ދުނިޔޭގެ މާކެޓްގައި އެހެން ގައުމަކަށް ވާދަނުކުރެވޭ ފެންވަރަށް ކުރިއަރައި ދިއުމަށް ޗައިނާ ވަރަށް ބުރަކޮށް މަސައްކަތްކުރާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ބައިޑަން ވިދާޅުވި ގޮތުން ޗައިނާގެ ވިސްނުން ހުރީ ސިނާއަތްތަކުގެ ގަދަބާރަކަށް ވުމަށެވެ. އޭނާ އަދި ވިދާޅުވީ ސެމީކޮންޑަކްޓަރު ސިނާއަތުގައި ކުރު މުއްދަތެއްގެ ތެރޭގައި ޗައިނާ ދެމިގެންފައިވާ ކަމަށެވެ.
އެމެރިކާގެ ކުންފުނިތަކުން މިސާލު ޖައްސަވަމުން ބައިޑަން ވިދާޅުވީ ސެމީކޮންޑަކްޓަރު ސިނާއަތުގައި އިންޓެލް އަކީ ފާހަގަކުރެވޭ ކުންފުންޏެއް ކަމަށާއި އެކުންފުނިން ކޮށްފައި ހުރީ ހަރުދަނާ އިންވެސްޓްމަންޓްތަކެއް ކަމަށެވެ.
އެމެރިކާގެ ހާލަތާ މެދު އިއުތުރާފްވެ ވަޑައިގެން ބައިޑަން ވިދާޅުވީ ޓެކްނޮލޮޖީއާ ގުޅުން ހުރި ދިރާސާތަކުގައި އެމެރިކާ އޮތީ ނުވަ ވަނައިގައި ކަމަށާއި އެމެރިކާ ވައްޓާލާފައި ޗައިނާ އަރައިފި ކަމަށެވެ.
ޗައިނާ އޮތީ ހިމޭން ވަކާލާތު ކުރުމެއްގައި ކަމަށް ބައިޑަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވާދަވެރިންނަށް ވުރެ ކުރިއަރައި ތަރައްގީވުމަށް ޗައިނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ބައިޑަން ވިދާޅުވީ ހަރުކަށި މޭރުމަކުން ހަގީގަތުގައި ޗައިނާއާ ވާދަކުރަން ބޭނުން ނުވާ ކަމަށާއި އިގުތިސޯދީ ވާދަވެރި ދެ ގައުމު ގޮތުގައި އެމެރިކާ އާއި ޗައިނާ އޮންނަން ޖެހޭ ކަމަށެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވޯލް އިކޮނިމިކް ފޯރަމްގައި ވިދާޅުވި ގޮތުން ފަނާކުރަނިވި ވާދަވެރިކަމަކަށް ވުރެ ބިނާކުރަނިވި ވާދަވެރިކަމަކުން ގައުމުތަކަށް ކުރާ ފައިދާ ބޮޑެވެ. ގައުމުތައް ގުޅިގެން ތަރައްގީއަށް ވާދަކުރުމަކީ އެކުވެރިކަން ބަދަހިވާނެ ކަމެއް ކަމަށް ވެސް ޝީ އޮތީ ވިދާޅުވެފަ އެވެ.
ޝީ ވިދާޅުވީ ޗައިނާއިން ތަރައްގީ ހޯދަނީ ދުނިޔެ އަށް ކަމަށާއި ޗައިނާގެ ތަރައްގީން ދުނިޔޭގެ ހުރިހާ ފަރުދުންނަށް މަންފާކުރާނެ ކަމަށެވެ.
ބޭސްވެރިކާމައި ތައުލީމާއި ސެކިއުރިޓީ އަކީ އަސާސީ ބޭނުންތަކެއް ކަމަށާއި ޗައިނާއަށް ނިސްބަތްކުރެވޭ ސިނާއީ ހުރިހާ މަސައްކަތަކުން ދުނިޔެ އަށް ފައިދާކުރަން ޖެހޭނެ ކަމަށެވެ.