ރޯދަމަސް ހޫނު މޫސުމާ ދިމާވާތީ މާލޭގެ ކަރަންޓް ކެޕޭސިޓީއަށް 17 މެގަވޮޓް އިތުރުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ރޯދަމަހާއެކު ހޫނު މޫސުންވެސް އަންނާތީ އިތުރު 17 މެގަވޮޓްގެ ކަރަންޓް އިންސްޓޯލްކުރުމުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްދާ ކަމަށެވެ.
"ތަންކޮޅެއް ލަހުން މި މަސައްކަަތް ފަށައިގަނެވުނު ސަބަބަކީ އަޅުގަނޑުމެންނަށް ބިން ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު،" ފަހުމީ ވިދާޅުވި އެވެ.
މި މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް ސްޓެލްކޯއިން ވެފައިވާކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ މި މަސައްކަތަށް ބޭނުންވާ އިންޖީނާއި ޓްރާންސްފޯމަރާއި ކޭބަލް އެބަހުރި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ރޯދަމަހު އަޅުގަނޑުމެން އަތުގައި ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑާލާކަށް ނުޖެހޭނެ،" ފަހުމީ ވިދާޅުވި އެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވެދާނެ ކަމަށާއި ސްޓެލްކޯ އިން މަސައްކަތްކުރާނީ ހިދުމަތަށް ބުރޫނާރާ ފޯރުކޮށްދޭން ކަމަށް ފަހުމީ ވިދާޅުވި އެވެ. އަދި އެކަމުގެ ގާބިލުކަން ސްޓެލްކޯގައި އެބަހުރި ކަމުގެ ޔަގީންކަން ފަހުމީ ދެއްވި އެވެ.
"އިރާދަކުރެއްވިއްޔާ މިހާރު މި ކުރިއަށްދާ މަސައްކަތްވެސް ނިމޭނެ ރޯދަ ފެށުމުގެ ކުރިން،" ފަހުމީ ވިދާޅުވި އެވެ.
ރޯދަމަހާ ދިމާކޮށް މާލޭގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސްޓެލްކޯ ފަށާފައިވާއިރު ރޯދަމަހު އާންމުކޮށް ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ އެވެ.