މި އަހަރުގެ ޕީކް ހޭންޑްލިންގްއަށާއި ގްރޭޓާ މާލޭ ޕަވާ ބެކަޕްގެ ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީ ކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް-2 އިންޖީނުގެ ހުޅުވައިފި އެވެ.
ހުޅުމާލެ އިންޖީނުގެ އެނެކްސް-2 ހުޅުވުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އިންޖީނުގެ ރަސްމީކޮށް ހުޅުވިގެން ދިޔައީ ސްޓެލްކޯ އާއި ގައުމީ ދިދަ އިންޖީނުގޭގައި ނެގުމާއެކު އެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އަދި ދިވެހި ދިދަ ނަންގަވައި ދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒްނާ އެވެ.
އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ އެ އިންޖީނުގޭގައި މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް ސްޓާޓްކޮށް ދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ހުސައިން ފަހުމީ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި ރޫހާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން މި ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ.
އެގޮތުން 48،000 އަކަފޫޓުގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ (ބާ އިންޖީނުގެ) އިން ކާނުތަކެއް އެ ބިމާހަމަޔަށް ތައްޔާރުކޮށް އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާއި ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތަށް ހޭދަވީ ނުވަ ވަރަކަށް ދުވަސް ކަމަށް ފަހުމީ ވިދާޅުވި އެވެ.
މި މަސައްކަތް ފެށި ހިސާބުން އިންޖީނުތައް ގެނައުމާއި އެ ހުރިހާ މަސައްކަތެއް ކުރިއަށް ދިޔަގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބެއްލެވިކަން ފަހުމީ ފާހަގަކުރެއްވި އެވެ.
މި މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ބައްލަވައި، އެހުރަސްތައް ނައްތާލުމަށް ކުރެވިދާނެ ކަންކަމާއި މެދު ލަފަޔާއި އިރުޝާދު ދެއްވަމުން ގެންދެވުމުގެ އިތުރުން އިންޖީނުގޭގެ ބިން ހޯދުމަށް ބޭއްވި ބައެއް ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގެންނެވި ކަމުގެ މައުލޫމާތު ލިބި ލެއްވި ކަމަށް ވިދާޅުވެ އެ ހުރިހާ ކަމަކަށްޓަކައި ރައީސަށް ފަހުމީ ޝުކުރު އަދާކުރެއްވި އެވެ.
ފަހުމީ ވިދާޅުވީ ރޯދަ މަހު އައްވާއި ވާރޭއަށް ބެލުމެއްނެތި އަދި އެއްވެސް ފަސްޖެހުމެއްނެތި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްފައި ވަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި އެކަމަށްޓަކައި މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވާ ކަމަށެވެ.
މީގެ އިތުރުން ސްޓެލްކޯއިން އަތޮޅު ތެރޭގައި ހިދުމަތްދޭ 33 ރަށުގައިވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މުވައްޒަފުންކޮށްފައިވާކަން ފާހަގަކޮށް އެ މުވައްޒަފުންނަށްވެސް ފަހުމީ ޝުކުރު ދެންނެވި އެވެ.
ފަހުމީ ވަނީ މި ރޯދަމަހު ސްކޫލްތައް ބަންދުވުމާއި ފަހު 10 ގައި އޮފީސްތައް ބަންދުވާތީ މި އަހަރުގެ ޕީކް ރޯދަމަހު ނުފެށުނު ކަމުގައި ވީނަމަވެސް މި ރޯދަމަސް ނިމިގެން ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.
ސްޓެލްކޯ އަބަދުވެސް އޮންނާނީ ދުރު މުސްތަގުބަލަށް ވިސްނައި ދުރާލާ ތައްޔާރަށް ކަމަށާއި އެގޮތުން މި ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ފަހުމީ ދެއްވި އެވެ. އަދި ސްޓެލްކޯއިން ފޯރުކޮށްދޭ މި ހިދުމަތަކީ ޓެކްނިކަލް ހިދުމަތަކަށްވުމުން އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެން ނަމަވެސް އެފަދަ ހާލަތެއްގައިވެސް ވީއެންމެ އަވަހަކަށް އަލުން ހިދުމަތްދޭން ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށް ވިދާޅުވެ އެކަމަށްޓަކައި އެ މުވައްޒަފުންނަށްވެސް ޝުކުރު ފަހުމީ ޝުކުރު އަދާކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި މި މަސައްކަތުގައި އިސްކޮށް އުޅުއްވި ޖެނެރަލް މެނޭޖަރު އަހުމަދު ޝަރުނީޒް ވިދާޅުވީ ރޯދަ މަހު މި މަސައްކަތް ކުރިއަށްގެން ދިއުމުގައި މުވައްޒަފުން ރެއާއި ދުވާލު ދައްކާފައިވަނީ އާދަޔާއި ހިލާފު ހިތްވަރެއް ކަމަށެވެ.
އެގޮތުން ރޯދައަށްތިބެ ދުވާލުގެ އެންމެ ހޫނުގަދަ ގަޑީގައިވެސް ބޮލަށް ފެންކޮޅެއް އަޅާލައިގެން މުވައްޒަފުން އެ ދެއްކީ ކުންފުނީގެ ކޯ-ވެލިއުސްތަކުގެ ތެރޭގައި ހިމެނޭ އެކްސެލެންސާއި ޓީމްވޯކްގެ ވަރުގަދަ ނަމޫނާއެއް ކަމަށް ޝަރުނީޒް ވިދާޅުވި އެވެ. މީގެ އިތުރުން މި މަސައްކަތުގެ ސަބަބުން ގްރޭޓާ މާލޭ ގްރިޑްގެ ފްލެކްސިބިލިޓީ އިތުރުވެގެންގޮސްފައިވާ ކަމަށާއި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭ އިންޖީނުގެ އެނެކްސް-2 ގެ ގޮތުގައި މި ހުޅުވިގެންދިޔަ އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި އެތަނުން މި ވަގުތު ހަތް ޖަނަރޭޓަރުސެޓް ވަނީ ކޮމިޝަން ކުރެވިފަ އެވެ. އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެވި މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށާއި އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް–2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.