ހުދު ދޮންވެލި ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކުގެ މަޑުމަޑު މިޔުޒިކީ އަޑުން ކާއިނާތުގެ ހިމޭންކަމަށް ހިތްގައިމު ކަމެއް ވެރިވެފައި ވެއެވެ. މި ހިމޭންކަމުގެ ތެރެއަށް ހިތް ދޫކޮށްލައިގެން އިން ނަމަވެސް، އަހަރެންގެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ސަބަބުން ވަނީ ނުތަނަވަސް ޚިޔާލުތަކެއްގައި ގައިދުވެފައެވެ. ޚިޔާލުތަކުގެ ޝިކާރައަކަށް ވުމުގެ ކުރީން ފާލަމާ ދިމާއަށް ހިނގައިގަތީމެވެ. އަހަރެން ހުރުމަށް ހަމަޖެހިފައި ވަނީ ފާލަމުގެ ކޮޅުގައި ހުރި މޫދު ކޮޓަރީގައި ކަމަށްވުމުންނެވެ. އާއެކެވެ. އަހަރެން މި ހުރީ ރާއްޖޭގެ ހިތްގައިމު ރިސޯޓުތަކުގެ ތެރެއިން އެންމެ މަތީފަންތީގެ ރިސޯޓެއްގައެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ފާލަންމަތީގައި ހިނގަމުން ދިޔައީމެވެ. ފަރުވާ ކުޑަ ގޮތަކަށެވެ.
އޭރުވެސް ސިކުނޑީގައި އެނބުރެމުން ދިޔައީ އެ ޚިޔާލުތަކެވެ. އަނާގެ ފަރި ސޫރައެވެ. އޭނާ އާއެކު މި ފާލަން މަތީގައި އުޅެވުނު މަޖާ ގޮތްތަކެވެ. އަހަންނަށް ހުއްޓިލެވުނެވެ. ކުރިމަތިން ހިޔަންޏެއް ހުރަސް ކުރިހެން ހީވެގެންނެވެ. ފާލަމުގެ ދެ ފަރާތުގައި ދިއްލާފައިވާ ރީނދޫކުލައިގެ ބޮކިތަކުގެ ފަނޑު އަލިކަމުގެ ތެރެއިން އިތުރު ހިޔަންޏެއް ފެނުނުހެން ހީވިއެވެ.
ވަށައިގެން ހޯދައިލެވުނެވެ. ދެފަރާތަށް ބަލައިލެވުނެވެ. ތަންކޮޅެއް ދުރުން މީހަކު އަންނަ ހެން ހީވުމުން ހުއްޓިލީމެވެ. ދުވެފައި އެ އަންނަނީ އަނާއެވެ. އަނާ ލައިގެން ހުރީ، ކަކުލާ ހަމައަށްދާ ހުދުކުލައިގެ ގަޔަށް ދޫ ގަމީހެކެވެ. ގަމީހުގެ މެދުތެރެއިން އަޅުވާފައިވަނީ ހަތަރު ވަރަކަށް ގޮށެވެ. އަނާގެ ރަންކުލައިގެ އިސްތަށިގަނޑުވަނީ ދޫކޮށްލެވިފައެވެ.
ފާލަންމަތީގައި ހުސްފައިގައި ދުވެފައި އާއިރު ހީވީ ވައިރޯޅިއެއް އަންނަހެންނެވެ. ހަރަކާތްތައް އެހައި ވެސް ލުޔެވެ.
އަނާގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ. އޭނާ ދުވަމުން އައީ ސީދާ އަހަންނާ ދިމާއަށެވެ. އަހަންނަށް ހުއްޓެވުނެވެ. އަނާ އައި ގޮތަށް އައިސް އަހަރެންގެ ހަށިގަނޑުގެ ތެރެއިން ފުރޭނިގެން ފަސްދީ ދިޔައީ އެވެ. ހައިރާން ވެފައި އަހަންނަށް ބަލަން ހުރެވުނީއެވެ. ހިރިލަން ވެސް ނޭނގިފައެވެ. އަނާގެ ފަހަތުން ފިރިހެނަކު ދުވެފައި އައި ހެން ހީވިއެވެ. އަހަންނަށް ބެލުނީ އެމީހާގެ މޫނަށެވެ. މެދުމިނުގެ އިސްކޮޅެކެވެ. ބައިމަތި ފުޅާ ފަތި ހަށިގަނޑެކެވެ. އިސްތަށިގަނޑު ވަނީ ކުރުކޮށް ކޮށައިފައެވެ. އޭނާގެ ގައިގެ ކުލަ އައްޔެވެ. ލައިގެން ހުރީ، ކަށިމައްޗާ ހަމައަށްދާ ހުދުކުލައިގެ ސޯޓެކެވެ. ގައިގައި އޮތީ ހުދުކުލައިގެ ގަމީހެކެވެ. ގަމީސް އޮތީ މިނިވަންކޮށްލެވިފައެވެ. އެ ފުރިހަމަ ތަނަވަސް މޭމަތި ފެންނާނެ ހެންނެވެ. އެމީހާ ވެސް އައިގޮތަށް އައިސް އަހަރެންގެ ހަށިގަނޑުގެ ތެރެއިން ފުރޭނިގެން އަނެއް ފަރާތަށް ނުކުމެ ފަސްދީ ދިޔައީއެވެ. އަހަންނަށް ގުޑައިލަން ވެސް ނޭނގިފައި ހުރެވުނީއެވެ.
"ދެން ރާމީޒޫ!" އަންހެނެއްގެ ހުނުމުގެ އަޑު އިވުމުން އެމީހުން ދިޔަ ދިމާއަށް ބަލައިލީމެވެ.
އެއީ އަނާމެންނެވެ. އަނާގެ މެދުހަށީގައި ހިފާ ފިރިހެން މީހާ ހިއްލައިލި އެވެ. އަނާ ބިނދިބިނދިފައި ހެމުން ދިޔައެވެ. އަނާގެ ނޭފަތް އޭނާގެ ނޭފަތުގައި ޖައްސައިލިއެވެ. އެއާއެކު އަނާގެ ރަން އިސްތަށިގަނޑު ފިރިހެން މީހާގެ މޫނުމައްޗަށް ވެއްޓުނެވެ. އަހަންނަށް ހިންދިރުވާލެވުނެވެ. އަމިއްލަ ތުންފަތުގައި އިނގިލި ޖައްސާލެވުނެވެ. އިރުކޮޅެއްވީ އިރަށް ދެމީހުންގެ ސޫރަ ވެސް ވައިގެ ތެރެއަށް ފޭދިގެން ދިޔައީ އެވެ. އަހަންނަށް އަމިއްލަ މޫނުގައި އަތް ޖައްސާލެވުނެވެ. އެ ފިރިހެން މީހާއާ އަހަންނާ ވައްތަރުވުމުންނެވެ. ވިސްނައިލެވުނެވެ. އެއީ ކާކު ހެއްޔެވެ؟ އަނާއާ އެކު އެ ދިޔައީ ކާކު ހެއްޔެވެ؟ އިތުރު ޖަވާބެއް ނުލިބުނެވެ. އެއީ ހަމަ އަހަރެންނެވެ.
އަހަންނަށް މިވަނީ ކީއް ހެއްޔެވެ؟ ސިކުނޑީގައި ހުރި މަންޒަރުތައް ލޮލު ކުރިމަތިން ފެންނަން ފެށީ ހެއްޔެވެ؟ އަނާއާ އެކު އުޅެވުނު މަޖާ ދުވަސްތައް ތަމުސީލު ވަނީ ހެއްޔެވެ؟ ދެފަރަތާށް ބޯ ހޫރައިލެވުނެވެ. އެ ޚިޔާލުތަކުން މޫޑު ހަރާބު ވެދާނެތީ ޖެހިލުންވެވުނެވެ. އަނެއްކާ ވެސް ހިނގައިގަތީމެވެ. ކޮޓަރިއަށް ވަދެ އެނދަށް ވެއްޓިގަތީމެވެ.
މިކަހަލަ އިހުސާސެއް ނުކުރެވޭތާ ލައްކަ ދުވަސް ވެއްޖެއެވެ. ދިރިއުޅުމުގެ ބުރަބޮޑު ޒިންމާތަކުން ސަލާމަތްވެ ނޭވާއެއް ލާން ލިބުނީ އަދި ކިރިޔާއެވެ. ކައިވެނި ބޮއްސުންލީ ފަހުން އަހަރެން އުޅުނީ އެކި މަސައްކަތުގައެވެ. އެހަނދާންތައް އާވެ އާލާވެދާނެތީއެވެ. ރަސްމީ ވަޒީފާއަށް، ފަހު ދެން އޮންނަނީ ނުރަސްމީ މަސައްކަތްތަކެވެ. އަމިއްލަ އޮފީހުގެ ޒިންމާތަކެވެ. އެކަން ނިންމާ ގެއަށް ދެވޭއިރު، ހުންނާނީ ކޮންމެ ރެޔަކު ބާރަޖަހައިފަ އެވެ. ކޮޓަރިއަށް ވަދެ ތާޒާވެލައި ނޭވާއެއް ދޫކޮށްލެވޭއިރު އޮންނާނީ ލޯ މެރިފައެވެ. މިހެން އުޅޭތާ މިހާރު ދެ އަހަރާއި ހަ މަސްދުވަހަށް ވުރެ ގިނަ ދުވަސްވީ އެވެ.
މި ރިސޯޓަށް މިއައީ އަންނަ ހިތަކުން ވެސް ނޫނެވެ. އެންމެ ގާތް ރަހުމަތްތެރިޔާ ހުސައިންގެ ކޮއްކޮއެއްގެ ކައިވެނި ހަފުލާގައި ބައިވެރިވާން އޭނާ ދިން ދައުވަތު ބޮލައިލާ ޖަހަން ނުކެރިގެންނެވެ. މިއީ އޭނާގެ ބައްޕަގެ ރިސޯޓެވެ. ދަތުރުގެ ހުރިހާ ކަމެއް ހަމަޖެއްސި ހުސައިންނެވެ. އެ އާއިލާގެ މެންބަރެއްގެ ގޮތުގައެވެ. ވީއިރު، އަހަންނަށް ދެއްކޭނެ ބަހަނާއެއް އޮންނާނެ ހެއްޔެވެ؟
އެނދުގައި އޮވެ ދެތިން ފިކުރެއް ކުރެވުނެވެ. މަސްހުނިވަމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން ލޮލަށް ބަރުހެލިކަން ވެރިވާހެން ހީވިއެވެ. އޮތްގޮތަށް އޮވެ ގަމީހުގެ ގޮށްތައް ނައްޓައިލީމެވެ. ގަމީސް ބޭލުނުކަން އެނގެއެވެ. ލޯމެރުނީއެވެ. ނިދީގެ މީރުކަމާއެކެ ސިކުނޑީގެ ތެރޭގައި ކުރަހައިލަ ދިނީ ބޮއްސުންލީ ދިރިއުޅުމުގެ އުފާވެރި މަންޒަރުތަކެވެ.
އަނާއާ އަހަރެން ދިމާވީ ކޮލެޖުންނެވެ. އޭރު ރާއްޖޭގައި ޔުނިވާސިޓީއެއް ނުހުރެ އެވެ. އަހަރުމެން ދެމީހުން ވެސް އުޅެމުން ދިޔައީ މުދައްރިސުން ތަމުރީނު ކުރާ ކޯހެއްގަ އެވެ. އަނާ ކިޔަވަމުން ދިޔައީ ޕްރައިމަރީ ޓީޗިން ކޯހެއްގައެވެ. އަހަރެން އުޅުނީ މިޑްލް ސުކޫލު ޓީޗިން ކޯހެއްގަ އެވެ. އެހެންވެ އެއް ކުލާހަކުން ދިމާވާ ގޮތެއް ނުވެއެވެ. ނަމަވެސް، ފެކަލްޓީ ތެރެއިން އަހަންނަށް އަނާ ފެނެއެވެ.
މީހުން ބުނެއެވެ. އާދަކޮށް ފެނިދެނިވެ އުޅެންޏާ ހާލު އަހުވާލު ބަލައިލެވޭނެ އެވެ. އަހަންނަށް ވެސް ވީ އެހެންނެވެ. އަނާ ފެންނަ ކޮންމެ ފަހަރަކު، ހިނިތުންވެވެނީއެވެ. ކިހިނެއްތޯ އަހައިލެވެނީއެވެ. ބަދަލުގައި އަނާ ވެސް ހިނިތުންވެލަ އެވެ. އެންމެ ފަހުން އަނާ ވެސް އިސްވެ ހިނިތުންވާން ފެށިއެވެ. ހާލުބަލަން ފެށީ އެވެ.
އެހައި ހިސާބުން، ކުދިކުދި ވާހަކަތައް ހިއްސާ ކުރެވެން ފެށުނެވެ. ކުދިކުދި ޖުމުލަތަކުން ފެށުނު ވާހަކަތައް ޖުމުލަތަކަކަށް ބަދަލުވިއެވެ. ޖުމުލަތަކުން ފެށިގެން ބޮޑެތި ވާހަކަތަކަށް ފުރޮޅެމުން ދިޔައެވެ. އެކުވެރިންނާއެކު ހިއްސާކުރެވުނު ވާހަކަތައް ފުޅާވެ އެކަނި ތިބެ ހިއްސާކުރާ ވާހަކަތަކަށް ބަދަލުވިއެވެ. ފެނިދެނިވި އުޅުމުން އުފަންވި، ރަހުމަތްތެރިކަން އެހެން ހަރުފަތަކަށް ގެންދަން ބޭނުންވީ ސީދާ އަހަރެންނެވެ. މިއީ، ވަރަށް އާދައިގެ ކަމެއްތާ އެވެ. ލޯތްބެއް ފެށެނީ މި ކަހަލަ އާދައިގެ ގުޅުންތަކެއް ބަދަހި ވެގެންނެވެ. އަހަރުމެންނަކީ އާދައިގެ ދެމީހުންނެވެ. ލޯބި ވެސް އުފަންވާނީ އެ ބައެއްގެ މިޒާޖާ އެއް ގޮތަށެވެ. އެބައެއްގެ ވެށީގެ ގަބޫލު ކުރުން ތަކުންނެވެ.
އަހަރުމެން ކޯސް ނިންމާފައި ވަޒީފާއަށް އިހުތިޔާރު ކުރީ މާލޭގެ މަޝްހޫރު ސުކޫލެކެވެ. އެ ދުވަސްވަރު ކޯސް ނިންމާއިރަށް، މިނިސްޓްރީން ވަޒީފާ ހަމަޖައްސައި ދެއެވެ. ވަޒީފާ ލިބުމާއެކެ، ދިރިއުޅުމުގެ ގަނޑުވަރުގައި ދިޔައީ ކުލަ ޖެހެމުންނެވެ. ފަހަރަކު ފާރެއް ރާނަމުންނެވެ. ދެތިން މަސް ވީއިރަށް އަހަރުމެން ބޭނުންވީ ކައިވެނި ކުރާށެވެ. ރައްޓެހިވުމުގެ ކުޅިވަރު ނިންމާލައި ހަމަޖެހިލައިގެން ދިރުއުޅުން އާރާސްތު ކުރާށެވެ.
އެކަމަށް ޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އޮތީ މާކުރިން ރާވާ ނިންމިފަ އެވެ. ދެމީހުން ހިޔާލާ އެއްގޮތަށެވެ. އަހަރުމެން ކުއްޖަކު ހޯދަން ބޭނުންވީ ފުރަތަމަ ޑިގުރީ ނިންމުމަށް ފަހުގައެވެ. ކައިވެނީގެ ކަންކަން ވަރަށް އާދައިގެ ގޮތަކަށް ނިންމާލީމެވެ. އަނާގެ އާއިލާގައި ވެސް މާގިނަ ބަޔަކު ނެތުނީމައެވެ. އަހަންނަކީ އެކަނި ހުރި މީހަކަށް ވީތީއެވެ. ކުޑައިރު މަންމައާއި ބައްޕަ ނިޔާވުމުން އުޅެން ޖެހުނީ ގެންގުޅޭ ކުއްޖެއްގެ ގޮތުގައެވެ. ލޮލަކަސް ބޮލަކަސް ހުރީ އެންމެ ރަހުމަތްތެރިއެކެވެ. އެއީ ހުސައިނެވެ.
އާދައިގެ ގޮތަކަށް ކައިވެނި ކުރެވުނު ނަމަވެސް އަހަރުމެން ބޭނުންވީ މާމުއިހަނދު އުފާވެރި ކުރާށެވެ. އެ ހަނދާންތައް ދެމިހުންނާނެ ފަދަ ތަނަކަށް ދާށެވެ. ނަސީބު ކިތައްމެހާ ވެސް ރަނގަޅެވެ. އެ ހުރިހާ ކަމެއް ފަސޭހައިން ހަމަޖެހުނެވެ. މާމުއިހަނދުގެ ހަދިޔާ ދިނީ ހުސައިނެވެ. އޭނާގެ ބައްޕަގެ ރިސޯޓުންނެވެ.
ކުއްލިއަކަށް ލޯ ހުޅުވުނެވެ. ގާތުގައި މީހަކު އުޅޭހެން ހީވުމުންނެވެ. ދެ ފަރާތަށް ބަލައިލެވުނެވެ. އެއްވެސް މީހަކު ނެތެވެ. ކޮޓަރީގައި ވަނީ ފަނޑު އަލިކަމެވެ. އަހަންނަށް ތެދުވެވުނެވެ. އެނދުގައި އިށީނދެލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހޭލާ ހުއްޓަސް އަނާ ފެންނަނީއެވެ. ނިދިޔަސް އަނާ ފެންނަނީ އެވެ.
އަހަރެން ހީކުރީ އަނާގެ ހަނދާންތަކުން ސަލާމަތްވީ ކަމަށެވެ. ދެ އަހަރުވީއިރު އޭނާގެ ނަން ވެސް ހިތަށް ނާރަ އެވެ. ނަމަވެސް، މި ރަށުގެ ފަސްގަނޑުގައި ޖެހުނު އިރަށް ހިތަށް އައީ އަނާ އެވެ. ސިފަވީ އޭނާގެ ހިނިތުންވުމެވެ. ފެންނަނީ އޭނާގެ ހަރަކާތްތަކެވެ. ފާލަން މަތިން ވެސް ފެންނަނީ އޭނާ އެވެ. ގޮނޑުދޮށުން ވެސް ސިފަވަނީ އޭނާ އެވެ. ދިޔަރެސް މަތިން ވެސް ފެންނަނީ ހަމަ އަނާ އެވެ. ކުރެވުނު މި ދަތުރު މިވީ އަހުވައަކަށެވެ. އަހަރެން ހިތުން މިހުރީ، މާޒީ އަންދާ އަޅިއަށް ހަދައިގެންނެވެ. ނަމަވެސް، އެއީ ކުރެވުނު ހީއެކެވެ. ކުށް ހީއެކެވެ. އެކަން މިއަދު އިހުސާސް ވެއްޖެ އެވެ. މީހުން ބުނަނީ ތެދަށެވެ. އަލަތު ކައިވެނީގެ ރަހަ އަރުތެރެއިން ފިލައިގެން ނުދާނެ އެވެ. އެއީ ފޮނި ރަހަ ކަމަށް ވިޔަސް، ހިތިރަހަ ކަމަށް ވިޔަސް ވެހެވެ.
ކޮޅަށް ތެދުވެ ފުން ނޭވާއެއް ދޫކޮށްލީމެވެ. ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އެނދު ކައިރިއަށް ވެއްޓިފައި އޮތް ގަމީސް ނަގައި ހިނގައިގަތީމެވެ. ގަޑިއަށް ބަލައިލެވުނެވެ. އޭރު ދަންވަރު އެކެއް ޖަހަނީ އެވެ. ނިދަން ތައްޔާރުވުމަށްފަހު ފޯނު ނަގައި ބަލައިލީމެވެ. ހުސައިން ހައެއްކަ ފަހަރު ގުޅައިފަ އޮތެވެ. އޭނާ މެސެޖެއް އޮތެވެ. ހުސައިންގެ މެސެޖު ކިޔައިލީމެވެ.
"ނިދަނީ ދޯ. ދެންމެ މި ސަލާމަތްވީ. ގަޑި ބަލައިލެވުނު އިރު ބާރަޖަހައިފި. މާދަމާ ހެނދު ގުޅާނަން. ހޭލައިފަ ޚަބަރެއް ވެލާތި." ހީވީ ހުސައިން ގާތުގައި ހުރެ ވާހަކަ ދައްކައިލި ހެންނެވެ.
ސިކުނޑިއަށް ބުރަވަމުން ދިޔައީ އަނާގެ ހަނދާންތަކެވެ. ކޮޓަރި ތެރެއިން ވެސް ސިފަވަމުން ދިޔައީ އަނާ އެވެ. ދަންފުޅި ބައްޓަމުގެ އެ ފަރި ހަށިގަނޑެވެ. އޭނާގެ ހަރަކާތްތަކެވެ. އޭނާގެ ހިމޭން އަޑުތަކެވެ. އެ ހޫނު ނޭވާތަކެވެ. އަހަންނަށް ބޭއިޚްތިޔާރުގައި ލޯ މަރައިލެވުނެވެ. ހިންދިރުވާލެވުނެވެ. ގަދަކަމުންނެވެ. މަޑުމަޑުން ނޭވާ އެތެރެއަށް ހިފަހައްޓައިލެވުނެވެ. ކޮޅަށް ތެދުވަން މަޖުބޫރުވީ އެވެ.
ބޮލުގެ ދެފަރާތުން ފިތެމުން ދިޔަހެން ހީވިއެވެ. ހިމޭން އަޑަކުން ކަންފަތް ތޮރުފަމުން ދިޔަ އެވެ. ދެ ކަންފަތުގައި އަތް އަޅައިލެވުނެވެ. ނިތްމަތިން ބޮލުގެ ދެފަރާތުގައި އަތް ޖައްސައިލެވުނެވެ. ބާރުބާރަށް ފިތައިލަމުންނެވެ. މަޑުމަޑުން ބޭރަށް ނުކުމެލީމެވެ. ކަނޑުން އުނދުހެމުން އައި ފިނިފިނި ވައިރޯޅިތައް ހުރެހެއް ނެތި ގައިގައި ބީހެމުން ދިޔައެވެ. އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކުރިމަތީގައި ހުރި ހުދުކުލައިގެ ދިގު ގޮނޑީގައި އިށީނދެލީމެވެ. އެއާއެކު އުނަގަނޑު މަތިން ހިމުން ރިހުމެއްގެ އަސަރު އިހުސާސްވަމުން ދިޔައެވެ. ބޭނުންވީ ގޮނޑިގައި އޮށޯވެލާށެވެ. ދިގުދެމިލައިގެން އޮށޯވެ ހަމަޖެހިލީމެވެ.
ހިތުގައި އުފެދެމުން ދިޔަ އުދާސްތައް އޮބެމުން ދިޔަ އެވެ. ފިނިފިނި ރޯޅިތަކާއެކު މުޅި މީހާ ތާޒާވަމުން ދިޔަ އެވެ. މަޑުމަޑުން ދެ ލޯ މަރައިލީމެވެ. ބަރުހެލިވެފައިވާ އެސްފިޔަތައް ތަތްވި ކަހަލައެވެ.
ކުއްލިއަކަށް ލޯ ހުޅުވާލެވުނީ މަދިރި ފާޑުގެ ކުދިކުދި ދިރޭ އެއްޗިހި ތަކެއް ގައިގެ އެތަން މިތާ އިށީންނަ ހެން ހީވުމުންނެވެ. ހީވީ ގައިގެ އެތަން މިތަނަށް ތޫނު ކަށިތަކެއް ހަރަމުން ދިޔަހެންނެވެ. ގޮނޑިން ތެދުވެލައި ދެ ފަހަރަކު ބުރަކަށީގައި އަތް ޖައްސައިލީމެވެ. ލުޔެއް ލިބޭ ގޮތެއް ނުވި އެވެ. އުނަގަނޑާ ދިމާއިން އުފެދެމުން ދިޔަ ރިހުން ގަދަވަމުން ދިޔައެވެ. އުނަގަނޑުގައި އަތް ޖައްސައިލެވުނެވެ. މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. އަތްފައި ވަނީ ފިނިވެފަ އެވެ. ކަތުރުކަށިގަނޑު ހުއްޓުމެއް ނެތި ތެޅެމުން ދިޔަ އެވެ. އަހަރެން ހިންދެމި ލެވޭތޯ ބަލައިލީމެވެ. ބުރަކަށި ތެދު ކޮށްލާކަށް ނުކުރުނެވެ. އޭރު އުނަގަނޑު މަތީގައި ހުރި ރިހުން ގަދަވެ ބުރަކަށްޓާ ހަމައަށް ފޯރަނީ އެވެ.
ކޮޓަރިއަށް ވަދެވުނީ ގުދަށް އޮވެގެންނެވެ. ހިތްދެމިލަން ނުކެރުނީ ބުރަކަށްޓާއެކު އުނަގަނޑަށް ތަދުވާ ވަރުންނެވެ. އެނދާ ހަމައަށް ދެވުނީ ކިރިޔާ އެވެ. ދެ ލޮލަށް ފާޑެއްގެ ބާރުތަކެއް އަރަމުން ދިޔަ އެވެ. މޭޒުމަތީގައި އޮތް ބޭސް ކާޑުގައި އަތް ޖައްސާލީމެވެ. ފެންފުޅި ނެގުނު ކަން އެނގުނެވެ. މުޅިތަން އެކުގައި ފުސްވީ އެވެ.
ލޯ ހުޅުވާ ލެވުނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. ކަޅިއަށް ހީވަނީ އެއްޗެއް ހެރިފައި ހުރިހެންނެވެ. ގުޑުވާލަން ވެސް އުނދަގޫވަމުން ދިޔަ އެވެ. އަނެއްކާ ވެސް ލޯ މަރައިލީމެވެ. ދެވަނަ ފަހަރަށް ލޯ ހުޅުވާލީމެވެ. މިފަހަރު ކުރިއަށް ވުރެ ލުއިހެން ހީވި އެވެ. ދެތިން ފަހަރަކު އެގޮތަށް ހަދައިލީމެވެ. އާދައިގެ ހާލަތަށް ބަދަލުވި އެވެ. މަޑުމަޑުން އެނދުން ތެދުވެލީމެވެ. އެނދުން ތެދުވެ ބަލައިލީމެވެ. ކަރަށް ހުރީ ވާން ވެފަ އެވެ. ކަރުގެ ދެ ފަރާތުން ފިތިފައި ހުރިހެން ހީވި އެވެ. ފެންފުޅި ކޮބައިތޯ ބަލައިލީމެވެ. ކަބަޑުމަތީ ފުޅިއެއް ނެތެވެ. މަޑުމަޑުން އެނދުން ތެދުވަން އުޅުނީމެވެ. ފައިގައި އެއްޗެއް ޖެހުމާއެކު ކުރަކި އަޑެއް އިވުނެވެ. ސިހިފައި ބަލައިލެވުނީ ފަޔާ ދިމާއަށެވެ.
އެއީ ފެންފުޅި އެވެ. ފެންފުޅި އޮތީ މުށިގަނޑުމަތީގަ އެވެ. މަތި ވެސް ނުޖަހަ އެވެ. ހަނދާނަށް އައީ ބޭސް ނެގުނު ހަނދާނެވެ. އަހަރެން ބޭނުންވީ ޔަގީން ކޮށްލާށެވެ. ބޭސް ކެވުނު ކަމެވެ. ބޭސް ކާޑު ކޮބައިތޯ ބަލައިލީމެވެ. ކަބަޑުމަތީގައި ބޭސް ކާޑެއް ނެތެވެ. އެނދު ބަލައިލީމެވެ. ފަލަމަސްގަނޑު ދަށުގައި އެއްޗެއް އޮތްހެން ހީވެގެން ބަލައިލީމެވެ. އެއީ ބޭސް ކާޑެވެ. ބޭސްކާޑު ނަގައިބަލައިލީމެވެ. ފުން ނޭވާއެއް ދޫކޮށްލީމެވެ. ބޭސް ކެވުނުކަން އެނގުމުންނެވެ. އުނގަނޑުގައި އަތް ޖައްސާލީމެވެ. އެއްވެސް ތަދެއް ނެތެވެ. ރިހުމެއް ނެތެވެ. ކުރިއެކޭ އެއްފަދައެވެ. ފެންފުޅި ނަގައި ބަލައިލިއިރު ބާކީ ހުރީ މަދު ފެން ފޮދެކެވެ. ބޭނުންވީ ފެން ފޮދު ބޯލާށެވެ. ކޯވަރެއްހާ ފެނުން ހިތްހަމަ ޖައްސާލަން މަޖުބޫރުވީ އެ ނޫން ގޮތެއް ނެތުމުންނެވެ.
އަނެއްކާ ވެސް އެނދަށް އަރާ ހަމަޖެހިލީމެވެ. ފިކުރުތަކުގެ ތެރޭގައި އެތައް އިރެއް ވަންދެން އޮންނަން ޖެހުނެވެ. އަނާގެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އެހެން ކަމަކަށް ފިކުރު ބަދަލު ކޮށްލަނީ އެވެ. އޭނާ މަތީން ހަނދާން ކުރަން ބޭނުން ނުވަނީ އެވެ. އިރުގަނޑެއް ފަހުން އަނެއްކާ ވެސް ލޯ މެރުނެވެ.
ސިހިފައި ހޭލެވުނެވެ. ހީވީ ބުރަކަށްޓަށް އެއްޗެއް އަރާހެން ހީވުމުންނެވެ. ހީވަނީ ބުރަކަށީ އެއްޗެއް ދުވާހެންނެވެ. ހިނިތަކެއް އަރައިގެން ދުވާހެންނެވެ. އެނދުގައި އިށީނދެލީމެވެ. ހިލަމެއް ނުވިއެވެ. އަނެއްކާ ވެސް އޮށޯވެލީމެވެ. އެނދައި ޖެހުނުހެން ހީނުވެއެވެ. ބުރަކަށި ހިރުވާން ފެށިއެވެ. ގައިގެ އެތަން މިތަނުގައި އެއްޗެއް ހިރޭހެން ހީވާން ފެށީ އެވެ. އެނދުން ތެދުވީމެވެ. މަޑުމަޑުން ފާޚާނާއަށް ވަނީމެވެ. ބޭނުން ނުވެ ހުރެގެން ވެސް ގަޔަށް ފެން އެޅީމެވެ. ހޫނު ފެނުން ފެންވަރައިލީމެވެ. އިސާހިތަކު އެ ހިރުވުންތައް އޮބިގެން ދިޔައެވެ. ފެން ހިއްކަލައިގެން އެނދުގައި އޮށޯވެ ގަޑިއަށް ބަލައިލީމެވެ. އޭރު ހެނދުނު ހަ ގަޑި ބައި ވަނީއެވެ.
އަހަރެން ހުރީ މޫދު ކޮޓަރިއެއްގައި ކަން ހަނދާންވީ ދެނެވެ. ބޭނުންވީ އިރުއަރާ މަންޒަރު ބަލައިލާށެވެ. ކުޑަދޮރު ހުޅުވާލީމެވެ. މޫނުގައި ޖެހުނީ ފިނިފިނި ވައިރޯޅިއެކެވެ. ކޮޓަރިއަށް ވަދެގެން ދިޔައީ އިރުގެ ބޭސް އަވިތަކެވެ. ބޭރަށް ނުކުމެ މޯޅިއަކަށް ދެމިލީމެވެ. އިވެމުން ދިޔައީ ބޭރު ދެމީހެއްގެ ހުނުމުގެ އަޑެވެ. އެމީހުންގެ ސަކަރާތުގެ އަޑުތަކެވެ. އަހަންނަށް ވަށައިގެން ހޯދައިލެވުނެވެ. އިންވެގެން ހުރި ކޮޓަރިން އިވޭ އަޑުތަކެއް ކަމަށް ހިތް ބުނެލި އެވެ.
ހުދުކުލައިގެ ގޮނޑީގައި އޮށޯވެލީމެވެ. ދޮންވަމުން ދިޔަ އިރަށް މޫނު ލައިގެންނެވެ. މަޑުމަޑުން ދެ ލޯ މަރައިލީމެވެ. އިވެމުން ދިޔަ ހުނުމުގެ އަޑާއެކު އަނެއްކާ ވެސް ސިފަވަމުން ދިޔައީ އަނާގެ ހަރަކާތްތަކެވެ. އޭނާގެ ފިރުމުން ތަކެވެ. މާމުއިހަނދުގެ އުފާވެރި މަންޒަރުތަކެވެ.
"ރާމިޒަށް ފުދޭނީ ކިހާވަރެއް ކޮށްލެވުނީމަ؟" އަނާ އަހަރެންގެ ކަންފަތް ބުޑުގައި ބުނެލިއެވެ.
އަނާ މަޑުމަޑުން އަހަރެން އޮތް ބިލިގާ ތެރެއަށް ފޭބިއެވެ. އޭނާ ހަމަޖެހިލަމުން އަހަރެންގެ މޭގައި ބޯ އަޅައިލިއެވެ.
"ނުފުދޭނެ. ދުވަހަކު ވެސް ނުފުދޭނެ،" އަހަރެން ބުނެލީމެވެ. "އަނާއަށް ފުދޭތަ؟"
"އަބަދުވެސް ތި ގޮތުގައި ވާނަންތަ؟" އަނާ އަހައިލިއެވެ.
'މުޅި އުމުރަށް." އަޒުމާއެކު އަހަރެން ބުނެލީމެވެ.
"އަނާ؟" އަހަރެން އަނާގެ ނޭފަތުގައި ފޮނުކޮޅެއް ޖައްސާލީމެވެ.
"ރާމިޒު އަހަރެން ދޫކޮށްލަންދެން،" އަނާ ހިނިތުންވެލިއެވެ. "މުޅި އުމުރަށް."
"އަހަރެން މަރުވެއްޖެ ނަމަ ސަންދޯކަށް ވާންޖެހޭނެ އިނގޭ." އަހަރެން ހޭންފެށީމެވެ.
އަނާ އަހަރެންގެ މޫނުގައި ސައިބޯނި ފޮނުތައް އުނގުޅައިލިއެވެ. އަހަރެން ވެސް އަނާގެ މޫނުގައި ފޮނުތައް އުނގުޅައިލީމެވެ. މުޅި ފާޚާނާތެރެއިން އިވެމުން ދިޔައީ އަހަރުމެން ދެމީހުންގެ ހުނުމުގެ އަޑެވެ. ސަކަރާތުގެ އަޑެވެ.
އަހަރުމެންގެ ލޯބި ވައިރޯޅިއެއްހެން ގެއްލިގެން ދިޔައީ އެވެ. ލޯބިވީ ކަމެއް ވެސް، ލޯބިން އުޅުނު ކަމެއް ވެސް ފެންނާކަށް ނެތެވެ. ދަރި އަކު ހުރި ނަމަ އެކަން އިހުސާސް ކުރެވުނީހެވެ. އެ ހަނދާންތައް ދިރިދިރި ހުރީހެވެ. ކުރާނެ ކަމެއް ނެތެވެ. އަހަންނަކަށް އެ ނަސީބެއް ނެތެވެ.ވާހަކަ ނިންމާލުމުގެ ސިފަ ކުރުމެއް
އަހަންނަށް ލޯ ހުޅުވާލެވުނެވެ. އޭރު ފެނުން މައްޗަށް ދެތިން ފޫޓު ހުންނަވަރަށް އިރު އަރައިފިއެވެ. އަނެއްކާ ވެސް ލޯ މަރައިލީމެވެ. މި ފަހަރު ސިފަވާން ފެށީ އަނާގެ މާޔޫސް ވެފައިވާ މޫނެވެ. އިވެމުން ދިޔައީ އޭނާގެ ގިސްލުމުގެ އަޑެވެ.
"ރާމިޒު ބޭނުން ނުވިޔަސް އަހަރެން ބޭނުންވޭ." އަނާގެ ދެ ލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ.
"އަނާ އަހަރެން ބޭނުން ނުވަނީތަ؟" އަހަރެން ވެސް ބުނެލީމެވެ.
"ރާމިޒު އެކަމާ ވިސްނާކަމެއް އަހަންނަކަށް އިހުސާސެއް ނުވޭ،" އަނާ ބުނެލިއެވެ. "މަސައްކަތް ކުރީމަ ކާމިޔާބުވާނެ."
"އަނާ!" އަހަރެން ހިތްހަމަ ނުޖެހުނެވެ.
"ކޮންމެ ދުވަހަކު ވެސް ނިންމާލަން ޖެހޭނީ އަހަންނަށް. ކުށްވެރިވާނީ އަހަރެން." އަނާގެ އަޑު ފަނޑުވަމުން ދިޔައެވެ.
"އަހަރެން އެހެން ބުނިންތަ؟" އަހަރެން ބެލީ އަނާއަށް ވިސްނައިދެވޭތޯއެވެ. "އަނާއަށް ރަނގަޅަށް އެނގޭނެ އަހަރެންގެ ހާލަތު."
"އަހަރެން ނުބުނަށް ރާމިޒު ބަލި ނުވެއެކޭ. އަހަންނަށް އެނގޭ ރަމީޒަކީ މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ކޮށްފަ ހުރި މީހެއްކަން ވެސް. އަހަންނަށް އެނގޭ ރާމިޒަކީ ބަލި މީހެއް ކަން ވެސް،" އަނާއަށް ގިސްލެވެން ފެށިއެވެ. "އަހަރެން މިދައްކަނީ އަހަރެންގެ އުމުރު ވެސް ހުސްވަނީއޭ. އަހަރެން ވެސް އުއްމީދުތަކެއް އެބަހުއްޓޭ."
"ދެން އަހަންނަކަށް ނުވިސްނޭ. އަހަންނަކަށް ނޭނގޭ. އަނާ ބޭނުން ގޮތެއް ހަދާ،" އަހަރެން ކޮޓަރިން ބޭރަށް ނުކުންނަން ހިނގައިގަތީމެވެ. "އަނާގެ ހައްގުތައް ހޯދަން އަނާ މަސައްކަތް ކުރޭ. އަހަންނަކަށް އަނާ ބޭނުންވާ ކަންތައް ކޮށްދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް."
އަނާ ރޯން ފެށިއެވެ. ގިސްލަމުންނެވެ. ބާރުބާރަށެވެ. އަހަންނަށް އެ މަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. އަމިއްލަ ނިކަމެތި ކަމާމެދު ވިސްނައިލަން މަޖުބޫރުވިއެވެ. އަނތްބެއްގެ އިހުސާސްތައް ވަޒަންކޮށްލަން މަޖުބޫރުވިއެވެ. އަހަރެން ވެސް ދަރި އަކު ބޭނުން ވެއެވެ. އުފާވެރި އާއިލާއެއް ބޭނުން ވެއެވެ. އެކަމަކު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟
ކައިވެންޏަށް ދިހަ އަހަރުވީއިރު، އަބަދުވެސް މައްސަލަ ޖެހޭ ހިސާބަކީ މިއީއެވެ. ދަރިއަކު ހޯދުމުގަ އެވެ. އަނާއަށް ނުވިސްނެނީއެއް ނޫނެވެ. އޭނާއަށް ވިސްނެ އެވެ. ހަގީގަތް ވެސް އެނގެ އެވެ. އަހަރެން ސައިކަލަށް އަރައިގެން ދުއްވީމެވެ. މާލެ ވަށައިގެން ދުއްވީމެވެ. ފިކުރުތަކާއި ޚިޔާލުތައް ބޮލުން ނިކުމޭތޯއެވެ. މާލެ ވަށައިގެން ހަތަރުވަރަކަށް ބުރު ޖަހައިލެވުނު އިރު ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނުހެން ހީވި އެވެ.
އުނަގަނޑުމަތި ހީވީ އައްސިވެފައިވާ ހެންނެވެ. އުނަގަނޑުގައި އަތްއަޅައިގެން ހުރެ ކޮޓަރިއަށް ވަނީމެވެ. އެނދު ހުރަހަށް، އޮތްގޮތަށް އަނާ ނިދިފައި އޮތެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. މޫނުގައި އިސްތަށިތައް ތަތްވެފައި ހުއްޓެވެ. ފުން ނަޒަރަކުން އަހަންނަށް ބަލައިލެވުނީ އަނާގެ މޫނަށެވެ. އަވަސްއަވަހަށް ފެންފުޅި ނަގައި ބޭސްކާޑުން ބޭހެއް ނައްޓައިލުމަށް ފަހު ފެނާއެކު ދިރުވާލީމެވެ. އެނދުން ބާލީހެއް ހިފައިގެން ގޮސް ސޯފާގައި އޮށޯވެލީމެވެ. އިސާހިތަކު ނިދުނެވެ.
ހޭލެވުނީ ފޯނު އެލާމްވާ އަޑަށެވެ. ތެދުވެ ބަލައިލީމެވެ. އަނާ ކޮބައިތޯ އެވެ. އަނާއެއް ނުފެނުނެވެ. ފާޚާނާ ބަލައިލީމެވެ. އަނާ ފެނޭތޯ އެވެ. އަނާއެއް ނުފެނުނެވެ. ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް ނޯޓެވެ. އަނާގެ ނޯޓު ކިޔައި ނިމުނު އިރު ދެ ލޮލުން ކަރުނަތައް އޮހިގަތެވެ. އޭނާ ދިޔައީއެވެ. އަހަރެން އެކަނި ކޮށްފަ އެވެ.
އަހަރެންގެ ޝަކުވާއެއް ނެތެވެ. އަހަންނަށް ޓަކައި ދިހަ އަހަރު އަނާ ކެތްކޮށްފި އެވެ. އަހަންނަށް އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސޭކަށް ނެތެވެ. އެ ޔަގީންކަމެއް ނެތެވެ. އަހަންނަށް ސޯފާއަށް ވެއްޓި ގަނެވުނެވެ.
ސިހިފައި ލޯ ހުޅުވާލެވުނީ ހުސައިން ގުޅަން ފެށީމައެވެ. އޭރު ވެސް ސިކުނޑީގައި އެނބުރެމުން ދިޔައީ އަނާގެ ހަނދާންތަކެވެ. މަޑުމަޑުން ތެދުވެލީމެވެ. ހިތުގެ ރިހުން ތަކުން ވެރިވި މާޔޫސްކަމަށް ލުޔެއް ލިބޭތޯ އެވެ. ބޭނުންވީ ވީހާ އަވަހަކަށް މާލެ ދާށެވެ. ހުސައިން ގާތު އެ ވާހަކަ ބުނުމުން އެކަން ހަމަޖައްސައި ދިނެވެ. ލޯންޗުގައި އިން އިރު ވެސް، ވިސްނެމުން ދިޔައީ ދިޔައީ އަހަރެންގެ އެކަނިވެރިކަމެވެ. ނިކަމެތި ކަމެވެ. ދިރިއުޅުމުގައި އެކި މީހުންނަށް ދިމާވާނީ އެކި ކަންކަމެވެ. އެކި ހާލަތެވެ.
"އަހަންނަށް މަޢާފުކުރާތި. އަދިވެސް އަހަރެން ލޯބިވަނީ ރާމިޒު ދެކެ. ރާމިޒަށް ވެސް އެނގޭނެ، ދިރިއުޅުމުގެ ކުލައަކީ ދަރިން. ދިރިއުޅުނު ކަމުގެ ނިޝާނަކީ ވެސް އެއީ. އަހަރެން ބޭނުން ވަނީ އަހަރެން ދުނިޔޭގައި އުޅުނުކަމުގެ ނިޝާނެއް. އަހަރެންގެ ހަނދާން އާ ކުރާނެ ބަޔަކު ތިބުން. ލޯބީގެ ނިޝާނަކީ ވެސް އެއީ. އެހެން ނޫނީ އެ ވެވެނީ ހުސް ލޯތްބެއް. މާނައެއް ނެތް ލޯތްބެއް." އަހަރެންގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އަނާ ކޯޓުން ނުކުތް ދުވަހު ބުނި ޖުމުލައެވެ.
އަނާ އެ ބުނީ ކިހާ ބޮޑު ތެދެއް ހެއްޔެވެ؟ އަހަރުމެންގެ ލޯބި ވައިރޯޅިއެއްހެން ގެއްލިގެން ދިޔައީ އެވެ. ލޯބިވީ ކަމެއް ވެސް، ލޯބިން އުޅުނު ކަމެއް ވެސް ފެންނާކަށް ނެތެވެ. ނަމަވެސް، ދަރި އަކު ހުރި ނަމަ އެކަން އިހުސާސް ކުރެވުނީހެވެ. އެ ހަނދާންތައް ދިރިދިރި ހުރީހެވެ. ކުރާނެ ކަމެއް ނެތެވެ. އަހަންނަކަށް އެ ނަސީބެއް ނެތެވެ. އަހަންނަކީ އެކަމުން މަހުރޫމު ވެފައިވާ ނިކަމެއްޗަކީމެވެ. އަހަރެންގެ އަމާޒެއް ވެސް ނެތެވެ. ލަނޑުދަނޑިއެއް ވެސް ނެތެވެ. އަނާދެކެ އަހަންނަށް ވެވުނީ ވެސް ހުސް ލޯތްބެކެވެ. މާނައެއް ނެތް ލޯތްބެކެވެ. އެކަން އޭނާ އަންގައިދީފި އެވެ.
ޚިޔާލުތަކުގައި އިންދާ ލޯންޗު ފާލަމާ ކައިރިކޮށްލިއެވެ. ކޮނޑުގައި ދަބަސް އެލުވާލައިގެން އަހަރެން އެއްގަމަށް ފޭބީމެވެ. މާލެ އެރުމާއެކު އެ ހިޔާލުތަކުން ސަލާމަތް ވެވުނެވެ. ބޮލުގައި ހުރި ރިހުންތައް ފިލައިގެން ދިޔައެވެ. ގަޔަށް ހެރެމުންދިޔަ ކަށިތަކުގެ އަސަރު ނެތުނެވެ. (ނިމުނީ)