ދުނިޔެ

އަހަންނަށް ވުރެ ބޮޑަށް ޗައިނާއަށް ފާޑުކިޔާ މީހަކު ނެތް: ޓްރަމްޕް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާއަށް ވުރެ ބޮޑަށް ޗައިނާއަށް އެކަކުވެސް ފާޑެއް ނުކިޔަ އެވެ.

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އޭނާގެ ވެރިކަމުގައި އޭނާއާ ހެދި ޗައިނާއަށް އުނދަގޫވި ކަމަށެވެ.

ޗައިނާއަށް ކިތަންމެ ފާޑެއް ކިޔެއް ކަމަކު ޓްރަމްޕް ވިދާޅުވީ ރައީސް ޝީ ޖިންޕިންއަށް އިހުތިރާމު ކުރައްވާ ކަަމަށެވެ. އަދި ޝީއާ އެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ޗައިނާ އަކީ އެމެރިކާގެ ކިބައިން ފައިދާ ނަގަން ދަންނަ ގައުމެއް ކަމަށް ވެސް ޓްރަމްޕް އެއްބަސްވެ ވަޑައިގެންނެވި އެވެ. އިގުތިސާދީ ގޮތުން އެމެރިކާއަށް ވިސްނިފައި ނުހުންނަ ދިމަދިމާއިން ޗައިނާ ފައިދާ ހޯދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރު ނޮވެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމެރިކާގެ ރައީސްގެ މަގާމު ލިބިވަޑައިގެންފިނަމަ ޗައިނާއާ އެކު ގާތް ގުޅުމެއް އުފައްދަވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޗައިނާއާ އެކު ގާތް ގުޅުމަކަށް އެދިވަޑައިގެން ޓްރަމްޕް ވިދާޅުވީ ޝީ ޖިންޕިން އޭނާގެ އިންޓަވިއު ބައްލަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޗައިނާއާ ބެހޭ ގޮތުން ޓްރަމްޕް މިކަހަލަ ވާހަތަކެއް ދެއްކެވި ކަަމަށް ޝީއަށް މީހަކު ދެންނެވުވަމަކީ އެދެވޭ ކަމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ރައީސްކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ކުރައްވާނެ ކިތަންމެ ކަމެއް ޓްރަމްޕް ވަނީ އިއުލާންކުރައްވާފަ އެވެ.

އީރާންއާ އެކު ގުޅުން ބަދަހިކުރެއްވުމާއި، ޔުކްރޭން ހަނގުރާމަ ހުއްޓުވާލުން އަދި ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެންނެވުމަކީ ވެސް ޓްރަމްޕްގެ ވައުދެކެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ އެކު ގުޅުން ބަދަހިކުރައްވައި އިގުތިސާދީ އާ މާހައުލެއް ގާޢިމުކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާ އަކީ ކްރިޕްޓޯކަރަންސީގެ ތަހުތު ކަމަށް ހައްދަވާނެ ކަމަށެވެ.

އެމެެރިކާ އަކީ މީހުން ލޯބިވާ ގައުމަކަށް ހައްދަވާނެ ކަމަށާއި މެދު އިރުމަތީގައި އެމެރިކާއަށް ގެލިފައިވާ އިހުތިރާމް އަލުން ހޯއްދަވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.