ކަންފަތްމައްޗަށް އެރި ހަމަލާއިން އަހަރެން އަނބުރައި ނުގަތީ ކިރިޔާ އެވެ. ލޯމަތިން ރަންކަނިބުރާލި އެވެ. ފާރުގައި ގޮސް ޖެހުނު ނިތްކުރީގައި އަތްލެވުނީ ބޭއިޚްތިޔާރުގަ އެވެ. މީހާ ބުރާންތިވާ ފަދަ ތޫނު ތަދެއް އިހުސާސް ކުރެވުނެވެ. ހަމައަކަށް ނޭޅެވިގެން އުޅެނިކޮށް އިސްތަށިގަނޑު ތެރެއަށް އެ ވަރުގަދަ އިނގިލިތައް މަހާލިކަމުގެ އިހުސާސްވި އެވެ. އިސްތަށިތަކުގެ ބުޑުން ލުހެލަން އުޅުނު ކަހަލައެވެ. އެ އަތް ނައްޓާލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް ގެނައި ކުއްލި ހަރަކާތަކާއެކު އަހަރެން ވެއްޓި ކުދަރިފުޅުގެ އެނދުގެ ފަނޑީގައި ޖެހި އެ ބިންދައިގެން ދިޔަކަން އެނގުނެވެ. ހަމައެހިނދު އަހަރެން ހަޅޭނުލަވާން މަސައްކަތް ކުރި ނަމަވެސް ކަރުބުޑުން ބާރު އަޑެއް ނުކުމެގެން ދިޔައެވެ. އިސްތަށިގަނޑަށް ދުލެއް ލިބުނުކަން އިހުސާސްވިއެވެ. ދެންވީގޮތެއް އަހަންނަކަށް ނޭނގުނެވެ.
ލޯހުޅުވާލަން އަހަރެން މަސައްކަތްކުރީމެވެ. ނިތްކުރިއަށް އަރާފައި ހުރި ވާނާއެކު ހީވަނީ ނާށިގަނޑު ފަޅާލާފައި ސިކުނޑި ބޭރަށް ނުކުންނަން އުޅެނީހެނެވެ. އަނގައިން ބުނަން އުޅުނު ވަގުތު ތުންފަތް ހީވީ ހިލަވެފައި ވިހެނެވެ. ރޯން ބޭނުންނުވިޔަސް އަހަރެންގެ ލޮލުގެ ހިމަކޮޅުންލާފައި ފައިބައިގަތް ހޫނު ކަރުނައިގެ ތެތްކަން އިހުސާސްވިއެވެ.
"ޒާރި!... މީ ދައްތައޭ... ޒީނިޔާ" އަހަރެންގެ އެއްބަނޑުއެއްބަފާ ދައްތަގެ އަޑު އިވުނެވެ. އެހިނދު އަޑުއައި ފަރާތް ނޫން އަނެއްފަރާތައް މޫނު އަނބުރާލެވޭތޯ އަހަރެން އުޅުނީމެވެ.
"ކޮއްކޯ. މާބޮޑަށް ހަރަކާތް ނުކުރޭ. ކޮލާއެކު ނިތްކުރީގެ ބައެއް ތިވަނީ ފަހާފައި. މޫނު އެއްކޮށް ތިއޮތީ ދުޅަވެފައި. ޑަކްޓަރުބުނީ ދެ ދުވަހެއްވަރު ވާނޭ ދުޅަ ތިރިވާން. އަން! މި ކުރުނބާ ފެންފޮދު ބޯލެވޭތޯ ބަލާ" ދައްތަގެ އަޑުގައިވަނީ އޯގާތެރިކަމެވެ. ހިތަށް ކުރި އަސަރުން އަހަންނަށް އިތުރަށް ރޮވުނީ އެވެ.
"ސާ... ސާ...އި..ދު... ދަރި..." އުނދަގުލުން އަހަރެން އޭނާގެ ނަން ކީމެވެ.
"އޭނާގެ ވާހަކަ މިވަގުތު ނުދައްކާ. އަޒޫ ގާތުގައި އެ މަންޖެވީ. ގެއަށް ދެވޭންދެން އިހަށް އަރާމުކޮށްލާ" މާގިނަ ވާހަކައެއް ދައްކަން ދައްތަ ނުހެދި އެވެ. އަހަރެންގެ ތުނބުގައި ޖެހުނު ހޮޅިން ކުރުނބާ ފެންފޮދެއް ބޯލީމެވެ. އެތެރެހަށްޓަށް ފިނިކަން ލިބިގެން ދިޔަ އެވެ. ކަރުހިއްކައިގަނެފައި އޮތްވަރު އެނގުނީ ދެނެވެ. ކުރިއަށްވުރެ ބޮޑުކޯވަރެއް އަހަރެން ހޮޅިން ދަމާލީމެވެ. ހިކިފައިވާ އަނގަޔަށް ތެތްކަންލިބި ހިތިކަން ވެސް ކުޑަވި އެވެ.
ހަށިގަނޑަށް ޖެހި އިންޖެކްޝަންތަކުގެ ބާރުގައި އަހަންނަށް ނިދުނެވެ. ހޭލެވުނު އިރު ގާތުގައި ތިބެ ދެ މީހަކު ވާހަކަ ދައްކާއަޑު އިވުނެވެ. އަޑުން އެއީ އަހަރެންގެ ދައްތަ ޒީނިޔާ އާއި އޭނާގެ ފިރިމީހާ ގިޔާސް އެވެ. ނިދާލެވުމުން އަހަންނަށް ލުއިކަން އިހުސާސް ކުރެވުނެވެ. ތަދު ވެސް ކުޑަހެން ހީވެއެވެ. އެހެންނަމަވެސް ބޮލަށް ކުރެވޭ ބަރުކަން ފިލައިގެން ނުދެއެވެ.
"އަހަންނަށް ފެންނަނީ ޒާރި އަހަރުމެން ގެއަށް ގެންދަން. ދެން ނޭނގެ ފުރާނަނެތް މަސްގަނޑާ ނޫންކަމެއް ހަވާލުވާން އަންނާން ޖެހޭނީ. އަހަރެން ކިތަންމެ ފަހަރަކު ހިތައް އަރާ ކަމާބެހޭ ފަރާތައް އަންގަން. ޒާރި ރޯވަރުން ނުކުރެނީ" ގިޔާސް ބުންޏެވެ.
"ނަސީބެއް ކުޑަމަންޖެއަށް އެއްޗެއް ހިފައިގެން ވިޔަސް ގޮސް އެގެއަށް ވަދެވުނުކަން... ގިޔާސް! އަހަރެން ވަރަށް ދެރަވޭ. ޒާރިއަށް ނަޞޭޙަތް ވެސް ދެވުނު އަދަދެއް ނޭނގެ. ނަސީބެއްކަންނޭނގެ މަންމައާއި ބައްޕަ ދުނިޔޭގައި ނެތްކަން. އެހެންނޫނީ އެ މީހުންނަށް މިއަދު ޒާރި ފެނިއްޖެނަމަ ވާނީ ކިހިނެއް؟ ގިޔާސް! ކިތަންމެ ފަހަރަކު އަހަރެން ބުނެފީމޭ ކޮއްކޮ ގާތުގައި އަންނާށޭ އަހަންނާއެކު އުޅޭން. އަހަރުމެން ދެމަފިރިންނަށް ކޮއްކޮ ހުއްޓަސް އުނދަގުލެއް ނުވާނެއޭ. ކިހާ ރީތިކޮށް ހުރި ކުއްޖެއްމީ. އެކަމަކު މިހާރު ބަލާބަލަ. ޒާރިފާއޭ މީހަކު ނުވެސް ބުނާނެ. އެ ސާއިދަކީ ހުރިގޮތަށް ހުރި ހައިވާނެއް"
ދައްތަގެ ރުއިމުގެ އަޑުން އަހަރެންގެ ނަފްސު އަޑުލައިގަތެވެ. ޟަމީރު ވިސްނައިދޭން ފެށިއެވެ. ކައިވެންޏަށް ތިން އަހަރުވީއިރު އަހަރެންނަށް ލިބުނީ އެއްއަހަރު ދުވަހުގެ އުފަލެވެ. ދެން ހޭދަވި ދެ އަހަރު އަހަރެން ގަނަތެޅުނީ އެވެ. ލޯތްބަށް ޓަކައެވެ. ފިނި ކަމެއް ނެތް ދާނެއްގައި ކަރުހިއްކުން ފިލުވައިދެވޭތޯ އެވެ. އެކަން ވެސް ވީ ބޭކާރެވެ. ދާނުގެ ފިނިކަން ކަމުގައިވީ އަހަންނަށް ލިބޭ އަހުވަތަކުންނެވެ. އެއާއެކު ދެމެދުގައި އޮތް ހަމައެކަނި ގާތްކަން ވެސް ނެތިދިޔައީ އެވެ. މިހާރު އޮތީ ކައިވެނީގެ ލަފުޒު އެކަންޏެވެ. ވަރި ނުކުރާނޭ ކަން ވެސް އެނގިއްޖެ އެވެ. މީ އަހަރެން ކުޑަކޮށް ވެސް އުންމީދުކުރި ފަދަ ޙަޔާތެއް ނޫނެވެ. ދިރިހުއްޓާ އެތައް ފަހަރަކު ކޮންމެ ދުވަހަކު މަރުވާން ޖެހިފައިވެއެވެ.
އެއީ މީގެ ތިން އަހަރު ކުރިއެވެ. ފުރަތަމަ އަހަންނާއި ސާއިދު ދިމާވީ އައިޖީއެމްއެޗްއިން ހެނދުނުގެ ޑިއުޓީ ނިންމާފައި ނުކުތް ވަގުތެވެ. އަހަންނަކީ އައިޖީއެމްއެޗްގެ އުމުރުން ދުވަސްވެ ބަލި އެނދުގައި ގިނަ ދުވަސްތަކެއް ވާންދެން ތިބެން ޖެހިފައިވާ ބަލީމީހުން ބައިތިއްބާ ވޯޑުގައި މަސައްކަތް ކުރާ ނަރުހެކެވެ. އައިޖީއެމްއެޗްގެ އެމަޖެންސީ ފަރާތު ގޭޓު ކައިރީ އަހަރެންގެ ޅިޔަނު ސައިކަލުގައި މަޑުކޮށްލައިގެން އިންތަން އަހަރެން ދުށީމެވެ. އަވަހަށް ގެއަށްދާން ބޭނުންވެފައި ހުރިވަރުން ކުޑަކޮށް ދުވެލާފައި ނުކަންނަން އައިތަނާ ގޭޓުން އެތެރެއަށް ވަން ޒުވާނާ ފެނުނީ ކުއްލިއަކަށެވެ. އަހަރެން މަޑުޖެހިލީމެވެ. ހަމަ އެވަގުތު އޭނާ ވެސް އެއްފަރާތްވެލާން އުޅުނެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ ގައިން ރެކިއެއްނުލެވި މުޑިއަރައިފި އެވެ. އަހަންނަށް ކުރުކޮށްލެވުނު ވައަތާއެކީ ގޮސް ޖެހުނީ އެ ޒުވާނާގެ މޭގަ އެވެ.
"ސޮރީ! ވަރަށް ބޮޑަށް ސޮރީ!" އަހަރެން ކަންބޮޑުވެފައި މަޢާފަށް އެދުނީމެވެ.
"އިޓްސް އޯކޭ... ގަސްދުގަ އެކަކު ވެސް ޖެހިއެއް ނުގަންނާނެ" ހިތްހެޔޮ ހިނިތުންވުމެއް ބަދަލުކޮށްލާފައި އޭނާ ބުންޏެވެ. އަހަރެން ވެސް ހިނިތުންވުމެއް ބަދަލުކޮށްލާފައި ހިނގައިގަތް ވަގުތު އެ ޒުވާނާ ގޮވާލި އެވެ. އިއްތިފާގަކުން އޭނާވީ އަހަރެން މަސައްކަތްކުރާ ވޯޑުގައި އޮތް ބަލިމީހެއްގެ ދަރިއަކަށެވެ. ވަރަށް އަވަސް އަރުވާލާފައި އޭނާ ބުނެލީ މާލެ އައީ މިއަދު ކަމުގައެވެ. އަތުގައިވާ ބޭސްތައް އޭނާއާ ހަވާލުކުރީ އޭނާގެ ބޭބެ ކަމުގަ އެވެ. ނަމަވެސް އައިޖީއެމްއެޗްގެ ތެރޭގައި ވޯޑު ހޯދުމުގައި ވަގުތު ބޭކާރު ނުކުރާން އަހަރެންގެ ގާތުގައި އަހާލި އެވެ. އަހަރެން އޭނާއަށް އެހީތެރިވީމެވެ. ވޯޑަށް ދާނޭ ގޮތް ތަފްޞީލުކޮށް ކިޔައި ދިނީމެވެ. ޝުކުރު އަދާކޮށްފައި އޭނާ ހިނގައިގަތުމުން އަހަރެން ވެސް އައިސް ޅިޔަނުގެ ސައިކަލު ފަހަތަށް އެރީމެވެ. އެ ޒުވާނާގެ ގައިގާ ޖެހުނު މަންޒަރު ޅިޔަނަށް ވެސް ފެނުނީތީ އެކަމާ ސުވާލު ކުރި އެވެ.
އަހަންނަށް ދިމާވި ޒުވާނާއަށް ކިޔަނީ ސާއިދުކަން އެނގުނީ ދަންވަރު ޝިފްޓުގައި މަސައްކަތް ކުރަނިކޮށެވެ. ދުވަސްތަކަކަށްފަހު އަހަރުމެން ދެމީހުން ބައްދަލުވުމުން އެކަކު އަނެކަކު ދެނެގަންނާން އެނގުނީ އަހަރުމެން ދެމެދުގައި ހިނގާފައި އޮތް ކުޑައެކްސިޑެންޓުންނެވެ. އޭނާ ފުރަތަމަ ވެސް ހީނލީ އެވެ. މަޑުމަޑުން އަހަރުމެން ދެމެދުގައި އެކުވެރިކަން އުފެދުނީ އެވެ. ސާއިދުގެ ވާހަކަތަކުން އަހަންނަށް އޭނާ ސިފަ ކުރެވެމުން ދިޔައީ ހިތްހެޔޮ މީހުންނާ ގުޅޭ މީހެއްގެ ގޮތުގައެވެ. ހޮސްޕިޓަލުގައި އޮތް ބަލިމީހަކީ އޭނާގެ ބައްޕަ އެވެ. ގިނަ ވަގުތު ހޮސްޕިޓަލުގައި އިންނަނީ ސާއިދުއެވެ. އެހެންވެ އޭނާ ބައްޕައާ މެދު ބަހައްޓާ އޯގާތެރިކަން އަހަންނަށް ވެސް ފެނުމުގެ ނަސީބު ލިބުނެވެ. އޭނާގެ ޢާއިލާގައި އެއްބަނޑު ބޭބެއަކާއި އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއެއްގެ އިތުރުން ދެން ހުރި ހަމައެކަނި މީހަކީ އެ ބަލި ބައްޕަ އެވެ. ސާއިދު ހުރީ މައިސޫރުގައި ކިޔަވަންކަމަށް ބުންޏެވެ. ނަމަވެސް ބައްޕަގެ ހާލު ބޮޑުވުމުގެ ސަބަބުން ކުއްލިއަކަށް މާލެ އަންނާން ޖެހުނީ އެވެ. އޭނާއަކީ ހދ. ނޮޅިވަރަމް ޒުވާނެކެވެ. ރަށުގައި ތަނަވަސް ދިރިއުޅުމެއް އުޅޭ ބައެކެވެ. އަންހެންކޮއްކޮއަށް ހުޅުމާލެއިން ފްލެޓެއް ލިބިގެން ދިރިއުޅެނީ ކޮއްކޮ ގާތުގައި ކަމުގައި ސާއިދު ބުންޏެވެ. ޢާއިލާގައި މީހުނާ ނީނދެ މިހާރު ހުރި މީހަކީ ހަމައެކަނި ސާއިދެވެ.
އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން އިތުރު ގުޅުމެއް ނިރުފަޅައި ފޯދެން ފެށި އެވެ. އަހަރެން ވެސް ހުރީ ހަޔާތަށް ހަރުދަނާ ރަނގަޅު ޒުވާނަކު އަންނާނެ އިރެއްގެ އިންތިޒާރުގަ އެވެ. ހިތުގެ މުރާދު ހާޞިލުވީ ސާއިދުއާ ލޯބީގެ ގޮތުން ގުޅެވުމުންނެވެ. އޭނާ ފަރާތުން އުނި އެއްވެސް ސިފައެއް އަހަރެން ނުދެކެމެވެ. ސިނގިރޭޓް ބުއިމާއި ވަގުތު ބޭކާރު ކުރުމުގައި ސޯޝަލް މީޑިއާގައި އުޅެއެއް ނުހަދައެވެ. ހުރިހާ ގޮތަކުން ވެސް އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ސާއިދު ފުރިހަމައެވެ. މާބޮޑަށް ވެސް ފުރިހަމައީ އެވެ. އެންމެ ފުރިހަމަ އިންސާނަކު ނޫޅޭނެއޭ ބުނާ ބުނުން އަހަރެން ދޮގުކުރީ ސާއިދުގެ ސަބަބުންނެވެ. އޭނާގެ ފަރާތުން ފެންނަ ރީތި އަޙުލާގުގެ ސަބަބުންނެވެ. އަހަރެންގެ ޢާއިލާގައި ހަމައެކަނި ތިބި ބަޔަކީ އަހަރެންގެ ދައްތައާއި އޭނާގެ ފިރިމީހާ އެވެ. އެމީހުންނާ ސާއިދު ބައްދަލުކޮށްދޭން ނިންމީ ޒަވާޖީ ހަޔާތެއް ފެށުމަށް ސާއިދު އެދެން ފެށުމުންނެވެ. ދެމީހުންނަށް އެކަކު އަނެކަކުދެކެ މާބޮޑަށް ލޯބިވެވި އެ ޖަޒުބާތުގައި ގައިގޯޅިވެ ނަހަމަ ގުޅުމެއް ދެމެދުގައި ހިނގާފާނޭ ހީވަނީ އެވެ. އެހެންވެ އެފަދަ ނުބައި ޢަމަލަކުން ސަލާމަތްވުމަށް ޓަކައި ސާއިދު ޚިޔާލު ދިނީ އަވަހަށް ކައިވެނި ކުރުމަށެވެ. އެ ޚަބަރާއެކު އަހަރެންގެ ދައްތަ ޒީނިޔާއާ ސާއިދު ބައްދަލު ކޮށްދިނީމެވެ. އެ ދެމަފިރިންނަށް ސާއިދު ކަމުދިޔައެވެ. ކައިވެނި ކުރާން ތިބި ދެމީހުން ހުއްޓުވާކަށް ދައްތަމެން ވެސް ބޭނުމެއް ނޫނެވެ. އެމީހުން ވެސް އެދެނީ އަހަންނަށް އޯގާތެރި ލޯބިވާ ޒުވާނަކާއެކު އުފާވެރި ދިރިއުޅުމެއް ލިބުމެވެ.
އަހަންނާއި ސާއިދުގެ ލޯބީގެ ގުޅުމަށް ތިންމަސް ވީއިރު ދެ މީހުން ތިބީ ދެމަފިރިންނަށް ވެގެންނެވެ. ކައިވެނީގެ ގޮށް ޖަހާލައިގެންނެވެ. އަހަރުމެން ދިރިއުޅެމުން ދިޔައީ މާލޭއިން ދެ ކޮޓަރީގެ އެޕާޓްމެންޓެއް ހިފައިގެންނެވެ. ސާއިދުގެ ކިޔެވުން ހުއްޓާލާފައި އަހަންނާ ކައިވެނިކޮށް ވަޒީފާއަށް ނުކުންނާން ފެށީއެވެ. އަހަރުމެންގެ ކައިވެންޏަށް ހަތަރު މަސް ފުރޭން ކައިރިވެފައި ވަނިކޮށް ސާއިދުގެ ބައްޕަ ބަލި އެނދުގައި އޮވެފައި މި ދުނިޔެއާ ޢަލްވަދާޢުކީ އެވެ. އެއާއެކު ބައްޕަގެ މުދާ ބެހުމަށް ސާއިދު އިސް ނެގުމުން އަހަންނަށް އެކަން ކަމަކު ނުދިޔަ އެވެ. އެ ބައްޕަ ނިޔާވިތާ ދެ މަސް ނުވަނީސް މުދަލައިގެން އުޅޭ މީހަކަށް ސާއިދު ވެދާނޭ ހިތަށް ވެސް ނާރަ އެވެ. މަޑުމަޑުން ހުރިހާ ކަމެއް ބަދަލުވާން ފެށީ ދެނެވެ.
ކައިވެންޏަށް އެއް އަހަރު ފުރުނުއިރު އެކަން ސާއިދު ހަނދާން ހުރި ހެނެއް ހިޔެއްނުވެއެވެ. "އެނިވާސަރީ" ފާހަގަ ކުރުމަށް ކޭކެއް ގަނެ ސާއިދުއަށް އެންމެ މީރުވަސް ދުވާ ސެންޓުފުޅި ހަދިޔާގެ ގޮތުގައި ތައްޔާރު ކުރީމެވެ. ނަމަވެސް އެރޭ ސާއިދު ހުރީ ކޮންތާކު ކީއްކުރާންކަމެއް އަހަންނަކަށް އަދިވެސް ނޭނގެ އެވެ. އިންތިޒާރުގެ ވަގުތުތައް ގުނަގުނާ އިންދާ ނިދުނީއެވެ. ހޭލެވުނީ އެނދުމައްޗަށް މީހަކު ޖެހިގަތީމައެވެ. ސިހިފައި ހޭލެވުނު ގޮތަށް އަހަންނަށް ގަޑި ބަލާލެވުނެވެ. އެކަންވީ ސާއިދު ނުރުހޭ ކަމަކަށެވެ. އަނގައިން ބުނުމެއްނެތި އަހަންނަށް އޭނާއަށް ފާޑުކިޔުނީ ކަމުގައި ވިއެވެ. ފުންމައިގެން އެނދުން ތެދުވި ގޮތަށް ސާއިދު އުޅެގަތީ އިންސާނަކު ހަމަހޭގައި އުޅެދާނޭ ހީ ވެސް ނުކުރާ ފަދަ ގޮތަކަށެވެ. ރުޅި އައިސް ރަތްވެފައި ހުރެ ހަޅޭލަވަން ފެށިއެވެ. ފައިސާ ބޭކާރު ކުރާކަށް ކީއްކުރަން ގަތް ކޭކެއްތޯ ކިޔާ ކޭކު ނެގި ގޮތަށް ފާރަށް ޖެހީއެވެ. އެއްފަހަރު ވެސް އެ ކޭކަށް ބަލާ ވެސް ނުލައެވެ. ހަދާނޭ ގޮތެއް ނޭނގި އެނދުން ތެދުވަން ނުކެރިފައި އިންދާ ޝައިތާނަކު ފަދައިން އަހަންނަށް ފުރަތަމަ ފަހަރަށް ސާއިދު ހަމަލާ ދިނެވެ. ކަންފަތްމަތީ ދެތިން ފަހަރަށް ޖަހާ އެނދުމަތިން ދަމާ ތަޅުންމައްޗަށް ވައްޓާލިއެވެ. އަނިޔާ ކުރުމަށްފަހު ވަލުޖަނަވާރުން އުޅޭހެން އެއްވެސް ގޮތެއް ފޮތެއްނެތި ތަޅުންމަތީ އަހަރެންގެ ދެއަތް ފުރަގަހަށްލުމަށްފަހު ސާއިދުގެ ކަރުހިއްކުން ފިލުވާލީ އެއްވެސް އޯގާތެރިކަމެއް ނެތިއެވެ. ހީވީ އަހަންނަށް އަޒާބެއް ދިންހެނެވެ.
ސާއިދުގެ ޠަބީޢަތަށް އެ އަންނަ ކުއްލި ބަދަލުތަކުގެ ސަބަބެއް ދެނެގަންނާކަށް އަހަންނަކަށް ނޭނގެ އެވެ. އަނިޔާ ކުރެވުމުން ފަހުން ދެރަ ވެސް ވެއެވެ. އަނިޔާ ނުކުރާނަން ކަމަށް ވެސް ބުނެއެވެ. ލޯބިވާ ވާހަކައާއި އަހަންނާއެކު މުޅި އުމުރު ހޭދަކުރާން ބޭނުންވާ ކަމުގައި ވެސް ބުނެއެވެ. އަހަންނަށް ނުވެސް އެނގި ވަޒީފާއިން އަހަރެން ވަކިވާން އެދޭ ކަމުގެ ފޯމު ލިއެވެ. އެކަން އެނގިގެން އަހަރެން ސުވާލު ކުރުމުން ފުރަތަމަ މަތި އޮމާންކޮށްލީ އެވެ. އަހަންނާއެކު ގިނަވަގުތު ހޭދަކުރާން ބޭނުންވާ ކަމާއި އަހަރެން މަސައްކަތް ނުކުރިޔަސް ސާއިދަށް ލިބޭ އާމްދަނީއިން ހުރިހާ ޚަރަދެއް ބެލެހެއްޓޭނެއޭ ބުންޏެވެ. ހަމައެއާއެކު ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރާ ކަހަލަ ޚިޔާލެއް ގެންގުޅޭ ވާހަކަ ވެސް ބުންޏެވެ. އެ ދުވަހެއް ނައެވެ. އޭނާ ދެން އެދުނީ އަހަރެން ބުރުގާ އެޅުމަށެވެ. ރައްޓެހިންނާއެކު ބޭރަށް ދިއުން އެއީ އެހާ މުހިންމު ކަމެއް ނޫންކަމަށް ބުނާން ފެށިއެވެ. އަހަރެންގެ ހުރިހާ މީހަކީ ވެސް ސާއިދުކަމުގައި ދެކިގެން އުޅުމަށް ބުންޏެވެ. ލިބޭ އަނިޔާގެ ސަބަބުން ދައްތަމެން ގާތަށް ދާކަށް ވެސް ނުކެރެއެވެ. މީހަކު ގާތުގައި ފިރިމީހާގެ ވާހަކަ ދައްކާކަށް ވެސް ނުކެރުނެވެ. މޮޅަށް ކިޔަވައި ކިތަންމެ ހޭލުންތެރި ނަމަވެސް އަމިއްލަ ދިރިއުޅުމަށް ހައްލެއް ހޯދާކަށް ނޭނގުނެވެ. ސާއިދުއަކީ ވެސް ތަންދޮރު އޮޅުން ނުފިލާ ޒުވާނެއް ނޫނެވެ. އޭނާ ވެސް ހުރީ ކިޔަވައިގެންނެވެ. ދުނިޔޭގެ ކަންކަމަށް ހޭލެވިފައެވެ.
ފަހުން ފަހުން އައިސް އަނިޔާކޮށްލާއިރު އަހަރެންގެ އަމިއްލަ ފުރާނައާމެދު ވެސް ބިރުގަންނަ ހިސާބަށް ދެއެވެ. އެއްދާންކުރުމުގައި އަނިޔާވެރިވުމަކީ ސާއިދުގެ ލޭ ހޫނުވެ އިތުރު އަރާމެއް ލިއްބައިދޭ ކަމަކަށްވިއެވެ. އަހަރެން ހުއްޓުން އަރާފައި ކުރާނޭ ކަމެއް ނޭނގި ހުރެވޭ ވަގުތުތައް ގިނަވިއެވެ. ސާއިދުދެކެ ކިތަންމެ ލޯބިވިޔަސް އަނިޔާތައް ފަސޭހަވާންދެން އަހަރެން ދައްތަގެ ގާތަށް ދިޔައީމެވެ. ދައްތަގެ ދެވަނަ ދަރިފުޅު ވިހައިގެން އުޅޭތީވެ އަހަރެންގެ ހަށިގަނޑަށް ލިބޭ ވޭން ކުޑަވިއެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑުގައި ހުރި ނިޝާންތައް ދައްތައަށް ނުފޮރުވުނެވެ. ރޮއެފައި ސާއިދަށް އައިސްގެން އުޅޭ ބަދަލު ކިޔައި ދިނީމެވެ. ހިތުގައިޖެހި އިންތިހާއަށް ލަދުވެތިވެފައި އިނދެއެވެ. އެނބުރި ސާއިދުގެ ގާތަށް އަހަރެން ފޮނުވާކަށް ދައްތަ ބޭނުމެއް ނުވިއެވެ. ނަމަވެސް އަހަރެންގެ ޚިޔާލު ބަދަލުވީ ސާއިދުގެ ދަރިއަކަށް އަހަރެން ބަލިވެ އިންކަން އެނގުމުންނެވެ. ސާއިދު ވެސް އުފަލުން އުޅުންއިރު އަހަރެން ލޯބިވި ސާއިދު އަދި ނުގެއްލޭކަން އަހަންނަށް އެނގުނެވެ.
ދަރިއަކު ލިބެން އުޅޭތީ ސާއިދު ބަދަލުވެދާނޭ ކަމަށް ހީކުރެވުން އެއީ އަހަންނަށް ހެދުނު ގޯހެކެވެ. އޭނާއާއެކު އެނބުރި އަހަރުމެން ދިރިއުޅޭ އެޕާޓްމެންޓަށް ނައިނަމަ މިއަދު އަހަރެންގެ އަނދިރިވަމުން އައި ހަޔާތް އަލިކޮށްދޭނޭ ދެ ދަރީން އޮންނާނެއެވެ. އެ ނަސީބު ވެސް ގެއްލުނީ ސާއިދުގެ ސަބަބުންނެވެ. ބަލިވެ އިންކަން އެނގުނީ ބަނޑަށް ދެމަސް ވަނިކޮށެވެ. ޑަކްޓަރު ލަފާ ދިނީ ދެމަފިރިންގެ އެދުންތައް ކުޑަ ދުވަސްކޮޅަކަށް ހިފަހައްޓާލުމަށެވެ. ހޮސްޕިޓަލުން ގެއަށް އައީ އެކަމާ ސާއިދު ވެސް އެއްބަސްވެގެންނެވެ. އެ އެއްބަސްވުން ދެމި އޮތީ އެއްމަސްދުވަހު އެވެ. އޭނާ ގާތްވިޔަ ނުދިނުމުން އަހަރެންގެ ބަނޑުގައި ކޮޅުންފައިން ޖަހާ ކޮށްޕާލީ އެވެ. ދެތިން ފަހަރަށް އަރިކަށީގަޔާއި ބަނޑުކޮޅުގައި ކޮޅުފައިން ޖެހުމާއެކު އޭނާގެ އާދައިގެ މަތީން ބަނޑުވަތަށް އަހަރެން ބާއްވާ އޭނާ ހިތްފުރޭވަރު ކުރިއެވެ. ފިރިމީހާއެއްކަމަކު އެ ކުރަނީ ރޭޕްކަން އަހަންނަށް އެނގެ އެވެ. ގަޑިއެއްހާއިރު ތަޅުންމަތީ އޮވެފައި ތެދުވާނޭ ހިތްވަރު ލިބިގެން ތެދުވެވުނު ހިނދު އަހަރެންގެ ދަރިފުޅު ނެތްކަން އަހަންނަށް އިހުސާސް ކުރެވުނެވެ. ތަޅުންމަތީ ހިކެމުންދާ ލޭތަށް ފެނުނީ ދެނެވެ. ދުނިޔެއަށް އުފަންވުމުގެ ކުރީން އެ ކުޑަކުޑަ ފުރާނަ ޤަތުލު އެކުރީ ޚުދު ސާއިދުގެ އަތުންނެވެ. ދިރިއުޅުން މަތީން ފޫހިވެ ދިރިހުރުމަށް ވެސް އަހަރެން އުންމީދު ކަނޑާލީއެވެ. ސާއިދު ހެދިގޮތެއް ހެދިގެން މަސްގަނޑެއްހެން ހުންނަނީ އެވެ.
ދެއަހަރު އެގޮތް މިގޮތުގައި ވޭތުވެގެންދިޔައީ އެވެ. އަހަރެން ދެވަނަ ދަރިއަކަށް ބަލިވެ އިނދެއްޖެއެވެ. އެކަން ދައްތައަށް އެނގުމާއެކު އަވަހަށް އައިސް އަހަރެން ގޮވައިގެން އެ ގެއަށް ގެންދިޔައީ އެވެ. އެކަމާ އެއްޗެއް ބުނާކަށް ސާއިދު ބޭނުމެއް ނުވިއެވެ. އޭނާ ކުރާ ކަމެއް ކުރަނީ އަހަންނަށެވެ. ދައްތަމެންނާ ޒުވާބެއް ނުކުރެއެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު އެ ރުޅިގަނޑު ފިލުވާލަން ބޭނުންކުރާ ވަޞީލަތަކީ އަހަރެން ކަހަލައެވެ. ނަމަވެސް މަޑުމަޑުން ސާއިދު އަނެއްކާ ވެސް ކުރީގެ ސާއިދަށް ބަދަލުވާން ފެށިއެވެ. ދައްތަމެންގެއަށް އަހަންނާ ބައްދަލުކުރާން އައިސް އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ގޮސް ހަދަންފެށިއެވެ. ހަމައެއާއެކު އަހަރެން ވިހަންވާއިރަށް އަހަރުމެންގެ ދަރިފުޅަށް ބޭނުންވާނޭ އެއްޗެހި ހޯދާ ހަމަކުރާން ފެށިއެވެ. އަހަރެންގެ ހިތުގައި ސާއިދުއަށް ޓަކައި ވާ ލޯބި އޭނާގެ ފުށުން ލިބުނު އަނިޔާއަށް މަޢާފުކުރިއެވެ. އަހަރެންގެ ދައްތަ ގާތުގައި ވަޢުދުވުމާއެކު އަހަންނަށް ކުރެވުނު އަނިޔާއަށް މަޢާފަށް ވެް ސާއިދު އެދުނެވެ.
ވިހަންވީ ވަގުތު ޖެހުނުއިރު އަހަރެންގެ ގާތުގައި ސާއިދު ހުއްޓެވެ. ހިތްއަވަސްވެފައި ހުރި މީހަކު ފަދައިންނެވެ. ވިހާތޯ އުޅުއުޅެ ނުވިހާނޭކަން ޔަގީންވުމުން ސީސެކްޝަނެއް ހެދުމަށް ޑަކްޓަރު ނިންމިއެވެ. އެންމެ ފަހުވަގުތާ ހަމައަށް ވެސް ސާއިދު އަހަރެންގެ ގާތުގައި ހުއްޓެވެ. އޭނާ ވަރަށް ލޯބިވާކަން ކޮންމެ ނޭވާއަކާއެކު ބުނެލައެވެ.
ލޯބިލޯބި އަންހެންކުއްޖަކު ދުނިޔެއަށް ނޭވާލީއެވެ. ސާއިދުގެ ދެ ލޮލުން ކަރުނަ ފާޅުވިކަން އެވަގުތު އެތަނުގައި ތިބި އެންމެން ވެސް ދުށްޓެވެ. އެއީ އޯގާވެރި ބައްޕައަކަށް ވާނޭ އެންމެން ވެސް ހީކުރާނެ އެވެ. އިންސާނުންނަށް އިތުބާރު ކުރާނޭ ގޮތެއް އަހަންނަކަށް ނޭނގުނެވެ. ދަރިފުޅު ގޮވައިގެން އަހަރެން ބަދަލުވީ އަހަންނާއި ސާއިދު ދިރިއުޅޭ އެޕާޓްމެންޓަށެވެ. ސިޒޭރިއަންއަށްފަހު ތެދުވެ އުޅުން އުނދަގޫ ނަމަވެސް ދަރިފުޅުގެ ކަމެއް ސާއިދު ކުރާކަށް ބޭނުމެއް ނުވެއެވެ. އެކުއްޖާ އުރާލާކަށް ވެސް ބޭނުމެއް ނުވެއެވެ. ބައެއް ފަހަރަށް އަހަރެން ވިހޭ ދަރިއަކީ ސާއިދުގެ ދަރިއެއްކަމަށް އޭނާ ޤަބޫލު ނުކުރަނީބާއޭ ވެސް ހިތަށް އަރައެވެ. އެކަމާ ސުވާލެއް ކުރިޔަސް ޖަވާބެއް ނުދެއެވެ.
އެގޮތުގައި ދުވަސްކޮޅެއް ހޭދަވެގެން ދިއުމަށްފަހު އަނެއްކާ ވެސް އަހަރެންގެ ކުރިމަތީ ހުރީ އަހަރެންގެ ލެއަށް ފެންބޮވައިގަނެފައި ހުރި ޝައިތާނާ އެވެ. އަހަރެން ލޯބިވެގެން ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި އިޚުތިޔާރުކުރި ސާއިދެއް ނޫނެވެ. އަނގަމަތި ފަޅައިގެން ގޮސް ލޭއަންނާންދެން މޫނުގައި ތެޅުމަށްފަހު ސާއިދު ނުކުމެގެން ދިޔައީއެވެ.
އޭނާގެ އެއްވެސް ޚަބަރެއް ނުވާތާ ތިންދުވަސްވީ ފަހުން އެނބުރި ގެއަށް އައެވެ. އައިއިރު ހުރީ ވަރަށް ދެރަވެފައެވެ. ނަމަވެސް ސާއިދުގެ ކޮންމެ އަނިޔާއަކާއެކު އަހަރެންގެ ހަށިގަނޑުގައި ލަމުންދިޔަ ލަކުނަށްވުރެ ނަފްސާނީ ގޮތުން އަހަންނަށް އިހުސާސްކުރެވޭ ނުކުޅެދުންތެރިކަން އިތުރުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އޮތް އިތުބާރު ކަނިވެ ނިވިއްޖެ އެވެ. އަހަންނަށް އެއްވެސް އިހުސާސެއް ފާޅެއް ނުކުރެވުނެވެ. ސާއިދުގެ ވާހަކަ ނިމޭންދެން ދަރިފުޅު އުރާލައިގެން ހުރެވުނީއެވެ. އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯތްބެއް ސާއިދަކަށް ނުދެވޭނޭކަން އަހަރެން ނިންމީ އެ ދުވަހުއެވެ. އެއާއެކު އޭނާ ދޫކޮށްދާން އަހަރެން ވިސްނީމެވެ. އެގޮތުން ސާއިދު ބޭނުންނަމަ އެހެން މިހަކާ އިނަސް އަހަރެންގެ މައްސަލައެއް ނެތްކަމުގައި ބުނެ އެކަމުގެ ހުއްދަ ވެސް ދިނީމެވެ. ދެކެވުނު ވާހަކައަކީ އޭނާ ގަޔާވާ ވާހަކައެއް ނޫންކަން އެނގުނީ ކުއްލިއަކަށް އަހަރެންގެ ކަރުގައި ވަށާލި އޭނާގެ ބާރުގަދަ އަތުންނެވެ. ނޭވާ ނުލެވިގެން އޯކާދެމޭ ވަރަށް ކަރަށް ބާރުކޮށްލުމާއެކު ސާއިދު އިންޒާރު ދިނީ ދުވަހަކު ވެސް އެހެން އަންހެނަކާ އިންނާށޭ ނުބުނުމަށެވެ. އޭނާ ބޭނުންވަނީ އަހަރެންނެވެ. އެކަމަކު އޭނާގެ ހިތްފުރޭވަރު ކޮށްދޭހާ ހިތްވަރެއް އަހަރެންގެ ނެތެވެ. ސާއިދުއަށްވުރެ އަހަންނަށް ދަރިފުޅު މުހިންމެވެ. އެކުއްޖާ ސާއިދު ކަހަލަ މީހެއްގެ އަތްމައްޗަށް ދޫކޮށްލާފައި ކަށްވަޅުގައި ވެސް އަހަންނަށް ނޯވެވޭނެއެވެ.
ވިހެއުމުގެ ލޭ މަނާނުވާތީ އެކަމާ ޝަކުވާކޮށް އިތުރު ގޮތެއް ހޯދަން ސާއިދު ބޭނުން ވިއެވެ. ސާއިދުއަކީ އަހަރެންގެ ފިރިމީހާއަށް ވިޔަސް އޭނާއަށް ލަޢުނަތްލެއްވުމަށް ދުޢާ ކުރި އަތްބަކަށް އަހަރެން ވާނެއެވެ. އޭނާ ގަދަބާރުން އަހަރެންގެ ވަކި ގޮތަކަށް ބޭނުންކުރާން އުޅުމުން ފުރަތަމަ ފަހަރަށް އިސްވެ އޭނާގެ ގައިގާ ތަޅައިގަތީމެވެ. ކޮންމެ ފަދަ އަނިޔާއެއް ލިބުނަސް ހެޔޮ ކަމަށެވެ. ނަމަވެސް އަހަރެންގެ ސަމާލުކަން އަތުލީ ރޮއެގަތް ދަރިފުޅެވެ. އެ ދަރިފުޅާ ދިމާއަށް ދުއްވައިގަނެވުނީ ބޭއިޚްތިޔާރުގަ އެވެ. އޭރު އަހަރެން ހަޤީޤަތުގައި ވެސް ހުރީ އެ ދަރިފުޅު ގޮވައިގެން ސާއިދުގެ ކިބައިން ފިލަން ބޭނުންވެ އެ ނިންމުގެ މަތީ ސާބިތުވެއެވެ. ދަރިފުޅުގެ ގައިގާ އަތްލެވުމުގެ ކުރީން ސިންގާއެއް ފަދައިން އަހަރެންގެ ފުރަގަހުން ސާއިދު އައިސް ދިމާކުރީއެވެ.
ޚިޔާލުތަކުގެ ދާވަނިން ސޮއްސާލައިގެން ހަޤީޤަތުގެ ތެރެއަށް އަހަރެން ވައްޓާލިއިރު ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެތައް އަހަރަކު ތަޙައްމަލު ކުރަމުން އައި ވޭންތަކުގެ އިހުސާސް ކުރެވުނީ އަދިކިރިޔާ ކަހަލައެވެ. އެ ވޭނަށް ކެތްކުރާން ދަތިވެއްޖެއެވެ. ފުންމިން ނޭނގޭ އަނދިރިކަމެއްގެ ތެރެއަށް ނަފްސު ޣަރަގުވެގެން ދާހެން ހީވާންފެށިއެވެ.
"ޒާރި!... ބަލަ ޒާރި!... ލޯހުޅުވާލަބަލަ" އަހަރެން ބާރަށް ރޮމުންދިޔައިރު ގާތުގައި ހުރި ދައްތަ ކަންބޮޑުވެފައި އަހަންނަށް ގޮވަމުންދިޔައެވެ. ގިނައިރެއްނުވެ ޑަކްޓަރުންނާއި ނަރުހުން ވެސް އަތުވެއްޖެއެވެ. ދައްތަގެ އަތުގައި އަހަރެން ހިފާލަމުން ލޯހުޅުވާލީމެވެ. ވަށައިގެންވާ މީހުންނަށް ބަލާލުމާއެކު ފުރަތަމަ ފަހަރަށް އެހީއަކަށް އަހަރެން ގޮވާލީމެވެ. ސަލާމަތްކުރުމަށް އެދި އާދޭސްކުރެވުނެވެ. އެއާއެކު ދައްތަގެ މޫނުމަތިން އުންމީދުގެ ކުލަވަރު ފާޅުވިއެވެ.
ސާއިދުއާ ވަކިވިއިރު ލޯތްބާ މެދު އޮތް އިތުބާރު ގެއްލި އަހަރެންގެ މުޅި ޙަޔާތް ހާވިޔާވެ ނިމިއްޖެއެވެ. ކަމާބެހޭ މުޢައްސަސާތަކާއި ގުޅިގެން އަހަންނަށް އެހީތެރިކަމާއި ރައްކާތެރިކަން ދައްތައާއި އޭނާގެ ފިރިމީހާ ހޯދާދިނެވެ. ދަރިފުޅު ހުންނާނީ އަހަރެންގެ ގާތުގައި ކަމުގައި ކޯޓު މެދުވެރިކޮށް ނިންމިއެވެ. އެނބުރި އަހަރެންގެ ކުރީގެ ދިރިއުޅުމަށް ރުޖޫޢަވުމަށް ނަފްސާނީ ބަލިކަށިކަން ހުރަސް އެޅިއެވެ. ﷲގެ ވާގިފުޅާއެކު ނަފްސާނީ ކަންކަމަށް ޚާއްޞަ ޑަކްޓަރުންގެ އެހީއާއި އަހަރެންގެ ޢާއިލާގެ އެއްބާރުލުމާއެކު މި ދަތި ދުވަސްތައް ނިމުމަކަށް އަންނާނެކަމުގެ އުންމީދުގައި އަހަރެން ހުރީމެވެ. -- ނިމުނީ