ޗައިނާގެ ރައީސް ޝީ ޖިންޕިންގް ރަސްމީ ދަތުރެއްގައި ވިއެޓްނާމަށް ވަޑައިގެންފި އެވެ. މިއީ ދެކުނު އޭޝިއާގެ ތިން ގައުމަކަށް ޝީ ކުރައްވާ ދަތުރެއްގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުގައި ކެމްބޯޑިއާ އަށާއި މެލޭޝިއާއަށް ވެސް ޝީ ވަޑައިގަންނަވާނެ އެވެ.
ޝީ ޖިންޕިންގެ މި ދަތުރަށް މުޅި ދުނިޔެ އޮތީ ސަމާލުވެފަ އެވެ. އެއީ އެމެރިކާއަށް މުދާ އެތެރެކުރާ ގައުމުތަކުން ނަގާ ޓެކްސް ބޮޑުކުރަން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައި -- އެއްވެސް އިނާޔަތެއް ނެތި އެންމެ ބޮޑު ޓެކުހެއް ނަގާ ގައުމަކަށް ޗައިނާ ވެފައި ވާތީ އެވެ.
ޓްރަމްޕް ސަރުކާރުން ވިއެޓްނާމަށް ވެސް ވަނީ ޗައިނާއަށް ސަމާލުވުމަށް އިންޒާރުދީފަ އެވެ. ޗައިއާނައަށް ވިޔަފާރީގައި އެއްވެސް ބާވަތެއްގެ އިނާޔަތެއް ނުދިނުމަށް އެމެރިކާއިން އޮތީ ގޮވާލާފަ އެވެ.
ނަމަވެސް، ޝީގެ މި ދަތުރުގައި ވިއެޓްނާމްއާ އެެކު 45 އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ އެކު، ވިޔަފާރީގައި އެއްބާރުލައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާކުރައްވާނެ އެވެ.
ވިއެޓްނާމަށް ވަޑައިގެން ވެރިރަށް ހެނޯއީގައި، އެ ގައުމުގެ ރައީސް ތޯލަމް އަރިހުގައި ވާހަކަދައްކަވަމުން ޝީ ވަނީ އެމެރިކާއަށް އިންޒާރުދެއްވާފަ އެވެ.
ޝީ ވިދާޅުވި ގޮތުން ވިޔަފާރީގައި ދަތިކުރުމަކީ އެއްވެސް ބަޔަކަށް އޮތް ކުރިއެރުމެއް ނޫނެވެ. އެމެރިކާއިން ޓެކްސް ބޮޑުކުރުމުން އާންމު ރައްޔިތުންގެ ނިކަމެތިކަން އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށް ޝީ ވިދާޅުވި އެވެ.
އެމެރިކާގެ ވެރިކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެން މަސައްކަތްކުރައްވަނީ ފެން ތައްޓެގައި ދުނިޔެ ގިރުވޭތޯ އެވެ. އެކަމަކު މިއީ ދުވަހަކު ވެސް އިންސާނަކަށް ކުޅަދާނަވި ކަމެއް ނޫނެވެ.
އެމެރިކާއަށް އެތެރެކުރާ ވިޔަފާރި މުދަލުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން މުޅި ދުނިޔެ އޮތީ އުދާސްވެފަ އެވެ. ގައުމުތަކުގެ އިގުތިސާދަށް އަތުވެދާނެ ނިކަމެތި ކަމަކުން އަރައިގަތުމަށް ކިޔެވެލު ނުކިޔަވާ ގައުމެއް ނެތެވެ.