ސްޓެލްކޯ

ސްޓެލްކޯ ހުޅުވައިދޭ އާ ދޮރުން ވަންނަނީ އެއްވަނަ ބްރޭންޑް

ސްޓެލްކޯއިން މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ތައްޔާރުވާ ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް -- ގޮގޯރޯ
100%
0%
0%

ސްޓެލްކޯއިން ރާއްޖެއަށް ތައާރަފް ކުރުމަށް ތައްޔާރުވަމުންދާ ގޮގޯރޯ އިލެކްޓްރިކް ސައިކަލްތަކަކީ ތިމާވެށި ރައްކާތެރިކުރުމަށާއި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އިތުރުވާ މުހިއްމު ނިންމުމެކެވެ. ގޮގޯރޯ ސައިކަލްތަކަކީ މިހާރު މާލޭގެ މަގުތަކުގައި ތެޔޮ އަންދައިގެން ދުއްވާ އެތައްހާސް ސައިކަލަކުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރަން ތައާރަފް ކުރެވޭ ތިމާވެށްޓާ ރައްޓެހި ބަދަލަކަށް ވާނެ އެވެ.

ޓައިވާންގެ އުފެއްދުމެއް ކަމަށްވާ ގޮގޯރޯއަކީ ދުނިޔޭގެ 50 ގައުމެއްގައި މިހާރުވެސް ބޭނުންކުރާ އަދި އިތުބާރު ކުރާ ބްރޭންޑެކެވެ. ބެޓަރި ޗާޖުކޮށްލައިގެން ދުއްވާ ސައިކަލްތަކުގެ ތެރެއިން ގޮގޯރާ އަކީ ދުނިޔޭގެ ފެންވަރުގައިވެސް ނަންބަރު ވަން އެވެ.

ސްޓެލްކޯ އިން ގޮގޯރޯ ސައިކަލް ރާއްޖެއަށް ގެނައުމުގެ ކުރިން މިފަދަ އުފެއްދުންތައް އުފައްދާ ކުންފުނިތަކުގެ އުފެއްދުންތައް ވަރަށް ބޮޑަށް ދިރާސާކޮށްފައިވެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަކަތައިގެ ސިޔާސަތަށް ވީހާވެސް ބޮޑަށް އެހީތެރިވެދޭނެ ފަދަ އުޅަނދަކަށް ގޮގޯރޯ ވާނެކަން ސްޓެލްކޯ އިން ޔަގީންވެސް ކޮށްފައިވެ އެވެ.

"މިއީ އެހެން ފަރާތެއް މެދުވެރިކޮށްގެން ކުރި ކަމެއް ނޫން، މިއީ ގޮގޯރޯއާ އެކު ސީދާ ގޮތެއްގައި ކުރިއަށް ގެންދެވުނު ގުޅުމެއް،" ގޮގޯރޯ ބްރޭންޑްގެ ސައިކަލްތައް ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އޮޅުންފިލުއްވައިދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވި އެވެ.

ގޮގޯރޯ ބްރޭންޑްގެ ސައިކަލެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހްމީ

ފަހުމީ ވިދާޅުވި ގޮތުގައި ގޮގޯރޯއިން ސްޓެލްކޯއާ އެކު ކުރިއަށްދާން އެއްބަސްވީ ސްޓެލްކޯއަކީ ހަކަތައިގެ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުންޏަކަށްވެފައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި ކުންފުންޏަކަށްވާތީ ސްޓެލްކޯއަށް އޮތް އިތުބާރު ބޮޑު ކަމުންނެވެ.

ގޮގޯރޯ ސައިކަލް ތަފާތުވާ ސަބަބުތައް

ބެޓަރި ސައިކަލްތަކަކީ ރާއްޖެއަށް އަލަށް ތައާރަފްކޮށްގެން އުޅޭ އުޅަނދެއް ނޫނެވެ. އެކަމަކު ގޮގޯރޯ ސައިކަލްތައް ތަފާތުވެގެން އުޅެނީ ރާއްޖޭގައި މިހާރު ހުރި އުފެއްދުންތަކުގައި ނެތް ފަހުގެ ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްފައިވާތީ އެވެ. އެގޮތުން ގޮގޯރޯގެ އެންމެ ހާއްސަ އެއް ކަމަކީ އޭގެ ބެޓެރީ ސިސްޓަމާއި އެ ސިސްޓަމް މަސައްކަތް ކުރާ ގޮތެވެ. ކޮންމެ ސައިކަލަކާ އެކުވެސް ދެ ބެޓެރީ ލިބެ އެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ބެޓެރީ ބަދަލުކޮށްލެވޭއިރު ސީޓު ދަށުގައިވާ ކޮމްޕާޓްމަންޓްގައި ބެޓެރި ބައިންދާލުމުން އެވަނީ ބެޓަރި ބަދަލުކޮށްލެވިފަ އެވެ. އިތުރު ކޭބަލެއް ބެޓަރިއަށް ގުޅާކަށް ނުޖެހެ އެވެ. ސްމާޓްފޯންގައިވާ އެޕެއް މެދުވެރިކޮށް ބެޓެރީގެ ޗާޖު ލެވެލްތަކާއި ބެޓެރީ ބަދަލުކުރާ ސްޓޭޝަންތަކުގައި ބެޓެރީ ހުރި އަދަދުތައް ފެންނަން ހުރެ އެވެ.

ގޮގޯރޯ ސައިކަލްތަކުގައި ބޭނުންކުރާ އެންމެ ބެޓަރީއަކުން މާލެއާއި ހުޅުމާލެއާ ދެމެދު ބެޓެރި ބަދަލުނުކޮށް މަދުވެގެން 24 ބުރު ޖަހާލެވޭ ކަމަށްވެ އެވެ.

ގޮގޯރޯ ބްރޭންޑްގެ ސައިކަލެއް ކައިރީގައި މީހަކު މަޑުކޮށްލައިގެން

ގޮގޯރޯ ސައިކަލްތަކުގައި ބޭނުންކުރާ ބެޓަރީއަކީ ޗާޖު ކުރަންޖެހޭ އެއްޗެއް ކަމުން އާންމުންނަށް އެކަމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށްވެސް ސްޓެލްކޯ އިން ވަނީ ނިންމާފަ އެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ބެޓަރިތައް ޗާޖު ކުރެވޭ ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސިސްޓަމްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އިރުގެ ހަކަތައިން އެތަންތަން ހިންގޭ ގޮތަށެވެ.

ގޮގޯރޯ ސައިކަލްތަކެއް ސްޓެލްކޯ އިން މިހާރު ރާއްޖެ ގެނެސްފައި އެބަހުއްޓެވެ. ސްޓެލްކޯގެ މަގުސަދަކީ އިލެކްޓްރިކް ސައިކަލް ރާއްޖެއަށް ގެންނަ ކުންފުނިތަކާ ވާދަކޮށްގެން އެފަދަ ކުންފުނިތަކަށް ގެއްލުން ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި ސްޓެލްކޯ އިން ބޭނުންވަނީ އަމިއްލަ ވިޔަފާރިތަކަށް ހަކަތައިގެ ދާއިރާގައި ކުރިއަށް ދާން ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކޮށްދިނުމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ. ސްޓެލްކޯއިން ގެންނަ ގޮގޯރޯ ސައިކަލްތައް މަރާމާތުކުރުމާއި އެފަދަ އުފެއްދުންތަކާ ގުޅޭ އެހެނިހެން ހިދުމަތްތައް އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްލުމަށްވެސް ސްޓެލްކޯ އިން އޮތީ ނިންމާފަ އެވެ.

ގޮގޯރޯ ބްރޭންޑްގެ ސައިކަލެއް

ސްޓެލްކޯއިން ތައާރަފް ކުރުމަށް ނިންމާފައިވަނީ ގޮގޯރޯ ބްރޭންޑްގެ ހަތަރު މޮޑެލް އެކެވެ. މީގެ ތެރޭގައި އަންހެނުންނަށާއި ފިރިހެނުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޑިޒައިންތައް ހިމެނެ އެވެ.

ސްޓެލްކޯ އިން ގޮގޯރޯގެ ސައިކަލްތައް ރާއްޖޭގެ މާކެޓަށް ނެރުމުގެ ކުރިން ޓެސްޓަށް ދުއްވާލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފަ އެވެ. ބޭނުމަކީ ތިމާވެއްޓާއި ރައްޓެހި ސައިކަލްތަކަށް ޝައުގުވެރިކަން އުފައްދައި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ހިތްވަރުދިނުމެވެ.

ސްޓެލްކޯގެ މި އިސްނެގުމަކީ މާލެ ސަރަހައްދުގައި ގޯސްވަމުންދާ ވައި ތަޣައްޔަރުވުމުގެ މައްސަލައަށް ހައްލުތަކެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭނެ މުހިއްމު އިސްނެގުމެކެވެ. އަދި ސްޓެލްކޯގެ މި އިސްނެގުމަކީ ވިޔަފާރީގެ އާ ފުރުސަތުތަކެއް ހުޅުވައިދީ އަމިއްލަ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދޭނެ އިސްނެގުމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910