އީރާންގެ ނިއުކްލިއާ ޕްރޮގްރާމު ހިންގާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފި އެވެ.
މި އިންޒާރު ދެއްވާފައި މިވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމެއް އެކުލަވާލުމަށް އެމެރިކާއާއި އީރާންގެ އޮފިޝަލުން މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ބުނާ ވަގުތެއްގައެވެ.
ޓްރަމްޕް ދެއްވި ދައުވަތާ އެއްގޮތަށް އޭޕްރިލް 12 ވަނަ ދުވަހު އީރާނާއި އެމެރިކާގެ އޮފިޝަލުން ބައްދަލުކުރައްވާފައިވެ އެވެ. މި ބައްދަލުކުރެއްވުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވަނީ އޮމާނުންނެވެ.
މަޝްވަރާތަކަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވީ އެއްބަސްވުމެއް އެކުލަވާލުމަށް އީރާނުން ފަސްޖެހެމުންދާ ކަމަށާއި އެއީ ގަސްދުގައި ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
"އީރާނަށް އޮތް ހަމައެކަނި ގޮތަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ތަސައްވުރު ދޫކޮށްލުން. އެ މީހުންނަށް ނިއުކްލިޔާ ހަތިޔާރެއް ލިބުނަކަ ނުދޭނަން،" ޓްރަމްޕް ވިދާޅުވި އެވެ.
އޮމާނުގައި ބޭއްވި މަޝްވަރާތަކުގައި އީރާން ތަމްސީލް ކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު އައްބާސް ޢަރާޤިޖީ އެވެ. އެމެރިކާ ތަމްސީލް ކުރެއްވީ ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފެވެ. ބައްދަލުވުމަށްފަހު ދެ ގައުމުންވެސް ބުނެފައިވަނީ އެއީ ކާމިޔާބު އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ.
މަޝްވަރާތަކުގެ އިތުރު ބައްދަލުވުމެއް އޭޕްރިލް 17 ވަނަ ދުވަހު އިޓަލީގެ ވެރިރަށް ރޯމްގައި ބޭއްވުމަށްވެސް ނިންމާފައިވެ އެވެ.
ނޫސްވެރިޔަކު ސުވާލުކުރުމާ ގުޅިގެން ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދިނުން އެމެރިކާގެ އޮޕްޝަނެއްގެ ގޮތުގައި އޮތްކަން ކަށަވަރުކޮށްދީފަ އެވެ. އެމެރިކާއިން އަޅާނެ ހަރުކަށި ފިޔަވަޅުތަކުން ސަލާމަތްވާން އެދޭނަމަ އީރާނުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ހުސްވި ހަފްތާގައި އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފަ އެވެ.
އެމެރިކާ އިން 2015 ވަނަ އަހަރު އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ކޮންޓްރޯލް ކުރުމަށް އެކުލަވާލި އެއްބަސްވުން އުވާލެއްވީވެސް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އޭނާ އެވެ. މިކަމާ ގުޅިގެން އީރާނުން ވަނީ ޔުރޭނިޔަމް މުއްސަނދިކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށްފަ އެވެ.