ހަށިފުރާ ނޭވާއެއް ބޭރުކޮށްލެވުނެވެ. ބަލަން ނުބަލަން ހުރެ ފަހަތް ބަލައިލީމެވެ. އެއީ އޭނާއެވެ. ހަމަ އެ މޫނެވެ. ހިއްލާލެވި، ތަރުތީބުކޮށްލައިފައިވާ އިސްތަށިގަނޑެވެ. ހިމަ ދިގު އެ ދަތްދޮޅިއެވެ. ހިމަތޮޅި ނޭފަތެވެ. ބާޒުގެ ދެ ލޮލެވެ. ކުރިއެކޭ ތަފާތެއް ނެތެވެ. އެ އިސްކޮޅާއި ރޫފައެވެ. ފަތިހަށި ފުޅާ ބައިމައްޗެވެ. ދެ ލޯ މަރައިލެވުނެވެ. އެ ސޫރައަށް ބަލަން ކެތް ނުވާތީއެވެ. ހިތާހިތާ ދުޢާކޮށް ލެވުނެވެ. މަންޒަރުން އޭނާ ގެއްލޭތޯއެވެ. ވައިރޯޅިއެއް އައިސް އޭނާ ގެންދޭތޯއެވެ.
އިރުކޮޅެއް ފަހުން ލޯ ހުޅުވާލީމެވެ. މޭގައި އަތް އަޅައިލެވުނެވެ. ވަށައިގެން ހޯދާލެވުނެވެ. ނަމަވެސް، ވިސްނުންތައްވީ ބޭކާރެވެ. އެއްވެސް ކަމެއް ބަދަލެއް ނުވިއެވެ. މަންޒަރުން އެ ސޫރަ ގެއްލޭ ގޮތެއް ނުވިއެވެ. ހުވަފެނަކަށް ވޭތޯ ކުރެވުނުހާ ދުޢާއެއްވީ ބިލާހަކަށެވެ. ފަހަތަށް އެނބުރިލީމެވެ. ވައި ޖެހެމުން ދިޔަ ދިމާއަށް މޫނު ދިއްކޮށްލީމެވެ. ލަސްލަހުން ދެ ލޯ މަރައިލީމެވެ. ހިތްބުނަނީ ނިދިފައި އޮތްކަމަށް ގަބޫލުކުރާށެވެ. ބޭނުންވީ ނިދިން ހޭލާށެވެ. ހުވަފެނީ އާލަމުން ނުކުންނާށެވެ. އެކަން ވެއްޖެއެވެ. ހޭލައިފީމެވެ. ދެ ލޯ ހުޅުވާލައިފީމެވެ. ސިކުނޑި ހޭލައްވާފީމެވެ. ފަސްއެނބުރި ބަލައިލީމެވެ. ނަމަވެސް، އެއްވެސް ކަމެއް ބަދަލެއް ނުވިއެވެ. އޭނާ އެ ހުރި ގޮތަށް ހުރީއެވެ. ހިނިތުންވެލައިގެންނެވެ. އަހަންނާ ދިމާއަށް ބަލާށެވެ.
މިއީ ކިހާބޮޑު އިއްތިފާގެއް ހެއްޔެވެ؟ ކުރެވުނީ ކިހާބޮޑު ކުށްހީއެއް ހެއްޔެވެ؟ ހަގީގަތް މި ހުރީ ދެ ލޯ ކުރިމަތީގަ އެވެ. އެހުރީ ފެންނާށެވެ. ރަށުގެ ފަސްގަނޑުގައި ފައި ޖެހިލި އިރަށް އެންމެ ފުރަތަމަ ވެސް މި ފެނުނީ އޭނާގެ ސޫރައެވެ. ބަލަން މި ޖެހުނީ އޭނާގެ މޫނަށެވެ. މިއީ ތަގުދީރުގެ ރޭވުން ހެއްޔެވެ؟ ނޫނީ ތަގުދީރު ކުރަހައިދޭ ޚިޔާލީ މަންޒަރެއް ހެއްޔެވެ؟ ނޫނީ އަހަންނަށް ފެންނަ އަވާމެންދުރެއް ހެއްޔެވެ؟
އަހަރެން ރަށަށް މި އައީ ހަތް އަހަރު ފަހުންނެވެ. ހަތް އަހަރަކީ އޭގެ ޒާތުގައި ކުރު މުއްދަތެއް ނޫނެވެ. އަހަންނަށް އެއީ ދެ ދުވަސްހެން ހީވިޔަސް އެއީ ލައްކަ ދުވަހެވެ. ތަމުރީނުތަކުގައި އުޅުމުން އަހަންނަށް ދުވަސްތަކާއި މަސްތައް ގުނާނެހާ ވަގުތު ނުވިޔަސް އިންތިޒާރެއް ކުރާ މީހަކަށް އެއީ ދިގު އިންތިޒާރަކަށް ވާނެއެވެ. ފަޅި ސިކުންތު ވެސް ބައިގަރުނަށް ވުރެ ދިގުވާނެއެވެ.
"ހިބާ! ކިހިނެއްތަ؟" ފިރިހެނެއްގެ އަޑު ޖެހުމުން އަހަންނަށް ބަލައިލެވުނެވެ.
އެއީ ޒިދާނެވެ. ޒިދާނުގެ އަޑަކީ އެއް އިރެއްގައި އަހަންނަށް އެންމެ ގިނައިން އިވުނު އަޑެވެ. އެ އަޑު އަހަންނަށް އޮޅުވައެއް ނުލެވޭނެއެވެ. ޒިދާނުގެ އަޑު ޖެހުމުން ފާޑެއްގެ ތުރުތުރެއް އަޅަންފެށިއެވެ. ހިތުގައި ރައްކާކުރެވިފައި ހުރި ހަނދާންތަކުގެ މަކާނުން އެ ހަނދާންތައް ނުކުންނަށް ފެށި ކަހަލައެވެ.
"ހިނގާ! އަހަރެން ގެއަށް ޑުރޮޕްކޮށްލަދޭ ނަމޭ،" އަނގައިން ނުބުނެވި އުޅެނިކޮށް އަނެއްކާ ވެސް ޒިދާން ބުނެލިއެވެ. "ތިހާ ބަރު ދަބަހެއް ކޮނޑުގައި އަޅުވައިގެން ދާކަށް ނުވާނެ."
ބަދަލުގައި އަހަންނަށް ހިނިތުންވެލާނެހާ ހިތްވަރު ވެސް ނުލިބުނެވެ. ޒިދާނުގެ މޫނަށް ބަލައިލާން ވެސް ނުކެރުނެވެ. އެހެންވެ އިސްޖަހައިލައިގެން ކުރިއަށް ދެތިން ފިޔަވަޅު އަޅައިލީމެވެ. ޒިދާނާ ވާހަކަދައްކާ ހިތް ނުވާތީއެއް ނޫނެވެ. އޭނާގެ ރީތި މޫނަށް ބަލަން ބޭނުން ނުވާތީއެއް ނޫނެވެ. އަހަރެންގެ ހިތްބުނާ ވާހަކަތަކެއްގެ ސަބަބުންނެވެ. ޒިދާނު އެއީ މިހާރު އެހެން މީހެއްގެ މިލްކަކަށް ވާނެތީއެވެ. އިރެއްގައި އެއް ހިޔަނިހެން އުޅެވުނަސް މިހާރު އެއީ މާޒީއެވެ.
ޒިދާން ފެންނަ އިރަށް އަހަންނަށް މިވާން ފެށީ ކޮން ގޮތެއް ހެއްޔެވެ؟ ހިތަށް ވެރި މިވަނީ ކޮން ކަހަލަ އިހުސާސްތަކެއް ހެއްޔެވެ؟ ހިތުގެ ތެޅުން އިތުރުވެ މޭގެ ވިންދު އަވަސްވަނީ ކީއްވެ ހެއްޔެވެ؟ ދެ ތުންފަތް ތުރުތުރުއަޅައި، މީހާގެ ގައިން ހީބިހި މި ނަގަނީ ކީއްވެބާއެވެ؟ އާއެކެވެ. މިކަހަލަ އިހުސާސްކުރެވޭނީ އެންމެ ސަބަބަކާ ހެދިއެވެ. ސުބުހާނަﷲ އެވެ. އެކަން އަހަންނަށް ވަނީ ހެއްޔެވެ؟ ނޫނެކެވެ. އެހެން ގަބޫލުކުރާ ހިތެއް ނުވެއެވެ. އެގޮތަށް ވިސްނާކަށް ވެސް ބޭނުމެއް ނޫނެވެ. އެއީ ވާނެ ގޮތެއް ވެސް ނޫނެވެ. ގޮތް ނޭނގޭ ގޮތްގޮތަށް އަހަންނަށް އެކި ގޮތްތައް މިވަނީ މިހެންވީމަބާވައެވެ؟ ހިތުގައި ކުރެހޭ މަންޒަރާ ދުރަށްދާން އުޅޭތީ ހެއްޔެވެ؟
އަހަރެން ހީކުރީ ޒިދާން އަހަރެންގެ ފަހަތުން އަންނާނެ ކަމަށެވެ. އަހަރެންގެ ހިޔަނީގައި އޭނާ ބޮސްދޭނެ ކަމަށެވެ. އޭނާގެ މީރު ވަސް އަހަންނަށް ދުވާ ހިސާބުގައި ހުންނާނެ ކަމަށެވެ. ދެތިން ފިޔަވަޅު އެޅުމަށްފަހު އަހަންނަށް ހުއްޓިލެވުނެވެ. ހިތަށް އެރީ ފަހަތް ބަލައިލުމަށެވެ. ދެވަނަ ސިކުންތުގައި އެ ޚިޔާލު ބަދަލުވިއެވެ. ދައުވަތެއް ނުލިބެނީސް ދައުވަތެއް ދެވިދާނެ ކަމަށް ވިސްނުނީމައެވެ. އެކަމާ ފިކުރު ކުރެވެން ފެށުނެވެ.
ހިތުގެ ތެޅުމާ އެއްވަރަށް ފިޔަވަޅު އަޅަމުން ކުރިއަށް ހިނގުނެވެ. ކޮންމެ ފިޔަވަޅެއް ވަނީ ބޮލަށް އިތުރުވާ ބުރައަކަށެވެ. ކުށްލިއަކަށް ޚިޔާލު ބަދަލުވިއެވެ. ޒިދާނު ހުރިތޯ ބަލައިލަން ހިތް ބުނެލިއެވެ. ބޭއިހުތިޔާރުގައި އަހަންނަށް ފަހަތް ބަލައިލެވުނެވެ. އޭރުވެސް ޒިދާން ބަލަހައްޓައިގެން ހުއްޓެވެ. ސީދާ އަހަންނާ ދިމާއަށެވެ. އެހައި ދުރުން އެ މޫނު ފެންނަ އިރު ވެސް އޭނާގެ ހިނިތުންވުން ފާޅުވާން ހުއްޓެވެ. އަހަންނަށް ވެސް ލުއި ގޮތަކަށް ހިނިތުންވެވުނެވެ. ސިކުނޑިއަށް ގިނަވެފައި ހުރި ބައެއް ޚިޔާލުތަކާ މެދު ސުވާލުގެ ނަޒަރުން ވިސްނައިލަން މަޖުބޫރުވި އެވެ.
އެ ހިޔާލުތަކުގައި ހުއްޓާ ގެއާ ހަމައަށް އާދެވުނެވެ. ދޮރާށިން އެތެރެއަށް ވަދެ ވަށައިގެން ބަލައިލެވުނެވެ. ހީކުރިފަދަ މަންޒަރެއް ނުފެނުނެވެ. އަނެއްކާ ވެސް ވިސްނާން މަޖުބޫރުވީއެވެ. މަންމަމެން ކޮބައި ހެއްޔެވެ؟ ތުއްތަމެން ކޮބައި ހެއްޔެވެ؟ ދޮންތަ ކޮބައި ހެއްޔެވެ؟ ހަތް އަހަރު ފަހުން ގެއަށް އައިސް ވަނުމުން ވެސް މަރުހަބާ މި ކީ ހިމޭންކަމެވެ. ފަޅުކަމެވެ. އަނެއްކާ ކަމެއް ދަމެއް ގޯސްވީބާވައެވެ؟ ބޮޑު ކަމެއް ހިނގީ ހެއްޔެވެ؟ ބަނދަރު މައްޗަށް ނުދެވުނުތާ ގޭގައި ވެސް މީހަކު ނެތީ ކީއްވެ ހެއްޔެވެ؟ ރަށު ފަސްގަނޑުގައި ފައިޖެހުމާއެކު ޚިޔާލުތައް ގިނަވެ ތާޒާކަން ގެއްލޭ ގޮތަށް ކަންތައް މިވަނީ ކީއްވެ ހެއްޔެވެ؟ އެންމެ ފުރަތަމަ ޒިދާނެވެ. ދެން މި ހިމޭންކަމެވެ. މި ފަޅުކަމެވެ. ފާޑަކަށް ފޫހިވާ ގޮތްވާން ފެށިއެވެ. މޫނުމަތީގައި ހުރި އުފާވެރިކަން ބަދަލުވެ މާޔޫސްވާ ގޮތްވާން ފެށިއެވެ.
ގޭތެރެއަށް ވަދެ ދެކޮޅަށް ބަލައިލީމެވެ. ފެނުނީ ހިމޭން ކަމެވެ. މީހެއްގެ ހިލަމެއް ނުވިއެވެ. ބަދިގެއާ ދިމާއަށް ބޯ ދިއްކޮށްލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހިތު ވިންދު އަވަސްވެ މޭގެ ތެޅުން އިތުރުވާން ފެށިއެވެ. ހިތުގައި ވިއްސިވިހާލިވަމުން ދިޔަ ޚިޔާލުތައް އެއްގޮތް ކޮށްލެވޭތޯ ބެލީމެވެ. ކޮޓަރިއަށް ވަދެ އަލިކޮށްލީމެވެ. އެއްވެސް އާކަމެއް ނެތެވެ. ހަތްއަހަރު ކުރިން ވެސް ހުރި ފަރުނީޗަރެވެ. ހަމަ އެ ފާރުތަކެވެ. އެ މުށިތަކެވެ. ތަފާތަކީ އެނދުގައި އޮތް މިލަފޭއްޔެވެ. ބާލީހު އުރައެވެ.
އަހަންނަށް އެތެރެއަށް ނޭވާ ހިފަހައްޓައިލެވުނެވެ. ދުވީ މީރު ވަހެކެވެ. ހުރީ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެ ހިތްގައިމު ވަހާއި ކޮޓަރީގައި ހުރި ހެޔޮވަރު ފިނިކަމުން އަހަންނަށް ކުރެވުނު މާނައަކީ އިންތިޒާރުގައި ބަޔަކު ތިބިކަމެވެ. ކޮނޑުގައި އޮތް ދަބަސް މުށިގަނޑު މަތީގައި ބެހެއްޓީމެވެ. މަޑުމަޑުން އެނދުމަތީގައި އިށީނދެލައި ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ބޭނުންވީ ތާޒާވެލާށެވެ. ދާހިއްލާ ފޯވެފައި ހުރުމުންނެވެ. ދަބަހުގައި ހުރި ސާމާނު ނަގައި އެނދުމައްޗަށް އަޅައިލީމެވެ. ރީތިވާ ސާމާނުތައް އަތަށް އަޅައިލަމުން ކޮޅަށް ތެދުވެލީމެވެ.
ކުއްލިއަކަށް ހުއްޓެން މަޖުބޫރުވިއެވެ. ލޮލުގައި އަޅައިގަތީ ރީތިވާ މޭޒު މަތީގައި އޮތް އޮރެންޖު ރަތްކުލައި ނައިބޮއްޔެވެ. އެ ބޮލި އެތަނުގައި އޮންނަންވީ ކީއްވެ ހެއްޔެވެ؟ އަތުގައި ހުރި ސާމާނުތައް މޭޒުމަތީގައި ބަހައްޓައިލެވުނެވެ. ނައިބޮލި ނަގައި އެއަށް ބަލައިލެވުނެވެ. ޚިޔާލުތައް އުދުހިގަތެވެ. އެ މަންޒަރުތައް ސިފަވާން ފެށިއެވެ.
"ހިތަކީ މިކަހަލަ އެއްޗެއް ނަމަ ދޯ!" ނައިބޮލީގައި ޝަހާދަތް އިނގިލި ޖައްސާލަމުން ޒިދާނު ބުނެލިއެވެ.
"މާނައަކީ ހަރު އެއްޗެއް ނަމައޭތަ؟" އަވިއައިނު ބޮލަށް ހެޔޮ ކޮށްލަމުން އަހަރެން ފާޑަކަށް ހީނލީމެވެ.
"ހަރުވިޔަސް، ހިލަވިޔަސް، މަޑުވިޔަސް." ޒިދާން ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
"މީހުން ބުނަނީ ހިތަކީ ވަރަށް ނާޒުކު އެއްޗެކޭ." ދިމާކުރުމުގެ ރާގުގައި އަހަރެން ބުނެލީމެވެ.
"އެހެންނޭ މި ބުނީ." ޒިދާނު އެއްބައިވެލިއެވެ.
"ތި ނާޒުކު އެއްޗެއްތަ؟" ވިސްނައިލުމެއް ނެތި އަހަރެން ބުނެލީމެވެ.
"އާދެބަލަ،" ޒިދާން އަހަރެންގެ އަތުގައި ހިފިއެވެ. "ލޯ މަރައިލަބަލަ."
"ކީއްކުރަން؟" ޒިދާންގެ މޫނަށް ބަލައިލަމުން ލޮލަށް ގޮތެއް ހަދައިލީމެވެ.
ޒިދާން ހިފީ އަހަރެންގެ އަތުގައެވެ. އޭނާ މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ.
"ލޯ ނުހުޅުވާތި. އަހަންނާއެކު ދިޔަރެސް މަތީ މިތާ މަޑުކޮށްލަބަލަ. އަހަރެންގެ ފައިތިލަ މައްޗަށް އަރައިލަބަލަ."
އަހަރެން އަތުގައި ހިފައިގެން އޭނާ ދިޔައީ ދިޔަރެސް މައްޗަށެވެ. ފައިގައި ކުދިކުދި ރާޅުތައް ބޮސްދެމުން ދިޔައެވެ. ޖެހެމުން ދިޔަ މަޑުމޮޅި ހިމޭން ވައިރޯޅިތައް މޫނުގައި ފިރުމަމުން ދިޔައެވެ. ޒިދާނުގެ ފައިތިލައަށް އެރީމެވެ. ޒިދާން އަހަރެންގެ ބުރަކަށީގައި ހިފަހައްޓައިލިއެވެ.
"ދެން އަތް ހުޅުވާލަބަލަ." ޒިދާން ބުނެލިއެވެ.
އަހަރެންގެ ކަނާއަތް ހުޅުވާލީމެވެ. ޒިދާންގެ އަތްމަތީގައި އަހަރެންގެ އަތް ބާއްވާލިއެވެ.
"މިއީ އަހަރެންގެ ހިތް. ވަރަށް ލޯބިން މި ހިތް މި ދިނީ މުޅި އުމުރަށް. މަށާ އިންނަން ކެރޭނެތަ؟" ޒިދާން ވައި އަޑުން ބުނެލިއެވެ.
އަހަންނަށް ތެޅި ގަނެވުނެވެ. ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. އަތުގައި އޮތް ނައިބޮލި ވެއްޓުނެވެ. ބޮލި ވެއްޓި ގަލެއްގައި ޖެހުނެވެ. ޖެހުނު ގޮތުން ބޮލިން ތަންކޮޅެއް ނެއްޓުނެވެ. ޒިދާނާ ދުރަށް ޖެހިލެވުނެވެ. އެއްގަމަށް ދުއްވާ ގަނެވުނެވެ.
މަޑުމަޑުން ލޯ ހުޅުވާލީމެވެ. އަތުގައި އޮތް ބޮއްޔަށް ބަލައިލީމެވެ. އެއީ ހަމަ އެ ނައިބޮއްޔެވެ. ބޮލީގައި އިނގިލިން ފިރުމައިލީމެވެ. ފުންކޮށް ބަލައިލީމެވެ. ހަލާކުވި ތަންކޮޅު އޮތީ ބޮއްޔާ ގުޅުވާލައިފައެވެ. ކޮންމެވެސް ވަރަކަށް ރެނދެއް ފާހަގަވެއެވެ.
އަނެއްކާ ވެސް ވިސްނައިލެވުނެވެ. އެރޭގެ ހާދިސާއަށެވެ. ޒިދާނަށް އަހަންނަށް ދެވުނު ޖަވާބާ މެދުގައެވެ. ޒިދާނުގެ ހުށަހެޅުމަށް ފުރަގަސްދޭން ޖެހުނު ސަބަބާ މެދުގައެވެ. ހީވީ އެ މަންޒަރު ވެސް ސިފަވިހެންނެވެ.
"އަހަރެން ބުނީމެއްނު، އަހަންނަށް ޖަވާބެއް ދެވޭނީ މަންމަ ގާތު އަހާފައޭ،" އަހަރެން ލަސްލަހުން ބުނެލީމެވެ. "އަހަރެންގެ ހަޔާތަށް އެންމެ ފުރަތަމަ އައީ މަންމަ. މަންމަގެ ނުރުހުމުގައި މަންމަގެ ހިތުގައި ޖައްސާފައި އަހަރެން އެއްވެސް ކަމެއް ނުކުރާނަން. އިންޝާﷲ ދުވަހަކު ވެސް ނުކުރާނަން."
"މަންމަ ކީކޭ ބުނީ؟" ޒިދާނުގެ އަޑު ފޯނުން އިވެމުން ދިޔައިރު ވެސް އެ އަޑުގައި ހުރި އިހުސާސްތައް އަހަންނަށް ވަޒަންކުރެވުނެވެ.
"ނޫނެކޭ." ކުރު ޖަވާބަކުން އަހަރެން ނިންމާލެވޭތޯ ބެލީމެވެ.
"ހިބާ!" ޒިދާނު އަސަރާއެކު ބުނެލިއެވެ. "ހިބާގެ ދިރިއުޅުމަށް ގެންނާނެ މީހަކާ، ހިބާގެ ދިރިއުޅުން ބިނާކުރާނެ ގޮތެއް ރާވާނީ ހިބާއެއް ނޫންތަ؟ ހިބާގެ ހަޔާތުގެ ތަސްވީރުގައި ކުލަ ޖެއްސުމުގެ ބާރު ވެސް ހިބާއަށް ނޯންނަނީތަ؟"
"އަހަރެން ހަޔާތުގެ ތަސްވީރުގައި އެންމެ މުހިއްމު އެކަކީ އަހަރެންގެ މަންމަ. މަންމަގެ ހިތުގައި ޖައްސާފަ، މަންމަ ރޮއްވާފަ، ކިތައްމެ ދުރަކަށް ވެސް އަހަންނަށް ދެވިދާނެ، ކިތަންމެ މައްޗަކަށް ވެސް އުދުހެވިދާނެ. އެކަމަކު އެ މަންމަގެ ހިތުގައި އަހަންނާ މެދު އުފެދޭ ނަފުރަތުން ނޫނީ ނުތަނަވަސްކަމުން އަހަރެންގެ ހަޔާތަށް އެކަމުގެ ހިޔަނި އެޅިއްޖެ ނަމަ..." އަހަރެން ވެސް ބެލީ ޒިދާންގެ ބަސްމަގު ބޭނުންކޮށްގެން އޭނާއަށް ވިސްނައިދެވޭތޯއެވެ.
ޒިދާން ބަހެއް ނުބުނެ ހަނުހުރީއެވެ. އަހަންނަށް ވެސް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ލޮލުން އޮހިގަތް ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުންނެވެ. އެކަން ވާހަކަދެއްކުމުން ނުދައްކަން ވަރަށް މަސައްކަތް ކުރީމެވެ.
"ޒިދާން ބޭނުންތަ އަހަންނަކީ ގާތިލެއްގެ ގޮތުގައި ބަލައިގަންނަން؟" އަހަންނަށް ގިސްލެވޭ ގޮތްވިއެވެ.
"ތިބުނީ؟" ޒިދާން ސުވާލުކޮށްލިއެވެ.
"އާނ! އަހަރެންގެ މަންމައަކީ ހިތުގެ ބަލި ހުންނަ މީހެއް. މަންމަ ހިތުގައި ޖެހޭ ފަދަ ކަމެއް ނުކުރުމަށް. ޑޮކުޓަރުން އޮތީ އަންގައިފަ. އަހަރުމެންގެ ހުރިހާ ކަމެއް ތަރުތީބު މި ކުރަނީ މަންމައަށް. އަހަރުމެންގެ ދިރިއުޅުމުގެ ނާރެހަކީ މަންމަ. މަންމަ ހިތުގައި ނުޖައްސުން. މަންމަ ދެރަވާނެ ފަދަ ގޮތަކަށް ކަންކަން ނުކޮކުރުން." އަހަރެން އޮޅުން ފިލުވާދިނީމެވެ.
"މާނައަކީ މަންމަ ގަބޫލު ނަމަ އާނއެކޭތަ؟" ޒިދާން އެއް ނޭވާއިން އަމުނައިލިއެވެ.
"އެންމެ ފުރަތަމަ އޮތީ އެކަން." އަހަރެން ކުރު ޖަވާބަކުން ނިންމާލީމެވެ.
"ހަމަ އެންމެ ސުވާލެއް. އަހަރެން އޮތީ." ޒިދާން ލަސްލަހުން އަހައިލިއެވެ.
"އެ ސުވާލަށް ދެވެން އޮތީ ހަމަ އެންމެ ޖަވާބެއް. މަންމަ." ޒިދާން ކުރަން އުޅުނު ސުވާލު އެނގުމުން އަހަރެން ޖަވާބު ދިނީމެވެ.
އެ ދުވަހަށް ފަހު ޒިދާނާ ވާހަކަދެއްކުން ހުއްޓައިލީމެވެ. އޭނާގެ ކޯލުތަކާއި މެސެޖުތަކަށް ޖަވާބުދިނުން ވެސް ހުއްޓައިލީމެވެ. ނަމަވެސް، އޭނާގެ ހުރިހާ މެސުޖުތަކެއް އަހަރެން ކިޔަމެވެ. އެއާ މެދު ފިކުރު ކުރަމެވެ. ވިސްނަމެވެ. ކޮންމެ މެސެޖެއް އެތައް ފަހަރަކު ކިޔަމެވެ. ތަކުރާރުކޮށް ކިޔަމެވެ. އަހަރެންގެ ޑައިރީގައި އެ އަކުރުތައް ފަވަމެވެ. ލަފުޒުތައް ވަކިވަކިން ގުނަމެވެ. އެއިން ކޮންމެ ލަފުޒަށް ދޭނެ ޖަވާބު ލިޔަމެވެ. ނަމަވެސް ފޮނުވާލާނެހާ ހިތްވަރު ނުލިބެނީއެވެ. ކޮންމެ މެސެޖަކަށް ފަހު އަހަންނަން ރޯން މަޖުބޫރުވެއެވެ. ގިސްލައި ރޮމެވެ. އަޑުން އަޑުނަގާ ރޮމެވެ.
އެކަން ބައްޔަކަށް ބަދަލުވާ ވަރުވިއެވެ. ކެއުމާއި ބުއިން މަތިން ފޫހިވާ ގޮތްވިއެވެ. އަބަދުވެސް ނެގިމަޑު ވެފައި އިނދެވޭ ގޮތްވާން ފެށިއެވެ. ޒިދާންގެ ނަންބަރު އެންމެ ފަހުން ބްލޮކް ކޮށްލީމެވެ. މަގުމަތިން ޒިދާން ފެނުނަސް އަހަންނަށް ފާޑުފާޑުގެ އުނދަގޫ ވާން ފެށިއެވެ. ނޭވާ ހާސްވެ މޭތެޅޭ ގޮތްވުމެވެ. އަތްފައި ފިނިވެ ދާ ހިއްލާން ފެށުމެވެ. އެންމެ ފަހުން ޑޮކުޓަރާ ހަމައަށް ދާން މަޖުބޫރުވިއެވެ.
"ހިބާ! ހިތުގެ ތަސްވީރާ އަމަލާ ނުގުޅުވާ ދިރިއުޅުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެ،" ނަފުސާނީ ބަލިތަކަށް ހާއްސަ ޑޮކުޓަރު ޒުމައިރާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. "އޮތީ އެއްގޮތް، އެ ހިޔާލުތަކުން ދުރުވުން. އެކަން ކުރެވޭނީ އެއަށްވުރެ ބޮޑުކަމެއް ބޮލަށް ލެވުމުން."
"މާނައަކީ؟" އަހަންނަށް ބަލައިލެވުނީ ޑޮކުޓަރުގެ މޫނަށެވެ.
"ބިޒީވުން. ދިރިއުޅުން ބިޒީކުރުން." ޑޮކުޓަރު ލަފާދިނެވެ.
އެ ލަފާ އަހަންނަށްވީ ވަރަށް މުހިއްމު ލަފައަކަށެވެ. ބޭނުންތެރި ހިޔާލަކަށެވެ. އަހަރެން ހިނގަން ފެށީ ޑޮކުޓަރު އަޅައިދިން ފޮޅުވަތް މަތީގައެވެ. މުޅި މީހާއެކުގައި ބަދަލުވީމެވެ. ވިސްނުމާއި ފިކުރެވެ. ވިސްނާ ގޮތެވެ. މާލެ ބަދަލުވެ ވަޒީފާއަކަށް ވަނީމެވެ. ވަޒީފާއަށް ވަން ގޮތަށް ތަމުރީނުތައް ފުރިހަމަ ކުރަން ފުރާން ޖެހުނެވެ. އެއް ތަމުރީނު ނިމޭ އިރަށް އަނެއް ތަމުރީނު ބޯމަތިވެއެވެ. އެގޮތް ބޭނުން ވެސް ވީމައެވެ. އެގޮތުގައި އަހަރުތައް ދިޔަ ގޮތް ވެސް ނޭނގުނެވެ.
ހިޔާލުތަކުގައި ހުއްޓާ ކޮޓަރީގެ ދޮރުގައި ދެތިން ފަހަރަކު ޖަހައިލިއެވެ. އަހަންނަށް ބަލައިލެވުނީ ކުރިމަތިން ފެންނަން ހުރި އަމިއްލަ ސޫރައަށެވެ. ލޯގަނޑަށެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ދެ އަތުން ފޮހެލީމެވެ. ދެ އަތުން މޫނު ފޮހެލީމެވެ. އިސްތަށިގަނޑު އަތަށް އޮޅައިލަމުން ހުޅިއެއް ޖަހައިލީމެވެ. ނިތްމައްޗަށް ވެއްޓުނު އިސްތަށި ކޮޅު ނަގައި ކަންފަތުގައި އަޅުވާލީމެވެ. އަނެއްކާ ވެސް ދޮރުގައި ޖަހައިލިއެވެ.
މަޑުމަޑުން ދޮރު ހުޅުވާލީމެވެ. އިވުނީ ބާރު އަޑުފަށްގަނޑެކެވެ. ޕާޓީ ޕޮޕެއް ކަހަލަ އެއްޗެއް ގޮއްވާލުމުން އިވޭ ޒާތުގެ އަޑެކެވެ. އެއާއެކު މަތިން އޮހިގަތީ ކުލަކުލައިގެ ކަރުދާސްތަކެކެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެކަހަލަ ކަމަކަށް ތައްޔާރު ނުވެ ހުއްޓާ ކުއްލިއަކަށް އެފަދަ އަޑެއް އިވުމުންނެވެ. ބޮލާއި މޫނަށް އެޅުމުން ދިޔަ ކަރުދާސްތައް ފޮހެމުން ބަލައިލެވުނީ ވަށައިގެންވާ މީހުންގެ މޫނަށެވެ. ތިއްތައެވެ. ދޮންތައެވެ. ދޮންތަބެއެވެ. ކުޑާއެވެ. ކުޑާއްތަބެއެވެ. ކޮއްކޮމެންނެވެ. މަންމައެވެ. މަންމަގެ މޫނުމަތިން ފެންނަނީ އާދަޔާ ހިލާފު އުފާވެރިކަމެކެވެ. އެންމެން ތިބީ ދަތްތައް ސޭލު އަޅުވާގެންނެވެ. މަންމަ އެއްފަރާތަކަށް ޖެހިލިއެވެ. މަންމަގެ ފުރަގަހުގައި ހުރީ ފިރިހެނެކެވެ. އޭނާ ހުރީ ފުރަގަސްދީގެންނެވެ. އަތް އޮތީ ފުރަގަހުގައެވެ. އަތުގައި އޮތީ ރަތްކުލައިގެ ފިނިފެން މަލެކެވެ. އަހަރެންގެ މޭ ތެޅި ގަތެވެ. އެންމެން ވެގެން އަހަންނަށް ސަޕްރައިޒެއް ދެނީއޭ ހިތްބުނެލިއެވެ. ކުއްލިއަކަށް ހިތްތެޅިގަނެ މޭ ރޫރޫ އަޅައިލިއެވެ. ރޭގައި މަންމަ ބުނެލި ޖުމުލައެއް ހަނދާނުގައި އުދުހިގަތެވެ.
"ހިބާއަށް އެކަން ކުރާނެ ވަގުތު ނުވީމަ މަންމަ އެކަން ނިންމައިފިން. ރަށަށް އައީމަ އެންމެ ފުރަތަމަ ދޭނީ އެ ހަދިޔާ. އެއީ މަންމަ ވަރަށް ލޯބިން ދޭ ހަދިޔާއެއް. އިބާ ވެސް އެ ހަދިޔާއާ ހަވާލުވާންވާނީ ވަރަށް ލޯބިން."
އަހަރެން ލޮލަށް ކަރުނަތައް ގިނަވާން ފެށިއެވެ. މަންމަ ދޭ ހަދިޔާއަކީ އެއީއޭ ހިތްބުނެލިއެވެ. އެކަމަކު އެއީ ކާކު ހެއްޔެވެ؟ އެއީ ކޮންމެ ފަދަ މީހަކަށް ވެސް ވެދާނެއެވެ. އޭނާ އަހަރެން ދެކެ ލޯބިވާނެ ބާވައެވެ. އަހަންނަށް އޭނާ ދެކެ ލޯބި ވެވިދާނެ ބާވައެވެ. ހިޔާލުތަކުގައި ހުއްޓާ އެމީހާ އެނބުރިލިއެވެ. އެންމެން އެކުގައި ބާރަށް އަތްޖަހައި ހޯބޯ ލަވާގަތެވެ.
އެއީ ދެވަނަ މީހެއް ނޫނެވެ. އެމީހަކަށް ޓަކައި އަހަރެން އިންތިޒާރު ކުރި މީހާއެވެ. އަހަރެންގެ ހިތުގައި އަބަދުމެ ޖެހެމުން ދިޔަ ވިންދުގެ ވެރިޔާއެވެ. އެއީ ޒިދާނެވެ. އަހަންނަށް އުފަލުން ރޮވުނެވެ. މޭގައި ދެ އަތް އަޅައިލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
"ވިލް ޔޫ މެރީ މީ." ޒިދާން ކުޑަކަކޫ މައްޗަށް ތިރިވެ އަތުގައި އޮތް ފިނިފެންމާ ދިއްކޮށްލިއެވެ.
އޭރު އަހަންނަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ޒިދާން ދިއްކޮށްލި މަލުގައި ހިފައިލީމެވެ. ޒިދާން ތެދުވިއެވެ. އަހަރެންގެ އަތުގައި އަނގޮޓިއެއް އެޅުވިއެވެ. އަހަންނަށް ޒިދާންގެ ގައިގައި އޮޅުލައިގަނެވުނެވެ. ޒިދާން ވެސް އަހަރެންގެ ގައިގައި ބައްދާލިއެވެ.
"މީހުން އަބަދުވެސް ބުނެއެއްނު ކެތްތެރިކަމުގެ މޭވާ ފޮނިވާނޭ،" ޒިދާން ވައި އަޑުން އަހަރެންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. "އަހަރެން ކުރި އިންތިޒާރަކީ މީ. މީ ލޯބިލޯބިން، ވަރަށް ލޯބިން ކުރި އިންތިޒާރެއް." (ނިމުނީ)