އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރާ ދުޝްމަނުންނަށް ދޭން އޮތް މެސެޖަކީ އެއީ ތިޔަހާ ބިރުން އުޅޭ ވަރުގެ ކަމެއް ނޫން ކަމަށް އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.
އައްބާސް ވިދާޅުވި ގޮތުން އީރާންގެ ނިއުކްލިއާ ޕްރޮގްރާމަކީ އަސްކަރީ ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ގޮތުގައި ލޭބަލްކުރަނީ ހުޅަނގުންނެވެ. އެކަމަކު އެނާ ވިދާޅުވީ ހަގީގަތަކީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގައި ދުވަހަކުވެސް އަސްކަރީ ސިފަ ނުޖެހޭނެ ކަމަށެވެ.
އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދިކުރާ ކަމަށް ތުހުމަތުކޮށް އަޅާފައި ހުރި އެއްވެސް ދަތިކުރުމަކަށް ބޯނުލަނބާނެ ކަމަށް އައްބާސް ވިދާޅުވި އެވެ. ހުޅަނގުން ކުރާ ޕްރެޝަރަށް ދޫދޭންޖެހޭ ހާލަތެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވި ގޮތުން އީރާނަށް ޕްރެޝަރުކޮށް ދަތިކުރަން ޖެހޭނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގައި އަސްކަރީ ސިފަޖެހިއްޖެނަމަ އެވެ. އީރާންގެ އަމާޒަކީ މުޅި ގައުމަށް ބޭނުންވާ ހަކަތަ އުފެއްދުން ކަމަށްވެސް ހާރިޖީ ވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީރާނަށް ބުލީކޮށް އަސްލެއް ނެތް ގޮތުގައި ޕްރެޝަރު ކުރާހާ ހިނދަކު، އެމެރިކާއާ އެކު އަދި އެ ނޫންވެސް ބަޔަކާ އެކު މަޝްވަރާ ނުކުރާނެ ކަމަށެވެ.
ގަދަރު ލިބިފައި އޮތް މިނިވަން މާހައުލެއްގައި ނޫނީ އެއްވެސް ބަޔަކާ މަޝްވަރާއެއް ނެތް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އެމެރިކާޢިން އީރާނަށް ކަމޭހިތި ދުވަސްވަރު، އީރާންގެ އިހުތިރާމާއި އެއްބާރުލުން އޮންނާނީ އެމެރިކާއަށް ދީފައި ކަމަށެވެ. އެމެރިކާއިން އެ މަގަށް ރުޖޫއަވާން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
އެމެރިކާގެ ވިސްނުމުގައި ބިރުދެއްކުމާއި ގޮތް ކަނޑައެޅުން އޮތްހައި ހިނދަކު، އެކަން ވާނީ އެމެރިކާއަށް ރިހުމަކަށް ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
މަޝްވަރާ މޭޒު ދޮށަށް ދާނީ، މަޝްވަރާތަކުން އީރާނަށްވެސް ރާހަތެއް ކުރާނެ ކަމަށްވާނަމަ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.