ސްޓެލްކޯ

މާލޭގެ ބައެއް ސަރަހައްދުން މާދަމާ ކަރަންޓު ކަނޑާނެ

ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދު ދެ ގަޑިއިރަށް ކަރަންޓު ކަޑަން ޖެހިދާނެ ކަމަށް ސަރުކާރުގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބުނެފި އެވެ.

ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށް ބުނެ ސްޓެލްކޯއިން ވަނީ ސަމާުލު ކަމަށް އެކަން ގެނައުމަށް ޓްވީޓެއް ކޮށްފަ އެވެ. އެ ޓްވީޓުގައި ބުނެފައި ވަނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ އާއި ހުޅުމާލެ އަދި ހުޅުލެ، ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލަން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރަން މާދަމާ ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ. ކަރަންޓު ކަނޑާނީ މާދަމާ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ނެވެ.

ސްޓެލްކޯއިން ބުނީ އެ މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ކަނޑާ ހިސާބުތަކަށް އަލުން ހިދުމަތް ދޭނެ ކަމަށާއި އެ މަސައްކަތަކީ އިންޓަކަނެކްޝަން ޕްރޮޖެކްޓްގެ އަމަލީ ހުރިހާ މަސައްކަތެއް ނިންމާ، މާލޭގެ ސިސްޓަމާއި ގުޅާލުމަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތެއެ ކަމަށެވެ.

ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓަކީ މާލެ ސަރަހައްދަށް ޖަމާވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އަހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓް ކަރަންޓުގެ ޑިމާންޑް އިތުރު ވުމުގެ ސަބަބުން ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ހޯދަން ހިންގާ ބޮޑު މަޝްރޫއެކެވެ.

އެ މަޝްރޫގެ ދަށުން މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގައި ބޮޑު ހަ ޓްރާންސްފޯމަރު ބަހައްޓަން ވަނީ ނިންމާފަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާއިރު، ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާނެ ކަމަށެވެ.