އެމެރިކާ އާއި އީރާން އެއްގަލަށްއެރުމަކީ މެދުއިރުމައްޗަށް އޮތް އަމާންކަމެއް ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އައްސާނީ ވިދާޅުވެއްޖެ އެވެ.
އައްސާނީ ވިދާޅުވި ގޮތުން ސަރަހައްދުގައި ބޮޑު ހަނގުރާމައަކަށް ފުރުސަތު ނުދެވޭނެ ކަމަށެވެ. ހަނގުރާމައަކުން ސަލާމަތްވުމަށް އޮތް ކުރު މަގަކީ، އީރާން އާއި އެމެރިކާ ސުލްހަވުން ކަމަށް ވާނަމަ، އެ ކަމަކަށް މަގުފަހިކޮށްދޭން ގަތަރު ތައްޔާރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގަތަރުގެ ބޮޑުވަޒީރު މިހެން ވިދާޅުވި ސަބަބެއް ކަމަށް ބެލެވެނީ، އެމެރިކާއާ އެކު އެއްބަސްވުމެއް ނުހަދައިފި ނަމަ އީރާނަށް އޮތީ ހަމަލާތަކާ ކުރިމަތިލުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.
އީރާންގެ ނިއުކްލިއާ މައްސަލަ ފިނިކުރުމަށްޓަކައި މަޝްވަރާކުރުމަށް، އެ ގައުމުގެ ލީޑަރު އަލީ ޚާމަނާއީއަށް ސިޓީއެއް ފޮނުއްވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މި ސިޓީއަށް އީރާނުން އަދި ރަސްމީ ޖަވާބެއް ނުދެ އެވެ.
ނަމަވެސް، އަލީ ޚާމަނާއީއާ ހަވާލާދީފައި ހުރި ޚަބަރުތަކުގައި، އެމެރިކާއާ މަޝްވަރާކުރުމުގެ ބޭނުމެއް ނެތް ކަމަށް ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ.
އީރާން އޮތީ އެމެރިކާ ޖެއްސުންކުރާހާ ހިނދަކު އެއްބާރުލުން ދޭ ގޮތަށް ނޫން ކަމަށްވެސް އަލީ ޚާމަނާއީ ވިދާޅުވި އެވެ.
އައްސާނީ ވިދާޅުވި ގޮތުން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމަކީ މެދުއިރުމަތިގެ ކޮންމެ ގައުމަކަށް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ނިއުކްލިއާ ރޭޑިއޭޝަންގެ އަސަރު އީރާނުން ބޭރުވުމަކީ އެއްގޮތަކަށް ވެސް ވެގެން ވާނެ ކަމެއް ނޫން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
ގަތަރުގެ ބޮޑުވަޒީރު ވިދާޅުވި ގޮތުން، އީރާނާއި ގަތަރަކީ ވަރަށް ގާތް ދެ އަވައްޓެރިންނެވެ. ޖެހިގެން ހުރި ދޮރުން -- އެއްގައުމުން އަނެއް ގައުމަށް ވަދެވޭއިރު، އަވައްޓެރި ކޮންމެ ގައުމަކީ މުހިމު ބައިވެރިއެއް ކަމަށް އައްސާނީ ވިދާޅުވި އެވެ.
އެމެރިކާއިން އީރާނަށް ހެސްކިޔާފައި ދަތިކޮށްފައި އޮތްއިރު ކުރާނެ މަޝްވަރާއެއް ނެތް ކަމަށް އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވަނީ ވިދާޅުވެފަ އެވެ. މަޝްވަރާއަށް އެއްބަސްވުމުގެ ޝަރުތެއް ގޮތުން ދަތިކުރުންތަކަށް ދޫދިނުމަކީ އެމެރިކާއަށް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.