ދެ ލޯ ހުޅުވާލެވުނެވެ. ދެ ލޯ ބޮޑުކޮށްލަށް މަޖުބޫރުވިއެވެ. ތަންދޮރު ވަކިވާވަރެއް ނުވިއެވެ. އިރުކޮޅެއް ވަންދެން އޮތީމެވެ. އަތްފައި ގުޑުވާލަން ވެސް ނޭނގިފައެވެ. ނަމަވެސް، ނޭވާ އަވަސްވެ ހިތުވިންދު ބާރުވަމުން ދިޔައެވެ. އަނދިރިކަމުގެ ތެރެއަށް ލޯ ހޭނެމުން ދިޔައެވެ. ކޮންމެވެސް ވަރަކަށް ތަންދޮރު ވަކިވާވަރުވިއެވެ. އިވެމުން ދިޔައީ މާނޭވާއެއްގެ އަޑެވެ. ވޭނީ ގިސްލުމުގެ އަޑެވެ. އަހަންނަށް ވިސްނައިލެވުނެވެ. އެއީ ހަމަ އެ އަޑެވެ. ކޮންމެ ރެޔަކު ތަކުރާރުވާ ވޭނީ އަޑެވެ. އެއީ އެ ގިސްލުމެވެ. ލަސްލަހުން ހިންދިރުވާލެވުނެވެ. އަޑެއް ބަޑެއް ނީވޭގޮތަށް ދެ ކަންފަތުގައި އަތްއަޅައިލީމެވެ. ދެ ލޯ މަރައިލަމުން ދެ ލޮލަށް ބާރުކޮށްލީމެވެ. އެ އަޑު އަހަން ބޭނުން ނުވާތީއެވެ. އެ މަންޒަރު ބަލަން ބޭނުން ނުވާތީއެވެ.
އާއެކެވެ. އަހަރުމެންގެ ވާހަކައަކީ މިއީއެވެ. އަހަރުމެންގެ ވާހަކަ ފެށޭނީ 'ގިސް' މި ލަފުޒުންނެވެ. ގިސްލުމުންނެވެ. ގިސްލަގިސްލާ ރުއިމުންނެވެ. ހިތްދަތިވެ ރޮވޭގޮތް ވުމުން ނޭވާލުމަށް ދަތިވެ ކުރުކޮށް ނޭވާލެވޭ އިރު ގޮއްވޭ މި އަޑުތަކުންނެވެ. އެކަމަކު މިއީ ތަފާތު ވާހަކައެކެވެ. މިއީ ގެވެށި އަނިޔާގެ ވާހަކައެއް ނޫނެވެ. މިއީ ޖިންސީ ގޯނާގެ ވާހަކައެއް ވެސް ނޫނެވެ. މިއީ އަހަރެންގެ ދިރިއުޅުމެވެ. ދިރިއުޅުމުގެ ކުލަ މަންޒަރެވެ.
އަހަންނަކީ ވެސް އުފާވެރި ހަޔާތެއްގެ މަންޒަރު ބޮލުގައި ކުރެހި ޒުވާނަކީމެވެ. ދިރިއުޅުމާ މެދު ފޮނި އުއްމީދުތަކެއް ކުރި މީހަކީމެވެ. މަންމައާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިއަކީމެވެ. އެ މަންމައާއި ބައްޕަގެ އުއްމީދުތައް ހުރީ ވަރަށް މަތީގައެވެ. އެމީހުން މުސްކުޅިވެ ގައިބާރު ދެރަވުމުގެ ކުރީން އެދުނީ އެންމެ ކަމެއް ކޮށްދިނުމަށެވެ. އެންމެ ހުވަފެނެއްގައި ކުލަ ޖައްސާދިނުމަށެވެ. އެއީ ޅީދަރިއެއް ގޭގައި ބައިންދާ ދިނުމެވެ.
"ބޮޑު ލިސްޓެއް އޮތީ،" އަހަރެން މަންމަގެ މޫނަށް ބަލައިލަމުން ހިނލީމެވެ. "ޝަރުތު ވަރަށް ގިނަ. ދޮޅު ސަފުހާއިން ވެސް ނުލިޔެވޭނެ."
"ކޮންހާ ޝަރުތެއްތަ ދަރިފުޅާ؟" މަންމަ ހިނިތުންވެލަމުން ބައްޕަގެ މޫނަށް ބަލައިލިއެވެ.
"ގެވެހިވާން ވާނެ، ކިޔަމަންތެރި ވާންވާނެ، އޯގާތެރިވާން ޖެހޭނެ، ކެތްތެރިވެފަ ނިޔަނެތިވާން ވާނެ، ތެދުވެރި އިހުލާސްތެރިއަކަށް ވާންވާނެ، ވަފާތެރިވެފަ އަބުރުވެރިވާން ވާންނެ." އެއް ނޭވާއިން އަހަރެން އަމުނައިލީމެވެ.
"މަންމައަށް ހީވަނީ ތިޔަ ހުރިހާ ވެރި އަކާ ތެރިއެއް ހިފައިގެން ދަރިފުޅު މުޅި ދުނިޔޭގައި އަތްފުނާ އެޅިޔަސް ތި ޝަރުތުތައް ހަމަވާ ކުއްޖަކު އަތު ނުވާނެހެން،" މަންމަ ހޭންފެށިއެވެ. "ދަރިފުޅާ ހިތުގައި ހުރި ހުރިހާ ޝަރުތެއް ފުރިހަމަވާ އެއްވެސް އިންސާނަކު ދުނިޔޭގައި ނޫޅޭނެ. ދަރިފުޅު ޖެހޭނީ ދަރިފުޅު ދެކެ ލޯބިވާ ނޫނީ ދަރިފުޅު އެމީހަކު ދެކެ ދަރިފުޅު ލޯބިވާ މީހަކު ހޯދަން. އޭގެފަހުން ތިޔަ ހުރިހާ ތެރި އަކާއި ވެރި އަކުން އެ މީހަކު ޒީނަތްކުރުވާން."
ބައްޕަ ވެސް ބަލައިލީ އަހަރެންގެ މޫނަށެވެ. މަންމަގެ ވާހަކައަށް ތާއިދު ކުރަމުން ބައްޕަ ވެސް ބޯޖަހައިލީއެވެ.
"އެކަމަކު މަންމާ!" މަންމަގެ މޫނަށް ބަލައިލަމުން އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
"ކަންކަމުގައި ފަހިކޮށް ވިސްނުމާއި ފަހި ނަޒަރު ގެންގުޅުމަކީ ދިރިއުޅުމެއް ކާމިޔާބު ވުމުގެ އަސްލު. ކޮންމެ ކަމަކީ ވެސް އިމްތިހާނުކަމަށް ގަބޫލުކޮށް، ކޮންމެ ކަމަކުން ވެސް ފިލާވަޅުތަކެއް ދަސްވާނެކަން ވިސްނައި، ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައި ނޭނގޭ ހިކުމަތެއް އޮންނާނެކަން ގަބޫލުކުރުމަކީ ވަރަށް މުހިއްމުކަމެއް." އަހަރެންގެ މޫނަށް ބަލައިލަމުން ބައްޕަ ބުނެލިއެވެ.
"އަހަރެން ގެންނަ ކުއްޖާއަކީ މަންމައާއި ބައްޕައަށް ކަމުނުދާ ކުއްޖަކަށް ވެއްޖެ ނަމަ؟" އަހަރެން ބަލައިލީ ސީދާ މަންމަގެ މޫނަށެވެ.
"ދަރިފުޅު ގެންނާނީ ސީދާ މަންމަގެ ހިތުގައި އޮތް ކުއްޖާ، މި ބުނީ މަންމަ ބޭނުންވާ ކަހަލަ ކުއްޖެއް. އެ އިތުބާރާއި އެ ޔަގީންކަން އެބައޮތް." މަންމަ ހިނިތުންވެލިއެވެ.
"ބައްޕައަށް މައްސަލައެއް ނެތް ކޮންމެ ކުއްޖަކު ގެނަޔަސް، އެކަމަކު އެ މީހަކު ވާންވާނީ ދަރިފުޅަށް ރަނގަޅު ދަރިފުޅު ދެކެ ލޯބިވާ ކުއްޖަކަށް."
ދުވަސްތައް މާޒީގެ ސަފުހާތަކުގެ ތެރެއަށް ފެވެމުންދިޔައެވެ. އަހަރެން ސިކުނޑީގައި ކުރެހިފައިވާ ކުއްޖާ ފެނޭތޯ ކަޅިއަޅަމުން ދިޔައީމެވެ. ނަމަވެސް، ސިކުނޑީގެ ލެންސަށް ހިތުގެ ރާނީގެ ކުލަވަރެއް ނާރައެވެ. ނުފެނެއެވެ. ހަދަމުން ދިޔަ ތިން އަހަރު ދުވަހުގެ ޑިގުރީ ކޯސް ވެސް ނިމެނީއެވެ. ބާކީ މި އޮތީ އެންމެ ސެމިސްޓަރެކެވެ. އެ ސެމިސްޓަރު ވެސް ނިމެން ފައި ކުރުކުރަނީއެވެ. އަހަރެން މި ކިޔަވަނީ އޮފީހުން ލިބުނު ސްކޮލަރޝިޕެއްގައެވެ. މާލޭގައި ހުރެގެންނެވެ. ވަޒީފާއަށް ނުކުންނަމުންނެވެ. އެހެންވެ ވަގުތު ވެސް ލިބެނީ ހޯދައިގެންނެވެ. ބަހައިގެން ތާވަލުކޮށްގެންނެވެ. ބޭރަށް ނުކުމެލައި ހިތްއުފާކޮށްލަން ވެސް ވަގުތު ހުސްކޮށްގެންނެވެ.
"އަދި ހަމަ ލެންސަށް ނާރާ މަގޭ މަލިކާގެ ތަސްވީރެއް." ރައްޓެހިންނާއެކު ކޮފީ މޭޒެއް ކައިރީ އިނދެ ބުނެލެވުނެވެ.
އެންމެން އެކުގައި ފާޑަކަށް ހީނގަތެވެ.
"މަށަށް ހީވަނީ ތިހިރަ އަންނަނީ ތިޔަ ޒާތުގެ މަންޖެ ގަނޑެއްހެން." އަހަރެން ގާތުގައި އިން މަދީހު ލާނެތް ފާޑަކަށް ހީނލަމުން އިނގިލި ދިމާކޮށްލިއެވެ.
އެންމެން އެކުގައި ބަލައިލީ ރެސްޓޯރެންޓް ތެރެއަށް ވަދެގެން އައި ދެ އަންހެން ކުދިންނަށެވެ. އަހަންނަށް ވެސް ބަލައިލެވުނެވެ. އެއީ ކަޅު ކުލައިގެ ދިގު ހެދުން އަޅައިފައިވާ ސަމައްތަރު ހެޔޮ ދެ ޒުވާނުންނެވެ. ބަލައިބެލުމަށް އަހަރުމެންނާ އެއް އުމުރެއްހެން ހީވެއެވެ. ދެ މީހުން ވެސް ކަޅި އަޅަމުން ދިޔައީ ހުސް މޭޒަކާ ދިމާއަށެވެ. އަހަންނަށް ބަލައިލެވުނީ އެތަނުން ދޮންކޮށް ހުރި ކުއްޖާ އަށެވެ. އެއީ ވަށް މޫނެކެވެ. އުފުލިފައިވާ ރީތި ދެ ކޯތާފަތެވެ. ރީތި ދެތުންފަތެވެ. ގުދުރަތީ ރީތިކަމެވެ. މަސްނޫއީ ކުލަވަރެއް އެ މޫނަކުން ނުފެނެއެވެ. ސުބުހާﷲއޭ ބުނެވުނެވެ. އެއީ ބަލާ މީހަކު ފޫހި ނުވާފަދަ ޗާލު މޫނެކެވެ. ރީތި ކަޅި ރަވައެކެވެ. ހިތުގައި ކުރެހިފައިވާ މަންޒަރުތަކާ އެ ހަރަކާތްތަކާ ގުޅުވެމުން ދިޔައެވެ. އެހެންވެ އަހަންނަށް ކަޅި ޖަހައި ނުލައި ބަލަން އިނދެވުނީއެވެ.
"ޖައިލަމޫ." މަދީހު އަހަރެންގެ މޫނަށް ޗޮކެއް ކަނޑައިލިއެވެ.
"ބަލަ އެއީ ޖައޭގެ ޓޭސްޓޭ. މަޑުމައިތިރިވެފަ ވަރަށް އަބުއިވާނެ. މަދީއަށް ނުވިޔަސް ޖައޭއަށް ވާނެ." ކޮފީގައި އިން މުނީޒު ބުނެލިއެވެ.
އެ އަޑު އެ ކުދިންނަށް އިވުނެވެ. އެމީހުން ބަލައިލީ ސީދާ އަހަރުމެންނާ ދިމާއަށެވެ.
"ކާކު ބިރު ގަންނުވަން ތި ބަލަނީ؟ އަހަރުމެން ކައޭ މެނަކާ ނުފޮށެމޭ،" މަދީހު ހިތްހަމަ ނުޖެހުނުވެ. "ދެން އިރުކޮޅެއްވާ އިރަށް އޮންނާނީ މަ މިހެން ބުނި ވާހަކަ ވެސް ބޮޑުކޮށްލައިގެން ނޫސްތަކުގައި ޖަހައިފަ. މި ގައުމުގަ ހުރިހާ ހައްގުތަކެއް އޮންނާނީ އަންހެނުންނަށް. އަހަރުމެން ފިރިހެނުންނަށް އެއްވެސް ހައްގެއް ނޯންނާނެ."
"މަދީ..." އަހަރެން ދެ އަތް ހުޅުވާލަމުން މަދީހުގެ މޫނަށް ބަލައިލީމެވެ.
"އަހަރެން މި ދައްކަނީ ހަގީގަތޭ. ޖައޭ މާ އިނޮސެންޓްވާނެ ކަމެއްނެތް. ކައޭ ވެސް އެހާ ހަމްދަރުދީ ވަންޏާ އެ މޭޒަށް ދާންއުޅޭ." މަދީހު ހިތްހަމަ ނުޖެހުނެވެ.
އެ ދެ ކުދިން އިށީނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ކައިރީގައެވެ. އެމީހުން ބަލައި ވެސް ނުލައި ތިބީއެވެ. އަހަންނަށް އެހެން ކަމެއް ވެސް ފާހަގަކުރެވުނެވެ. އެތަނުން ދޮންކޮށް އިން ކުއްޖާ ސިއްރުން ރޮމުން ދިޔަކަމެވެ.
"މަދީ ކައޭ ދެން ކޮން ހަސަދައެއް. ނޫނެކޭ ބުނުމުގެ ހައްގު ޒޫނާއަށް އޮތީމައޭ އެހެންބުނީ. ދެން ބަޔަކު ތަނަކުން ފެންނަ އިރަށް ތި ފާޑަށް އުޅެގަތީމަ އަހަރުމެންނަށް ހުތުރެއްނު ދޯ ޖައީ،" މުނީޒު ބަލައިލީ އަހަރެންގެ މޫނަށެވެ. "ހައްގުތަކޭ ކިޔައިގެން މަދީހުމެން ކަހަލަ މީހުން ފުއްޕީމަ ރީއްޗެއް ނޫން. ބަލަ ތިމާގެ ހައްގު ފެށޭ ހިސާބަކީ އަނެއްކާގެ ހައްގު ނިމޭ ހިސާބެއް ނޫނޭ. ބަލަ މަދީހަކީ ވެސް އަންހެނަކަށް މަންމަ ކިޔާ މީހެއް. އިންނާނީ ވެސް އަންހެނަކާ، ނޭނގެ އަންހެން ދަރިއެއް ނޫން ކަމެއް ފުރަތަމަ ލިބޭނީ ނޫންކަމެއް ވެސް. ދެން އަންހެނުންގެ ހައްގުތައް ހިމާޔަތް ނުކުރާންވީ ސަބަބެއް މަށަކަށް ނުވިސްނޭ."
"ޒޫނާ! މަދީހު؟" އަހަންނަށް ބުނެލެވުނެވެ.
"އާނ! މި ކަލޭގެ ރަށު މަންޖެއެއް ޒޫނާއެ. އެ ވަރަށް ރަނގަޅު ކުއްޖެއް. މީނަ ރައްޓެހިވާން އެހީމަ އެ މަންޖެ ނޫނެކޭ ބުނެގެން މި ފުއްޕަނީ." މުނީޒު އޮޅުންފިލުވައިދިނެވެ.
"ވަރަށް ދެރަ ކަމެއް ތީ. މީހުންގެ ހިތް އަތުލެވޭނީ ވެސް ލޯބި ހޯދޭނީ ވެސް ރީތި އަހުލާގު އިސްކޮށްގެން. ފެންނަހާ ތަނަކުން ފޮށި، ބެހެންޏާ އުފެދޭނީ ނަފުރަތު. އެ މަންޖެ އެއިނީ ރޯން. ޔަގީން." މަދީހަށް ވިސްނައިދެވޭތޯ އަހަރެން ބެލީމެވެ.
"ދެން ޖައޭ ދާންވީނު." މަދީހު އިނީ ރުޅި އައިސްފައެވެ.
އަހަރެން ތެދުވީމެވެ. ބޭނުންވީ މަދީހަށް ދައްކާލާށެވެ. އަހަރެން ތެދުވުމުން މަދީހު ބަލައިލީ އަހަރެންގެ މޫނަށެވެ. އޭނާގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ. ހިތްހަމަ ނުޖެހުމެވެ. އަހަންނަށް ބަލައިލެވުނީ މުނީޒުގެ މޫނަށެވެ. އޭނާ ވެސް ނިތުން އިޝާރާތްކޮށްލީ ދިޔުމަށެވެ.
އަހަރެން ހިނގައިގަތީމެވެ. ޒޫނާމެން ތިބި މޭޒު ކައިރީގައި ހުއްޓިލަމުން ސަލާން ގޮވާލީމެވެ. ސަލާމުގެ ޖަވާބު ދިނީ ޒުނާއާއެކު އިން ކުއްޖާއެވެ.
"އިށީނދެލިޔަސް އޯކޭތަ؟" އަހަރެން ބަލައިލީ ސީދާ އެ ކުއްޖާގެ މޫނަށެވެ.
ބަދަލުގައި އޭނާ ހިނިތުންވެލިއެވެ. ޝުކުރު އަދާކޮށްލުމަށްފަހު އަހަރެން އިށީނީމެވެ. އެ ކުއްޖާ ހިނިތުންވެލައިގެން އިނީއެވެ. އަހަރެން ބަލައިލީ ޒޫނާ އަށެވެ. ޒޫނާ އިނީ އިސްޖަހައިލައިގެންނެވެ. އަހަރެން އަމިއްލައަށް ތައާރަފުވެލީމެވެ.
"އަހަންނަކީ ނަދީމާ، މީ ޒޫނާ." ނަދީމާ ވެސް އަމިއްލައަށް ތައާރަފުވެލިއެވެ.
"ވަރަށް ބޮޑަށް މާފަށް އެދެން،" އަހަރެން ބަލައިލީ ސީދާ ޒޫނާ އަށެވެ. "މި ބުނީ މަދީހުގެ ކަންތަކާ ހެދި. ޒޫނާ ދެރަކޮށްލީމަ. އަހަންނަކަށް ކުރިއަކުން ނޭނގެ ތީ މަދީހުގެ ކަމެއްކަމެއް."
ޒޫނާ އިސް އުފުލައިލިއެވެ. އޭނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އަހަރެންގެ ދެ ލޮލަށެވެ. އަހަރެން ލުއި ގޮތަކަށް ހިނިތުންވެލީމެވެ. ބަދަލުގައި ޒޫނާ ބަލަން އިނީއެވެ. އަހަރެންގެ މޫނަށެވެ. ހީވަނީ އަހަރެންގެ ދެ ލޮލުން އޭނާއަށް އިތުރު އެއްޗެއް ފެންނާތީ ބަލާހެންނެވެ. އަހަންނަށް ވެސް އިނދެވުނީ ސީދާ ޒޫނާއަށް ބަލާށެވެ. ހީވީ މާދުރުގައި އޮތް ބަގީޗާއަކަށް އުދުހިފައި ދެވުނުހެންނެވެ. އެތަނުގައި އުދުހެވޭ ހެންނެވެ. ޕަރުވާނާތަކެއް ފަދައިން އުޅެވޭހެންނެވެ.
އެ ދުވަސްވީ އަހަންނަށް ވަރަށް މުހިއްމު ދުވަހަކަށެވެ. އެ ބައްދަލުވުން ވީ އާދަޔާ ހިލާފު ބައްދަލުވުމަކަށެވެ. އަހަރެންގެ ހިތުގައި ނިދައިފައި އޮތް އިހުސާސްތަކުގައި މަޑުމަޑުން ވިންދު ޖަހަން ފެށި ބައްދަލުވުމަކަށެވެ. ޒޫނާގެ ދެ ލޮލުގެ ޖާދޫގައި އަހަރެން ރަނގަޅަށް ވެސް ބަނދެވުނެވެ. އޭނާއާ މެދު ފިކުރު ކުރެވޭވަރު އިތުރުވިއެވެ. އެ ދޮންދޮން މޫނު ދެކޭ ހިތްވަނީއެވެ. އެ ރީތި ދެ ލޮލުގެ ތެރެއަށް ފީނަން ބޭނުންވަނީއެވެ.
"ދަރިފުޅަށް ކޮން ކަހަލަ ހިމޭންކަމެއް ލިބިފަ ތި ހުންނަނީ،" ކޮޓަރީގެ ދޮރު ހުޅުވާލަމުން މަންމަ އެތެރެއަށް ވަނެވެ. "މަންމައަށް އެބަ އިހުސާސްކުރެވޭ ކަމެއް."
އަހަރެން ބަލައިލީ މަންމަގެ މޫނަށެވެ. މަންމަ ވެސް އަހަންނާ ދިމާއަށް ބަލައިލިއެވެ. ދަރިންގެ މިޒާޖަށް ކުޑަ ބަދަލެއް އަޔަސް މައިންނަށް އެނގޭނޭ ބުނަނީ ތެދެއްކަން އަހަންނަށް ވިސްނުނެވެ. ނަމަވެސް އަހަރެން އުޅުނީ ނޫން ކަމަށް ހެދޭށެވެ.
"މަންމައަށް ހީވާ ގޮތެއް." އަހަރެން ބުނެލީމެވެ.
"އެންމެ ރަނގަޅު މަންމަ ގަބޫލުކޮށްފާނަން. އެކަމަކު މަންމައަށް ނޭނގެނީ ކޮން ޒޫނާއެއްކަން." މަންމަ ހިނިތުންވެލިއެވެ.
އަހަންނަށް އަނގަހުޅުވުނެވެ. ދެ ލޯ ބޮޑުކޮށްލެވުނެވެ. މަންމަގެ މޫނަށް ބަލަން އޮވެވުނެވެ.
"އާނ! އަދިވެސް މަންމައަށް ސިއްރުކުރަންވާނެ. މަންމައަށް އޮޅުވާލަންވާނެ." މަންމަ ހިނިތުންވެލިއެވެ.
އަހަންނަށް ފާޑަކަށް ބަލައިލެވުނެވެ. ނޭވާ އަވަސްވާ ގޮތްވިއެވެ.
"ހީވަނީ ވަރަށް އަހުލާގު ރަނގަޅު މަޑުމައިތިރި ކުއްޖެއްހެން. މަންމަގެ ސިކުނޑި ވަރަށް އޮޅުވާނުލާނެ." މަންމަ އިށީނީ އަހަރެން ގާތުގައެވެ. (ނުނިމޭ)