"ކިޔާ އެއްޗެއް ކިޔާ! މަށެއް ނޫޅެއް ފައިއަށް އަނިޔާއެއް ކުރާކަށް." ރިޒާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
ފައިރޫޒާ ހުރީ ހަމައިން ނެއްޓިފައެވެ. އޭނާގެ މޫނުމަތީން ފެންނަނީ ރުޅިވެރިކަމެވެ. ހިތްހަމަ ނުޖެހުމެވެ. ދެ ބުމަ ހުރީ ކައިރިކޮށްލައިފައެވެ. ނިންމަތިން ދެތިން ރޫ ފާޅުކޮށްލައިފައެވެ.
"ކޮންމެ ކަމެއް ކޮށްފަ ވެސް، ކޮންމެ ގޮތަކަށް އުޅެފަ ވެސް ރިޒާއަށް ދޭން އެނގޭނީ އެއް ޖަވާބެއް. ބުނަން އެނގޭނީ އެއް ވާހަކައެއް." ފައިރޫޒާ ކުރިއަށް ޖެހިލިއެވެ.
"ކިތައް ފަހަރު ބުނާނީ ތިހެން ނޫޅޭށޭ. ޝަކުވާއަކުން ކެއްކޭނެ ބޮނޑިބަތެއް ނޯންނާނޭ. މީހަކު އެއްޗެއް ބުނެލާއިރަށް ތިހެން ނޫޅޭށޭ." ރިޒާ ސޯފާ މައްޗަށް ވެއްޓިގަތެވެ.
"ރިޒާއަށް ތިނޫން ވަރެއް ދުވަހަކު ވެސް ވޭތަ؟ ކީއްވެގެން އަބަދުވެސް މަށަށް ފޭކް ފޮޓޯ ލިބެނީ. ފޭކް އެސްއެމްއެސް ފެންނަނީ؟ ކީއްވެގެންތަ މަށަށް ފޭކް ސްޓޭޓަސްތައް އެ ފެންނަނީ؟ ބުނެބަލަ. ޖަވާބުދީބަލަ،" ފައިރޫޒާ ޖެހިގަތީ ރިޒާއޮތް ސޯފާ އަށެވެ. "މަ މިއަހަނީ ކީއްވެހޭ މަށަށް ފެންނަ ހުރިހާއެއްޗެއް ފޭކަކަށްވަނީ؟ ފަސް އަހަރު ތެރޭގައި މަށަށް މި އުޅެވެނީ ފޭކު ދިރިއުޅުމެއް ނޫންބާއޭ މިހާރު ހިތަށްއަރާ. މަށަށް ޔަގީން ރިޒާ ބުނާނެ ތިމަންނާގެ އަނބިމީހާއަކީ ފޭކް މީހެކޭ."
"ފައީ ދެން ތި ބޮލި ރަވަ ހުއްޓާކަށް ނުވޭތަ؟ މިއަދު އިރު އަރައިގެން މި އުޅެނީ ހުޅަނގު ފަރާތުންބާއޭ ހިތަށް އަރާ. މި ދެ ދުވަހަކު ގެއަށް ވަދެއްޖެއްޔާ ބޯ ހީވާނީ ފަޅައިގެން ހިނގައިދާނެހެން. ގެއިން ބޭރަށް ނުކުމެއްޖެއްޔާ ގުޅާ ވަރުން ހީވާނީ ތަނެއްގައި ރޯވެގެން އުޅޭހެން،" ރިޒާ ފުން ނޭވާއެއް ދޫކޮށްލިއެވެ. "އަހަންނަކަށް ނޭނގެ ފައިއަށް ވިސްނައިދޭނެ ގޮތެއް."
ރިޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. މޫނު މައްޗަށް އަރާފައި ހުރި ބާރުގަނޑު ކެނޑި މީހާ ހަމައަކަށް އެޅެމުން ދިޔައެވެ. ނަމަވެސް، ފައިރޫޒާގެ ހާލަތަށް ބަދަލެއް ނާދެއެވެ. އެއް ވާނެއްގައި، އެއް ރާގެއްގައި އޭނާ ހުރީ ހިފެހެއްޓިފައެވެ. މޫނުމަތީގައި ކުލަޖައްސާފައިވަނީ ހިތްހަމަ ނުޖެހުމުގެ ފިއްސަކުންނެވެ. ހިތުގައި ހައްދަމުން ދިޔައީ މަސްނޫއީ ޝަކުވާގެ ކޯރަކުން ފެންއަޅައިގެން ހައްދަމުން ދިޔަ ގަހެކެވެ.
"ބުނެބަލަ، ރިޒާއަށް ކޮންކަމެއް ނުވެގެންތަ ތިހެން ތިއުޅެނީ؟ ކޮން އެއްޗެއް ނުލިބިގެންތަ ތިހެން ތި އުޅެނީ؟" ފައިރޫޒާގެ އަޑުގައި ޖަޒުބާތުގެ އޮއިވަރެއް އުފައްދާލިއެވެ.
"ފައީ، ބަލަ އަހަރެން ކީއްތަ ކުރީ؟ ކޮންކަމެއް ކޮށްގެންތަ ގެއަށް އައިސް ވަން އިރަށް ކުކުޅެއް ފުންމާލާހެން ބޮލަށް ތި ފުންމާލީ؟" ރިޒާ ފޯނު ނަގައި ސްކުރީނުގައި އިނގިލި ޖައްސާލިއެވެ.
"ރިޒާއަށް އެނގޭތަ ރިޒާއަށް ކުރެވެނީ ކޮންކަމެއްކަން؟ ހެދެނީ ކޮން ގޯހެއްކަން؟ ނިކަން ވިސްނައިލަބަލަ. އަހަރުމެން މީ ކިހާ އުފަލުގަ އުޅެންވީ ދެމީހުން. އިއްޔެއާ ހަމައަށް އަހަރުމެން މީ ކިހާ ލޯބިން އުޅުނު ދެމީހުން." ފައިރޫޒާ މޫނަށް ފާޑެއްގެ ގޮތެއް ހަދައިލިއެވެ.
ބަދަލުގައި ރިޒާ އަނގައަކުން ނުބުނެއެވެ. އޭނާ އިން ގޮތަށް އިނީއެވެ. ފޯނާ ކުޅޭށެވެ.
"އަހަރެން މިދައްކާ ވާހަކައެއް ރިޒާއަށް ނީވެނީތަ؟" ފައިރޫޒާ ގުދުވެލަމުން ރިޒާގެ އަތުން ފޯނު ޖަހައިގަތެވެ.
ރިޒާ ގާތަށް ރުޅި އައެވެ. ފައިރޫޒާ ކަންތައް ކުރި ގޮތުންނެވެ.
"ކިހާ ދެރަކަމެއްތީ ދެން، ފައީ." ރިޒާ ހިތްހަމަ ނުޖެހުނެވެ.
"އަހަރެން ވާހަކައެއް ދައްކާކަމެއް ރިޒާއަކަށް ނޭނގޭތަ؟ ރިޒާ އިނދެގެން އުޅެނީ ފޯނާތަ؟ ނޫނީ އަހަންނާތަ؟"
"މާތް ސާހިބާ އަޅުގަނޑަށް ޖަވާބު ނުދެވޭވަރު ސުވާލުތައް ކަމަނާ ކުރައްވާތީ ހަނުހުރުން އިސްކުރީ." މަލާމާތުގެ ރާގުގައި ރިޒާ ބުނެލިއެވެ.
"އަހަރެން މި އަހަނީ މިއަދު ސައިކަލު ފަހަތަށް އަރުވައިގެން އެ ގެންދިޔައީ ކޮން ކަމަނާ އެއްހޭ؟" ފައިރޫޒާ ފުފޭ ގޮތްވިއެވެ.
ރިޒާ ފާޑަށް ބަލައިލީ ފައިރޫޒާގެ މޫނަށެވެ. ރިޒާގެ ދެ ލޮލަށް ގޮތެއް ހަދައިލިއެވެ. ކޮން އިރަކުހޭ އަހައިފަދަ ގޮތަކަށެވެ. ކަމެއް ހަނދާންކުރަން އިނދެ ބަލައިލާ ފަދަ ގޮތަކަށް އޭނާ ބަލައިލީ ފައިރޫޒާގެ މޫނަށެވެ.
"މެންދުރު ފަހު އެއްގަޑި ބައިގައި، މާފަނުން ހެންވޭރަށް ދިޔައީ،" ފައިރޫޒާ ނިތް އަރުވާލިއެވެ. "އަމީނީމަގުން."
"ސާބަސް ފައި، އެއީ ދޮންތައެއް ނޫންތަ؟ މިހާރު އަހަންނާ ދޮންތައާ ވެސް އަޅުވާ ކިޔަން ފެށީތަ؟ ތި ބޮޑުވަރު." ރިޒާ ހިތްހަމަ ނުޖެހިގެން ތެދުވިއެވެ.
"ދޮންތަގެ ބުރުގާ ވެސް ނެގީތަ މިހާރު؟ ދޮންތަގެ ބޮލުގެ އިސްތަށިގަނޑުގައި ކުލަ ވެސް ޖެއްސީތަ މިހާރު؟ ދޮންތަ ޖީންސާއި ޓޮޕާ ވެސް ލަނީތަ މިހާރު؟ މަށަށް އޮޅިއްޖެ." ފައިރޫޒާ ޖެއްސުމުގެ ރާގުގައި ބުނެލިއެވެ.
"އަނެއްކާ އަނެއް ވާހަކަ؟" ރިޒާ ކުދި ކިޔައިލިއެވެ.
"މަ ވީއްޔާ ދައްކާނީ ތާކުންތާކު ނުޖެހޭ ވާހަކަ. މަ ވިއްޔާ ކުރާނީ ޝަކުވާ." ފައިރޫޒާ ޝަކުވާތައް ބަންޑުން ކުރަމުން ދިޔައެވެ. "އެ މަރީ ވެއްޖެއްޔާ ހުރިހާ ކަމެއް އޯކޭ. އޭނާއަކީ ވިއްޔާ މީހަކީ ދޯ."
"ކޮން މަރީއެއްހޭ؟"
"މަށަށްތަ އެނގޭނީ، ރިޒާއެއް ނޫންތަ ސައިކަލަށް އަރުވައިގެން އަމީނީމަގުމަތީ ސޭލް އެލުވީ."
"އަނގައިން ނުބުނެ އިނިއްޔާ ހިތްހަމަ ނުޖެހުނީ ނޫނީ ރުޅި ގަދަވީ، ވާހަކައެއްދައްކާފިއްޔާ އަނބިމީހާއާ ޒުވާބުކުރީ، ފައިރޫޒާއަށް ހެޔޮ އެއް ގޮތްވެސް ވެސްނޯވެއެއްނު،" ރިޒާ ސޯފާއިން ތެދުވިއެވެ. "ގެނޭ ފޯނު. ދާން ވެއްޖެ."
ފައިރޫޒާ ފުރަގަހަށް ދެއަތް ގެންދިޔައެވެ. އޭނާ ޖެހިލީ ފާރާ ކައިރިއަށެވެ.
"ބުނޭ މަރީ އެއީ ރިޒާގެ ކާކުހޭ؟ އަހަރެން ވިއްޔާ އަހަރެން، މިރޭ ޖެހޭނެ މިކަން ކޮޅެއްގަ ޖައްސަން." ފައިރޫޒާ ރުޅި އަންނަ ގޮތް ދައްކާލިއެވެ.
"ރުޅި އަޔަސް ހިނިއަޔަސް، ފައިރޫޒާ ތިޔަ ބުނާ މަރީއެއް އަދި ތިޔަ ދައްކާ ވާހަކަ އަހަންނަކަށް ނޭނގެ. އެހެން ނޫނަސް ސައިކަލެއްގެ ފަހަތަށް އަންހެނަކު އަރުވައިގެން މަގުމަތީ ދުއްވަނީ އެންމެން ކުރިމަތީގަ. އެއީ ގޯސްކަމެއް ކަމަށް ވަންޏާ އެކަން ކުރެވޭ. އެކަމަކު މިއަދަކު ތިޔަ ބުނާ ކަހަލަ މަރީއެއް ވިޔަސް، މަލީއެއެ ވިޔަސް އަހަރެން ސައިކަލު ފަހަތަކަށް ނާރާ. ގަބޫލުކުރިޔަސް ނުކުރިޔަސް މިއީ ހަގީގަތް." ރިޒާ ކުރިއަށް ޖެހިލާ ފައިރޫޒާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.
"ނުލިބޭނެ." ފައިރޫޒާ ފޯނުދޭން ދެކޮޅު ހެދިއެވެ.
"ވަރަށް ސާފުކޮށް މި ބުނަނީ ފޯނުދޭށޭ." ރިޒާ މަޑުމައިތިރި ރާގެއްގައި ބުނެލިއެވެ.
"އަހަރެން ކުރި ސުވާލުގެ ޖަވާބު ނުދެނީސް ފޯނެއް ނުލިބޭނެ." ފައިރޫޒާ ތުން އަނބުރައިލިއެވެ.
"ފައި ކިހިނެއް ވެގެންތަ މިރޭ ތި އުޅެނީ؟ މި ހަފުތާ ފެށުނީއްސުރެ ތި ގޮތަށް ކޮންމެ ދުވަހަކު އޮފީހުން އަންނަ އިރަށް ތި ޒުވާބު ކުރަނީ ކީއްވެގެންތަ؟ އަހަންނަށް ގޯސްކަމެއް ކުރެވެނީތަ؟ ފައިރޫޒާއަށް ނޭނގި ސިއްރުން ކަމެއް ހިންގަނީތަ؟"
"ސާހިބާ އެއްވެސް ކަމެއް ނުކުރައްވާނެ. ބައްލަވާ ލެއްވިންތޯ ސާހިބާގެ ފޭސްބުކު. އެއީ މުޅީން ވެސް ސާހިބާގެ ހެޔޮފުޅުކަންތޯ، ބައްލަވާ، ސާހިބާއާ މެދު އަޅުގަނޑު ޝައްކު ކުރަނީއެއް ނޫން އިނގޭތޯ، މި ޔަގީން ކުރަނީ. ސާހިބާގެ މާތް މަތިވެރި އަހުލާގާމެދު ނިކަމެތި އަޅުގަނޑު ފަޚުރުވެރި ވަނީ." ފައިރޫޒާ ހިނި އަންނަ ގޮތްވިއެވެ.
ރިޒާ ހިތްހަމަ ނުޖެހުނެވެ. އޭނާ ބޭނުންވީ ފައިރޫޒާގެ ކުރިމަތިން ދާށެވެ. އެހެންވެ ފޯނު ދޭށޭ ބުނެ ދެފަހަރަކު އަތް ދިއްކޮށްލިއެވެ. ނަމަވެސް، ފައިރޫޒާ ހުރީ ފޯނު ދޭގޮތަކަށް ނޫނެވެ.
"އަހަރެން ކުރަން ބޭނުންކަމެއް ގަދަކަމުން ވެސް ކުރެވޭނެ އިނގޭ. މިރޭ ވެސް ފައި ވަރަށް މަސައްކަތް ކޮށްފީމެއްނު އަހަރެން ރުޅި އަރުވާލަން. އެކަމަކު ރުޅިއެއް ނޭރުވުނެއްނު. މަށެއް ނޫޅެން ތިޔަ ފޯނު އަތުލާކަށް. ފޯނަކީ މަށަކަށް މުހިއްމު އެއްޗެއް ނޫން. ފޭސްބުކަކީ މަށަކަށް މުހިއްމު އެއްޗެއް ނޫން. ފައިއަށް ރަނގަޅަށް އެނގޭނެ ފޭސްބުކުގަ އެކައުންޓެއް ހެދި ގޮތް. ކުޑަ މިނުން އޭގެ ޕާސްވޯޑު ވެސް މަށަކަށް ނޭނގެ. މަ ނަމުގައި އެކައުންޓެއް އޮތަސް، އޭގައި މަގޭ ފޮޓޯއެއް ފެނުނަސް އެ ކޮންޓްރޯލް ކުރާ މީހަކީ ވެސް، އެ ބަލާ މީހަކީ ވެސް ތިޔައީ. މަށަށް ހެޔޮ ފައި ކޮންމެ އެއްޗެއް އެޔަށް އެޅިޔަސް."
ރިޒާ ހިނގައިގަތީ ގެއިން ނުކުންނާށެވެ. ފައިރޫޒާ ދުއްވާގަތީ ރިޒާއާ ދިމާއަށެވެ. ރިޒާގެ ފަހަތުން ގޮސް އޭނާގެ ގައިގައި ފައިރޫޒާ އޮޅުލައިގަތީއެވެ. ބާރުބާރަށް ބައްދާލީއެވެ. އެއާއެކު ކުއްލިއަކަށް މުޅި ގޭތެރެއިން ކަރަންޓު ދިޔައީއެވެ. ފައިރޫޒާ ބާރުބާރަށް ހަޅޭއްލަވާ ގަތެވެ.
މުޅި ގޭތެރެއިން އިވެން ފެށީ އެއްޗެހި ގޮވާއަޑެވެ. އެކި ފާޑުފާޑުގެ އަޑެވެ. ފައިރޫޒާއާއި ރިޒާގެ މޫނާއި ބޮލަށް އެއްޗެހިތަކެއް އޮހެމުން ދިޔައެވެ. މުޅި މެދުގެ ތެރެއިން އިވެމުން ދިޔައީ ހުނުމާއި ހަޅޭއްކުގެ އަޑެވެ. ކުއްލިއަކަށް އަލިވިއެވެ.
ރިޒާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ގޭތެރެ އޮތީ ފުރިބާރުވެފައެވެ. އޮފީހުގެ ރައްޓެހިންނެވެ. އާއިލާ މެންބަރުންނެވެ. "ސަޕްރައިޒް." އެންމެން އެއް އަޑަކުން ބުނެލިއެވެ.
"ރިޒާ ހާދަމޮޅޭ، ރުޅި ކޮންޓްރޯލްކުރުމުގައި ތިވަރުގެ މީހަކު ނުހުންނާނެ،" ދޮންތަ ހީލަމުން ބުނެލިއެވެ. "ބެސްޓް ނިއު ކަމާ އެވޯޑް ގޯސް ޓު ފައިރޫޒާ ހަލީލް."
އެއާއެކު މުލި ގޭތެރެއިން ހޯބޯ ލެވުމުގެ އަޑު އިންތިހާއަށް ގަދަވިއެވެ.
"ފައި މި ކުޅުނީ ދޮންތަމެންގެ ޑުރާމާއެއް ދޯ." ރިޒާ ފައިރޫޒާގެ ބުރަކަށީގައި ހިފައިލަމުން ގަޔާ ގާތްކޮށްލިއެވެ.
"ކައިވެންނަށް ފަސް އަހަރު މި ފުރުނީ. ރިޒާ އަހަރެން އެއްކޮށް ބަދަލުކޮށްލައިފި. ކުރިން އަހަރެން ވިސްނުމާއި ފިކުރު ހުންނަނީ މިރޭ މިފެނުނު ގޮތަށް. އެކަމަކު މި ފާއިތުވެ ދިޔަ ފަސް އަހަރުތެރޭގައި އަހަރެން އެއްކޮށް ބަދަލުވެއްޖެ. މިހުރިހާ ކަމެއް ބަދަލުކޮށްލި މީހަކީ ތީ،" ފައިރޫޒާ ހިނިތުންވެލަމުން ރިޒާގެ މޫނަށް ބަލައިލިއެވެ. "އަހަރެން ކުރިން ހީކުރަނީ، ފިރިމީހާގެ ހިތް ހޯދޭނީ އޭނާގެ ސަމާލުކަން އަތުވާނީ އަޑުގަދަކޮށް ހަޅޭއްލަވާ ޒުވާބުކޮށްގެން ކަމަށް، ފިރިމީހާ ހުންނަން ޖެހޭނީ އަނބިމީހާގެ ދަށުކޮށްލައިފަ ކަމަށް. ގެއަށް އައިސް ވަންނަ އިރަށް ކަމެއް ނުވިޔަސް ކޮންމެ ވެސް ޝަކުވާއެއް ނުކުރާނަމަ ހަޔާތުގެ ފޯރިއެއް ޖޯޝެއް ނުހުންނާނެ ކަމަށް. އެކަމަކު ރިޒާގެ ބަސްމަގާއި ޢަމަލުތައް ހުންނަ ގޮތުން އަހަރެންގެ މުޅި ވިސްނުން ބަދަލުކޮށްލައިފި. މި ހުރިހާ ދުވަހު ހީކުރެވުނު ހީ އަކީ ކުށެއްކަން އަމިއްލަ ސިކުނޑިއަށް ވިސްނިއްޖެ. ކާފަމެން ބުނާހެން އެއީ މުޅީން ތޯހިއެއް. ޝުކުރިއްޔާ ރިޒާ، ހެޕީ އެނިވަރސަރީ."
ރިޒާގެ މޭގައި ފައިރޫޒާ ލެނގިލިއެވެ. އެއާއެކު ގޭތެރޭގެ ހަލަބޮލިކަން އިތުރުވިއެވެ. (ނިމުނީ)