އެމެރިކާއަށް އެތެރެކުރާ މުދަލުން ޑިއުޓީ ނެގުމުގެ ސިޔާސަތަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑު ބަދަލެއް ގެންނަވައިފި އެވެ. މިއީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް ތަންފީޒުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި ސިޔާސަތެކެވެ.
މި ސިޔާސަތުގެ ދަށުން އެމެރިކާއަށް އެތެރެކުރާ ވަރަށް މަދު ބާވަތަކުން ނޫނީ ޑިއުޓީ ނަގާނެ އެވެ. ޑިއުޓީ ނަގަން ހަމަޖައްސާފައި އޮތް އެންމެ ކުޑަ އަދަދަކީ 10 ޕަސެންޓެވެ.
ޓެރިފް ބޮޑުކުރުމުގެ ބޭނުން، ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތް
ޑިއުޓީ ނެގުމުގައި ޓްރަމްޕްގެ ވިސްނުން ހުރީ ގަދަބާރުން ނަމަވެސް އެމެރިކާގެ ސިޔާސަަތު ދުނިޔޭގައި ތަންފީޒުކުރުމެވެ. އަދި އެމެރިކާއަށް ބޯނުލަނބާ ގައުމެއް ނަމަ ޓެރިފް ބޮޑުކުރުމެވެ.
އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް -- ޑިއުޓީ ބޮޑުކުރަނީ އެމެރިކާއަށް ރަން ޒަމާނެއް ގެނައުމަށް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެ އެވެ. އެމެރިކާގެ އިގުތިސާދު ހަރުދަނާކޮށް އެމެރިކާއާ ވާދަކުރެވޭ ވަރުގެ ގައުމެއް ނެތްވަރު ކުރުމަކީވެސް ޓްރަމްޕްގެ އުއްމީދެކެވެ.
އެމެރިކާގެ ކުންފުނިތައް އެހެން ގައުމުތަކަށް ބަރޯސާކުރުން ހުއްޓުވުމަކީވެސް ޓްރަމްގެ ސިޔާސަތެކެވެ.
އެމެރިކާއަށް އުފަން މަޝްހޫރު ކުންފުނިތަކުން ޓެކުހުން ރެކެން ބޭނުންނަމަ، ޗައިނާ، ވިއެޓްނަމް އަދި އިންޑިއާ ފަދަ ގައުމުތައް ދޫކޮށް އެމެރިކާގައި ފެކްޓަރީތައް ބިނާކުރަންވީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ހަމައެކަނި ޗައިނާއަށް ކުރާ ޖެއްސުމެއް ނޫން
ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތު އިއުލާންކުރުމުގެ ކުރިން ހީވެފައި އޮތީ މިއީ އިގުތިސާދީ ގޮތުން ހަމައެކަނި ޗައިނާއަށް ކުރާ ޖެއްސުމެއް ކަމަށެވެ.
ނަމަވެސް ފުރަތަމަ ބުރުގައި ޓެރިފް ނަގަން ކަނޑައަޅާފައިވާ 60 ގައުމެއް އެމެރިިކާގެ ރިޔާސީ ގަނޑުވަރުން ބުދަ ދުވަހު އިއުލާންކުރިއިރު، ޗައިނާއަށް ވުރެ ބޮޑު ޑިއުޓީއެއް ބައެއް އެހެން ގައުމުތަކުން ނަގާ ގޮތަށް އޮތީ ހަަމަޖައްސާފަ އެވެ.
ޓްރަމްޕްގެ ޓެރިފް ސިޔާސަތު އަމިއްލަ ގައިގައި ހަފައިގަންނާނެ
ޓްރަމްޕްގެ ރިޔާސީ އަމުރަކުން އޭޕްރީލް ފަހެއްގައި އަމަލުކުރަން ފަށައިގަންނަ މި ސިޔާސަތުގެ ސަބަބުން އެމެރިކާއަށް ފާގަތި ދުވަސްތަކެއް އަތުވެދާނެ ކަމަށް ބަޔަކަށް ގަބޫލުކުރެވުނު ނަމަވެސް މިކަމުގެ ސަބަބުން އެމެރިކާގެ އިގުތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށް އިގުތިސާދީ މާހިރުން ވިދާޅުވެ އެވެ.
އެމެރިކާގެ އިގުތިސާދަށް އަންނަ ބަދަލާ އެކު މުޅި ދުނިޔެއަށް ވެސް އިގުތިސާދީ ނުތަނަވަސްކަމުގެ އޮއިވަރެއް ފެތުރިގެންދާނެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން ޓެރިފް ބޮޑުކުރަން ބޭނުންނުވާ ބަޔަކު ތިބި ނަމަ، އެ ބަޔަކަށް އޮތް ގޮތަކީ އެމެރިކާގައި ފެކްޓަރީތައް ބިނާކޮށް ތަކެތި އުފައްދަން ފެށުމެވެ. އެމެރިކާގައި އުފައްދާ އެއްވެސް އެއްޗަކުން އެއްވެސް ވަރެއްގެ ޓެކުހެއް ނުނަންގަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މުޅި ދުނިޔޭގެ އިގުތިސާދީ އެޖެންޑާ ފިތިގެން ހިނގައިދާނެ ގޮތަކަށް ސިޔާސަތެއް ކަނޑައެޅުމަކީ، ދުނިޔެ ވަރަށް ބޮޑަށް މަޑުޖެހިގެން ދާނެ ކަމެއް ކަމަށް ދިރާސާކުރާ މީހުން ބުނެ އެވެ.
މުޅި ދުނިޔެ ބަދަލުހިފާނެ
އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކޮށްފިނަމަ، އެ ގައުމުތަކަށް އެތެރެކުރާ އެމެރިކާގެ މުދަލުން ނަގާ ޑިއުޓީ ވެސް ބޮޑުކުރާނެ އެވެ.
ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން ބުނީ ބަދަލުހިފާނެ ކަމަށެވެ. ގައުމީ އަދި އިގުތިސާދީ މިންތައް ރައްކާތެރިކުރުމުގެ ގޮތުން އެކަށީގެންވާ ގޮތުގައި އަދި މުނާސަބު ވަގުތުގައި އެމެރިކާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ޗައިނާއިން އޮތީ ބުނެފަ އެވެ.
އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން 34 ޕަސެންޓްގެ ޓެކުހެއް ނަގާނެ އެވެ.
ވިޔަފާރި މުދަލުން ނަގާ ޓެކްސް ބޮޑުކުރުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ޖަޕާނުންވެސް ބުންޏެވެ. ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިޔުޓީއޯ)ގެ އަސާސްތަކުގެ ބޭނުންކެނޑިގެންދާ ގޮތަކަށް ޑިއުޓީ ބޮޑުކުރުމަށް ޖަޕާން ތާއީދުނުކުރާ ކަމަށް އެ ގައުމުން ބުންޏެވެ. އެމެރިކާއަށް އެތެރެކުރާ ޖަޕާންގެ މުދަލުން 24 ޕަސެންޓްގެ ޓެކުހެއް ނަގާނެ އެވެ.
ޓްރަމްޕްގެ ޓެރިފް ސިޔާސަތަށް ފާޑުވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައިވާ ގައުމުތަކުގެ ލީޑަރުންގެ ތެރޭގައި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނޭ، އިނގިރޭސި ބޮޑުވަޒީރު ކީރު ސްޓެމާ، ޖަރުމަނުގެ އިގުތިސާދީ ވަޒީރު ރޮބާޓް ހާބެކް އަދި ފަރަންސޭސި ސަރުކާރުގެ ތަރުޖަމާން ހިމެނެ އެވެ. އަދި ޔޫރަޕިއަން ޔޫނިއަނާއި އޮސްޓްރޭލިއާ، ދެކުނު ކޮރެއާ، ސްޕެއިން، ސްވިޒަލޭންޑް، އަޔަލޭންޑް އަދި މަޝްހޫރު ބިޔަ ވިޔަފާރި ކުންފުނިތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އަދި ވިޔަފާރި ހިމާޔަތްކުރުމުގެ ގޮތުން ބަދަލުގައި ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފަ އެވެ.
ދިވެރިރާއްޖެ ހިމެނެނީ އެމެރިކާއަށް އެތެރެކުރާ މުދަލުން އެންމެ ކުޑަކޮށް ޑިއުޓީ ނަގާ ގައުމުތަކުގެ ތެރޭގަ އެވެ. އެއީ 10 ޕަސެންޓެވެ. އަވަށްޓެރި ބައެއް ގައުމުތަކަށް ބަލާއިރު ސްރީލަންކާ އިން 44 ޕަސެންޓް، ބަންގްލަދޭޝްއިން 37 ޕަސެންޓް، ތައިލޭންޑުން 36 ޕަސެންޓް، ވިއެޓްނާމުން 46 ޕަސެންޓް، ކެމްބޯޑިއާ އިން 49 ޕަސެންޓް، ޕާކިސްތާނުން 29 ޕަސެންޓް އަދި އިންޑިއާއިން 26 ޕަސެންޓް ނެގުމަށްވެސް އޮތީ ނިންމާފަ އެވެ.