ވާހަކަ

މަރުނެތް ލޯބި

"ހާޑުގަ އޮންނާނެ ދެ ތިން ފިލްމު،" އަތުގައި އެލުވާލައިފައި ހުރި ކޮތަޅުތައް މޭޒުމަތީ ބަހައްޓަމުން އަނީސް ބުނެލި އެވެ. "މިރޭ ދޯ ބަލަނީ."

އަހަރެންގެ މޫނަށް ބަލައިލަމުން އަނީސް ހިނިތުންވެލި އެވެ. އަނީސަކީ އިނގިރޭސި ފިލްމު ބެލުމަށް މަރުދޭ މީހެކެވެ. އޭނާގެ ބޮޑަށް ގަޔާވަނީ ސައިންސްގެ ކަންކަން ހިމެނޭ ފިލްމު ބަލާށެވެ. ޖައްވާއި ފަޒާގެ ހޯދުންތަކާ ގުޅޭ ފިލްމުތަކެވެ. ނުގޮތަކަށް ބުނަންޏާ އަނީސަކީ ހޮލީވުޑެވެ. ހޮލީވުޑަށް ދާންޖެހޭ މީހެކެވެ. އޭނާއަށް ކަމުދާނީ ޔޫރަޕު ގޮތްތަކެވެ. އެމީހުންގެ ކަންކަމެވެ. އޭނާ އުޅެ ބޮޑުވީ އެތަނުގައެވެ.

"މަގޭ ގަޔަށް ވެސް ތި ވައިރަސް އަރައިފި މިހާރު." ކެރެޓު ކޮށަން ހުރެ އަހަރެން ބުނެލީމެވެ.
"އެހެންވާން ޖެހޭނެ. މަށާ އިނދެގެން އުޅެންޏާ މަގޭ ގައިގަ ހުރި ކަމެއް އަރަންވާނެ ދޯ،" އަހަރެންގެ ފުރަގަހުން އުނަގަނޑުގައި ހިފައިލަމުން އަނީސްގެ މޫނު އަހަރެންގެ އިސްތަށިގަނޑުގައި ފޮރުވައިލި އެވެ. "އެހެން ނޫނަސް ފިލްމު ބެލީމަ ކިހާ ވިސްނުން ފުޅާވެ، ވާނުވާ އެނގޭ. ހާދަ ވިސްނައިފައޭ އެ ކަހަލަ މޮޅެތި ފިލްމުތައް އެ އުފައްދަނީ. އަނެއް ކޮޅުން ސަޅި ފިލްމެއް ބަލައިލީމަ ކިހާ ފޯރި އަރާ."
"ހޫނ! ދެން މި ރޯދަ މަހޭ." އޭނާގެ ތުންފަތް އަހަރެންގެ ކަނދުރާގައި ޖައްސާލުމުން އަހަރެން ކަނދުރާ އަރިކޮށްލީމެވެ.
"އެނގޭތަ މީ މެރީކުރިތާ ސެކަންޑް މަންތު ވީ ގަޑިއޭ. އެއީ އަބަދު އަންނަ ދުވަހެއް ނޫނޭ. ފަހުން ވެސް ރޯދައާ އުޅެވިދާނެ." އަނީސް އަހަރެންގެ ބަނޑުގައި ވިކައިލި އެވެ.

އަހަރެން އުޅުނީ އަނީސާ ދުރަށްދާށެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.
އެ ދުވަހުގެ ރެޔެވެ. އަހަންނާއި އަނީސް ތިބީ ސޯފާގަ އެވެ. އަނީސް އިނީ ގޭތެރޭގެ ހެދުމުގަ އެވެ. އޭނާގެ ރަސްމީ ގޮތުގައެވެ. ކުރު ސޯޓުގަ އެވެ. އަހަރެން އޮތީ އަނީސްގެ އުނގުގައި ބޯ އަޅައިގެންނެވެ.

"ޒޭ ދޭބަލަ ޕޮޕްކޯނު ކޮޅެއް ހިފައިގެން އަންނަން." އަނީސް އިނގިލިތަކުން އަހަރެންގެ އިސްތަށިގަނޑާ ކުޅެލަމުން ބުނެލިއެވެ.
"ޗޭންޖު ކޮށްލައިގެން އަޔަސް އޯކޭ ދޯ. ލަސްވާނެތަ؟"
"އޯކޭ." އަނީސް ޓީވީން ކަޅި ނައްޓައި ނުލައި އިނދެ ބުނެލިއެވެ.

ސޯފާއިން ތެދުވެ އިސްތަށިގަނޑު އަތަށް އޮޅައިލާ އަނގައިން ރާގެއް އަޅުވާލަމުން ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއާ ހަމައަށް ދިޔަ އިރަށް ފާޚާނާއަށް ދާން ޖެހުނެވެ. ނިދާ ހެދުން ހިފައިގެން ފާޚާނާއަށް ވަނީމެވެ. ހެނދުނުން ސުރެ ބޮލަށް ވަދެ އަނގައިން ބޭރުވަމުން ދިޔަ ދިވެހި ލަވައެއް ކިޔަމުން ފާޚާނާއިން ނުކުމެލީމެވެ. ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް އެއްލުނެވެ. އެނދުގައި އިނީ އަނީސެވެ. އަހަންނަށް ފުރަގަސްދީގެންނެވެ. އޭނާ އިނީ ފޯނަށް ބަލާށެވެ.

"ބަލަ، ފިލްމު ބަލާ ނިމުނީތަ؟" އަތުގައި އޮތް ހެދުން ކޮނޑުގައި އެލުވާލީމެވެ. "މާ ވަރަކަށް ފިލްމު ބަލަން އުޅުނު މީހާގެ ބޮލަށް ނިދަން މިޔަރުވަނީތަ؟ ނޫނީ މިގަޑީ ވެސް އިބިލީސް ސަވާރުވީތަ؟"

އަނީސްގެ ޖަވާބެއް ނުލިބުމުންނެވެ. އަނެއްކާ ވެސް އޭނާއާ ދިމާއަށް ބަލައިލެވުނެވެ. އޭރު ވެސް އޭނާ އިނީ ފޯނަށް ގެއްލިފައެވެ.

"ކަމެއް ވީތަ؟ ފޯނަށް ލޯ ކޮށްޕާލައިގެން ތި އިންނަނީ." ދިމާ ކުރުމުގެ ރާގުގައި އަހަރެން ބުނެލީމެވެ.

ލައިގެން ހުރި ކުރު ސޯޓާއި ކޮނޑުކެނޑި ރަނގަޅު ކޮށްލަމުން އެނދުގައި އިށީނދެލީމެވެ. މަޑުމަޑުން އަނީސާ ދިމާއަށް ޖެހިލީމެވެ. އަނީސްގެ ކޮނޑުގައި އަހަރެން ދަތްދޮޅި ޖައްސައިލީމެވެ. ހަމަ އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އަހަރެން ދިޔައީ އެއްލިގެންނެވެ. ކޮޓަރިއަށް ވަދެގެން އައީ އަނީސެވެ. އަހަންނަށް ބަލައިލެވުނެވެ. ކުރިމަތީގައި އަނީސް އިންތޯ އެވެ. އޭނާއެއް ނެތެވެ. ސުވާލުގެ ނަޒަރުން އަހަންނަށް ބަލައިލެވުނީ ކޮޓަރިއަށް ވަދެގެން އައި މީހާއަށެވެ. އަނީސަށެވެ.

"ކިހިނެއްވީ؟ ކޮބާ؟" އަނީސް އަހަންނާ ދިމާއަށް ބަލައިލަމުން ބުނެލި އެވެ. "ފާޚާނާއަށް ދާން ޖެހިގެން. ނުކުންނަ އިރަށް ދޭ ރެޑީކޮށްލާ."

އަހަރެން އެއްޗެއް ނުބުނަނީސް އަނީސް ފާޚާނާއަށް ވަނެވެ. އަހަންނަށް ހުރެވުނީ ބަލާށެވެ. އޮޅުންބޮޅުން ވެފައެވެ. ދެ އަނީސެއް އުޅޭތީ އެވެ. ހިނދުކޮޅެއް ކުރިން އެނދުގައި އިނީ ވެސް އަނީސެވެ. ފާޚާނާއަށް ވަނީ ވެސް އަނީސެވެ. އޭނާ ކޮޓަރިން ނުކުތްތަނެއް އަހަރެން ނުދެކެމެވެ. ދެން އެއީ ކޮން އަނީސެއް ހެއްޔެވެ؟ ފާޚާނާއަށް ވަނީ ކާކު ހެއްޔެވެ؟ ދެ މީހުންގެ އެއްވެސް ތަފާތެއް ނެތެވެ. ދެމީހުން ވެސް ލައިގެން ހުރީ ކުދިރަތްގޮޅި ޖެހި ކުރު ސޯޓު އެކަންޏެވެ. އެނދުގައި އިން އަނީސްގެ މޫނެއް އަހަންނަކަށް ނުފެނެއެވެ. އަހަންނަށް ފެނުނީ އޭނާގެ ބުރަކަށްޓެވެ. އެއީ އަނީސްގެ ބުރަކަށްޓެވެ. އެކަން ޔަގީންވެއެވެ.

"އަދިވެސް ހުރީތަ؟" ފާޚާނާއިން ނުކުންނަމުން އަނީސް ޗުސް ޖަހައިލި އެވެ.

އަހަންނަށް ހުރެވުނީ ބަލާށެވެ. ހުއްޓުން އަރާފަ އެވެ. ހަރަކާތެއް ކޮށްލަން ވެސް ނޭނގިފައެވެ.

"ޒޭނާ،" އަނީސް އަހަރެންގެ މޫނަށް ޗޮކެއް ކަނޑައިލިއެވެ. "ކޮން ދުނިޔެއެއްގައި؟"
އަނީސް އަހަރެންގެ ގައިގައި ބައްދައިލިއެވެ.
"ދެން އާދޭ. ފިލްމުގަ ވަރަށް ސަޅި ހިސާބަކަށް ގޮސް އޮތީ." އަނީސް ކޮޓަރިން ނުކުންނަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ.

އޭރުވެސް އަހަންނަށް ހުރެވުނީ ބަލާށެވެ. ނޭނގޭ ރާޅުބާނިތަކެއް ހިތުގައި ގިނަވަމުން ދިޔައެވެ. މީހާގެ ނޭވާ ކުރުވެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އަނީސް ދިޔުމުން އަވަސް އަވަސް ކޮށްލައިގެން ބަދިގެއަށް ވަނީމެވެ. އޭރު އަނީސް ފިލްމަށް ގެއްލިފައި ސޯފާގައި އިންތަން ފެނުނެވެ. ޓީވީގެ އަޑު އިވެމުން ދިޔައެވެ.

އަނީސަށް ޕޮޕްކޯން ތަށި ދިއްކޮށްލި އިރަށް އަނެއްކާ ވެސް ފާޚާނާއަށް ދާން ޖެހުނެވެ. ކޮޓަރިއަށް ވަނީމެވެ. ކުއްލިއަކަށް ކަރަންޓު ދިޔަ އެވެ. މުޅި ކޮޓަރި އަނދިރިވި އެވެ. ތަނެއް ދޮރެއް ވަކި ނުވާވަރުވި އެވެ. އަހަންނަށް ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ. ނަމަވެސް، އަހަރެންގެ އަޑު ބޭރުވާ ގޮތެއް ނުވިއެވެ. ކޮންމެ ވެސް މީހަކު އަނގަމަތީގައި އަތް އެޅީއެވެ. އަހަރެން ތެޅިގަތީމެވެ.

އެމީހާ ހުރީ އަހަރެންގެ ފުރަގަހުގަ އެވެ. އަހަރެންގެ މޫނާއެކު އެމީހަކު ހުރީ އަނގަމަތީގައި އަތްއަޅައިގެންނެވެ. ނޭވާ ލެވެނީ ވެސް ކިރިޔާ އެވެ. އެ އަތުގައި އަހަންނަށް ހިފައިލެވުނެވެ. ހީވީ ހުޅުނބު ތަކެއްގައި އަތް ޖައްސާލެވުނުހެންނެވެ. އެއީ ކުރަކި އަތެކެވެ. އަހަރެން ތެޅިގަތީމެވެ. އެގޮތް މިގޮތަށެވެ. އެންމެ ފަހުން ވީއްލިގަނެވުނެވެ.

އެނދާ ދިމާއަށް ދުއްވާގަތީމެވެ. ފައި ޖެހުނީ އެނދުގަ އެވެ. އެނދުމައްޗަށް ބަނޑުވަތަށް ވެއްޓުނެވެ. މޫނު ޖެހުނީ ގޮދަޑީގަ އެވެ. ނަސީބަކުން ތަދެއް ނުވެއެވެ. އަވަސް އަވަހަށް އަހަރެން އެނދުގައި އިށީނދެލީމެވެ. އެނދު މައްޗަށް އަރަމުން ދިޔައީމެވެ. ފަހަތަށް ޖެހެމުން ޖެހެމުންނެވެ. އަތުގައި އެއްޗެއް ޖެހުނެވެ. އެއީ ހަރު އެއްޗެކެވެ. ރަނގަޅަށް އޭގައި ހިފައިލީމެވެ. އެއީ ފޯނެކެވެ. އަހަރެންގެ ފޯނެވެ. ނަސީބޭ ހިތަށް އެރިއެވެ. ކަނު އަނދިރި ކަމުގެ ތެރެއިން ފޯނު ނަގައި ސްކުރީނު ދިއްލައިލީމެވެ. ކުރިމަތީ ހުރީ ކަޅު ހިޔަންޏެކެވެ. އެ ހިޔަނީ އަހަންނާ ދިމާއަށް ގުދުވަމުން ދިޔަ އެވެ. އަހަރެން ފޯނުން އަލިކޮށްލީމެވެ. އަލި އެޅުނީ އޭތީގެ މޫނަށެވެ.

ބިރުން ހަޅޭއްލަވާ ގަނެވުނެވެ. އެ މޫނު ފެނުމުންނެވެ. ފިލުމުތަކުގައި ފެންނަ ކަހަލަ ބިރުވެރި މޫނެކެވެ. ނޭފަތް ދިގެވެ. ނޭފަތުގެ ކޮޅު ހުރީ ކައްޗަށް ކަނޑައިލާފަ އެވެ. ކަނޑާލައިފައި ހުރިތަނުން ލޭ ހިލިހިލި ހުއްޓެވެ. ބިރުން ތުރުތުރު އަޅައިގަތެވެ. ބިރުވެރި ސިފައަކަށް ހުރި އެތި އަހަންނާ ދިމާއަށް ގުދުވަމުން ދިޔައެވެ. ލަސްލަހުންނެވެ.

އަނެއްކާ ވެސް ފޯނުން އަލިކޮށްލެވުނެވެ. މިފަހަރު އަލިކޮށްލެވުނީ އޭގެ ލޮލަށެވެ. ލޯ އޮތީ ބޭރަށް ނުކުމެފައެވެ. ލޮލުގެ އޮށާއެކު އެލޭށެވެ. ލޮލުން ފައިބަމުން ދިޔަ ލޮނދިތަކާއެކު ލޭތައް ކޯތާފަތް މައްޗަށް އެޅެމުން ދިޔައެވެ. އޭގެ ކޯތާފަތް ވެސް ހުރީ ކުރަކި ކޮށެވެ. ހީވަނީ ކިނބުލެއްގެ ތޮށިގަނޑުހެންނެވެ. މޫނުގައި ހުރީ ވެސް މުށިކުލައަކަށްދާ ފެހި ކުލައެކެވެ.

އަހަންނަށް ސަލާމަތަށް އެދި ތެޅިގަނެވުނެވެ. އޭތީގެ އަނގަ ހުޅުވާލިއެވެ. އެއާއެކު އޯކަށް ދެމެވޭ ގޮތްވިއެވެ. ދުވި ނުބައި ވަހުންނެވެ. މުޅިތަން އެއްވަސްވެފައި ވަނީ ކުނިވަހުންނެވެ. އެއީ ކުނި ގޮހޮރު ވަހެވެ. ހީވީ ނޭފަތް ތެރޭގައި އެ ވަސް ހަރުލިހެންނެވެ. ކަރުބުޑާއެކު އޭގެ ރަހަ ވެސް ލާން ފެށި ކަހަލައެވެ. އަހަންނަށް ނޭފަތާއި އަނގަޔާ އެކު ހިފަހައްޓައިލެވުނެވެ. މޭބޮޑުކޮށް ހޮޑު ލެވެން އުޅޭހެން ހީވުމުންނެވެ.

ކޯތާފަތް މައްޗަށް އެއްޗެއް ވެއްޓުނު ހެން ހީވިއެވެ. ހޫނު ތެތްކަމެއް އިހުސާސް ކުރެވުނެވެ. އަހަންނަށް ބަލައިލެވުނީ މައްޗަށެވެ. ފޯނުން އަލިކޮށްލަމުންނެވެ. އޭރު އެ ސޮރުގެ އަނގަ އޮތީ ކައިވަތެއްހާ ކައިރީގަ އެވެ. އޭގެ އަނގައިން ފައިބަމުން ދިޔަ ސޮންޏާއެކުވެ ލޮނދިތައް އޮހެމުން ދިޔަ އެވެ. އަހަންނަށް މޫނުގައި އަތް ޖައްސާލެވުނެވެ. މޫނަށް ވެސް އެޅުނީ އޭގެ އަނގައިން އެޅުނު އެއްޗެކެވެ. އަވަސްއަވަހަށް މޫނު ފޮހެލީމެވެ. ތެޅިގަންނަމުން އެނދުން ތެދުވެ ދުއްވާގަތީމެވެ. ކޮޓަރީގެ ދޮރާ ދިމާއިން ހަނި އަލި ރޮނގެއް ކުރެހިފައި ހުއްޓެވެ. އެ ދިމާއަށް ބާރަށް ދުއްވާގަތީމެވެ. މޫނު ޖެހުނީ ފާރުގައެވެ. މޫނަށް އަނދިރިވާ ގޮތްވިއެވެ. ދެން ވީ ނުވީއެއް ނޭނގުނެވެ.

މަޑުމަޑުން ދެ ލޯ ހުޅުވާލީމެވެ. އޭރު ވެސް އަހަރެން އޮތީ މުށިގަނޑު މަތީގައެވެ. ހިރިލާނެހާ ހިތްވަރު ވެސް ނެތިފައެވެ. މުޅި ތަން ވަނީ ހުދުވެފައެވެ. އަލިވެފައެވެ. އަހަންނަށް ފެނުނީ އަނީސެވެ. އޭނާގެ ރީތި މޫނެވެ. އަނީސްގެ މޫނު އަހަރެންގެ މޫނާ ކައިރިކޮށްލިއެވެ. އަހަންނަށް އޮވެވުނީ އޭނާގެ މޫނަށް ބަލާށެވެ. އަނީސް ހިނިތުންވެލިއެވެ.

"ހާދަ ބިރުން ތި އޮތީ؟" އަނީސް ވާހަކަދެއްކީ ވައި އަޑުންނެވެ.

ބަދަލުގައި އަހަންނަށް އެއްޗެއް ބުނާނެހާ ހިތްވަރެއް ނުލިބުނެވެ. އޭރު ވެސް އަހަރެންގެ ބޮލަށް ހީވީ ތޫނު އެއްޗެއް ހެރެމުންދާ ހެންނެވެ. ކޯތާފަތް މަތިން ތޫނު ތަދެއް އިހުސާސް ކުރެވެމުން ދިޔައެވެ. މަޑުމަޑުން އަތް ޖައްސައިލެވުނީ ކޯތާފަތާ ދިމާގަ އެވެ. އަތުގައި އުނގުޅުނީ ތެތް އެއްޗެކެވެ. ނަގައި ބަލައިލީމެވެ. ހުރީ ޗޮކުލެޓް ކުލައަކަށްދާ ފެހި ކުލައެއްގެ އެއްޗެކެވެ. ހަނދާނަށް އައީ އިރުކޮޅެއް ކުރީން ފެނުނު ގޮތް ނޭނގޭ އެތީގެ އަނގައިން ފޭބި ސޮނި ތަކެވެ. އަތުގައި ހޭކުނީ އެ މިލަތަކެވެ. އަނެއްކާ ވެސް މޭ ބޮޑުވާ ގޮތްވިއެވެ. އެތެރެއަށް ނޭވާ ދަމާލެވުނު އިރަށް އޭގެ ވަސް ކަރުބުޑާއެކު އަރުތެރޭގައި ތަތްވި ކަހަލައެވެ. ދޫދަށުން ކުޅި ގިނަވެ އަނގަ ފުރޭގޮތް ވިއެވެ. ފާޑަކަށް ކޮށި އަރަން ފެށިއެވެ. ގައިގައި ހުރި ހިތްވަރެއް ލައިފައި ތެދުވެ އިށީނީމެވެ. މުށިގަނޑު މަތީގައެވެ. އަހަންނަށް ވަށައިގެން ހޯދާ ލެވުނެވެ. އަނީސް ކޮބައިތޯއެވެ. އޭރު އަނީސް އޮތީ އަހަންނާ ދިމާ މަތީގަ އެވެ. އޭނާ ފެންނަނީ ބޯކޮޅު ވަތަށެވެ. އަހަރެންގެ ބޮލަށް ގޮތްތަކެއް ވާހެން ހީވަމުން ދިޔައެވެ.

"އަނީސް." ބާރަށް ހަޅޭއްލަވާ ގަނެވުނެވެ.

އަނީސްގެ މޫނު އަހަންނާ ދިމާއަށް ކައިރިކޮށްލިއެވެ. އަހަންނަށް ސިފަވަމުން ދިޔައީ ހަރުފައެކެވެ. އަނީސްގެ މޫނު ފެންނަނީ އެކަހަލަ ގޮތަކަށެވެ. އަހަރެންގެ ނޭފަތާ ދިމާއަށް އަނީސްގެ މޫނު ކައިރިކޮށްލިއެވެ. ލުއި ގޮތަކަށް އަހަންނާ ދިމާ ބަލައިލިއެވެ. އަނީސްގެ ދޫ ބޭރަށް ނެރެލިއެވެ. އެއީ ކަފިވެފައިވާ ދުލެކެވެ. ހިމަ ދިގު ކަޅު ދުލެކެވެ. އަނީސްގެ އަމިއްލަ ތުންފަތުގައި އޭނާގެ ދެ ކަފި ދޫ ހާކައިލިއެވެ. އަހަރެން ބިރުން ސިހޭގޮތް ވިއެވެ. އަނީސްގެ މޫނު މަޑުމަޑުން އެނބުރެމުން ގޮސް އަހަންނާ އެއް އޮލަނބަށް ބަދަލުވިއެވެ. އޭރު ވެސް ފެންނަނީ އޭނާގެ މޫނު އެކަންޏެވެ.

"ކާކު؟ ކާކުހޭ؟" އަހަންނަށް އަނެއްކާ ވެސް ހަޅޭއްލަވާ ގަނެވުނެވެ.
"ކަލޭގެ ލޯބިވެރިޔާ!" އިވުނީ ބަރު އަޑެކެވެ. "ކަލޭ މަށަށް ކިހިނެއް ހަދައިލީ؟"

އަހަރެން ކަންފަތުގައި އަތްއަޅައިލީމެވެ. އިވެމުން ދިޔަ އަޑުން ބޮލަށް އުނދަގޫވާން ފެށުމެވެ. ހީވަނީ އަންހެނަކާއި ފިރިހެނަކު އެއްފަހަރާ ވާހަކަ ދައްކާހެންނެވެ.

"ކުށެއް ނެތި އަހަރެން ދޫކޮށްލީ. ނިކަމެއްޗަކަށް ވީތީ. މުއްސަނދިކަން ބޭނުން ވެގެން. މިކަހަލަ ގެއެއް އަހަންނަށް ނުލިބޭނެތީ، ފަހުން އަހަރެންގެ ތުނބުޅި ދިގުކޮށް ފައިކުރި ކުރުކޮށް ބަދަލުވީތީ،" އަނީސްގެ ސޫރައިގައި ފެންނަމުން ދިޔަ މޫނުގެ ސިފަ ބަދަލުވަމުން ދިޔައެވެ. "އެކަމަކު އެކަމާ އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. ޒޭނާ އެގޮތަށް ނިންމި ކަން އެއީ ޒޭނާގެ ނަސީބު."

އެއީ އަރުޝަދެވެ. އަހަރެންގެ އަލަތު ލޯބިވެރިޔާ އެވެ. އޭނާވަނީ ކުޑަދުވަސްކޮޅެއް ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި މަރުވެފައެވެ.

"ތަނަވަސްކަމަކީ ހިތުގެ ތަނަވަސްކަން. މުއްސަނދިކަމަކީ ހިތުގެ މުއްސަނދިކަން. އީމާންތެރިކަން. ހަރުދަނާ އަގީދާ. މަޑުމޮޅިކަން،" އަރުޝަދުގެ ސޫރާގައި ފެންނަމުން ދިޔަ މީހާ ވާހަކަ ދައްކަމުން ދިޔައެވެ. "ރޯދަ މަހުގެ ދުވާލު ވަގުތަކީ ރޯދަ ހިފުމަށް ކަނޑައަޅާފައި އޮތް ވަގުތު. އެކަމަކު މިއަދު ވެސް ކަލޭމެން ކުރީ ކޮން ކަމެއް؟ އަމިއްލަ އެދުމާއި ދުނިޔަވީ ކުލަތަކުގައި ޖެހިގެން. ކަލޭމެން ހީކުރީތަ އެއީ އާދައިގެ ކަމެކޭ؟ އެކަކަށް ވެސް ނޭނގޭނޭ. ނުފެންނާނޭ. މީ މީހަކު ނޫޅޭ ގެޔެކޭ."

އަހަންނަށް ގިސްލެވެން ފެށުނެވެ. އަރުޝަދު ދައްކަމުން ދިޔަ ވާހަކަތަކާއެކު މެންދުރު ވަގުތު ހޭދަކުރެވުނު ގޮތްތައް ލޮލަށް ސިފަވާން ފެށިއެވެ.

"އަހަންނަށް މާފުކުރޭ!" ބޭއިޚްތިޔާރުގައި އަހަންނަށް ބުނެލެވުނެވެ.
"މާފަށް އެދެންވީ އަހަރެންގެ ފުށުންތަ؟ އެއީ އަހަންނަށް އޮޅުވާލި އޮޅުވާލުމެއްތަ؟ ނޫނީ އަހަންނަށް ހެދި މަކަރެއްތަ؟" އަރުޝަދު ރުޅިވެރިކަމާއެކު ބުނެލިއެވެ.

"އަހަރެން.. އަހަރެން.." އަހަންނަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.
"ޒޭނާ ދެކެ އަހަރެން ވީ ތެދުވެރި ލޯބީގެ ހައްގުގައި ބުނަން. ތިޔަ ޒަމާނީ އުޅުން ދޫކޮށްލައިފަ އިސްލާމީ ރިވެތި ސިފަ އިސްކުރޭ. ކުރު ހެދުންތައް ދޫކޮށްލާ މީހާ ނިވައިވޭ. ފަރުލުތަކަށް ހުރުމަތްތެރިވޭ. ކުރެވުނު ފާފަތަކަށް ތައުބާވެ ފުއްސެވުމަށް ދަންނަވާ. މިއީ އެފަދަ މަހެއް. މިމަހު ކުރަންވީ ކަމަކީ މޮޅެތި ރެސިޕީތައް ހެދުމާ ރީތި ފިލްމުތައް ބެލުމަށް ނޫން. ކުރެވުނު ފާފަތައް ފުއްސަވާތޯ ދަންނަވަންވީ. އަހަރުމެން އުޅެން އޮތް ތަނަކީ މިއެއް ނޫން،" އަރުޝަދުގެ އަޑުގައި މަޑުމޮޅިކަން އިތުރުވިއެވެ. "ރޯދަމަހަށް ދޭން ޖެހޭ ގަދަރު މި މަހަށް ދީ."

އަހަންނަށް ގިސްލެވެން ފެށުނެވެ. އަރުޝަދު އެ ދެއްކީ ކިހައި ތެދު ވާހަކައެއް ހެއްޔެވެ؟ އަހަންނަށް އުޅެވެމުން މިދަނީ ކޮން ފަދަ އުޅުމެއް ހެއްޔެވެ؟ ކުރެވެމުން މިދަނީ ކޮންފަދަ ކަންކަމެއް ހެއްޔެވެ؟ އަހަރުމެންނަކީ މުސްލިމުންނެވެ. އެކަމަކު ފިޔަވަޅު މިއެޅެނީ ޔޫރަޕުގެ ވިސްނުންތަކުން ފިލާވަޅު ނަގައިގެންނެވެ.

"ފިރިމީހާ އިސްލާހު ކުރުމަކީ އަނބިންގެ ޒިންމާއެއް. އަނބިންގެ ވަފާތެރިކަމަކީ ފިރިން ހެދިހާ ގޮތެއް ހެދިގެން ތިބުމެއް ނޫން. ފިރިން ހަމަ މަގަށް އެޅުވުން. ރިޝްފާނަކީ ހުޅަނގުގެ ކުލަ ޖެހިފަ ހުރި މީހަކަށްވީތީ އޭނާ އިސްލާހު ކުރުމަކީ ޒޭނާގެ ޒިންމާއެއް،" އަރުޝަދު ހަތަރުކަޅި ހަމަކޮށްލީ ސީދާ އަހަންނާ އެވެ. "އޭނާއަށް ވިސްނައިދީ. ހެޔޮ މަގަށް އަޅުވާ. ވަފާތެރި މަޑުމޮޅި ރީތި އަނތްބަކަށް ވެވޭނީ އޭރުން."

އަހަންނަށް ލޯ މަރައިލެވުނެވެ. ކުއްލިއަކަށް އަރުޝަދު ހަޅޭއްލަވާ ގަތް އަޑު އިވުނެވެ. ލޯހުޅުވާ ބަލައިލެވުނެވެ. މުޅިތަން އެކުގައި އަނދިރިވި އެވެ. އަރުޝަދުގެ އަޑު އިވެނީ މަތިންނެވެ. މައްޗަށް ބަލައިލެވުނު އިރު، ކުރިން ފެނުނު ބިރުވެރި އެތީގެ އަނގައިގެ ތެރޭގައި އަރުޝަދު އޮތެވެ.

ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. ކުރިމަތީ ހުރި ޓީވީން ފެންނަމުން ދިޔައީ ހަމަ އެ މަންޒަރެވެ. އަނގައި ތެރޭގައި އޮތް މީހާ ސަލާމަތަށް އެދި ހަޅޭއްލަވަމުން ދިޔައެވެ. އެއާއެކު މަންޒަރު ގެއްލުނެވެ. ދެން ފެންނަން ފެށީ ހުދުކުލައިގެ އަކުރުތަކެކެވެ. އިނގިރޭސި އަކުރުތަކެކެވެ. ޓީވީން ކަރަންޓު ދިޔައެވެ. ކުރިމަތީގައި ހުރި މޭޒު މަތީގައި ރިމޯޓު ބޭއްވި އެވެ. އަހަންނަށް ބަލައިލެވުނީ މައްޗަށެވެ. ފެނުނީ އަނީސްގެ މޫނެވެ. އޭނާ ހިނިތުންވެލި އެވެ. ސިހިފައި އަހަންނަށް ތެދުވެ ވުނެވެ.

"ކިހިނެއްވީ؟" އަނީސް އަހައިލިއެވެ. "ފިލްމު ނިމުނު އިރަށް ތި ހޭލީ. ތި ބިރުވެރި ފިލްމު ބަލާ މީހާއަށް ވާގޮތް. ފިލްމު ބަލާނީ ސޭވްކުރަމުން ހުވަފެނުގައި."
"އަރުޝަދު،" އެކި ތަނުން އެކި ވާހަކަ ނަގަމުން އަހަންނަށް ބުނެވުނެވެ. "މިއަދު، އޭނާއަށް އެނގިއްޖެ."
"އޭނ! މަރުވެފަ އޮތް މީހަކު؟" އަނީސް ބުނެލި އެވެ. "ކޮންކަމެއް. ހުވަފެނެއް ބެލީދޯ."
"އާނ! އޭނާ ދެއްކީ ރަނގަޅު ވާހަކައެއް. އަހަރުމެން އުޅޭ ގޮތުގެ ވާހަކަ، ކުރާ ކަންކަމުގެ ވާހަކަ." އަހަރެންގެ ފައިން ފެށިގެން ބޮލާ ހަމައަށް ނޭނގޭ ތުރުތުރެއް ދުވަމުން ދިޔައެވެ.

ހުވަފެނުގައި ފެނުނު ވާހަކަތައް އަނީސަށް ކިޔައިދިނީމެވެ. އޭނާ ގާތަށް އައީ ހިންޏެވެ. ހެމުން ހެމުން ގޮސް މީހާ ހިނދުނެވެ. ބަނޑުގައި އަތް އަޅައިގެން އޮވެއެވެ. އަހަރެން ގާތަށް ރުޅި އަންނަ ގޮތްވި އެވެ.

"ޒޭނާ! ތި ވީ ގޮތަކީ ފިލްމުން ތަންކޮޅެއް ބަލައިފަ ނިދައިފަ، އަނެއްކާ ލޯ ހުޅުވުނީމަ ބަލައިލައިފަ، ދެން ވެސް ބަލައިފަ، އެގޮތް މިގޮތްވީމަ ހުވަފެނުގައި ތި ފެނުނީ ފިލްމުގެ ތަންކޮޅު ކޮޅު އެކުވެގެން. މި ފިލްމުގައި ވެސް ވީ ތިހެންނޭ." އަނީސް އަހަރެންގެ ގައިގައި ބައްދައިލި އެވެ.

"ދެން! އެކަމަކު އަރުޝަދެއް ފިލްމަކު ނޫޅޭނެއްނު. މިއަދު ކުރެވުނީ ކަމޯ! އެ ހުވަފެންތަ؟" އަހަރެން ހިތްހަމަ ނުޖެހިފައި ބުނެލީމެވެ. "އަރުޝަދުގެ ވާހަކައެއް ބުނާއިރަށް އަނީސް ހިތްހަމަ ނުޖެހޭނެކަން އެނގޭ."
"ދެން ޒޭނާ."
"އާނ. އަހަރެން އަނީސާ އިނީ އަރުޝަދު ނިކަމެތިވީމަ، އޭނާ ދެކެ ލޯބި ވިޔަސް ދިރިއުޅެވޭނެހާ ތަނަވަސްކަން ނެތީމަ. ފަހުން އޭނާ މާ ބޮޑަށް ދީނީ ވެގެން އުޅެން ފެށީމަ. އެކަމަކު، އެކަމަކު،" އަހަރެން ބުނަން އުޅުނު ވާހަކަ ފުރިހަމަ ނުކުރެވި އާގަންނަ ގޮތްވި އެވެ. "އެކަމަކު، އަހަރެން ހިޔެއް ނުކުރަން އަނީސް މިހެން ވާނެ ކަމަކަށް. އަރުޝާދާ ދިމާ އިދިކޮޅަށް ދީނާ ފެޔަށް ޖެހޭނެ ކަމަކަށް. އެކަމަކު އަނީސްގެ މޮޅު ވާހަކައިން އަހަންނަށް ވެސް ހެއްލެވުނީ. ދީނާ ދުރުވެ ދުނިޔަވީ އުފަލަށް ހެއްލެވުނީ."

އަނީސް އަނގައިން ވެސް ނުބުނެ އިނީއެވެ.

"އަހަރެން ގޮތެއް ނިންމައިފިން. ތައުބާވެ އަލުން ބަލުން ފަށަން. މުޅި މީހާ ބަދަލުވާން. އަނީސް ވެސް މިކަމާ އެއްބަސް ނުވާނަމަ އަހަރެން ދޫކޮށްލާ." އަހަރެން އަޒުމާއެކު ބުނެލީމެވެ.
"އެންމެ ރަނގަޅު! އަހަރެން ވިސްނާނަން." އަނީސް ފުން ނޭވާއެއް ދޫކޮށްލި އެވެ.

އެ ރެއަށް ފަހު އަހަރުމެން އެއްކޮށް ބަދަލުވީމެވެ. މުޅިން އާ ދިރިއުޅުމެއް ފެށީމެވެ. ވަރަށް މަސައްކަތުން އަނީސް ވެސް މުޅިން ބަދަލުވި އެވެ. އަރުޝަދުގެ އުސޫލުތަކަށް އޭނާ ބަދަލުވި އެވެ. މިއަދު އަހަރުމެންނަކީ ހިތްހަމަ ޖެހިގެން އުޅެމުންދާ ދެމީހުންނެވެ. ދުވަހަކު ވެސް މައްސަލައެއް، ހިތްހަމަ ނުޖެހޭ ކަމެއް ދިރިއުޅުމުގައި ކުރި މައްޗެއް ނުވެއެވެ. މާދަމާއަކީ އަހަރުމެންގެ އަލަތު ދަރިފުޅު އުފަންވާނެ ކަމަށް ޑޮކުޓަރުން ބުނާ ދުވަހެވެ. އަހަންނަށް ހިތާއިހިތުން ޝުކުރު އަދާކުރެވެމުން ދިޔައީ އަރުޝަދަށެވެ. ގެއްލެމުން، ބެހެމުން ދިޔަ ހަޔާތަށް އާރޯކަން ގެނުވި މެދުވެރިއަކަށް ވީތީ އެވެ.

މީހުން ބުނަނީ ތެދެކެވެ. ތެދުވެރި ލޯތްބެއް ވެވިއްޖެ ނަމަ ދުވަހަކު ވެސް އެ ލޯތްބެއް މަރެއް ނުވާނެ އެވެ. އެއީ މަރުނެތް ލޯތްބެކެވެ. މަރުވެ ފަނާވަނީ ޖިސްމުތަކެވެ. އެ ހަނދާންތަކަށް ނިމުމެއް ނާންނާނެއެވެ. އަރުޝަދުވީ ވެސް އެފަދަ ލޯތްބެކެވެ. އަހަރެން ދެކެ އަނީސް ވެސް އެވަނީ އެފަދަ ލޯތްބެކެވެ. އެހެން ނޫންނަމަ އެހައި ފަސޭހައިން އޭނާ ބަދަލު ނުކުރެވުނީހެވެ. (ނިމުނީ)