އީރާނުން ނިއުކްލިއާ މާއްދާތައް -- ޚާއްސަކޮށް ޔުރޭނިއަމް 60 ޕަސެންޓަށް މުއްސަނދިކުރަނީ އެ ގައުމުން ދައުވާކުރާ ކަހަލަ މަދަނީ އަދި ސުލްހަވެރި ބޭނުމަކު ނޫން ކަމަށް އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ވެޑަންޓް ޕަޓޭލް ވިދާޅުވެއްޖެ އެވެ.
ތަރުޖަމާން ވިދާޅުވި ގޮތުގައި އީރާންގެ ސަބަބުން މެދުއިރުމަތީގައި ނިއުކްލިއާ ހަނގުރާމައެއް ފެށުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.
ދުނިޔޭގައި އެއްވެސް ގައުމަކުން މަދަނީ ބޭނުންތަކަށް 60 ޕަސެންޓަށް ޔުރޭނިއަމް މުއްސަނދިކޮށްފައި ނުވާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ނިއުކްލިއާ މާއްދާތައް މުއްސަނދިކުރުމުގެ ބޭނުމަކީ ގައުމަށް ބޭނުންވާ ހަކަތަ އުފެއްދުން ކަމަށް ވާ ނަމަ 60 ޕަސެންޓަށް މުއްސަނދިކުރުމަކީ މާނައެއް އޮތް ކަމެއް ނޫން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
އީރާނުން އަމަލުކުރާ ގޮތުން ތުހުމަތުކުރެވެނީ ނިއުކްލިއާ ބޭނުންކޮށްގެން ފަނާކުރަނިވި ހަރަކާތްތަކެއް ހިންގަން އުޅޭ ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވި ގޮތުގައި ދުވަހުން ދުވަހަށް އީރާނާ ގުޅައިގެން މައުލޫމާތު ހޯދުމުގެ ހަރަކާތްތަކެއް އެމެރިކާ ނުގެންގުޅެ އެވެ. އެމެރިކާ ބަރޯސާކުރަނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގައި ނިއުކްލިއާ މާއްދާތައް ރެގިއުލޭޓްކޮށް ގަވާއިދަށް ފެއްތުމަށް ބޭނުންވާ ހުކުމްތައް ނެރުމުގެ މަސްއޫލިއްޔަތު އޮންނަނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއަށް ކަމަށާއި އެ އިދާރާއިން ނެރޭ ކަރުދާސްތަކަށް އެމެރިކާ އިހުތިރާމްކުރާ ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ވިދާޅުވި އެވެ.
އީރާނުން ނިއުކްލިއާ ބޮމެއް އުފެއްދުމަށް މަސައްކަތްކުރަމުން ދާތާ ޒަމާންތަކެއް ވެއްޖެ އެވެ. ނިއުކްލިއާ ސިނާއަތުގައި އީރާން މިހާ ހިސާބަށް ދިޔަ ނުދިނުމަށް އދ ގެ ސަލާމަތީ މަޖިލީހާއި އަދި އިތުރު ފަސް ގައުމަކުން އެއްބަސްވުމެއްގައި -- އީރާން ހިމެނޭ ގޮތުން 2015 ގައި ސޮއިކުރި އެވެ.
މި އެއްބަސްވުމުގައި ބުނެފައި އޮތް ގޮތުން އީރާނުން ޔުރެޭނިއަމް މުއްސަނދިކުރުން ކޮނޮްޓްރޯލްކޮށްފި ނަމަ އީރާނަށް އަޅާފައި ހުރި ދަތިކުރުންތަކަށް ލުއިދެވޭނެ އެވެ.
ނަމަވެސް، ޑޮނަލްޑް ޓްރަމްގެ ސަރުކާރުން 2018 ގައި މި އެއްބަސްވުން އުވާލައި އީރާނަށް ދީފައި ހުރި ލުއިތައް އަތުގައި އެ ގައުމުގައ އިގުތިސާދީ މަރުތަޅު އެޅުވި އެވެ.
މި ގޮތަށް ކަން ހިނގައި ދިއުމުން 2021 އީރާނުން އާ ގާނޫނެއް ފާސްކޮށް އިރާންގެ ނަތަންޒް ނިއުކްލިއާ މަރުކަޒުގައި ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތްތައް އަލުން ފެށި އެވެ.