ސްޓެލްކޯ

ކުރިއަށް އޮތް ހަތަރު ދުވަހު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ކުރިޔަށް އޮތް ހަތަރު ދުވަހު މާލޭ ސަރަހައްދުގެ ގްރިޑް އެނާޖައިޒް މަސައްކަތް ކުރިއަށްދާއިރު މާލޭ ސަރަހައްދުގެ ކަރަންޓްގެ ހިދުމަތަށް ބުރޫ އަރާ ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސަރުކާރުގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯއިން އެ މަސައްކަތް ކުރުމަށް ނިންމާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހަށެވެ. ދެމެދަށް އަންނަ 20 ވަނަ ދުވަހަކީ އީދަށް ވުމުން އެ ދުވަހު އެ މަސައްކަތް ނުކުރާނެ އެވެ.

ސްޓެލްކޯގެ އެ މަސައްކަތް މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކުރިއަށް ގެންދާނެ އެވެ. ސްޓެލްކޯއިން ބުނީ އެ ވަގުތުތަކުގައި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށާއި އަދި މާދަމާ މާލޭގެ އިންޖީނުގެއާ ގްރިޑް ސިންކޮރޮނައިޒް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް މާދަމާ މާލެއިން ކަރަންޓް ކެނޑޭ ގަޑިއެއް ބުނެފައެއް ނުވެ އެވެ.

ގްރޭޓާ މާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ބުދަ ދުވަހަށެވެ. އެ ދުވަހު ހެނދުނު 8:00 އިން 5:00 އެ މަސައްކަތް ކުރިޔަށް ދާނެ އެވެ. ބުދައިގެ އެ ވަގުތުތަކުގައި ވެރިރަށް މާލެއާއި ހުޅުމާލެއިން ވެސް ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ކަރަންޓު ކުންފުނިން ބުންޏެވެ.

އަންނަ ބުރާސްފަތީގައި ކުރިޔަށްދާނީ ވީއައިއޭ އޮންނަ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތެވެ.

ގްރޭޓާ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅައިލާ މަޝްއޫއެކެވެ. މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާފައި ވެއެވެ. މި ކަރަންޓުވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބެ އެވެ.