އީރާން އަކީ އިގުތިސާދީ ގޮތުން ތަރައްގީވެފައި އޮތް ބޮޑު ބާރަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އީރާންގެ ރައްޔިތުންނަށް ހެޔޮ ގޮތް އެދިވަޑައިގަންނަވާ ކަމަށާއި، އަދި އެއީ އުފާވެރި ބަޔަކު ދިރިއުޅޭ ގައުމަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
އެކަމަކު އީރާނަށް މި ސިފަ ލިބެންޖެހޭނީ ނިއުކްލިއާ ބާރުވެރިކަމާ ނުލައި ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން އަސްކަރީ ފެންވަރަށް އީރާނުން ނިއުކްލިއާ މުއްސަނދިކުރާ ތަން ބަލަން އެމެރިކާ ނޯންނާނެ އެވެ. މަޝްވަރާގެ ތެރެއިން އީރާނުން ހެޔޮ ގޮތް ގަބޫލުނުކޮށްފި ނަމަ، އެމެރިކާއަށް އިތުރު އިޚުތިޔާރެއް ނޯންނާނެ ކަމަށާއި -- ދެން ހައްލު ހޯދާނީ އަސްކަރީ ހަމަލާތަކުން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
އީރާންއާ އެކު އެމެރިކާއިން މަޝްވަރާކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެ މީހުން ދައްކާ ވާހަކަ ގަބޫލުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު، މަދަނީ ބޭނުންތަކަށް ނިއުކްލިއާ މުއްސަނދިކުރަން ހުއްދަދެވޭނީ ބަލާފާސްކުރުމުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާ ދެކޭ ގޮތުގައި އީރާން އަކީ -- ނިއުކްލިއާ މައްސަލަތަކެއް ނެތް ނަމަ އެމެރިކާއަށް އޮތް ކަންބޮޑުވުމެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭރުން އީރާނޭ ކިޔާފައި ކިޔާނެ އެއްޗެއް އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، މެދުއިރުމަތީގައި އެމެރިކާގެ ބައިވެރިން -- އިޒުރޭލުގެ އަތުގައި ނިއުކްލިއާ ހަތިޔާރު އެބަ ހުއްޓެވެ. ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގައި 400 އާ ގާތްކުރާ އަދަދަކަށް ނިއުކްލިއާ ބޮމާއި ވޯހެޑް ހުރި ކަމަށް ވެ އެވެ.
އިޒުރޭލުގެ ނިއުކްލިއާ ޕްރޮގްރާމަކީ ވަރަށް ސިއްރުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަ ބެހޭ ގޮތުން ޔަހޫދީ ދައުލަތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އިޒުރޭލުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން މީޑިއާއަށް ލީކުވަނީ ޔަހޫދީ ދައުލަތުން މި މަސައްކަތްއް ހަވާލުކޮށްފައި ތިބި މީހުންގެ ފަރާތުންނެވެ.