ދުނިޔެ

މިއުޅެނީ ޝީއަށް ގުޅަން، ޗައިނާއާށް ލުއިދޭން އެބަވިސްނަން: ބައިޑަން

ދުނިޔެ އޮތީ އެމެރިކާއަށް ގަދަދެއްކޭ ގޮތަށް ނޫންކަން އެމެރިކާއަށް އެބަ ވިސްނެ އެވެ. އެމެރިކާ އިސްވެ ގައުމުތަކަށް އަޅާފައި ހުރި ދަތިކުރުން ތަކަށް ލުއިދޭން ބައިޑަން ސަރުކާރަށް މަޖުބޫރު ވެއްޖެކަން ރައީސް ޖޯ ބައިޑަންގެ ވާހަކަތައް ހުރި ގޮތުން ދޭހަވެ އެވެ.

ބައިޑަން ޑެލަވެއާގައި ބައިސްކަލް ބުރަށް ނުކުމެ ވަޑައިގެން ރިޕޯޓަރުންނަށް ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ގުޅުއްވާނެ އެވެ. އެއީ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން މިހާރު ނަގާ ޓެކުހަށް ކޮންމެވެސް ލުޔެއް ދިނުން ބުއްދިވެރި ކަމަށް ފެނިވަޑައި ގަންނަވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕް ވެރިކަމުގައި ހުންނެވިއިރު ޗައިނާގެ މުދަލުން ނަގާ ޓެކްސް 25 ޕަސެންޓަށް ވަނީ އިތުރުކޮށްފަ އެވެ. އެމެރިކާގެ ރައީސްކަން ބަދަލުވެ ބައިޑަންއަށް ސަރުކާރު ހިންގަން ފުރުސަތު ލިބިވަޑައި ގެންނެވި ނަމަވެސް މި ޓެކުހަށް ބަދަލެއް ނުގެންނަވަ އެވެ.

އެމެރިކާގައި ތަކެތީގެ އަގުބޮޑުވެ ފައިސާގެ އަގު ވަނީ މިއިން ޒަމާނަކު ނުދާހާ ދަށަށް ގޮސްފަ އެވެ. ކޮވިޑާ ގުޅިގެން ދިމާވި ދަތިތައް ފޫބައްދަން ފައިސާ ޗާޕްކުރި ގޮތަށް ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ވެސް އެތައް ފަހަރަކު ފައިސާ ޗާޕްކުރި ކަމަށް ޚަބަރުތަކުން އެނގެ އެވެ.

ޗައިނާގެ މުދަލުން ޓެކްސް ނެގުމަށް ލުއިދޭން ބައިޑަން އުޅުއްވަނީ އެއީ ޗައިނާއަށް ކޮށްދެއްވާ ހެޔޮކަމެއްގެ ގޮތަށް ހީވާ ގޮތަށެވެ. އެހެން ނަމަވެސް އެއީ ހަގީގަތުގައި އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން ކަނޑުވާލުމަށް ކުރައްވާ ކަމެކެވެ.

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވެސް ވަނީ ޗައިނާގެ މުދަލުން ނަގާ ޓެކްސް ކުޑަކުރަން ސަރުކާރަށް ގޮވާލައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަކެތީގެ އަގު ތިރި ކުރެވޭނެ ގޮތެއް އޮތް ނަމަ އެގޮތަކަށް އަމަލުކުރުން މި ވަގުތު ވަރަށް މުހންމެވެ. އަދި ޗައިނާގެ މުދަލުން ޓެކްސް ކުޑަކުރުމަކީ ސަރުކާރަށް އެޅިދާނެ ރަނގަޅު ފިޔަވަޅެއް ކަމަށް ޖެނެޓް ޔެލެން ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ގުޅުއްވާނެ ވަގި ތާރީހެއް ބައިޑަން ވިދާޅެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ ލަސްކުރައްވައިގެން ކަމުނުދާނެ ކަމަށެވެ.