ވިސްނާ ވިސްނާ ބޯ ހަލާކުވާވަރު ވެއްޖެ އެވެ. އަދިވެސް އަހަންނަށް ނުވިސްނިގެން މި އުޅެނީ ފަޒާލު އެހައި ފަސޭހައިން އަހަރެން ދޫކޮށްލި ގޮތެވެ. ވަރިކޮށްލި ސަބަބެވެ. ފަޒާލަކީ ގޯސް މީހެއް ނޫނެވެ. އެއީ ހެޔޮލަފާ ފިރިއެކެވެ. ދަރިފުޅަށް އަޅައިލާ ބަފަޔެކެވެ. ދެން އަހަރެން ވަރިކޮށްލީ ކީއްވެ ހެއްޔެވެ؟ އެހައި ފަސޭހައިން އަހަރެން ދޫކޮށްލީ ކީއްވެ ހެއްޔެވެ؟
އަހަރެން ރޯން ޖެހޭނެ ހެއްޔެވެ؟ ނޫޅެން ދޫކޮށްލި މީހަކާ މެދު ވިސްނަން ޖެހޭނެ ހެއްޔެވެ؟ ކަނޑައިލި ނަގިއްޔެއްގައި އަލުން ބަންނާން ޖެހޭނެ ހެއްޔެވެ؟ އެކަމާމެދު ފިކުރު ކުރަންޖެހޭ ހެއްޔެވެ؟ ހިތަށް އަރަމުން ދިޔަ ކޮންމެ ސުވާލަކަށް ދޭން އޮންނަނީ އެންމެ ޖަވާބެކެވެ. އެއީ ނޫނެކެވެ. އެކަމަކު އަހަރެންގެ ސިކުނޑިން އެ ޖަވާބު ގަބޫލެއް ނުކުރެއެވެ. ބަލައެއް ނުގަނެއެވެ. ހިތްބުނަނީ އެއީ ޖަވާބެއް ނޫންކަމުގައެވެ. ގޯސް ވިސްނުމެއް ކަމަށެވެ. އެހެން އެވަނީ ކީއްވެ ބާއެވެ؟ އެގޮތަށް ވިސްނެނީ ކީއްވެ ހެއްޔެވެ؟ ހައްތަހާ ވެސް ސުވާލެވެ. ޖަވާބު ނުލިބޭ ސުވާލެވެ.
ފުންކޮށް ވިސްނާލެވުނެވެ. ދެތިން ނޭވާ ބޭރު ކޮށްލަމުން ދެ ލޯ މަރައިލެވުނެވެ. ސިކުނޑީގެ މަކާނުގައި ކުލަވީ އެހެން މަންޒަރެކެވެ. ފެންނަމުން ދިޔައީ ތަފާތު މަންޒަރުތަކެކެވެ. އަހަންނަށް ހެދުނު ގޯސްތަކެވެ. ކުރެވުނު ކަންކަމެވެ. އެހަނދާންތައް ލޮލަށް ސިފަވަމުން ދާން ފެށި އެވެ. ހިޔާލީ ރޮދިފަށުގައި ފަހަރަކު ކަމެއް އެލުވެމުން ދިޔަ އެވެ. ހުވަފެންތަކެއް ގޮތުގަ އެވެ.
"ކިތައް ފަހަރަކު ވަރުދާ ގާތު ބުނާނީ ކުދީންނާ ދިމާއަށް ހަޅޭއްނުލަވާށޭ." ފަޒާލު އަހަންނަށް ވިސްނައިދިނީ މަޑުމަޑުންނެވެ.
ނުރުހިފައި ހުރި ނަމަވެސް އޭނާގެ މޫނުމަތިން އެކަމެއް ނުފެނެ އެވެ. ވާހަކަ ދެއްކުމުން އެކަމެއް އިހުސާސެއް ނުކުރެވެއެވެ.
"ފަޒާލަކަށް ނޭނގޭނެ އޭނާ އުޅޭ ގޮތެއް. ކުރާ ކަންތަކެއް. މިއަދު ވެސް އަހަރެން އޮފީހަށްދާން ނުކުތް އިރަށް ގަޔަށް ފެން ޖެހީ،" އަހަރެން ބާރު ބާރަށް ބުނެލީމެވެ. "އޭނާ އުޅެނީ އޭނާ ބޭނުންވާ ގޮތަށް. އެއްފަހަރު ވެސް އަހަރެން ބުނާ ގޮތެއް ނަހަދާ."
ތިން އަހަރަށްދާ ވިކުރަމު މަސަލަސް ކުރަމުން ފަޒާލު ނުކުތީ ބޭރަށެވެ. ފަޒާލުގެ ކޮނޑުމަތީގައި ބޯ އަޅައިގެން ވިކުރަމު އޮތެވެ. އަހަންނާ ދިމާ ބަލާށެވެ. ފާޑަކަށް ހެވިފަ އެވެ. ފަޒާލުގެ ފަހަތުން އަހަރެން ބޭރަށް ނުކުތީމެވެ. ވިކުރަމާ ދިމާއަށް ލޯ އަޅައިގެންނެވެ. ކުދި ކިޔަމުން ހިތުން ޝަކުވާ ކުރަމުންނެވެ.
"ދަރިފުޅު ކުޅެލަން އިނދޭ،" ވިކުރަމުގެ ކުޅޭ ކޮޓަރީގައި އޭނާ ބައިންދައިލުމަށްފަހު ފަޒާލު އަހަންނާ ދިމާއަށް ބަލައިލި އެވެ. "ވަރުދާ އިހަށް އާދެބަލަ މި ކޮޅަށް."
ފަޒާލު އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެންގެ އަތަށް ފަޒާލު ބާރުކޮށްލައިފައި ހުރި ވަރުން އޭނާ ހިތްހަމަ ނުޖެހިފައި ހުރިކަން އަހަންނަށް އެނގުނެވެ.
"ކީއްވެގެންތަ ވަރުދާ ތި އުޅެނީ؟" ކޮޓަރިއަށް ވަދެ ދޮރު ލައްޕަމުން އަހަރެންގެ އަތުން ފަޒާލު ދޫކޮށްލި އެވެ.
"ފަޒާލު އެންމެ ދުވަހަކު ވެސް ގޭގައި މަޑުކޮށްބަލަ، ވިކުރަމު ކުރާ ކަންތައް އެނގޭނެ. ރުޅި އައީމަ ރުޅި އަންނަ ވާހަކަ ބުނާނީ. އޭނާ ކުރާކަމެއް، އުޅޭ ގޮތެއް ނޭނގޭނެ. މީހަކަށް ފެނިއްޖެ ނަމަ ބުނާނެ އެއްކަލަ ވަރުދާގެ ދަރިއޭ. ފަޒާލުގެ ކުއްޖާއޭ! އެހުރީއޭ އުޅޭ ވައްތަރު، ކުރާ ކަންތައް. ހުރިހާ ބަދުނާމެއް އޮންނާނީ އަހަރެން ބޮލުގަ."
"ވަރުދާ ގާތު އަހަރެން ވަރަށް ސާފުކޮށް ބުނެފަ އޮންނާނެ ކުދީން ކުރާނޭ ތަފާތު ކަންކަން. ކުދީންނަށް ކަންކަން ދަސްވާނީ، ކަންކަން އެނގޭނީ އެކި ތަޖުރިބާ ލިބޭނީ ވެސް އެހެން މިހެން އުޅެގެންނޭ. އަނެއްކާ ވިކުރަމަކީ ކުޑަކޮށް ހައިޕާ ކުއްޖެއް. އެކަން އެންމެ ބޮޑަށް އެނގޭނީ ވަރުދާއަށް. ވަރުދާއަކީ ކިޔަވައިގެން، ޑިގުރީ ނަގައިގެން ހުރި މީހެއް. ކޯހުގައި އުޅުނު އިރު ޗައިލްޑް ސައިކޮލޮޖީ ނުކިޔަވާ މީހަކާ ވަރުދާއާ ތަފާތުވާން ޖެހޭނެ. އެކަމަކު އަހަންނަށް މި ފެންނަނީ ކިޔެވި އެއްޗަކާ ވަރުދާގެ އަމަލާ ދިމާ ނުވާތަން،" ފަޒާލު މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. "އަހަރުމެން ކުޑައިރު ވެސް އުޅުނީ އެކަހަލަ ގޮތަކަށް. އެއްތަނަށް އަރާ ފުންމައިލަމުން އަނެއް ތަނަށް އަރައި ފުންމައިލަމުން. އެގޮތް މިގޮތަށް."
"ފަޒާލަށް އެނގޭނީ ފޮތުގައި ހުންނަ ވާހަކަތައް ކިޔަން. އެއް ފަހަރު ވެސް އޭނާ ކުރީ ކީއްތޯ އަހައެއް ނުލަމެއްނު." އަހަރެން ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. "ފިލާވަޅެއް ދަސްކުރަން އިނަސް، އެއްތަނަށް ބަލައިލަފާނެ، އަނެއް ތަނަށް ބަލައިލަ ފާނެ، ދުއްވާގެންފާނެ، އަޑުގަދަކޮށްލަ ފާނެ. ދެން ނޭނގެ."
"ބަލަ އަހަރެން މި ބުނަނީ ތި ވާހަކައޭ. ވަރުދާ ބާރަށް ހަޅޭއްލަވައިގެން، އަޑުގަދަކޮށްގެން އޭނާގެ އުޅުމަށް ބަދަލެއް އަތުވެއްޖެތަ؟ އަހަންނާއެކު އޭނާ އުޅޭ އިރު ތި ހުރިހާ މައްލަވައެއް ނުޖައްސާ. ގައިމު ވަރުދާ އޮފީހުގައި އުޅޭ އިރު ވިކުރަމު އެ އުޅެނީ ދޮންތަމެންނާ އެކު. ދޮންތައެއް ނުބުނޭ ވިކުރަމު އުޅެނީ މިހެންނޭ، އެހެންނޭ. ނުވިތާކަށް ދޮންތަ ހަޅޭއްލަވާ، އަޑުގަދަކުރާން ޖެހޭ ވާހަކައެއް ނުބުނޭ،" ފަޒާލު ހިތްހަމަ ނުޖެހުނަސް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. "ވަރުދާއަށް ކުރެވޭ ކަންކަމުން، ހެދޭ ގޮތުން އަޑު ގަދަ ކުރަން ޖެހެނީ. މިހާރު ތިހުރީ އެކަން އާދައަކަށްވެފަ. ދަރިން އިސްލާހު ކުރުމަށް ހަޅޭއްލެވުމާއި އަޑުގަދަކުރުމަށް ވުރެ އެކުދިންނަށް ވިސްނޭގޮތަށް މަޑުމައިތިރި ކަމާއެކު ނަސޭހަތް ދިނުމަކީ އެންމެ ރަނގަޅު ގޮތް. މި ބުނީ ކުދިން ކުރާ ހުރިހާ ކަމެއް ރަނގަޅޭ ކިޔައިގެން ހުންނާށެކޭ ނޫން. ކުދިންނަށް ގޯސްކޮށް ކުރެވޭ ކަންކަން ވެސް ބުނެދޭން ޖެހޭނެ. ވިސްނައިދޭން ޖެހޭނެ. މިއީ އެއްމެ ފަހަރަކުން ނިމޭނެ ކަންކަމެއް ނޫން. އަބަދު ކުރާން ޖެހޭ ކަމެއް. ކުދިންނަށް އަދަބު ވެސް ދޭން ޖެހޭނެ. އެކަމަކު އެ ދެވޭ އަދަބު ވާންވީ އަނިޔާއަކަށް ނުވާ ކަހަލަ އަދަބަކަށް. މި އަހަރެން އަބަދު ވެސް ވަރުދާއަށް ދޭން ޖެހޭ ނަސޭހަތަކީ."
"ދެން މަށަކަށް ނޭނގެ. ކުށްވެރިވާނީ މަ. ވިކުރަމު ހުންނާނީ ސޭފް ސައިޑްގަ." ވާހަކަދައްކާ ހިތް ކެނޑުނެވެ.
"ވަރުދާ، ނިކަން މިގޮތަށް އަމަލުކޮށްބަލަ. ވިކުރަމު ގޯސް ކަމެއް ކުރީމަ ފުރަތަމަ އޭނާއަށް މަޑުމަޑުން ގޮވައިލައިފަ އަންނާށޭ ބުނެލަބަލަ. ދެން ވަރުދާގެ ކަނާއަތުން އޭނާގެ ކޯތާފަތުގައި ފިރުމައިލައި އޭނާ ދެ ލޮލަށް ބަލައިލަ. މަޑުމަޑުން އަހައިލަ ބަލަ ދަރިފުޅާއޭ ތި ކުރީ ކީއްހޭ؟ ރަނގަޅު ކަމެއްހޭ؟" ފަޒާލުގެ ވިސްނުން އަހަންނަށް ހިއްސާކުރިއެވެ. "އަހަރެން ކަންތައް ކުރަނީ މިހެން. ވިކުރަމު ބުނޭ، އޭނާއަށް އެނގޭ ގޯސްކަމެއް ކުރެވުނަސް. އެހެންވެ މިބުނަނީ ތި ގޮތް ދޫކޮށްލާށޭ."
އެ ދުވަހުގެ ކަންކަން ނިމިގެން ދިޔައީ ވެސް އަހަރެން ކުށްވެރިވެގެންނެވެ. ހިތައި ދެކޮޅަށް ނަމަވެސް ފަޒާލުގެ ވާހަކަތައް އަހަންނަށް ޖެހުނީ ގަބޫލުކުރާށެވެ. ފަޒާލުގެ މަޑުމައިތިރި ސިޔާސަތު އޭނާ ތަންފީޒުކުރަން ފެށީއެވެ. އެ ދުވަހުން ފެށިގެން ވިކުރަމަށް އާދަޔާ ހިލާފު އުފަލެއް ލިބުނުހެން ހީވިއެވެ. ފަޒާލު އަހަންނަށް ނަސޭހަތް ދިންކަން އޭނާއަށް އެނގުނީހެން ހީވާ ކަހަލައެވެ. ކުރިއަށް ވުރެ ހަރަކާތްތައް އަވަސްވެ ތަންތަނަށް އެރުމާއި ފުންމުން އިތުރުވިއެވެ.
އަހަރެން ކެތް ކޮށްލައިގެން ހުންނަން އަޒުމު ކަނޑައެޅީމެވެ. ފެނުނަސް ނުފެންނަ ކަމަށް ހެދިގެން އުޅެން ނިންމީމެވެ. ވިކުރަމަށް އެކަންވީ އަދި މާ މަޖާ ކަމަކަށެވެ. އަޑުގަދަ ކުރުމާއި ހަޅޭއްލެވުމާއި މާނައެއް ނެތް އެތައް އެއްޗެއް ކިޔަން ފެށީއެވެ. ބައެއް ފަހަރަށް އަހަރެން އަނގައިން ނުބުނެގެން އުޅޭހެން ވެސް ހީވެއެވެ. ފެންނަ ހިސާބަށް އައިސް ހުރެގެން ރަކިހިނި ހެމުންހެމުން ގޮސް މީހާ ހަލާކު ވެދާނެއެވެ. ހުއްޓުމެއް ނެތި އެ ކިޔާ އެއްޗެއް ކިޔައި ފާނެއެވެ. ހުސްއަނގަ ތަޅައި ފާނެއެވެ. މާނައެއް ނެތް ލަފުޒުތައް ތަކުރާރުކޮށްފާނެއެވެ. އެހެން ހުސްއަނގަ ތަޅަމުން ތަޅަމުން ގޮސް ހުތުރު ބަސްތައް ވެސް ކިޔަން ފަށައިފާނެއެވެ. އެކަމަކު ފަޒާލު ގެއަށް ވަންނަ އިރަށް މުޅި މީހާ ބަދަލުވެއެވެ. މަޑު ފުށްކޮޅަކަށް ވެއެވެ. ދެން ފެންނާނީ ކިޔަމަންތެރި ވިކުރަމެވެ. ފަޒާލު ގޭގައި ހުރެއްޖެނަމަ ވިކުރަމު ހުންނާނީ އަހަންނާ ދިމާއަށް ލޯ ހަދައިގެންނެވެ. ލާނެތް ގޮތަކަށް ބަލާށެވެ.
"ހާދަ ރަނގަޅު ދޫންޏެކޭމީ. ދަރިފުޅު ބަސްއަހައިގެން އުޅުނީމަ ގެނައި ހަދިޔާއެއް މީ. އަވަހަށްދޭ މަންމަ ގާތަށް ކަނޑައިލަން ބައްޕި ނަމާދުކޮށްލައިގެން މި ނުކުންނަނީ." ފަޒާލުގެ ބޮލުން ޓައީ ނަގަމުން އަތުގައި އޮތް ކޮތަޅު ވިކުރަމަށް ދިއްކޮށްލިއެވެ.
އަހަންނަށް ބަލައިލެވުނީ ފަޒާލު ދިއްކޮށްލި ކޮތަޅަށެވެ. އޭގައި އޮތީ މައިލޯ ޕެކެޓަކާއި ޗޮކުލެޓެކެވެ. އަހަންނަށް ދެ ފަރާތަށް ބޯ ހޫރައިލެވުނެވެ. ބޭއިހުތިޔާރުގައި ޗުސް ޖަހައިލެވުނެވެ. ފަޒާލަށް އެ އަޑު އިވުނެވެ.
"ކިހިނެއްވީ؟" ފަޒާލު އަތުގައި އޮތް ގަމީސް ކޮނޑުގައި އަޅުވާލަމުން ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
"ފަޒާލަށް އެނގޭނީ ހަދާނެ ގޮތެއް. މަ މި އިންނަނީ ކެތްކޮށްލައިގެން. އަނގައިގަ ޓޭޕު އަޅައިގެން." ފޫހި ގޮތަކަށް އަހަންނަށް ބުނެލެވުނެވެ.
"ދަރިފުޅު ދޭބަލަ ސިޓިން ރޫމަށް މަންމަ އެ ދަނީ އިނގޭ." ވިކުރަމުގެ ބޮލުގައި ފިރުމާލަމުން ފަޒާލު ބުނެލިއެވެ.
ވިކުރަމު ބަލައިލީ އަހަރެންގެ މޫނަށެވެ. އޭނާއަށް ކަމެއް ދޭހަވީހެން ހީވިއެވެ. ވިކުރަމު ކޮޓަރިން ބޭރަށް ނުކުންނަންދެން ބަލަން ފަޒާލު ހުއްޓެވެ. ވިކުރަމު ނުކުތުމުން ފަޒާލު އިށީނީ އަހަރެން ގާތުގައެވެ.
"ކީއްތަވީ؟" ހިނިތުންވެލަމުން ފަޒާލު ބުނެލިއެވެ.
"ފަޒާލުގެ ދަރިއެއް ވިއްޔަ، ފަޒާލު ބޭނުން އެއްޗެއް ދެވޭނެ. މަ ބުނާނެ އެއްޗެއް ނެތް." އަހަރެން އެނދުން ތެދުވެ ހިނގައި ގަތީމެވެ.
"އަނެއްކާ ކިހިނެއްވީ؟" ފަޒާލު ހިފީ އަހަރެންގެ އަތުގައެވެ.
އޭނާ ބަލައިލީ އަތުގައި އޮތް ކޮތަޅަށެވެ. ފުން ނަޒަރަކުންނެވެ.
"މި އަހަރެން ގަތް އެއްޗެކޭ. އަނެއްކާ އެކްސްޕަޔަރ ވީތަ؟" ފަޒާލު މައިލޯ ޕެކެޓު ނަގައި ބަލައިލިއެވެ.
"ޗުސް. އަހަރެން މި ބުނަނީ ހިފި ނުހުރެގެން އުޅޭ ކުއްޖަކަށް ހަކުރު ހުންނަ އެއްޗެހި ދިން ވަރަކަށް އެ ކުއްޖާ ހަލަނިވާލެއް އިތުރުވާނޭ. ދެން ޕެކެޓު ބޮއެ ނިންމާފަ ތެޅި ފޮޅޭނީ. އެއްތަނަށް އަރައި އަނެއް ތަނަށް އަރާ، އެއް ލަވައެއް ކިޔާ އަނެއް ލަވައެއް ކިޔާ،" އަހަރެން ފަޅައިގެން ދިޔައެވެ. "މަ ޑިގުރީ ހެދި މީހާ ދައްކާވާހަކަ އަހާނެ މީހަކު ނުހުންނާނެ. މި ހެން ބުންޏަސް ގޯސްވާނީމަ. ފަޒާލު ބުނާނެ ކިޔެވީ ކޮން އެއްޗެއްހޭ؟"
"އޯހް. ތި އަދި ނޭނގޭ ކަމެއް. ސޮރީ." ފަޒާލު ހިނިތުންވެލިއެވެ.
"އަހަރެން ކިތައް ފަހަރު ބުނާނީ މިހެން. ކުދިންނަށް ގިނައިން ހަކުރު ހުންނަ ޒާތުގެ ބަންދުކުރި ކާނާ ނުދޭށޭ. އެކަމަކު އެކަކަށް ވެސް އެ ވާހަކަ އިވޭ ކަމަކަށް ނުވާނެ. ބުނާނެ ލޯބި ވާތީ ދެނީއޭ. ފިހާރައަކަށްދާ ކޮންމެ ފަހަރަކު، ކޮންމެ މީހަކު ވެސް ގެންނާނީ މުޅިން ވެސް އެކަހަލަ އެއްޗެހި،" އަހަރެން ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. "ދެން މިހެން ބުންޏަސް މަހާ ނުބައި މީހަކު ނުހުންނާނެ. ބުނާނެ މާ ގޮތް ބޮޑުވެގެން، މާ ބޮޑަށް އެނގިގެން، މާ ވެގެން އުޅޭ ގޮތޭ."
ފަޒާލު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. ހީވީ ހިތުގައި ޖެހިގެން ބަލައިލި ހެންނެވެ. މީހާ މާޔޫސްވެ ކަރު އެލޭގޮތް ވިއެވެ.
"ކުދިންގެ ހަލަނި ވަނީ ކުދިންނަށް ދެވޭ އެއްޗެހިން ހަށިގަނޑުގައި އެނަރޖީ ގިނަވީމަ. އެކުދިންނަށް ހެލިފެލިވެ އުޅެވޭވަރު މަދުވީމަ. ފަޒާލަށް ދުވަހަކު ވެސް އެ ސޮރު ގޮވައިގެން ތަނަކަށް ކުޅެލަން ދާނެ ނޫނީ، މޫދަށް އެރިލަންދާނެ އަވައްޖެއް ވާކަމަކަށް ނުވާނެ." އަހަރެން ކުދި ކިޔަމުން ހިނގައި ގަތީމެވެ.
"ސޮރީ. އެކަމަކު އަހަންނަކަށް މަންމައާއި ދޮންތަ ގާތަކު ނުކެރޭނެ ބުނާނަކަށް މިކަހަލަ އެއްޗެއް ނުދޭށެކޭ. އެހެން ނޫނަސް މަންމަމެން ގަބޫލުކުރާ ކަހަލަ ކަން ކަމެއް ނޫންތި. ހުރި ހަމައެކަނި ހުރި މާމަ ދަރިއަށް ލޯބިން އެއްޗެއް ދޭ އިރަށް އެކަން މަނާ ކުރާކަށް ނުވާނެ. އެ ރަނގަޅު ކަމަކަށް ނުވާނެ." ފަޒާލު ކަރުއެލުވާލައިގެން ހުރެ ވާހަކަދެއްކިއެވެ.
އަހަންނަށް ހިތްހަމަ ޖެހިލެވުނެވެ. އަހަރެންގެ ވާހަކަތައް ފަޒާލު ގަބޫލުކުރީތީ އުފާވިއެވެ. ހިތްހަމަ ޖެހުނެވެ. ފަޒާލު ވަނީ ފަހާނާ އަށެވެ. އަހަރެން ނުކުތީ ބޭރަށެވެ.
ކަމަކު ދާކަށް ނެތެވެ. ބޭރަށް ނުކުތް އިރު މުޅި ތަން އޮތީ ހަރާބު ކޮށްލާފައެވެ. ހީވަނީ ހަނގުރާމައެއްގެ މައިދާނެއް ހެންނެވެ. އައިސް އަލަމާރީގައި ހުރި ނަމަ ހުރި ފެންފުޅިއެއް ހުރީ މުށިގަނޑުމަތީގައެވެ. ބައެއް ފުޅިފުޅީގެ މަތި ވެސް ނެތެވެ. އަލަމާރީގައި ހުރިހާ މިރުހެއް ހުރީ އެތަން މިތަނުގައެވެ. ރީނދޫ ކުލައިގެ އެއްޗެއް މުށިގަނޑުގައި ހުއްޓެވެ. ރަނގަޅަށް ބަލައިލެވުނެވެ. ހީވީ ރަނގަޅަށެވެ. އެއީ ކުކުޅު ބިހެވެ. ބިސްތޮށިތައް ވެސް މުށިގަނޑު މަތީގައި ހުއްޓެވެ. ބިސްކޭހާ ދިމާއަށް ބަލައިލެވުނެވެ. ބިސް ކޭސް ވަށައިގެން ހުރީ ހުސްތޮށްޓެވެ. މުށިގަޑުގައި ވަނީ ބިހާއި ލޮންޖެވެ. ކައިރީގައި އިސްތިރިކުރާ މޭޒު އޮތެވެ.
ސޯފާގައި ހުރި ކުޝަންތައް ހުރީ މުށިގަނޑުގައެވެ. އެއްކޮށް ތެމި ފޯވެފައެވެ. އަހަންނަށް ބަލައިލެވުނީ ވިކުރަމު ކޮބައިތޯއެވެ. އޭނާގެ އަޑެއް ބަޑެއް ނީވެއެވެ.
"ވިކުރަމު." އަހަރެން ބާރުބާރަށް ވިކުރަމަށް ގޮވައިލީމެވެ.
ސޯފާ ބިއްދޮށުން ވިކުރަމު ތެދުވިއެވެ. އޭނާ މޫނު ހުރީ ކުނިކޮށްލައިފައެވެ. ދެ ލޯ ވަނީ ކުނާކޮށްލެވިފައެވެ. ނުރުހުމުގެ ނަޒަރުން އޭނާ އަހަންނާ ދިމާއަށް ބަލަން ފެށިއެވެ.
"ކޮއްކޮއަށް ޕެކެޓު ނުދިނީމަ މަންމިއާ ރުޅި." ވިކުރަމު ހިތްހަމަ ނުޖެހުނެވެ.
"މިހެން ހަނދަން ޖެހޭތަ؟ ވިކުރަމު ގާތު ކިތައް ފަހަރު ބުނާނީ މިހެން ނަހަދާށޭ. ބިސްކޭހެއް ވިކުރަމަށް އުނދަގުލެއް ނުކުރާނޭ. އަލަމާރިއެއް ގެއްލުމެއް ނުދޭނޭ. މުށިގަނޑެއް ވިކުރަމަކަށް ނުގޮވާނޭ،" އަހަރެން ގާތަށް ރުޅިއައެވެ. "ބުނެބަލަ ވިކުރަމު ކީއްވެ ކުރިކަމެއްތަ މީ؟ މި ވިކުރަމަށް މޮޅެއް ލިބޭނެ ކަމެއްތަ؟ މިކުރަމަށް މަންމަ ދަސްކޮށްދިނީ މިހެން އުޅެންތަ؟ މިތަ މަންމަ ބުނާ ބަސް އެހުމަކީ؟"
"އޭރުން މަންމިއަށް ސާފުކުރަން ޖެހޭނެއްނު." ވިކުރަމު ރުންކުރު ރާގެއްގައި ބުނެލިއެވެ.
"ކީއްވެގެންތަ މި އުޅެނީ؟ އަނެއްކާ ވެސް ފެށީތަ؟" ފަޒާލުގެ އަޑު އިވުނީ ފަހަތުންނެވެ.
"ފަޒާލު ބުނާނެ މަ އަނގައިން ނުބުނާށޭ. ބަލައިބަލަ މިހިރި ކުއްޖާ މަށަށް ކުރި ޖެއްސުން. ބަލައިބަ ހަދައިފަ އޮތް ގޮތް. ދެން މި ވަރުވާއިރު ވެސް މަ ހުންނަންވީ އަނގައިން ނުބުނެ. ބަހެއް ވެސް ނުކިޔާ. މަށަކަށް މިވަރަކުން ނުވާނެ." އަހަރެން ބާރުބާރަށް ހަޅޭއްލަވާ ގަތީމެވެ.
"އޯކޭ. ވަރަށް ސާފުކޮށް މި ބުނަނީ ވަރުދާއަށް ނުވަންޏާ އަވަހަށްދޭ،" ފަޒާލު އަހަރެންނާ ދިމާއަށް ބަލައިލަމުން ބުނެލިއެވެ. "ނުޅޭވޭ މިހާކު ގެންގުޅޭކަށް އަހަރެން ވެސް ނޫޅެން."
"އާނ! މަށަކަށް މި ވަރަކުން ނުވާނެ. މަ ބޭނުމެއް ނޫން މިކަހަލަ ދަރިއަކު ގޮވައިގެން އުޅޭކަން." އަހަރެން ވިސްނައި ނުލައި ބާރަށް ހަޅޭއްލަވާ ގަތީމެވެ.
"އެހެންތަ؟ އެހެންވީއިރު ތިހުރީ ވަރިކޮށްފަ. އަވަހަށް މިތަނުން، މިގެއިންދޭ. އަވަހަށްދޭ. އޭރުން ވިކުރަމުގެ އުނދަގުލުން ސަލާމަތްވީނު." ފަޒާލު ފުން ނޭވާއެއް ދޫކޮށްލިއެވެ.
އަހަންނަށް ރޮއި ގަނެވުނެވެ. ގިސްލަމުން ހަޅޭއްލަވާ ގަނެވުނެވެ. ހުރިހާ ހިޔާލުތަކެއް އެކުގައި ވަށައިގެން އުދުހެމުން ދިޔައެވެ. ފަޒާލުގެ ވާހަކަތަކެވެ. ވިކުރަމުގެ ހަރަކާތްތަކެވެ. އަހަންނަށް ކިޔުނު އެއްޗެއްސެވެ. ވިކުރަމަށް ހެދުނު ގޮތެވެ. އެންމެ ފަހުން ދެ ކަންފަތުގައި އަތްއެޅީމެވެ. އެހަނދާންތަކާއި އެ ވިސްނުން ތަކުން ނުކުމެވޭތޯ މަސައްކަތް ކުރީމެވެ. ފުން ނޭވާތަކެއް ދޫކުރަމުން ކޮޅަށް ތެދުވެލީމެވެ.
އިރުކޮޅެއް ފަހުން ހަމައަކަށް އެޅުނެވެ. ފުންކޮށް ވިސްނައިލެވުނެވެ. ގޯސް ހެދުނީ އަހަންނަށެވެ. ކުށްކުރެވުނީ އަހަންނަށެވެ. ދަރިން ތަރުބިއްޔަތު ކުރުމަކީ ބުރަކަމެކެވެ. އުނދަގޫ ކަމެކެވެ. ކުދިންގެ ހަރަކާތްތައް ހުންނާނީ އެކި ގޮތަށެވެ. ކޮންމެ ކުއްޖެއްގެ މިޒާޖު ވެސް ތަފާތު ވާނެއެވެ. މައިންބަފައިން ބޭނުންވާހާ ސީދަލަށް ކުދިން ނޫޅޭނެއެވެ. އަމުދުން ޅައިރު އެކުދިން އުޅޭނީ އެކުދިންގެ ދުނިޔެއެއް ގައެވެ. ކުރާނީ އެ ކުދިން ގަޔާވާ ކަންކަމެވެ. އެކަން މަޑުމަޑުން ކޮންޓްރޯލުކޮށް ދަރިން ހަމަ މަގަށް އަޅުވާން ޖެހޭނީ މައިންނެވެ. ބަފައިންނެވެ. އެކަން ކުރެވޭނީ ހިކުމަތްތެރި ވެގެންނެވެ. ރުޅި މަޑުކޮށްގެންނެވެ. ބުއްދި އިސްކޮށްގެންނެވެ. އަޑުގަދަކޮށް ހަޅޭއްލެވުމަކީ އަލިފާނަށް ކަރާސީނު އެޅުން ފަދަ ކަމެކެވެ.
މިކަން ފަޒާލް ކިތައް ފަހަރު އަހަންނަށް ވިސްނައިދިން ހެއްޔެވެ؟ އަހަންނަށް ވިސްނޭނެ ހެން ކިތައް ދުވަހު ކިޔައިދިން ހެއްޔެވެ؟ އެކަމަކު އަހަންނަށް ގޮތްދޫ ނުކޮށް، ބަސްގަބޫލު ނުކޮށް އުޅެވުނީއެވެ. އަހަރެން ބޭނުންވާ ގޮތަށް ވިކުރަމު ތެދު ކުރާށެވެ. އޭނާގެ އަމަލުތައް އަހަރެންގެ ސިކުނޑިއަށް ހެޔޮ ކުރާށެވެ. އެކަމަކު އެކަން ނާކާމިޔާބުވީއެވެ. އެއީ ބުއްދިވެރި ވިސްނުމަކަށް ނުވީމައެވެ. ދެން އޮތީ އެންމެ ގޮތެކެވެ. ފަޒާލު ކިބައިން މައާފަށް އެދުމެވެ. ހެދުނު ގޯސް ތަކުރާރު ނުކުރުމަށް އަޒުމު ކަނޑައެޅުމެވެ.
އަހަރެން މި ތެދުވީ އެ އަޒުމުގައެވެ. އެ ހިތްވަރާ އެކުގައެވެ. ކެނޑުނު ނަގިލީ އަލުން ބަންނާށެވެ. އެ އަޒުމުގައެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ޝާމިލުވާ ކޮންމެ މަޔަކަށް ވެސް ބަފަޔަކަށް ވެސް މި ހަގީގީ ހާދިސާއިން އިބުރަތެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. (ނިމުނީ)