ސްޓެލްކޯ

މާލެ-ހުޅުމާލެ ކަރަންޓް ވިއުގަ ގުޅާލައިފި

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގަކުން ގުޅާލައި ކަރަންޓް ދޭން އަމާޒު ކޮށްގެން ކުރިއަށް ގެންދިޔަ ބޮޑު މަޝްރޫއުގެ މަސައްކަތް ނިންމާލުމަށް ފަހު ކަރަންޓް ވިއުގަ ގުޅާލައިފި އެވެ.

ސްޓެލްކޯގެ މި މަޝްރޫއަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަކަތައިގެ އެންމެ ބޮޑު އެ މަޝްރޫ އެވެ. މި މަޝްރޫއު އިފްތިތާހު ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމިން އަބްދުﷲ ގައްޔޫމުގެ ސަރުކާރުގަ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިނަމާލެ ބްރިޖު ހުރަސްކޮށް އެއް ވިއުގަ އަކުން، ގްރޭޓާ މާލެ ސަރަހައްދަށް ކަރަންޓް ދޭން "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ބޮޑު މަޝްރޫއު އެއްކޮށް ނިންމާލާ މިއަދު ގުޅާލާފައިވާ ކަމަށެވެ.

އެކަމަށްޓަކައި ކުރަންޖެހުނު މަސައްކަތްތަކަށް މާލެއިން މިއަދު ކަރަންޓް ކަނޑާލިއެވެ.

އެއް ވިއުގައަކުން ގްރޭޓާ މާލެ ސަރަހައްދަށް ކަރަންޓް ދޭން ކުރިއަށް ގެންދާ މަޝްރޫއު އިފްތިތާހު ކުރީ ޖުލައި 23، 2016 ވަނަ އަހަރު އެވެ. ސްޓެލްކޯއިން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ 104 މިލިއަން ޑޮލަރު (މިހާރު އަގުން ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

'ސްޓެލްކޯ ފިފްތް ޕަވާ' ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ނުވަ މެގަވޮޓްގެ ހަ އިންޖީނުގެ މައްޗަށް އެކުލެވޭ 50 މެގަވޯޓްގެ ޕަވާ ސްޓޭޝަނެއް ގާއިމުކޮށްފައި ވެއެވެ. މީގެ އިތުރުން ފިއުލް ފާމް އަދި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ހިމެނޭ އިރު ފިއުލް ފާމްގައި 2،300 މެޓްރިކް ޓަނުގެ ކެޕޭސިޓީ ސްޓޯރޭޖެއް ހުންނާނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ ޑޮންފަން ކުންފުނިންނެވެ.

ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް ގުޅާލުމުން މާލެ، ހުޅުލެ އަދި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކަށް ކަރަންޓުގެ ދަތި ކަމެއް ކުރިމަތިވެއްޖެނަމަ އެ މައްސަލައެއް ހައްލު ކުރުން އަވަސްވެ، ހިދުމަތް ދިނުން ފަސޭހަ ވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި ސްޓެލްކޯއިން މާލޭގައި ހިންގާ އިންޖީނުތަކުން އަރާ ދުމުގެ ސަބަބުން މީހުނަށް ސިއްހީ ގެއްލުންވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ފަސޭހަ ވާނެ އެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއިން އުފައްދާ ކަރަންޓުގެ މިންވަރަށް ބަލައި ބައެއް ޖެނެރޭޓަރުތައް މާލެ އިން ނިއްވާލާނެ އެވެ.

ކަރަންޓް ވިއުގަ ގުޅާލުމުން މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ސަރަހަށްދަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި މައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކުރާނީ ހުޅުމާލޭގައި އަލަށް އިމާރާތް ކޮށްފައިވާ 50 މެގަވޮޓުގެ އާ އިންޖީނުގެ އެވެ.

މާލެ، ހުޅުލެ އަދި ހުޅުމާލެ އެއް ވިއުގަކުން ކަރަންޓް ދިނުމަށް ކުރިއަށް ގެންދިޔަ މަޝްރޫއު ނިމިފައިވާތީ އެއް ވިއުގަކުން ކަރަންޓްގެ ހިދުމަތް ދޭން ފެށުމުން ކެޕޭސިޓީ މިހާރަށް ވުރެ ވަރުގަދަ ވެގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އެގޮތުން ކޭބަލް މެދުވެރިކޮށް މާލެ އާއި ހުޅުމާލެއާ ދެމެދު 50 މެގަވޮޓުގެ ކަރަންޓް ޓްރާންސްފާ ކުރެވިގެންދާއިރު 100 މެގަވޮޓާ ހަމަ އަށް ކަރަންޓް ދޫކުރުމުގެ ގާބިލުކަން އަލަށް އަޅާފައިވާ ކޭބަލްގައި ހުންނާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ.