތަކުގައި ލިޔެފައިވާ އެއްޗެއް ކިޔާލިއެވެ.

"ބްލޫ އޭންޖެލް" ހުމާމު އަހަންނަށް އެހެން ގޮވާލަނީ ކިހާ ލޯބިން ހެއްޔެވެ. އޭރު އަހަންނަށް އެކަން ނޭނގުނީ ކީއްވެ ހެއްޔެވެ. ހުމާމު އަހަރެންދެކެ ލޯބިވާކަން ނުބުނީ ކީއްވެ ހެއްޔެވެ. ނިހާނުގެ މީހަކަށް އަހަރެން ވުމުގެ ކުރިން ހުމާމުގެ މީހަކަށް އަހަރެން ނުހެދީ ކީއްވެހެއްޔެވެ. ގައިމުވެސް އެރޭގެ ލަދުވެތިކަމުން އަހަރެން ސަލާމަތްވީހެވެ. އެފަދަ ދަރަޖައަކަށް އަހަރެންގެ އަގު އެހެން މީހުންގެ ކުރިމަތީ ހުމާމު ވައްޓައެއް ނުލާނެކަން އަހަންނަށް ޔަޤީން ވެއެވެ. ނިހާނަކީ ސައިކޯޕެތެކެވެ. އެކަން އަހަންނަށް އެނގުނުއިރު ހުމާމަށް އެކަން ނޭނގުނީ ކީއްވެހެއްޔެވެ. އަހަރެން ސަލާމަތް ކުރަން ނައީ ކީއްވެހެއްޔެވެ. އަހަންނަކީ އަލްސާއެއް ނޫނެވެ. އަހަންނަކީ ޒޫރިންނެވެ. އާނއެކެވެ. ހަމައެކަނި ޒޫރިންނެވެ. ހުމާމުގެ ބްލޫ އޭންޖެލްއެވެ. ހުމާމު، އަހަންނަށް މާފުކުރޭ، ކުރަން މިއުޅޭ ކަންތަކުން އަހަންނަށް ހަމަޖެހުމެއް ދުވަހަކު ވެސް ނުލިބޭނެކަން އެނގޭ، އެކަމަކު އެންމެނަކީ އެހާ ހިތްވަރުގަދަ ބައެއް ނޫން، އެހީއާ މަދަދަށް އެދެން ބޭނުންވިޔަސް ނަފްސުގެ ބަލިކަށިކަން އެފަދަ ކަމަކަށް އެދޭވަރަށްވުރެ ބޮޑެވެ. ފިރިމީހާގެ ޢަމަލްތައް ކޮންމެ ގޮތަކަށް ހުރިނަމަވެސް ދެމެދުގައި ހިނގާ ކަންތައްތަކުގެ ވާހަކަ އިތުރު މީހަކާ ޙިއްޞާކުރުމަކީ އަހަންނަށް ލަދުވެތިކަމެކެވެ. އަހަރެން ހީކުރީ ހުމާމަށް އަހަރެންގެ ހިތުގައިވާ އެއްޗެއް އެނގޭނެކަމަށް، އަހަރެން ލޯބިވާވަރު އެނގޭނެކަމަށް، ނިހާނުގެ އަތާ އަހަރެންގެ އަތް ގުޅުވާޅުމުގެ ކުރިން ތިއަތުގެތެރޭ އަބަދުގެ އަބަދަށް ހިފަހައްޓާލައިގެން ހުންނާނެކަމަށެވެ. އެކަމަކު ދެން އިތުރަށް ކެތެއްނުވާނެ އެވެ. ހުމާމަށް އެހާލުގައި އަހަރެން އޮއްވާ ފެންނާކަށް ދުވަހަކު ވެސް ބޭނުމެއްނޫނެވެ. ތިލޮލާ ހަތަރުކަޅި ހަމަކުރާނޭ ހާ ހިތްވަރެއް ދެނެއްނެތެވެ. ކުރަން މިއުޅެނީ ނުބައިކަމެއް ވިޔަސް ނިހާނު ފަރާތުން އަހަންނަށް އަބަދުގެ އަބަދަށް މިންޖު ވެވުނީ އެވެ. ހުމާމަށް އެއްވެސް ކަމެއްކުރާކަށް ނުޖެހޭނެއެވެ. އަހަރެންގެ ހާލަމެދު ހުމާމު ފިކުރުކުރާކަށް ނުޖައްސާނަމެވެ. އަހަންނަށް މާފުކުރޭ..." ދެކަރުދާހުގައިލިޔެފައި ހުރި އެއްޗެއް ހައިތަމް ކިޔާ ނިންމާލިއިރު ވެސް ހުމާމާ ނިހާނުގެ ދެމަފިރިންނާ އޮތް ގުޅުން ފަހުމްވާ ގޮތެއް ނުވިއެވެ. ހައިތަމް ގޮނޑިން ތެދުވުމާއެކު އެ ކޮޓަރިން ނުކުތެވެ. އަދި އައިސް ނިހާނު ބައިންދާފައި އިން ކޮޓަރިއަށް ވަނެވެ.

"ހުރިހާ ހެކިތަކެއް ހުރީ ނިހާނާ ދެކޮޅަށް، އަހަރުމެން ވަކިގޮތެއް ނުނިންމަނީސް ތެދަށް ވީގޮތް ކިޔައި ދޭންވީނު، އަލްސާއަކީ ކާކުތަ؟ އެއީ ޒޫރިންތަ؟ ނިހާނުއާ ޒޫރިން ދިމާވީ ކިހިނެއް؟" ހައިތަމް އެތައް ސުވާލެއް ކުރިއިރު ނިހާނުގެ މޫނުމަތިން ކަންބޮޑުވުން ފާޅުވީ އަލްސާގެ ނަން ހައިތަމް ބުނުމުންނެވެ. ހަމަޖެހިފައި އިން ނިހާނުގެ މޫނުމަތިން ހާސްކަން ފެނިގެންދިޔައެވެ.

"ކާކު އަލްސާގެ ވާހަކަ ބުނީ" ނިހާނު ކުއްލިއަކަށް އޮޅުން ފިލުވަން އުޅުނެވެ. ހައިތަމްގެ ފަރާތުން ޖަވާބެއް ނައުމުން އޭނާ ހަނުހުންނަން ބޭނުންވި އެވެ. ނަމަވެސް ހައިތަމް ދައްކަން ފެށި ތަފާތު ހެކިތަކުން ނިހާނު ކަންބޮޑުވިއެވެ. އަދި އޭނާ ޒޫރިން މަރާ ނުލާކަން ސާބިތު ކުރުމަށް ވާހަކަ ދައްކަން ފެށިއެވެ. އެހިސާބުން ހައިތަމްއަށް ނިހާނުގެ މައްޗަށް ކުރެވެންފެށި ޝައްކު އިތުރުވެގެން ދިޔައެވެ. ހުމާމު ބުނާ ފަދައިން ޒޫރިންގެ މަރާ ނިހާނާ ގުޅުމެއް އެބަވެއެވެ.

ދެދުވަސް ވަންދެން ނިހާނު ފުލުސް އޮފީހުގައި ބޭންދިއިރު ހުމާމު ގެއަށް ފޮނުވާލީ ރަށުން ބޭރަށް ނުދެވޭނޭކަން އަންގާ އަދި ފުލުސް އޮފީހުން ބޭނުންވާ ކޮންމެ ވަގުތެއްގައި އެތަނަށް ހާޒިރުވާން ޖެހޭ ގޮތަށެވެ. ހާސްވަމުންދިޔަ ނިހާނަށް ހޫނުވެސް ވަނީއެވެ. ގަސްދުގައި އެ ކުޑަކޮޓަރިގަނޑުގައި ހުރި އޭސީ ނިވާލި ގޮތަށް ހައިތަމް އެ ނުޖެއްސީ އެވެ. އަދި ދިއްލާފައި ހުރި ގަދަ އަލިން ބަންދުވެފައި ހުރި އެކޮޓަރީގެ ޓެމްޕަރޭޗާ މައްޗަށް ދިޔަ އެވެ. ނިހާނު ފެންފޮދެއް ބޭނުންވި ނަމަވެސް އެތަނުގައި ބުނާނެ މީހަކު ނެތެވެ. މޭޒުމަތީ ބޯއަޅާލައިގެން އޮތްއިރު ވެސް ދާތިކިތައް ބޮލުންނާއެކު ފައިބަމުން ދިޔަ އެވެ. އެހެންއޮއްވާ ކުއްލިއަކަށް ހައިތަމް ވަނީ ފެންތަށްޓެއް ހިފައިގެންނެވެ. މޭޒުދޮށުގައި އިށީނދެ ފެންތަށި ނިހާނުގެ ކުރިމަތީ ބެހެއްޓިއެވެ. އެއާއެކު އެއްޗެއް ނުބުނެ އަވަސް އަވަހަށް ފެންތަށިނަގާ ތުނބުގައި ޖަހާލި ގޮތަށް އެއްނޭވާއިން ނިހާނު ފެންތަށި ބޮއެ ހުސްކޮށްލިއެވެ.

"އަދި ލިބިދާނެތަ" ކަރުހިއްކުން ނުފިލާ އިން ނިހާނު، ހައިތަމްއަށް ބަލާލާފައި ވަރުބަލި ގޮތަކަށް ބުނެލިއެވެ.

"ޒޫރިންގެ ވާހަކަތައް ކިޔައިދޭންވީނު، އޭނާ އަމިއްލައަށް މަރުވިކަމަށްވަންޏާ ނިހާނު ތިހާ ބިރެއް ތިގަންނަނީ ކޮންކަމަކާ" ހައިތަމް ސުވާލު ކުރަން ފެށި އެވެ. އިރުކޮޅަކު އަނގައިން ނުބުނެ އިސްޖަހާލައިގެން އިނުމަށްފަހު ނިހާނު އޭނާގެ ވާހަކަފެށިއެވެ.

"ސުކޫލު ދުވަސްވަރު އަހަންނާ ޒޫރިންނާ ދިމާވީ، އޭރު ހުމާމަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އޭނާ ޒޫރިންދެކެ ލޯބިވާކަން އަހަންނަށް އެނގޭ، އޭރު އަހަރެންގެ ހިތް ގެން ދިޔައީ އަލްސާ، އެހާ ރީތި ކުއްޖެއް މި މާލެއަކުން އަހަރެން ނުދެކެން، އެކަމަކު ރީތިކަމާ އެއްވަރަށް އޭނާގެ ބޮޑާކަން ވެސް ހުރި، އަހަރެން ލޯބި ހުށަހެޅުމުން އޭނާ އަހަރެން ބޭޒާ ރުކޮށްލީ ދުވަހަކު ވެސް މީހަކު ކަންތައް ނުކުރާނޭ ގޮތަކަށް، އަންހެނުންނަކީ މަކަރުވެރި ބައެއް، އަދި އެވެސް ރީތި ސިފައެއްލިބިއްޖެނަމަ، އަހަރެން ބޭނުންވީ ހުމާމު އެކަމުން ސަލާމަތް ކުރަން، ޒޫރިންނަކީ ވެސް ރީތި އަންހެން ކުއްޖެއް، އޭނާ ހުމާމަށް ބޭވަފާތެރިވުމުގެ ކުރިން އަހަރެން ބޭނުންވީ އެ ދެމީހުން ގުޅުނަ ނުދޭން، އަހަރެން ކުޑަތަންފުކެއް ދޫދިން ނަމަވެސް ހުމާމުގެ ހިތުގައިވާ އެއްޗެއް ޒޫރިންނަށް ފާޅުކުރީސްކަން އަހަންނަށް ޔަޤީން، އެހެންވެ އެއަށްވުރެ ކުރިން ޒޫރިންނަށް ލޯބި ހުށަހެޅީ، އަދި އޭނާދެކެ ލޯބިވާކަމަށް ހެދިގެން އުޅުނީ، އެކަމަކު ޒޫރިން ފެންނަ ކޮންމެ ފަހަރަކު އަހަންނަށް ފެންނަނީ އަލްސާ، އެ މަލާމާތުގެ ހިނިގަނޑު..." ނިހާނުގެ ދެލޯ އަނގުރުއަލިފާންހާ ރަތްވެގެން ދިޔަ އެވެ.

"އަލްސާ، ނިހާނަށް ކުރީ ކީއްތަ؟" ހައިތަމް ވެސް އިނީ ނިހާނުދެކެ ޖެހިލުންވެފަ އެވެ. އޭނާ ކުއްލިއަކަށް ހައިތަމްގެ ގަޔަށް އަރައިގަނެފާނޭ ހީވާތީ އެވެ.

"ޝީޒް އަ ބިޗް، އަހަންނަށް ވާނަމަ އޭނާ މަރާލިތާ ކޮންދުވަހެއް، އޭނާގެ ނަސީބު ރާއްޖޭގައި ނެތްކަން، އެހެން ނޫންނަމަ ޒޫރިންގެ މަރުގެ ޚަބަރެއް ނޫން އިވޭނީ" ރުޅިއައިސް ރަތްވެފައި އިން ނިހާނު މިހާރު ހީވަނީ މުޅިން އެހެން މީހެއްހެންނެވެ. އޭނާ އެއްވެސް އުނދަގުލަކާ ނުލާ އިށީނދެ އިން ގޮނޑިއަށް އުޑުފައިން އަރާ ކަކުލުގައި އަތްއަޅުވާލައިގެން ހައިތަމްއަށް ބަލަން އިނީ މޮޔަވެފައި އިން މީހަކު ފަދައިންނެވެ. ހައިތަމް ތެދުވެ އެ ކޮޓަރިން ބޭރަށް ބޯދިއްކޮށްލާފައި އެއްޗެއް ބުނެފައި އައިސް އަނެއްކާ ވެސް ނިހާނުގެ ކުރިމަތީ އިށީނެވެ. އޭނާ މަޑުކޮށްލައިގެން އިންދާ ކުލަހެދުމުގައި ހުރި ޒުވާނަކު ފެންތައްޓެއް ހިފައިގެން އައިސް އެތަނަށް ވަނެވެ. އެ ފެންތަށި މޭޒުމަތީ ބެހެއްޓުމާއެކު ނިހާނު ހީވީ ވަލުޖަނަވާރެއް ހެންނެވެ. ހައިތަމް އަތުން ފެންތަށި ޖަހައިގަތުމާއެކު ބޮއެ ހުސްކޮށްލައިފި އެވެ. ހައިތަމް އޭނާގެ ސުވާލުތަކައިގެން ކުރިއަށް ދާންފެށީ ނިހާނުގެ އަތުން ތަށިއަތުލާފައެވެ. ވަރަށް ވިސްނައިގެން އިނދެއެވެ.

"އަލްސާ އޭނާގެ ރައްޓެހިންގެ ކުރިމަތީ އަހަރެން އޮރިޔާންކުރީ، ކަނުބަނދެފައި ބަހައްޓައިގެން، އަލްސާދެކެ އަހަރެންވީ ކަނުލޯތްބާއެކު އަހަރެންގެ އަނބުރު ގެއްލުނީ، ހަމައެކަނި އަންހެންކުދިންގެތަ އަނބުރު ގެއްލެނީ... އަހަރުމެން ފިރިހެނުންގެ ހައްޤުތައް ކޮބާ، އަހަރުމެންގެ ވިއްޔާ ހިތެއް ނޯވޭތަ، ލަދެކޭ ކިޔާއެއްޗެއް ނޯންނަނީތަ... އޭނާއާ އޭނާގެ ރައްޓެހިން އަހަރެން ނޫނަސް އެތައް ފިރިހެން ކުދިންނަށް އެހެން ހަދާފައި އެބަހުރި، އެކަމުގެ ބަދަލު ހިފަން ބޭނުންވީ އޭނާގެ ކިބައިން، އެހެންނަމަވެސް ސްކޫލު ނިމޭއިރަށް އޭނާ ފުރައިގެން ދިޔައީ، އަހަރެންގެ ކުރިމަތީ ހުރީ ޒޫރިން... އޭނާއާ ކައިވެނިކުރުމަށްފަހު އަހަރެން އުފާ ހޯދީ އޭނާއަށް އަނިޔާ ކޮށްގެން، އުމުރުގައި އަހަންނަށް އެފަދަ އަރާމެއް ނުލިބޭ، އަހަރެންގެ ފައިދަށަށް ޒޫރިން ވެއްޓޭވަރަށް އަނިޔާކޮށްލެވުނީމާ ނޫނީ އަހަންނަށް ރަނގަޅަށް ނުވެސްނިދޭ، ނިދަން ކޮޓަރިއަށް ވަނުމަށްފަހު އަހަރެންގެ ކުރިމަތީ ހުންނަނީ ޒޫރިންނެއްނޫން، އެއީ އަލްސާ، އަހަރެން ޒޫރިންގެ ސިފަ އަލްސާއަށް ބަދަލުކުރިން، ހެ ހެ ހެ ހެ.... މީހަކަށް ބަލާލާފައި އެއީ ޒޫރިންކަން ނޭނގޭ ވަރަށް، މާސްކުގެތެރޭ ޒޫރިންގެ މޫނުގެ ބައެއް ފޮރުވާލުމާއެކު އެ ނޫދެލޮލުގެ ކަޅި އަހަރެން ބަދަލުކޮށްލީ އަލްސާގެ ހުންނަ ކަހަލަ ކަޅިއަކަށް، އެކަމަކު އެ ރީތި ކަމަކީ އެއްވެސް އަގެއްނެތް އެއްޗެއް، އެކަން ޒޫރިންނަށް އެނގޭނެ، އަދި އުޅެފިޔޭ ހުމާމުގެ ބޯކާލަން ވެގެން، އަހަރެން ހުއްޓާ އެހެންވާނީ ކިހިނެއް، އެހެންވެ އެހެން ހެދީ" ނިހާނު ބާރަށް ހޭން ފެށި އެވެ.

"ކިހިނެއް ހެދީ؟ ޒޫރިން މަރާލީތަ؟ ހުމާމުއަށް އެކަން އެނގުނީތަ؟" ހައިތަމްގެ ސުވާލުތައް ނިހާނާ ކުރިމަތި ކުރުވި އެވެ.

"ކަލޭ މޮޔަތަ؟ އަހަރެން އޭނާ މަރާލިނަމަ، އޭނާގެ އަތުގެ ނާރުބުރިކޮށްލައިގެންތަ މަރާލާނީ، އެ ހާފަސޭހައިން، ޒޫރިންނަށް އަހަރެންގެ އަތްދަށުން ދުވަހަކު ވެސް ސަލާމަތެއް ނުވެވޭނެ، އޭނާ ވަރަށް ބޯރަނގަޅު، އަހަރެންގެ ކިބައިން ސަލާމަތްއެވީ ގައިމު ބޯރަނގަޅުވީމަތާ ދޯ، އެހެންވެއޭ އަހަރެން މިބުނަނީ އަންހެނުން ވަރަށް މަކަރުވެރިވާނެއޭ، ޒޫރިން އުޅުނީ ހުމާމު ވާވައްދާލަން، އެހެންވެ އެކަމުގެ ސަޒާ އަހަރެން އޭނާއަށް ދިނީ، އަލްސާގެ ސިފައިގައި ބަހައްޓާފައި މޫނުމަތި ފިޔަވާ އޭނާގެ ގައިގާ ހުރި ހުރިހާ އަންނައުނެއް އިރާ ކުދިކުދިކުރީ އަހަރެންގެ ދެއަތުން ، ކަލެއަށްވެސް އެތަނުގައި ހުރެވުންނަމަ އެނގޭނީ، ޒޫރިންގެ މޫނުމައްޗަށް އެވަގުތު އެއޮތްވީ ގޮތް، ހެ ހެ ހެ... އަހަރެން ހާދަ އުފަލެއްވިޔޭ، ހުމާމު ކޮޓަރިއަށް ވެއްދީ އަލްސާ އެހާލުގައި ހުއްޓާ އޭނާއަށް ދައްކަންވެގެން، އަދި އެ ހުމާމު މާފިނޑިއޭ، އޭނާއަށް އަދި އަންހެނުންގެ ގޮތް ނޭނގެނީ، އެހެން ނޫންނަމަ އެރޭ ދުވެފައި ބޭރަކަށް ނުނިކުތީސް، އެކަމާ ހެދި އޭނާ ހޯދަން ދާންހަދައިގެން ޒޫރިންނަށް އަހަރެންގެ ކިބައިން ސަލާމަތްވުމުގެ ފުރުޞަތު ލިބުނީ، އެހެންނޫންނަމަ ލާހިކެއްނޫން އެހާފަސޭހައިން މަރުވާކަށް" ނިހާނުގެ އަޑުގައި ރަހުމުގެ ކަންފުޅެއް ވެސް ނެތެވެ. އެތަކެއް ތަޖުރިބާތަކެއް ކުރެވިފައިވާ ހައިތަމްއަށް ވެސް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިންސާނެއްގެ ފަރާތުން މިފަދަ ދަށުދަރަޖައިގެ ޢަމަލުތަކެއް މީގެ ކުރިން ފެނިފައެއްނުވެއެވެ. ގޮނޑިން ތެދުވިގޮތަށް އޭނާގެ ފަހަތުގައި ހުރި ޒުވާނާގެ ކޮނޑުގައި ޖަހާލަމުން އެތަނުން ނުކުންނަން އޭނާ އިޝާރާތްކުރިއެވެ.

ޒޫރިންގެ މަރުގެ ހަޤީޤަތް ހޯދުމަށް އިތުރަށް އޮޅުންފިލުވާނެ ކަމެއް ނެތެވެ. ނިހާނުގެ ފަރާތުން ހަޤީޤަތް އެނގި ފާޅުވެއްޖެއެވެ. އޭނާގެ ޢަމަލުތައް ހުރިގޮތުން އޭނާއަކީ ސިކުނޑި ހަމަޖެހޭ މީހަކު ހެން ހިޔެއްނުވެއެވެ. ނަމަވެސް ރާއްޖޭގައި އެފަދަ މީހުންނަށް ޚާއްޞަކުރެވިފައިވާ ޤާނޫނެއް ހެދިފައެއްނެތެވެ. އެހެންވެ އެފަދަ މީހުން ބައިތިއްބާނެ މަރުކަޒެއް ވެސް ހެދިފައެއް ނެތެވެ. ހައިތަމްއަށް ކުރެވެން އޮތީ ހަމަ އެންމެ ކަމެކެވެ. ޤަނޫނުގެ ދަށުން ނިހާނުގެ ބަޔާނާއި ޑޮކްޓަރުންގެ ރިޕޯޓާއެކު ޕީޖީއަށް މައްސަލަ ފޮނުވުމެވެ.

މުއްދަތު އިތުރުކުރަމުން ދިޔަ ނިހާނުގެ މައްސަލައަށް ކޯޓުން އެންގީ ހަތްއަހަރުގެ ޖަލު ހުކުމެކެވެ. އެއާއެކު އޭނާގެ ގެދޮރަކަށް ވެގެންދިޔައީ މާލޭގެ ޖަލުގެ ގޮޅިއެކެވެ. ނަމަވެސް ދެރައީ އޭނާ ހަތްއަހަރަށް ފަހު މިނިވަންވާއިރު ކުރިން ހުރި ވިސްނުން ބަދަލުނުވެދާނެތީއެވެ. އޭނާއަކީ ގާތިލަކަށްވުރެ ސިކުނޑީގައި ބަލިމަޑުކަމެއް ހުރި މީހެއްކަން މުޖުތަމަޢުއިން ބަލައިގަންނަން ބޭނުންނުވާނެތީ އެވެ. ދެވަނަ ޒޫރިންއެއްގެ ފުރާނަ ނޭނގިތިއްބާ ގެއްލިދާނެތީ އެވެ. -- ނިމުނީ