ކުރު ވާހަކަ

ހައްތަހާ

ދޮންސޮރު ގެއަށް އައިސް ވަންގޮތަށް ބޮޑުއަށީގައި އިށީނެވެ. އަހަރެން އިނީ ދިމާއެނދުގައެވެ. ދޮންސޮރު އަހަންނާ ދިމާ ބަލައިލިއެވެ. ފެންކަޅިވެފައިވާ އެ ދެލޮލަށް އަހަންނަށް ވެސް ބަލައިލެވުނެވެ. ދެ ތުންފަތަށް ބާރުކޮށްލަމުންނެވެ.

"ހައްތަހާވެސް.." ދޮންސޮރުގެ ޖުމުލަ ފުރިހަމަ ނުކޮށް ހުއްޓައިލިއެވެ. އަހަރެންގެ ދެ ލޮލުން ކަރުނަތައް ބަންޑުންވި މަންޒަރު ފެނުނީމައެވެ.

އޭނާ ދެފައި ވަށްކޮށްލިއެވެ. ދެއަތުގެ އުޅަނބޮށި ފަލަމަސްގަނޑުގައި ވިއްދައިލަމުން ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި ދޭތެރެއަށް ދަތްދޮޅި މަހައިލިއެވެ. އަހަންނާ ދިމާ ނުބަލަން މޫނު އަނބުރައިލިއެވެ. އިރުކޮޅެއް ނުވަނީސް އޭނާ ހިމޭންވިއެވެ. އިނީ ފާޑަކަށް ގެއްލިފައެވެ. ލޮލަށް ގިނަވެފައިވާ ކަރުނަތައް ހުރީ ގަނޑުވެފައެވެ. އޮހިގަންނާން ވެސް ނުކުރިފައެވެ. ދޮންސޮރުގެ ނަޒަރު ހުރީ ފާރުގައި ރޮނގެއް ކުރަހަމުންދާ ކަޅު ހިނީގެ ލަޝްކަރާ ދިމާއަށެވެ. ބަނޑިބަނޑި ލައްވަމުން، ގުދުގުދު ޖައްސަމުން ދުވަމުން ދިޔަ ބައިގަނޑާ ދިމާއަށެވެ. އަހަންނަށް ވެސް ބެލުނީ އެދިމާ އަށެވެ.

އެއީ ކިހާ ރީތި މިސާލެއް ހެއްޔެވެ؟ ކިހާ ޗާލު މަންޒަރެއް ހެއްޔެވެ؟ އެކުވެރިކަމުގެ ރީތި މިސާލެކެވެ. ލާމަސީ ނަމޫނާ އެކެވެ. ހިތްވަރުގެ ރަމުޒެކެވެ. އެ ސޮރުމެން ދަތުރުކުރަނީ އެއް ދިމާއަކަށެވެ. އެއް މިސްރާބަކަށެވެ. އެކަކު އަނެއްކަކަށް އެހީވަމުންނެވެ. ބައެއް ފަހަރު އެއް ހިނި އަނެއް ހިންޏަށް މޫނާއި މޫނު ޖައްސާލައެވެ. ހީވަނީ ކޮންމެ ވެސް ވާހަކައެއް ބުނެލާހެންނެވެ. ސަލާމްގަލާން ކޮށްލާހެންނެވެ. ހާލު އަހުވާލު އަހައިލާހެންނެވެ. އެކަކު އަނެއްކަށް ހިތްވަރުދޭހެންނެވެ. ދޭތެރެ ދޭތެރެއިން ތަންކޮޅެއް ބޮޑެތި ހިނި ވެސް އެ ރޮނގުން ދަތުރުކުރެއެވެ. އަހަންނަށް ފުންކޮށް ވިސްނައިލެވުނެވެ. ބޮޑެތި ހިނީގެ ހަރަކާތްތަކަށެވެ. އެ ސޮރާއެކު އެހެން ހިނިތައް ހަރަކާތްކުރާ ގޮތަށެވެ.

ދެވަނަ ސިކުންތުގައި ވިސްނެން ފެށީ ދޮންސޮރަށް ވިސްނައިދިނުމަށް މުދިންބޭ މިއަދު ދެއްކި ވާހަކަތަކަށެވެ. މުދީންބެ ވިސްނައިދިން ވިސްނައިދިނުމަށެވެ. ގެއްލިގެން ދިޔަ އަހަރުމެންގެ ލޮލުގެ ފިނިކަމުގެ ބަދަލުގައި އިތުރު ފިނިކަމެއް ހޯދިދާނެ ކަމަށް ދެއްކި ވާހަކަތަކެވެ.
އިބްރާހިމްކޮއިގެ މައްޗަށް ހިތުގައި އޮތް ލޯބި ބަހައިލާނެ ގޮތެވެ. އަޅައިލާނެ ޔާރެއް އިޔާރެއް ނެތް އެތައް ކުދީންނެއް މުޖުތަމައުގައި ތިބިކަމަށް ބުނެ ވިސްނައިދިން ވިސްނައިދިނުމެވެ. އެކުދިންނަށް އަޅައިލާ ދަރީންނަށް ހެދިއްޖެ ނަމަ އެ ތިބީ ހައްތަހާ ވެސް ދަރީންނޭ ބުނެ ބޮލަށް ލައިދިން ވިސްނުމެވެ. ދޮންސޮރު ބުނާން އެ އުޅުނީ އެވާހަކަކަން އަހަންނަށް ވިސްނުނެވެ. މިހުރިހާ ކަމަކާ އަހަންނަށް ގުޅުވާލެވުނީ ހިނިތައް ކުރަހަމުން ދިޔަ ކަޅު ރޮނގާއެވެ. މުދީންބޭގެ ވާހަކަތަކުގައި ބުރަދަނެއް ހުރި ކަމަށް ވިސްނެން ފެށީ އެހައި ހިސާބުންނެވެ.

ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދޮންސޮރުގެ މޫނަށް ބަލައިލެވުނެވެ. އޭރު ވެސް ދޮންސޮރު އިނީ ހުއްޓިފައެވެ. ގަނޑުވެފައެވެ. ދެ ލޯ ހުރީ ފާރުގައެވެ. އެސްފިޔަތައް ހުރީ ހުއްޓިފައެވެ. އަހަންނަށް އެ މަންޒަރު ބަލަން ފަސޭހައެއް ނުވިއެވެ.

"ދޮންސޮރާ،" އަހަރެން ދޮންސޮރުގެ ފަހަތުގައި ހުއްޓިލަމުން ގޮވައިލީމެވެ. "ދޮންސޮރާ، ދޮންސޮރާ."
ދޮންސޮރު އިން ގޮތަށް އިނީއެވެ. ގުޑިވެސް ނުލައެވެ. ހިރި ވެސް ނުލައެވެ. އަހަރެންގެ އަޑު ނީވުނީ ހެއްޔެވެ؟ ނޫނީ ދޮންސޮރު ޚިޔާލީ ދުނިޔޭގައި ފަތަނީ ހެއްޔެވެ؟ އިބްރާހިމްކޮއިގެ ހަނދާންތަކުން އޭނާގެ ހިތް އުދާސް ކުރުވަނީ ހެއްޔެވެ؟
"ދޮންސޮރާ، ދޮންސޮރާ." ދޮންސޮރުގެ ކޮނޑުގައި ހިފައި ތަޅުވާލީމެވެ.

ލިބުނީ ހައިރާން ކަމެކެވެ. ދޮންސޮރު އިނީ ހުއްޓިފައެވެ. އޭނާއަށް އެ ހަނދާންތަކުން ނުކުންނަށް ދަތިވަނީ ހެއްޔެވެ؟ އޭނާގެ ކޮނޑުގައި ހިފިކަން ވެސް ނޭނގެނީ ހެއްޔެވެ؟ އަހަރެން ހުއްޓިލީ ދޮންސޮރުގެ ކުރިމަތީގައެވެ. އޭނާގެ މޫނަށް ހަމައަށް ގުދުވެލީމެވެ. ދޮންސޮރުގެ މޫނަށް ބަލައިލީމެވެ. އޭނާގެ ކަޅި ހުރީ ހުއްޓިފައެވެ. އެސް ފިޔަތައް ހުރީ ގަނޑުވެފައެވެ. ހަރަކާތެއް ނެތި މީހާވަނީ ހިމޭންވެފައެވެ.

އަހަންނަށް ކަމެއް ޝައްކުވިއެވެ. ދޮންސޮރަށް ވެފައި އިން ގޮތް ފެނިފައި ޝައްކުވާން ފެށިއެވެ. ޝަހާދަތް އިނގިލި ހިއްލައިލާ ދޮން ސޮރުގެ ނޭފަތާ ކައިރިކޮށްލީމެވެ. އިރުކޮޅެއް ވަންދެން ނޭފަތާ އިނގިލި ކައިރިކޮށްލައިގެން ހުރީމެވެ. ދޮންސޮރުގެ ހޫނުކަން ވަނީ ކެނޑިފައެވެ. ނޭވާގެ އަޑެއް ބަޑެއް، ހުވާހުގެ އިހުސާސެއް ނުކުރެވުނެވެ.

ހީވީ ފައި ދަށުން ބިންގަނޑު ދެމި ގަތްހެންނެވެ. މުޅި މާހައުލު އަހަރެން ވަށައިގެން ފިއްތާން ފެށިހެންނެވެ. ބޮލުގެ ދެ ފަރާތުން ބަރު އެއްޗެއް ޖައްސާ ކޮށްޕާހެންނެވެ. ބޮލަށް ބަރުޖެހެމުން ޖެހެމުން ދިޔައެވެ. ލޮލަށް ބަރުވަމުން ދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް އޮހެމުން ދިޔައެވެ.

"ދޮންސޮރާ." އަހަންނަށް ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ.

ދޮންސޮރުގެ ގައިގައި ހިފާ ތަޅުވާލެވުނެވެ. ނަމަވެސް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ދޮންސޮރުގެ ހުވާހެއް ނެތް ހަށިގަނޑުގެ ބުރަ ޖެހުނީ އަހަރެންގެ އަތަށެވެ. ދޮންސޮރު ބޮޑުއަށިމަތީގައި ބާއްވާލަމުން ދޮންސޮރަށް ގޮވާން ފެށީމެވެ. އޭނާގެ މޭޔާއި މޫނުގައި ދެއަތުން ފިރުމަމުންނެވެ. އަވަސް ހަރަކާތްތަކަކާ އެކުގައެވެ.

އިރުކޮޅެއް ނުވަނީސް މެދުގެ ތެރެއަށް މީހުން ޖަމާވާން ފެށިއެވެ. ކޮންމެވެސް މީހަކު އަހަރެން ކޮނޑުގައި ހިފައި ނެގިއެވެ. އަހަރެންގެ ދެ ކޮނޑުގައި ދެމީހަކު ހިފިއެވެ. އަހަންނަށް ގަދަ ހަދައިލެވުނެވެ. ދުރަށް ގެންދަން ކުރި މަސައްކަތަށް ދެކޮޅު ހެދުނެވެ. ދޮންސޮރާ ދުރަށްދާން ބޭނުން ނުވާތީއެވެ.

"ކަދީދާ،" އަހަރެން ބޮލުގައި އޯގާތެރިކަމުގެ އަތަކުން ފިރުމާލިއެވެ. "ކަދީދާ. ކޮންމެ ކަމަކީ ވެސް އިމްތިހާނު. ކެތްތެރިކަން އިސްކުރާންވާނެ."
ގެތެމުން ދިޔަ އޯގާތެރި ބަސްތަކާއެކު ބޮލާއި ބުރަކަށީގައި ތަކުރާރުވަމުން ދިޔައީ ނިޔަނެތިކަމުގެ ފިރުމުންތަކެކެވެ. އަހަންނަށް އިސް އުފުލާލެވުނެވެ. އެއީ މުދީންބޭގެ އަނބި ދޮންދައިތައެވެ. މުދިންބެއެކޭ އެއްގޮތަށް ދޮންދައިތައަކީ ވެސް މީހުންނަށް އަޅައިލާ، ހިތްވަރުދީ އުޅޭ ޙުލްޤުހެޔޮ މީހެކެވެ.
"ދޮންދައިތާ." އަހަރެންގެ ބަޑިފަޅައިގެން ދިޔައެވެ.

ދޮންދައިތަ ފެނުނުމުންނެވެ. ހެނދުނު ވެސް އަހަރެން ހަމައަކަށް އެޅުނީ ދޮންދައިތަ ހިތްވަރުގެ ބަސްތަކުންނެވެ. އޭނާ ދިން ނަސޭހަތުންނެވެ. އިބްރާހިމް ކޮއިގެ މަރުގެ ޚަބަރާއެކު އަހަންނަށް ލިބުނު މޮޅީގެ އެއް ކަނުގައި ހިފައިގެން ހޭހަން ކޮށްދިނީ ދޮންދައިތައެވެ.

"ދޮންދައިތާ! ކީއްވެތަ މިހެންމިވީ؟ ކީއްވެތަ އަހަންނަށް މިހެންވާންވީ؟ އަހަރެން ކުޅައީ ކޮން ކުށެއްތަ؟ އަހަންނަށް ހެދުނީ ކޮން ގޯހެއްތަ؟ އަހަރެން ދުނިޔޭގައި ހުއްޓާ އަހަރެންގެ ދުނިޔެ ބެދެންވީ ކީއްވެތަ؟" އަހަންނަށް ޝަކުވާގެ ރާގުގައި ދޮންދައިތައާ ސުވާލު ކުރެވެން ފެށުނެވެ.
ދޮންދައިތަގެ ގައިގައި އޮޅުލަމުން ރޮމުން ގިސްލަމުންނެވެ. ބަދަލުގައި ދޮންދައިތަ އަނގައިން ވެސް ނުބުނެއެވެ. އޭނާ އަހަރެންގެ ބުރަކަށީގައި ފިރުމީއެވެ. ބޮލުން ފެށިގެން ބުރަކަށްޓާހަމައަށް ދިގު ދެމިގެންދާ ގޮތަށެވެ.

"ހެނދުނު އެގެންދެވީ އަހަރެންގެ ދެ ލޯ ނޭދި އެދުނު އަހަރެންގެ ފުރާނަފަދަ ދަރި، ހަވީރު އެ ގެންދެވީ އަހަރެންގެ ދުނިޔޭގެ ހުރުމުގެ ބާރު، އަހަރެންގެ އަސިސަ. ދެން އަހަންނަށް އޮތީ ކޮން ގޮތެއް؟ އަހަންނަށް މިހާރު މި ދުނިޔެ ބޭކާރުތަނަކަށް ވެއްޖެ. މިތަން ޖަންގައްޔަކަށް ވެއްޖެ." ކިޔޭ ނުކިޔޭއެއް ނޭނގޭ ހާލު ހިތުގެ އުދާސްތައް ބޭރުކުރެވެން ފެށުނެވެ.

ބާރުބާރަށެވެ. ރޮމުން ގިސްލަމުން ހަޅޭއްލަވަމުންނެވެ. އަހަންނަށް ދޮންދައިތައާ ދުރަށް ޖެހިލެވުނެވެ. ދޮންދައިތަގެ މޫނަށް ބަލައިލެވުނެވެ. އެ މޫނު މަތިން ފެނުނީ މަލާމާތުގެ ހިނިތުންވުމެއްހެން ހީވިއެވެ. ވަށައިގެން ތިބި އެންމެންގެ މޫނަށް ބަލައިލެވުނެވެ. އެއީ މުޅީން ވެސް އަވައްޓެރީންނެވެ. އަހަރެންގެ އެކުވެރީންނެވެ. އަހަންނަށް ކަންކަމުގައި އަތްގާތްކޮށްދީ ހެދި މިތުރުންނެވެ. ދެގޮތެއް ނުވެ ތިބި މަދަދުވެރީންނެވެ. ނަމަވެސް، މިއަދު ހިތާމައިގެ މައްޗަށް ހިތާމަތައް އޮހިގަތީމާ އެމީހުން އެތިބީ ކުޅި ބަލާށެވެ. އަހަންނަށް ވިސްނެން ފެށީ އެހެން ގޮތަކަށެވެ. އެމީހުންގެ ހިމޭންކަން މާނަކުރެވެން ފެށީ އެހެން މިސްރާބަކުންނެވެ. އެކަން ކިރުނީ އިދިކީލި ވިސްނުމަކުންނެވެ.

"ބަލައިބަލަ. ކަލޭމެން އެންމެން މަށަށް މަލާމަތް ކުރަނީތަ؟ ކަލޭމެން އެކަކު ވެސް ބަހެއް ނުބުނެ އަހަންނާ ދިމާއަށް ބަލަން ތި ތިބެނީ ކޮން މޮޅެއް ލިބިގެންތަ؟" އަހަރެން ހަޅޭއްލަވާ ގަތީމެވެ. "ކޮންމެ މީހަކު ވެސް ދެތުންފަތް ކައިރިކޮށްލި ގޮތަށް ބަހެއް ނުކިޔާ ތި ތިބެނީ މަށަށް ލިބުނު ހިތާމައަށް ހިތާއިހިތުން އުފާކުރަންތަ؟"

ވަށައިގެން ތިބި އެންމެންގެ މޫނަށް ބަލައިލަމުން އަހަންނަށް ބުނެލެވުނެވެ. އަހަންނަށް ސިފަވާން ފެށީ އެހެން ދުނިޔެއެކެވެ. އެހެން މަންޒަރެކެވެ. މަންޒަރުތައް ބަދަލުވަމުން ދިޔައީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ކޮންމެ މީހަކު ވެސް އަހަންނާ ދިމާ ބަލައިފަ ހެމުން ދިޔަހެން ހީވާން ފެށިއެވެ. މަލާމާތުގެ ރާގުގައެވެ. އަނގަމަތީ އަތް އަޅައިގެން ތިބެ އިނގިލި ދިމާކުރަމުންނެވެ. އެމީހުންގެ ހުނުމުގެ އަޑުން މުޅިތަން ގުގުމާހެން ހީވަމުން ދިޔައެވެ. އަހަރެން ގާތަށް ވެސް ހިނި އައެވެ. ބޭނުންވީ އެމީހުންނަށްވުރެ ބާރަށް ހޭށެވެ. އެމީހުންގެ މަޖަލުގައި ބައިވެރިވާށެވެ. އެހެންވެ އަޑުން އަޑުނަގާ ހޭން ފެށީމެވެ. ބަނޑުގައި އަތްއަޅައިގެން އެންމެންނާ ދިމާއަށް އިނގިލި ދިމާކުރަމުންނެވެ. އަހަންނަށް އިވެމުން ދިޔަ ހުނުމުގެ އަޑަށްވުރެ ބާރަށް ހެވޭތޯ އުޅުނީމެވެ.

ކުއްލިއަކަށް އަހަރެން ގައިގައި މީހަކު ހިފަހައްޓާ ބާރުބާރަށް ތަޅުވާލިއެވެ. ފައިން ފެށިގެން ބޮލާހަމައަށް ތަފާތު އިހުސާސްތަކެއް ދުއްވާގަތެވެ. ނާރުތަކަށް ވާންވިއެވެ. ކުރިން އުޅެވުނީ ޚިޔާލީ ދުނިޔެއެއްގައިކަން އިހުސާސްކުރެވުނެވެ. ވަށައިގެން ތިބި އެންމެންގެ މޫނަށް ބަލައިލެވުނެވެ. ކަރުނައިން ތެމިފައިވާ ލޯތަކެކެވެ. ހިތާމައިން ބަރު ޖެހިފައިވާ މޫނުތަކެކެވެ. އަހަންނަށް ލިބުނު ހިތާމަތަކުގެ އެއްކޮޅުގައި އެމީހުން ހިފައި ހިއްލާލި ކަހަލައެވެ.

"ކަދީދާ، އިހައް ހަމަޖެހިލާ، ފުންކޮށް ނޭވާލާ ހަމަޖެހިބަލަ. ބޭކާރު ޚިޔާލުތައް ނުކޮށް ވިސްނައިލަބަލަ." އަހަންނަށް އިވުނީ ދޮންދައިތަގެ އަޑެވެ.
"ކޮންމެ މީހަކީ ވެސް މިދުނިޔެއިން ނުކުމެގެން ދާންޖެހޭނެ މީހެއް. އަޖަލަކީ މީހަކަށް އެނގޭ އެއްޗެއް ނޫން. އަޖަލު ހަމަވީމަ އެކަކަށް ވެސް، އެންމެ ސިކުންތަކު ވެސް މަޑެއް ނުކުރެވޭނެ. ޖެހޭނީ ނިކުމެގެންދާން. ބޭނުން ވިޔަސް ނުވިޔަސް. ލޯބިވާ މީހުންނާ، ހޯދި ހުރިހާ އުފަލެއް ދޫކޮށް. އެކި މީހުންނަށް ހުންނާނީ އެކި ގޮތް،" ދޮންދައިތަ އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ. "ދޮންސޮރު ވެސް އެ ދިޔައީ އެ ޤާނޫނުގެ ދަށުން. އެއީ މީހަކު ކުރި ކަމެއް ނޫން. މީހަކަށް ކަމެއް ނުވެގެން ކަމެއް ކޮށް ނުދެވިގެން ވީ ގޮތެއް ވެސް ނޫން."
"އެކަމަކު ދޮންދައިތާ! ހިތާމައިގެ މައްޗަށް ހިތާމަ އުފުލާކަށް އަހަރެންގެ ނިކަމެތި ހިތަށް ފަސޭހައެއް ނޫނޭ،" އަހަންނަށް ރޮއި ގަނެވުނެވެ. "އަހަންނަށް މިހެން ވާންވީ ކީއްވެތަ؟ މިހެން މި ދިމާވީ ކޮން ކުށެއްގެ ސަބަބުންތަ؟"
"ކަދީދާ! ހެނދުނު ވެސް މުދިންބެ ވިސްނައިދިން ކަންތައްތައް ހަނދާންކޮށްބަލަ. އެއް ދޮރު ބަންދުވާއިރު އެތައް ހާސް ދޮރެއް ހުޅުވޭނެކަން ހަނދާންކޮށްބަލަ. ކޮންމެ ކަމަކީ ވެސް އެކަލާނގެ ނިންމެވުން. އެއް ވެސް އަޅަކަށް އެ އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވާނެ. ކޮންމެ ކަމަކީ ވެސް އިމްތިހާނު. އަހަރުމެންނަށް އޮތީ އެ އިމްތިހާނާ ކުރިމަތިލުން. ކޮންމެ ހިތާމައަކަށްފަހު އުފަލެއް އަންނާނެ. އެއީ ދުނިޔޭގެ ޤާނޫނު. ދުނިޔެ ދައްކާ ކުލަ." ދޮންދައިތަ އަހަންނަށް ވިސްނައިދިނެވެ.
"އެކަމަކު ކީއްވެތަ؟ ކީއްވެތަ؟ އަހަންނަށް މިހެން މިވީ ކީއްވެތަ؟ އަހަރެންގެ ދަރިފުޅު، އަހަރެންގެ ފިރިމީހާ؟ މި އަހަރެން ކީއްކުރާ މުދާތަކެއް؟ މި ކީއްކުރާ ތަނަވަސްކަމެއް؟ އެމީހުން ނެތް ދުނިޔެއެއްގައި ކީއްކުރާ އެއްޗެއްސެއް؟" ގިސްލަމުން ގިސްލަމުން އަހަންނަށް ބުނެވުނެވެ.
"މުދަލާއި ތަނަވަސްކަމުގެ ތެރޭގައި ހުރީ ހަމައެކަނި އަހަރުމެންގެ އެއްޗެއް ނޫންކަން ހެނދުނު ވެސް މުދިންބޭ ވިސްނައިދިނެއްނު. މުދަލުގައި ފަގީރުންގެ ހައްޤު ވެސް ހުރިކަން ބުނެދިނެއްނު. ކަދީދާއަށް މިއޮތީ އެކަން މަތިވެފަ. އެ ހައްޤު އަދާކޮށް، ނިކަމެތިންގެ ހިތްތައް ފުރައިލަދީ. ގެއްލިގެން ދިޔަ ދެ މީހުންގެ މައްޗަށް ކަދީދާގެ ހިތުގައި އޮތް ކުލުނާއި އޯގާތެރިކަމުން ނިކަމެތިންގެ ހިތްތައް ފުރައިލަދީ. އެއީ މިއަދު އެ ދެ މީހުންނަށް ޓަކައި ކަދީދާއަށް ކުރެވޭނެ ކަމަކީ. އެއީ ކަދީދާ ދުނިޔޭގައި ހުރެ އަދާކުރާންވީ ޒިންމާއަކީ." ދޮންދައިތަ އަހަރެންގެ ދަތްދޮޅީގައި ހިފައި ހިއްލައިލިއެވެ.

އަހަންނަށް ބަލައިލެވުނީ ދޮންދައިތަގެ މޫނަށެވެ. އެ މޫނުމަތިން ފެންނަނީ އޯގާތެރިކަމެވެ. ހިތްހެޔޮކަމެވެ. ރޫތައް ގިނަވެ ހަންގަނޑު އެލިފައިވީ ނަމަވެސް އެ މޫނުމަތިން ފެންނަނީ ހިތްވަރެވެ. ހިތްތިރިކަމެވެ. ޢަޒުމެވެ. ދިރިއުޅުމުގެ ލަނޑުދަނޑިތަކެވެ.

"ދޮންދައިތަ މިބުނިހެން ކަންތައްކުރޭ. ހިތާމައަކީ މީހާގެ ހަލާކެއް. މާޔޫސްކަމަކީ ދިގު އުމުރުގެ ހަތުރެއް. މުއްސަނދިންގެ ޒިންމާއަކީ ނިކަމެތިންނަށް މަދަދުވެރިވުން. އެ ޒިންމާ ނަގައިގެން ކަދީދާގެ މަސްއޫލިއްޔަތު އަދާކުރަން ތެދުވޭ. ހެނދުނު މުދީންބޭ ބުނިހެން އެހެން ހެދިއްޖެ ނަމަ އެތިބީ މުޖުތަމައަށް ޚިދުމަތްކުރާނެ ދަރީން، ހައްތަހާ ވެސް ޚިދުމަތްތެރީން." ދޮންދައިތަގެ ރަސްމީ ރާގުގައި ހިތްވަރު ދިނެވެ.
އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދޮންދައިތަގެ ބަސްތަކާ މެދު ވިސްނައިލެވުނެވެ. ވަށައިގެންވާ މާހައުލަށް ބަލައިލެވުނެވެ. ކޮންމެ މީހަކު ވެސް އަހަންނާ ދިމާ ބަލައިލަމުން ބޯ ހަރަކާތްކޮށްލައެވެ. ހިތްވަރުކުރާށޭ ބުނާ ފަދައަކުންނެވެ. އަހަރުމެން ވެސް މި ތިބީ އެކުގައޭ ބުނާފަދަ ގޮތަކަށެވެ.
"މި އެންމެން މިތިބީ ކަދީދާއާއެކު، ގެއްލިގެން ދިޔައީ މުހިއްމު ދެމީހުން. އެކަމަކު މި އެންމެންގެ އެހީއާއެކު މުޖުތަމައަށް މުހިއްމު އެތައް ބަޔަކު އުފެއްދިދާނެ. އެކަމުގައި ކަދީދާގެ ދައުރު ކުޑައެއް ނޫން. އަހަރުމެން އެންމެން މިތިބީ ކަދީދާއާއެކު، މިއީ ހައްތަހާ ވެސް މިތުރުން، މަދަރުވެރިން، އެކުވެރީން." ދޮންދައިތަ އަހަރެންގެ ދެއަތް ތިލައިގައި ފިރުމާލިއެވެ.

އަހަންނަށް ދެތުން ފަތަށް ބާރުކޮށްލެވުނެވެ. މަޑުމަޑުން ބޯ ހަރަކާތްކޮށްލެވުނެވެ. ދޮންދައިތަގެ ބަސްތަކުން ހިތްވަރު އާވިއެވެ. ހިތުގެ ޢަޒުމު އާވިއެވެ. ކުރިއަށް ދިޔުމަށް އާހިތްވަރެއް ލުމަށް ކަނޑައެޅުނެވެ. ދޮންސޮރުގެއަށް ވަދެ ބުނެލި ހަމައެކަނި ލަފުޒާ މެދު އަހަންނަށް ވިސްނާލެވުނެވެ. އޭނާގެ ވިސްނުން ހުރީ ވެސް ދޮންދައިތަގެ ވިސްނުމާ އެއްކީލިކޮށްކަން ވިސްނުނެވެ. އާއެކެވެ. އޯގާތެރި މުޖުތަމައަކަށް ބޭނުންވަނީ އެފަދަ ޚިޔާލުތަކެކެވެ. އެހެން ކަންކަން ކުރެވިއްޖެ ނަމަ މުޖުތަމައުގެ ބާކީވެގެން މިއުޅޭ ކޮންމެ ކުއްޖަކީ ހައްތާ ވެސް ދަރީންނެވެ. ގައުމަށް މަންފާހުރި ޚިދުމަތްތެރީންނެވެ. (ނިމުނީ)

ނޯޓު: މިއީ މަރުހޫމް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ 'ހައްތަހާވެސް ދަރީން' މިވާހަކައިން ޚިޔާލު ނަގައިގެން، އެ ވާހަކައިގެ ނިމުން ގެނެސްފައިވާ ހިސާބާ ގުޅުވައިގެން ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.