އީރާންގެ ނިއުކްލިއާ މައްސަލަތަކާ ގުޅޭ ގޮތުން އެމެރިކާއާ އެކު ސީދާ މަޝްވަރާނުކުރައްވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.
އައްބާސް މިހެން ވިދާޅުވިއިރު އެމެރިކާއިން ވަނީ އީރާނަށް ދަތިކުރަން އާ ފިޔަވަޅުތަކެއް އަޅާފަ އެވެ. މި ގޮތުން ތެލުގެ ވިޔަފާރިއާ ގުޅުންހުރި 30 އުޅަނދަކަށް އަދި އީރާންގެ ތެލުގެ ސިނާއަތުގައި މަސައްކަތްކުރާ އޮފިޝަލުންނަށް ވެސް ވަނީ ދަރިކޮށްފަ އެވެ.
އެމެރިކާ ތުހުމަތުކުރާ ގޮތުން އީރާނުން ތެޔޮ ވިއްކަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއް ނެތި ބޮޑު ފައިދާ ލިބޭ ގޮތަށެވެ.
އެމެރިކާގެ ވެރިކަމުގައި މިހާރު ހުންނެވި ޑޮނަލް ޓްރަމްޕް މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ވަނީ އީރާނަށް ދަތިކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އެެމެރިކާއަށް އޮތް މައްސަލަ އަކީ އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން ކުރާ މަސައްކަތެވެ. ނަމަވެސް، އީރާނުން ބުނަނީ ނިއުކްލިއާ މާއްދާތައް މުއްސަނދިކުރުމުގެ ބޭނުމަކީ މަދަނީ ބޭނުންތަކަށް ހިންގާ ނިއުކްލިއާ އިންޖީނުގެތައް ދެމެހެއްޓުން ކަމަށެވެ.
އައްބާސް އަރާގްޗީ ވިދާޅުވި ގޮތުން އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަކީ މިހާރު އޮތް ހާލަތުގައި ބޭކާރުކަމެއް ކަމަށެވެ. އީރާނަށް ހެސްކިޔާފާއި ދަތިކޮށް ބާއްވައިގެން މަޝްވަރާނުކުރައްވާނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
އީރާނަށް ޕްރެޝަރުކޮށްގެން އެމެރިކާއަށް އެކައްޗެއްވެސް ހާސިލުނުވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އީރާނަށް ވަޑައިގެން އުޅުއްވާ ރަޝީއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް އަރިހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އައްބާސް ވިދާޅުވީ މަޝްވަރާތަކުން އޮއްޓަރެއް ބޭނުން ނަމަ އެމެރިކާއަށް ވެސް އޮތީ ދޫދިނުން ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުން އީރާނުން ނިއުކްލިއާ ބޮމެއް އުފައްދާ ނަމަ މިހާރު އޮންނާނީ އުފައްދާފަ އެވެ. އެމެރިކާގެ ދަތިކުރުންތަކާ އެކު އީރާނުން ހާސިލުކޮށްފައި އޮތް މަގާމު އެމެރިކާއަށް ވެސް ފެންނާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.