ވާހަކަ

އެ އަސަރު ހިތަށް

މުރަނގަ ގަހަށް ތިރިކޮށްލި ކޮވެލީގެ އަޑުން މުޅިތަން ގުގުމަމުން ދިޔަ އެވެ. އިރުކޮޅަކުން ކާޅެއް ހޭރިގަންނަ އަޑާއެކު ކޮވެލީގެ އަޑު ފަނޑުވެ އެވެ. އެ ހުރިހާ އަޑުތަކެއް އެކުގައި ހިނދުނެވެ. އެ އަސަރުތައް ކެނޑުނެވެ. އިވެމުން ދިޔައީ ފަންކާއިން ވައި ކެފޭ އަޑެވެ. އެ އަޑުގެ މައްޗަށް ގަދަވަމުން ދިޔައީ ގޯތިތެރޭގައި ފަތުރާލެވިފައިވާ ކަށިވެލި ގަނޑުގެ މަތީގައި ހިނގާ އަޑެވެ. އަޑު އައީ ބާރުވަމުންނެވެ. ގޭގެ ދޮރާ ދިމާ އަށެވެ. އަހަންނަށް ޔަގީންވި އެވެ. އެ އަންނަނީ އަމީރާ ކަމެވެ. ކަޅި ޖަހައި ނުލައި ބަލަން އޮވެވުނެވެ. ދޮރާ ދިމާއަށެވެ. އަތްފައި ގުޑުވާލަން ވެސް ނޭނގިފަ އެވެ. ދޮރުން ވަންނަމުން އަމީރާ އަހަންނަށް ބަލައިލި އެވެ. ލުއި ހިނިތުންވުމަކާ އެކުގަ އެވެ. އޭނާގެ އަތުގައި ހުރި ތަށިބަރި ފާރު ކައިރީހުރި މޭޒުގައި ބަހައްޓައިލި އެވެ.

"ޚުތުބާ އަޑު ނާހާ ދުވަހެއްތަ؟" އަމީރާ އަހަންނަށް ބަލައިލަމުން ރޭޑިޔޯ ހުޅުވާލި އެވެ.
"އަދި ނުތެދުވެ މިއޮތީ، ފަތިސް ނަމާދުކޮށްލި ގޮތަށް ނިދައިލީ،" އަހަރެންގެ އަޑުގައި ހުރީ ތުރުތުރެކެވެ. "މިއަދު އަނެއްކާ އުނަގަނޑު މައްޗާއެކު އެއްކަލަ ތަދު ބޮޑުވެފަ ހުރީމަ، ހިނގައިލަން ވެސް ނުކެރިގެން މި އޮތީ."
"ދެންމެ މި ތައްޔާރު ކޮށްލެވުނީ ވެސް. މިއަދު އެކަނި މިއުޅެނީ ގޭގަ. ވަރުދާ ވެސް ވީ ސްކޫލު ދަތުރެއްގަ ތިނަދުއަށް ގޮސް،" އަމީރާ ރޭޑިއޯގެ އަޑު ބާރުކޮށްލި އެވެ. "ހުސެންފުޅުބެއަށް މީރު ވާނެ މިއަދު މިގެނައި ބަތްޕެން."
އަމީރާ ތަށިތައް ތަރުތީބުކޮށްލާ މޭޒުމަތީގައި ތަށިތައް އަތުރައިލި އެވެ.
"ހުކުރުކޮށް ނިމުނީމަ ތިކަމާ އުޅޭނީ،" އަހަރެން ޝުކުރުވެރި ކަމާއެކު އަމީރާއަށް ބަލައިލެވުނެވެ. "ވަރަށް އުފާވޭ އެ ކޮއި ހުސެންބެއަށް ތިހާ އޯގާތެރިކޮށް ކަންތައް ކޮށްދޭތީ. އެކޮއި ނޫނީ މިގެއަށް ވަދެލާ، ހުސެންބެގެ ހާލު ބަލައިލާނެ މީހަކު މި ރަށުގައި ވެސް ނޫޅޭ."
"ހުސެންފުޅުބޭ، އެންމެން އެއް ގޮތެއް ނުވާނެ، އަހަންނަކީ އަވައްޓެރިންނާ ގުޅުން ބާއްވާ މީހެއް." އަމީރާ ހިނިތުންވެލަމުން މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނެވެ.
"އެކޮއި ކަހަލަ އަނތްބަކު ލިބޭނީ ނަސީބުވެރިއަކަށް." އަމީރާއަށް ތައުރީފު ކޮށްލެވުނެވެ.
"ހުސެންފުޅުބެ ކެއީމަ ތަށިތައް ބަލައި އަންނާނަން،" އަމީރާ ތަށިތަކުގައި މަތި ޖަހައިލިއެވެ. "މުހައްމަދު ހުކުރުން އަންނަށްވާ އިރަށް ކެއުން ތައްޔާރު ކޮށްލަން ވެސް ޖެހޭނެ. މިހުރީ ދޮންނަން ގެންދިޔަ ގަމީސްތައް."
އަމީރާ ގެނައި ކޮތަޅު ވެސް މޭޒުމަތީގައި ބެހެއްޓި އެވެ. އަހަރެންގެ ދެ ލޮލަށް ކަރުނަ ގިނަވަމުން ދިޔަ އެވެ.
"އެކޮއި." އަހަންނަށް ބަލައިލެވުނީ އަމީރާ އަށެވެ.
"ކިހިނެއްވީ؟" އަމީރާ ސުވާލުގެ ނަޒަރުން އަހަންނަށް ބަލައިލި އެވެ.
"ތިޔަ ހެޔޮކަމުގެ ބަދަލުގައި ދޭނެ އެއްޗެއް އަހަރެން އަތަކު ނެތް،" އަހަންނަށް ބުނެލެވުނެވެ. "އަހަރެންގެ ހުރިހާ ވެސް މުދަލަކީ މި ނިކަމެތި ޖިފުޓި ގަނޑު. ހަދީޖާގެ ނުބައިކަމުން މިހެން މިވީ ވެސް."
"ހުސެންފުޅުބޭ، އަހަންނަށް ތި ވާހަކަތައް މިހާރު ވަރަށް ގިނައިން ކިޔައިދީފީމެއްނު. ތި ދެން މިހާރު ހަނދާން ނައްތައިލަން ވެއްޖެ ވާހަކަތަކެއްނު،" އަމީރާ އޯގާތެރި ރާގެއްގައި ބުނެލިއެވެ. "މި ބުނީ ކިތައްމެ ވަރަށް ތި ވާހަކަ ދެއްކިޔަސް، ވާނެ ފައިދާއެއް ނެތެއްނޫންހޭ. އަހަރެން މި ކޮށްދޭ ކަމެއް މިކޮށްދެނީ އަވައްޓެރިއެއްގެ ހައިސިއްޔަތުން، ދޭނެ އެއްޗަކަށް، އުޖޫރައަކަށް ނޫން. މުހައްމަދު ވެސް އޮންނަނީ އަންގައިފަ ހުސެންފުޅުބޭއަށް ކާންދީ، ދޮވެދީ ހާލުބަލަން."
ޝުކުރުވެރިކަމާއެކު އަމީރާގެ މޫނަށް ބަލައިލެވުނެވެ.
"މުޙައްމަދު ބުނި ހަވީރު ހުސެންފުޅުބޭ ގޮވައިގެން މޫދަށް ދާނަމޭ ވެސް، ފައިގަ ވެލި މޮޑެލަން،" އަމީރާ އަނެއްކާ ވެސް ފެށިއެވެ. "އޭރުން ތި އުނގަނޑާއި ފައިގަ ރިހުމަށް ލުޔެއް ލިބިދާނެ. ދެން އިހަށް ގޮސްލަނީ މި."

އަމީރާ، ރޭޑިޔޯގެ އަޑު ބާރުކޮށްލިއެވެ. އޭނާ އަހަންނާ ދިމާއަށް ބަލައިލިއެވެ. ލުއި ހިނިތުންވުމަކުން އަހަންނަށް ވެދުން ކުރިއެވެ. ބަދަލުގައި ވެސް އަހަންނަށް އެ ފަދަ ހިނިތުންވުމެއް އަމީރާއަށް ހަދިޔާ ކުރެވުނެވެ. ވިސްނައިލެވުނެވެ. އަމީރާހެ ހަރަކާތްތަކަށެވެ. އޭނާގެ އޯގާތެރި ކަމަށެވެ. އެއީ ހުލުގު ހެޔޮ ދެމަފިރިންނެވެ. އަހަންނަކީ މިއަދު ނިކަމެއްޗެކެވެ. އަޅައިލާނެ މީހަކު ނެތް މީހެކެވެ. ޅައިރުންސުރެ އަހަރެންގެ ދިރި އުޅުނީ މާލޭގައެވެ. އެއްކުރި މުދާތައްވީ މާލޭގައެވެ. ރަށަށް އަންނަން މަޖުބޫރުވީއެވެ. ދިރިއުޅުން އެކުގައި އޮޔާލުމުންނެވެ. ރަށަށް އައިސް ކުރަން ޖެހުނު ކަމަކީ މަންމަގެ މުސްކުޅި ގޯތީގައި، އުޅެވޭ ވަރަށް ތަނެއް ހެދުމެވެ. އަތުގައި ފައިސާ ނެތުމުން ބޭނުންވި ފެންވަރަށް ގެ ހެދޭ ގޮތް ނުވިއެވެ. ފަސްފޫޓު ހަފޫޓުގެ ކޮޓަރި ގަނޑެއް ރޭނީ ވެސް އަމިއްލަ އަތުންނެވެ. ތެޅިގަލުންނެވެ. އެވެސް ރަށުގެ ގޮނޑުން ހޮވައިގެންނެވެ. ސިމެންތި ކޮޅެއް ހޯދީ ވެސް ސަލާން ޖަހައިގެންނެވެ. މީހުންގާތު ބުނެ ކިޔައިގެންނެވެ. މަތި ހިޔާކޮށްލާނެ ޓިނުވެސް ހޯދީ އެގޮތް މިގޮތަށެވެ.

އެތައް ޚިޔާލެއް ހިތަށް އަރައި ފައިބަމުން ދިޔައެވެ. އެއްފަހަރަކު ދެ ޚިޔާލެއް ނާދެއެވެ. ކުއްލިއަކަށް ސަމާލުކަން ދެވުނީ ޚުޠުބާއަށެވެ. ޚުތުބާގައި އެމުނެމުން ދިޔަ ލަފުޒު ތަކަށެވެ. އެ ލަފުޒުތަކުގެ އަސަރަށެވެ. ސީދާ ބައެއް ލަފުޒުތައް ހެރެމުން ދިޔައީ އަހަރެންގެ މެޔަށެވެ. އެއީ ސީދާ އަހަންނަށް ހެޔޮކޮށްފައި އޮތް ޚުޠުބާއެކޭ ހިތްބުނެލިއެވެ.

"ވެހޭތާ ފެންނަގާށޭ ބުނާފަދައިން ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވަން. ގައިބާރު ދެރަވުމުގެ ކުރިން ހެޔޮ ޢަމަލުކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތް ކުރައްވަވާ، ހެޔޮކަންތައް އިތުރުކުރުމަކީ، ގަސްތަކާ ނުލައި ކުރެވޭ ނުރަނގަޅު ކަންކަމުންނާއި، ކުދި ފާފައިން، މާތްﷲ ތިމާ ސަލާމަތް ކުރައްވާނެ ކަމެއް. މި ފަދަ މޫސުމެއްގައި މާތް ނަބިއްޔާ ސައްލަﷲއަލައިހި ވަސައްލަމް ދައްކަވާފައިވާ ގޮތުގައި ހިފެހެއްޓޭތޯ ބަލާ"

އެ ޖުމުލަތައް ހީވީ ދޮންކޮށްފައި ދޫކޮށްލި ތީރުތަކެއް ހެންނެވެ. އެ ތީރުތައް ހެރެން ފެށީ އަހަރެންގެ މެޔަށެވެ. ހިތަށެވެ. އިހުތިޔާރެއް ނެތި ފެންކަޅިވިއެވެ. ގިސްލެވެން ފެށުނެވެ. ލޮލުތެރެއަށް ގިނަވަމުން ދިޔަ ކަރުނަތައް ލޮލުގެ ދެ ފަރާތުން އޮހިގަތެވެ. މާޒީގެ ހިތި ހަނދާންތައް ފިލްމެއް ހެން ސިފަވާން ފެށިއެވެ.

"މި ގަންނަ ކާރު އެއީ ހައްޖައަށް،" ހަދީޖާގެ އުނގުގައި ބޯ އަޅައިގެން، އެނދުގައި ހުރަހަށް ދެމިލައިގެން އޮވެ އަހަރެން ބުނެލީމެވެ. "އެއް ކާރު އެއީ މިފްޒަލްއަށް."
"ހުސެން ކީއްކުރާ ކާރެއް؟ އަހަންނަށް ފެންނަނީ އެ ކާރު ވެސް އަހަރެންގެ ނަމަށް ބަދަލުކުރަން." ހަދީޖާ އަހަރެން ބޮލުގައި ފިރުމައިލިއެވެ.
"އެ ކިހިނެއްވީ؟" އަހަންނަށް އަހައިލެވުނެވެ.
"ހުސެން ހީކޮށްފާނެ އަހަންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެކޭ،" ހަދީޖާ ލަސްލަހުން ބުނެލިއެވެ. "ކާރުގެ ރަޖިސްޓްރީ ބަދަލުކުރަން ބުނީމަ."
"އަހަރެން ދުވަހަކު ވެސް އެހެން ބުނިތަ؟" ހަދީޖާގެ މޫނަށް ބަލައިގެން އޮވެ ބުނެލީމެވެ.
"މިހެން މި ބުނީ ހުސެން ނެތް ދުނިޔެއެއްގައި ބިކަވާނީ އަހަރެންނާއި އަހަރެންގެ ދަރި ކަމަށްވާތީ. މިހާރު ވެސް ރަށު ބަނޑަށް އެ ހުރި އިބްރާހިމްގެ މަންމަ، މުނީފާ އެ ހުންނަނީ ހުސެންގެ މުދަލަށް ކަޅިއަޅައަޅާ."
"އޭނާ ހިޔެއް ނުވޭ، އޭނަ ޒާތުގެ ކަމެއްގަ އުޅޭނެހެން." ފަރުވާ ކުޑަ ރާގެއްގައި އަހަންނަށް ބުނެލެވުނެވެ.
"އާނ! މުދަލާއި ފައިސާއާ ހެދި އުޅެނީ އަހަންނޭދޯ ތިބުނީ، ވަރަށް ރީއްޗެއްނުން. ތިމާ މީހާ ހާލުގައި ޖެހި މާލޭގައި ކުރާނެ ކަމެއް ނެތިގެން ގަނަތެޅެނިކޮށް، މަށާ ދިމާވެގެން މަ ދިން ޚިޔާލަށް، މަ ހޯދައިދިން ފައިސާއަށް ކާރެއް ގަނެގެން އެއް ކާރުން ދެ ކާރު ވިހައިގެން، ތިންވަނަ ކާރު ތި ހޯދުނީ،" ހަދީޖާ ހިތްހަމަ ނުޖެހުނެވެ. "އަދިވެސް މަ މި މުދަލާހެދި އުޅެނީ."
"މަ އެހެން ބުނެފިތަ؟"
"މަށަށް އޭރު ވެސް އިނގޭ، ފުރަތަމަ އިންނަ މީހާއާ މެދު ދެކޭ ގޮތަށް، ލޯބިވާ ގޮތަށް ދެން އިންނަ މީހާއާ މެދު އެކަކަށް ވެސް ނުދެކެވޭނެ ކަން. ވަރަށް ފޫހިވޭ." ހަދީޖާ އެނދުން ތެދުވިއެވެ.

އޭނާ އުޅުނީ ކޮޓަރިން ނުކުމެގެން ދާށެވެ. އަހަންނަށް އެއްލުނު އަތުން އޭނާގެ އަތުގައި ހިފުނެވެ. ކުއްލިއަކަށް ދަމައިގަތް ގޮތުން ހަދީޖާ ވެއްޓުނީ އަހަރެންގެ މޭ މައްޗަށެވެ. އެޔާއެކު އޭނާ އަހަރެންގެ މޭގައި ދެއަތުން ތަޅައިގަތެވެ. ރުޅި އައިސްގެންނެއް ނޫނެވެ. އަހަރެން ބޭނުންވީ އޭނާގެ މޫޑު ބަދަލުކޮށްލާށެވެ. އެކަން ކުރަންވީ ގޮތް އެނގޭތީއެވެ.
"އަން! މިއޮތީ ކާރުގެ ރަޖިސްޓަރީ ބަދަލުކޮށްފަ. ދެން ނުބުނެވޭނެ ލޯބި ވަނީ އެ މުނީފާ ދެކެއެކޭ." އަހަރެން ބޭނުންވީ ހަދީޖާއަށް ސާބިތު ކޮށްދޭށެވެ.
އަހަރެން ދިއްކޮށްލި ސިޓީ އުރައިގައި ހަދީޖާ ހިފިއެވެ. އަހަރެންގެ ގައިގައި އޮޅު ލައިގަންނަމުންނެވެ.
"ހާދަ ރަނގަޅޭ. މިހާރު ގަބޫލުކޮށްފިން. ވަރަށް ބޮޑަށް ޝުކުރިއްޔާ!"
ދެތިން ދުވަސް ފަހެވެ. ހަދީޖާއަށް ގުޅައިގުޅައި ފޯނަށް ޖަވާބެއް ނުދިނެވެ. އެންމެ ފަހުން، ގޭގެ ފޯނަށް ގުޅައިލީމެވެ. ފޯނު ނެގީ ދަރިފުޅެވެ.
"މަންމަ ކޮބާ؟" އަހަރެން އަވަސްއަވަހަށް އަހައިލީމެވެ.
"ނޭނގެ. ބައްޕަ އައީމަ ކޮފީގަ ތިބި، އަޅުގަނޑު މިއޮތީ ކޮޓަރީގަ." ނިޝާން ލަސްލަހުން ބުނެލިއެވެ.
ނިޝާނަކީ ހަދީޖާގެ ފުރަތަމަ ކައިވެންޏަށް ލިބުނު ކުއްޖެކެވެ.
"ބައްޕަ ވަރަށް ގިނައިން އާދޭތަ؟" އަހަންނަށް އަހައިލެވުނެވެ.
"ރަށުގަ ހުރިއްޔާ އާދޭ. ކޮންމެ ދުވަހަކު ހަވީރު އަންނާނީ."
"އެހެންތަ؟" އަހަރެންގެ ބޮލުގައި ރިއްސާގަތެވެ.

ހަދީޖާއާ މެދު ފުރަތަމަ ފަހަރަށް ޝައްކުގެ ނަޒަރުން ވިސްނައިލެވުނެވެ. އޭނާގެ ވާހަކަތައް އެ ކޮޅުކޮޅުން ތަރުޖަމާ ކުރެވެން ފެށުނެވެ. ހަދީޖާގެ އުޅުމާއި އޭނާގެ އަމަލުތައް ހުންނަ ގޮތުން ހިތައިހިތާ ސުވާލު ކުރެވެން ފެށުނެވެ. ކާރު މަޑުކޮށްލައި ބޭރަށް ނުކުމެލީމެވެ. ތޮށިގަނޑު މަތީގައި އިށީނދެ ވިސްނައިލެވުނެވެ. އެއްކަމަކަށް ނޫނެވެ. އެތައް ކަމަކަށެވެ. އަހަންނަށް ބަލައިލެވުނީ ތޮށިގަނޑަށް ބީއްސަމުން ދިޔަ ބިޔަ ރާޅުތަކެވެ.

ބޮލަށް ގިނަވަމުން ދިޔަ ފިކުރުތަކުގެ ބާރު ކުރަމުން ދިޔައީ އަތުގައި އޮތް ސިނގިރޭޓު ފޮއްޓަށެވެ. ސިނގިރޭޓަކަށް ފަހު ސިނގިރޭޓެއް ހުލިކޮށްލެވުނެވެ. އެވަރުން ވެސް ބޮލަށް އަރާފައި ހުރި ބާރުގަނޑު ފިލައިގެން ނުދެއެވެ. ކުއްލިއަކަށް ސިކުނޑިއަށް ތިލަވީ މޮޅު ޚިޔާލެކެވެ. ފަނޑުގޮތަކަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ.

ޖެހިގެން އާ ދުވެހެވެ. ހަދީޖާ ކޮޓަރީގައި ނެތް ވަގުތު ބަލައި އަހަރެން ބޭނުންވި ހުރިހާ ކަމެއް ރާވާލައި ތަރުތީބުކޮށްލީމެވެ. ދިހައެއް ޖަހައިލުމުން ބޭރަށް ނިކުތީމެވެ. ދަތުރަކަށްފަހު ދަތުރުތަކުން ލުޔެއް ލިބުނެވެ. ބަނޑުހައިކަން އިހުސާސް ކުރެވުނީ އެވަގުތެވެ. ހޮޓަލަށް ވަދެ ކޮފީއަކަށް އޯޑަރު ދިނުމަށްފަހު ހަދީޖާއަށް ގުޅައިލީމެވެ. ފޯނެއް ނުނަގައެވެ. ގޭގެ ފޯނަށް ގުޅީމެވެ. ފޯނު ނެގީ ނިޝާނެވެ.

"ބައްޕައާއެކު ކޮފީގަ ތިބި. އަޅުގަނޑު ގާތު ފިލާވަޅު ދަސްކުރަންދާން ބުނުމުން މި ވަނީ ކޮޓަރިއަށް." ނިޝާންގެ ފުށުން އިވުނީ އެއް ޖަވާބެކެވެ.

އަވަސްއަވަހަށް ގެއާ ދިމާއަށް ދަތުރު ފެށީމެވެ. ގެއަށް އާދެވުނީ އިރުއޮއްސި ހަތެއް ޖެހިފަހުންނެވެ. ކޮޓަރިއަށް ވަންއިރު ހަދީޖާ އުޅުނީ ފާޚާނާގައެވެ. އަހަންނަށް ބަލައިލެވުނީ އެނދާ ދިމާ އަށެވެ. ހެޑުބޯޑުގައި ހަރުކޮށްފައިވާ ސްޕައި ކެމެރާ އަށެވެ.

އަވަސްއަވަހަށް ލެޕްޓޮޕް ހުޅުވާލުމަށްފަހު، ކެމެރާ ގުޅައިލީމެވެ. ހަދީޖާ ފާޚާނާއިން ނިކުތެވެ. އަހަންނަށް ބަލައިލެވުނެވެ. އޭނާގެ ބޮލުގައި ހުރީ ތުވާލި އޮޅައިލައިގެންނެވެ. މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ހަދީޖާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ނުގަޑިއެއްގައި އަހަރެން އައީމައެވެ.

"ކިހިނެއްވީ މި ގަޑީ؟" ކޮށި ގޮތަކަށް ހަދީޖާ އަހައިލިއެވެ.
"އައިސްގެން ނުވަނީތަ؟" އަހަރެން ރުންކުރު ރާގެއްގައި ބުނެލީމެވެ.
"ނޫނޭ!" ހަދީޖާ އެނދުގައި އިށީނެވެ. "ލެޕް ނަގައިގެން ކޮން އެއްޗެއް ބަލަނީ؟"
"ހަގީގަތް. ތިމާ މީހާގެ ހަގީގަތް،" އަހަރެން ރުޅިވެރި ރާގެއްގައި ބުނެލީމެވެ. "ހުރިހާ ދުވަހު ގަތް ގަނޑު."
"މަ؟ މަގޭ ކޮން ހަގީގަތެއް؟" ހަދީޖާ އަހަރެންގެ ކޮނޑުގައި ދަތްދޮޅި ވިއްދައިލިއެވެ.
"ބަލައިބަލަ. މި އޮތީ. މި އޮތީ ހަގީގަތް." ހަދީޖާގެ މޭގައި އަތް އަޅައި އެނދު މައްޗަށް ކޮށްޕާލީމެވެ.
ލެޕްޓޮޕުން ފެންނަމުން ދިޔަ މަންޒަރުތަކުން މީހާ ހަމައިން ނައްޓަމުން ދިޔައެވެ.
"ކަލޭ. ކަލޭ އަހަރެންގެ މި އެނދުގައި، އަހަރެންގެ ގޭގައި، އަހަރެންގެ ކޮޓަރީގައި... ކީކޭ ބުނާނީ؟" އަހަންނަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. "ފާފަތައް ކޮށް، ކައިވެނީގެ ހުރުމަތް ކަނޑައިފި."
ހަދީޖާ ގާތަށް އައީ ޒާތެއްގެ ހިންޏެކެވެ. އޭނާ ލަދު ނުގަތް ތަނުގައި ދެރައެއް ވެސް ނުވިއެވެ.
"މަ މިކަން ކުރަނީ ސިއްރަކުން ނޫނޭ. ކަލޭއަށް އޮޅިފަ ތި އޮތީ. ވަރަށް ބޮޑަށް އޮޅިފަ." ހަދީޖާ އެނދުން ތެދުވިއެވެ.
އަހަންނަށް ހުރެވުނީ ބަލާށެވެ.
"ފާފައެއް ކުރިއްޔާ އެ ފާފައެއް ކުރީ ކަލޭއާއެކު. ތިޔަ ދައްކަނީ އަހަރެން ފާފައެއް ކުރާ މަންޒަރެއް ނޫން. ތިޔައީ އަހަރެންގެ ހަލާލު ފިރިމީހާ." ހަދީޖާ ލާނެތް ފާޑަކަށް ހޭންފެށިއެވެ.
"އޭނ! ކަލޭގެ ފިރިމީހާއޭ. ބަލަ އަންހެނަކަށް އެއްފަހަރާ ދެ ފިރިހެނުންނާ ކައިވެނި ކުރެވޭތަ؟" އަހަރެން ގާތަށް ރުޅިއައެވެ.
"އާނ! ލަންކާއަށް ގޮސް ކަލޭއާ އަހަރެން ކައިވެންޏެއް ކުރީ ނަމަކަށް. އެއީ އެއްވެސް ބުރަދަނެއް، ބާރެއް ހުރި ކަމެއް ނޫން." ހަދީޖާގެ ވާހަކަތަކުން އަހަރެން ހިތް ހުއްޓެން އުޅުނު ކަހަލައެވެ.
އޭނާ އަހަންނަށް އެ ދިނީ ކިހައި ބޮޑު ލަނޑެއް ހެއްޔެވެ؟ އޭނާ އަހަންނަށް އޮޅުވާލީ ކީއްވެ ހެއްޔެވެ؟ އޭނާ އެ ހިފަނީ ކޮން ބަދަލެއް ހެއްޔެވެ؟
"ކަލޭ ހިތަށް އަރައިފާނެ މި ކޮން ކަމެއް ހެއްޔޭ؟" ހަދީޖާ އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. "މިގެއާ، ކަލޭގެ އަގުބޮޑު ދެ ތިން ކާރާއި، މިހާރު ހުޅުމާލެއިން ގަނެފަ އެ އޮތް ބޮޑު ގޯއްޗަކީ މިހާރު އަހަރެންގެ މިލްކު. ކަލޭ އަތުގައި މިއަދު އެއްވެސް އެއްޗެއް ނެތް."

ހަދީޖާ ބާރުބާރަށް ހޭންފެށިއެވެ. ކޮޓަރީގެ ދޮރު ހުޅުވުނެވެ. އަހަންނަށް ބަލައި ލެވުނީ ދޮރާ ދިމާއަށެވެ. ކޮޓަރިއަށް ވަދެގެން އައީ ވީޑިއޯއިން ފެނުނު ފިރިހެން މީހާއެވެ. އެއީ ފިރުޝާނެވެ.

"އޭ މޮޔަޔާ! އަހަރުމެންނަށް އެނގެޔޭ ތިޔަ ކެމެރާ ހަރުކޮށްފަ ހުރި ކަން. ކަލޭ ދެން މާ ގިނަ ބަހަނާ، މާގިނަ ވާހަކަ ނުދައްކާ މި ތަނުން، މިގެއިން ނުކުމެގެންދާން އުޅޭ." ފިރުޝާން އަހަންނާ ދިމާއަށް ބަލައިގެން ހުރެ ފާޑަކަށް އިންޒާރު ދިނެވެ.
"ނޫނޭ! އަދި މީނައަށް އެނގެންވާނެ ކީއްވެ ވީ ގޮތެއްކަން މި،" ހަދީޖާ ބުނެދިނެވެ. "އަޑުއަހާ، ކަލޭ ހަނދާންކޮށްބަލަ މީގެ ތިން އަހަރު ކުރި. ކަލޭ ގެންގުޅުނު މަޒީނާ. މަޒީނާ ކިޔާ އަންހެން ކުއްޖަކު ކަލޭ ދެކެ ލޯބިވިކަން. އޭނާ ކަލޭގެ ދަރިއަކަށް ބަލިވެއިނުމުން ކަލޭ ކަންތައް ކުރި ގޮތް. މަޒީނާއަށް ބީރުކަންފަތެއްދީ އޭނާ ދުނިޔެއަށް ބިކަކޮށްލި ގޮތް. އެންމެ ފަހުން އެފަކީރަށް ކެތް ނުވެގެން އަމިއްލައަށް ދަންޖެހި މަރުވި. ކަލޭއަށް ވިސްނޭތަ މި ކިޔާ އެއްޗެއް؟"
ހަދީޖާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ. ހަރުކަށިކަމެވެ. އަހަންނަށް އެ ހަނދާންތައް އާވާން ފެށިއެވެ.
"ނޭނގޭނެ. ނުވިސްނޭނެ. ކަލޭއަށް އިހުސާސްވޭތަ އެކަން؟" ފިރުޝާން ވެސް ހަދީޖާއާ ބައިވެރިވިއެވެ.
"ކަލޭއަށް ހަނދާން ވެއްޖެ ދޯ. އެ މަޒީނާގެ ބައްޕަ އަހަންނަށް ހަވާލުކުރި ޕްރޮޖެކްޓެއް މީ! ކަލޭއަށް ހިތުން ނުފިލާވަރުގެ ބޮނޑިއެއް ދިނުން." ހަދީޖާ އަހަންނާ ދިމާއަށް ބަލައިލަމުން ހީލިއެވެ.
"އަހަރުމެންނަށް އޮތް ޓާސްކު ނިމުނީމި. ދެން ކަލޭއަށް އަދަބު ދޭނީ މަޒީގެ ބައްޕަ." ފިރުޝާންގެ ވާހަކަ ނުނިމެނީސް ދެ ފިރިހެނުން ކޮޓަރިއަށް ވަނެވެ.

އެދެމީހުން އައި ގޮތަށް އައިސް އަހަރެންގެ ގައިގައި ހިފެހެއްޓިއެވެ. އަހަރެން ފޮޅުވާލެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެއްވެސް ގޮތެއް ހަދައިނުލެވުނެވެ. ކޮނޑަށް ތޫނު އެއްޗެއް ހެރުނުހެން ހީވެގެން ބަލައިލީމެވެ. އަހަންނަށް ފެނުނީ ސިރިންޖެއް ހެރި ތަނެވެ. ފިރުޝާނެވެ. މަޑުމަޑުން ދެ ލޯ މެރެން ފެށުނެވެ.

ހޭވެރިކަން ވީއިރު އަހަރެން އޮތީ ހޮސްޕިޓަލުގައެވެ. ސުވާލުގެ ނަޒަރުން އަހަރެން ބަލަމުން ދިޔައީމެވެ. ވީގޮތެއް ސާފު ނުވެގެންނެވެ.

"ވަރަށް އަނިޔާކޮށް އެއްލައިލައިފަ އޮތީ. ފައި ވެސް އޮތީ ބިނދިފަ. އުނަގަނޑަށް ވަރަށް އަނިޔާވެފަ ހުރީ. މިކޮޅަށް ގެނައިރު ވެސް ހެޔެއް ނެތް. ހަމާލާ ދިން ބަޔަކު ނޭނގެ." ނަރުސް ކުއްޖާ އަހަންނަށް އޮޅުން ފިލުވައިދިނެވެ.
އަހަންނަށް ބަލައިލެވުނެވެ. އޭނާގެ މޫނަށެވެ. އިރުކޮޅަކުން ފުލުހުން އައެވެ. ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރިއެވެ. ފެށިގެން ނިމެންދެން ހުރިހާ ވާހަކައެއް އަހަރެން ކިޔައި ދިނީމެވެ. އޭގެ ދެ ދުވަސްފަހުން ފުލުހުންގެ އޮފިސަރަކު އަހަންނާ ބައްދަލުކުރިއެވެ.

"ތިބުނާ އެޑުރެހުގައި ހަދީޖާ ކިޔާ މީހަކު އުޅުނުކަން އެނގޭކަށް ނެތް. އެތަނުގައި ކުރިން އުޅުނު މީހުން ވެސް މި ވަގުތު ރާއްޖެއަކު ނޫޅޭ. އެތަނުގައި ކުރިން އުޅުނު ދެމަފިރިންގެ ނަމާ ތިބުނާ ނަމާ ދިމައެއް ވެސް ނުވޭ،" ފުލުހުންގެ އޮފިސަރު އޮޅުން ފިލުވާދިނެވެ. "ތަހުގީގަށް މާގިނަ މައުލޫމާތެއް ނުލިބޭ. އަދި ވެސް ބަލަމުން މިދަނީ."
"ކޮން އެއްޗަކަށް ތި ބަލަނީ؟" އާމިރާގެ އަޑަށް އަހަންނަށް ސިހުނެވެ.

ލޮލުން އޮހެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ހީލެވޭތޯ ބަލައިލީމެވެ. މާޒީގެ ހިތި ހަނދާންތަކުން ސަލާމަތްވެވޭތޯއެވެ. ފަނަރަވަރަކަށް އަހަރު ކުރީގެ ހަނދާންތަކުން މުޅި މީހާ ރޮއްވާލިއެވެ.

"އަންނާނަން އިރުކޮޅަކުން ހުސެންފުޅުބޭ ނިމޭހާ ވީމަ." އާމިރާ ނިކުމެގެން ދިޔައީއެވެ.

ހަދީޖާއަކީ އަހަރެންގެ ހަޔާތަށް ވިހަލައި ހަޔާތް ބަރުބާދުކޮށްލި ވިހަ ގަދަ ހަރުފައެކެވެ. ނަމަވެސް، އެ ކަން މެދުވެރިވީ ވެސް އަހަރެންގެ ސަބަބުންނެވެ. އަހަރެންގެ ކުށުންނެވެ. އުޅުން ބެހެއްޓުނު ގޮތުންނެވެ. ޒުވާންކަމުގެ ޖޯޝުގައި ކުރެވުނު ކަންކަމުންނެވެ. މިއީ އެކަކުގެ ސަޒާއެވެ. އެކަމުގެ އަދަބެވެ. އެ ޢަމަލުތަކުގެ ނަތީޖާއެވެ. އެ އަސަރުތައް ހިތަށް ކުރުމުން މިއަދު ވެސް ރޮވެއެވެ. ގިސްލެވެއެވެ. މާޒީ އިސްލާހުކުރަން ބޭނުންވަނީ އެހެންވީމައެވެ. އެކަމަކު މާޒީއަކީ އިސްލާހު ކުރެވޭނެ އެއްޗެއް ނޫނެވެ. އިސްލާހު ކުރެވޭނީ އަދެވެ. އަދުގެ ހާލަތެވެ. ޢަމަލުތަކެވެ. އެހެންނޫނީ މާޒީގެ ސުންޕާކަން މިނިކާވަގެއް ސިފައިގައި މާދަމާ ކުރިމަތިވެދާނެއެވެ. ނޫނީ، ރީތި އަންހެނެއްގެ ގޮތުގައި ވެސް ފެނިދާނެއެވެ. އޭރަކު އެއީ މާޒީގެ ސުންޕާ ކަމުގެ ވިހަ ކަމެއް ނޭނގޭނެއެވެ. އެ އަސަރު ހިތަށް ކުރާނީ މާ ފަހުންނެވެ. މިއީ އަހަންނަށް ދަސްވި ފިލާވަޅެވެ. (ނިމުނީ)