އީރާން ނިއުކްލިއާ މަޝްވަރާތައް ގަތަރުގެ ވެރިރަށް ދޯހާގައި މިއަދު ފަށާނެ އެވެ. އިރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ނާސިރު ކަނާނީ ވެސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
ނާސިރު ކަނާނީ ވިދާޅުވި ގޮތުގައި ނިއުކްލިއާ މަޝްވަރާ ތަކުގައި އީރާންގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ ފޮރިން މިނިސްޓަރުގެ ނައިބު، އަލީ ބާގިރީ އެވެ. އޭނާ އަދި ވިދާޅުވި އަލީ ބާގިރީ އަންގާރަ ދުވަހު ގަތަރަށް ވަޑައިގަންނަވާނެ ކަމަށެވެ.
އިރާން ނިއުކްލިއާ މަޝްވަރާތައް -- ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އަކީ އީރާނުން ނިއުކްލިއާ ބޮމެއް ހަދަން މަސައްކަތް ކޮށްފާނެ ކަމަށް ހުޅަނގަށް ހީވާތީ އެކަން ކުރިއަ ނުދިނުމަށް ކުރެވޭ މަޝްވަރާ ތަކެކެވެ.
ޖޭސީޕީއޯއޭ އަކީ ނިއުކްލިއާ ހަތިޔާރު އުފެއްދޭ ފެންވަރަށް ނިއުކްލިއާ މާއްދާތައް މުއްސަދި ކުރުން ހުއްޓުވުމަށް އެމެރިކާ އާއި ވިލާތުން އީރާނާއެެކު 2015 ގައި ވެފައި އޮތް އެއްބަސްވުމެވެ.
މި އެއްބަސްވުމުގެ ދަށުން އީރާނަށް ނިއުކްލިއާ މާއްދާތައް އެންމެ ބޮޑަށް ވެސް މުއްސަދި ކުރެވޭނީ މަދަނީ ބޭނުންތަކަށް ހަކަތަ އުފެއްދޭ ފެންވަރަށެވެ. އަދި އެއީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ބަލާ ފާސްކުރުމަށް ފަހު އެވެ.
އެމެރިކާގެ ރައީސްގެ މަގާމުގައި ޑޮނަލްޑް ޓްރަމްޕް ހުންނެވިއިރު، 2018 ގައި ޖޭސީޕީއޯއޭ ވަނީ އުވާލާފަ އެވެ. އެއީ އެ އެއްބަސްވުމުން އެކަށީގެންވާ ވަރުގެ ނަތީޖާއެއް ނުނިކުންނަ ކަމަށް ވިދާޅުވެ އެވެ.
އަދި އީރާނަށް އިގުތިސޯދީ ގޮތުން ދަތިކޮށް ހަރުކަށި ފިޔަވަޅު އެޅުއްވުމަށް ޓްރަމްޕް ނިންމެވި އެވެ.
ދޯހާގައި މިއަދު މަޝްވަރާތައް ފަށާއިރު، މަޝްވަރާ ސެޝަންތަކެއް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ވެސް ވަނީ ބާއްވާފަ އެވެ. އެހެން ނަމަވެސް އެދެވޭ ނަތީޖާއެއް ހާސިލް ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވަނީ އީރާން ބުނާ ގޮތުން އެމެރިކާގެ ކިބާގައި އިޚްލާސްތެރި ކަމެއް ނެތުމުންނެވެ. އެމެރިކާ ބުނާ ގޮތުން އިރާނުން އެއްބާރުލުން ނުދިނުމުންނެވެ.