އެއީ ދެހާސް ވިހިވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ދެވަނަ ދުވަހެވެ. އެތައް ދުވަހަކަށް ފަހު ކުރި އިންތިޒާރަށް ނިމުމެއް އައި ދުވަހެވެ. އެއީ އަހަރުމެންގެ ކައިވެނީގެ ވަލީމާ އޮތް ދުވަހެވެ. ކައިވެންޏަށް ފަހު އަހަރުމެން ގަސްދު ކުރީ މާލެ ބަދަލުވާށެވެ. ސަބަބުތަކެއް ހުރީ މައެވެ. އަޝްރަފަށް އަލަށް ލިބުނު ވަޒީފާ އެވެ. އަހަރެން ހަދަން ފެށި ކޯހެވެ. މާލެއިން އެއް ކޮޓަރީގެ ތަނެއް ލިބުނީ ބޮޑު އަގު ގައެވެ. އެއީ ރީތި ފުރިހަމަ އެޕާޓުމަންޓެކެވެ.
އަޝްރަފަކީ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެކެވެ. ލިބެނީ ފަނަރަހާހެއްހާ ރުފިޔާ އެވެ. ގޭގެ ކުލި ދެއްކުމަށްފަހު ބިލްތަކަށް ބާކީބައި ދައްކާ ނިންމާލެވުނު އިރު ފުރަތަމަ މަހު ވެސް ޖީބު އޮތީ ހުސްކޮށެވެ. އަހަރެންގެ ކޯހުގެ ފީއަށް އެކަނި ވެސް އަށްހާސް ރުފިޔާ ދައްކަން ޖެހުނެވެ. އެ ދައްކާނެ ގޮތެއް ނެތިގެން ފިކުރު ބޮޑު ކޮށްކޮށް ތިއްބާ ކޯހުގެ ފީ ދެއްކުން މަޑުކޮށްލުމަށް ޔުނިވާސިޓީން އިރުޝާދު ދިނެވެ. ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ކޮވިޑު 19ގެ ސަބަބުން ލިބެމުންދާ މާލީ ދަތިތަކުން ދަރިވަރުން ސަލާމަތް ކުރުމަށެވެ. އެކަން ވެގެން ދިޔައީ ހިތްހަމަ ޖެހުމަކަށެވެ.
"އަހަރެން ބޭނުން ލާރި ލިބޭނެ މަސައްކަތެއް ކުރަން." އަޝްރަފުގެ ޚިޔާލަކަށް އަހަރެން އެދުނީމެވެ.
"ސޮބާއަށް ކުރެވޭނީ ވަކި ކޮން ކަމެއް؟" އަޝްރަފު ހިނިތުން ވެލިއެވެ.
"ހެދިކާ ހެދުން، ޓިއުޝަން ދިނުން." އަހަރެން ވިސްނައިލަމުން ބުނެލީމެވެ.
"ކޯހުގައި އުޅެމުން، ކިޔަވަމުން ތި ހުރިހާ ކަމެއް ކުރެވޭތަ؟" އަޝްރަފު އަހަރެންގެ ކޮލުގައި ކޮއްޓައިލަމުން ނިތް އަރުވާލިއެވެ.
"ޓިޔުޝަން ދެވިދާނެ. ލިބޭ ހުސް ވަގުތު އެކަން ކޮށްލެވިދާނެ،" އަހަރެން ނިތް އަރުވާލީމެވެ. "އޭރުން ކޯހުގެ ފީ ނޫނީ ބިލެއް ދައްކާލެވޭ ވަރު ވެސް ވެދާނެއްނު ދޯ."
އަޝްރަފުގެ ރުހުން ލިބުމާއެކު އެ ދުވަހު އަހަރެންގެ މަސައްކަތް ފެށީމެވެ. ޖެހިގެން އައީ މާރިޗު މަހެވެ. ހިތްހަމަ ޖެހިލެވޭ ވަރުވިއެވެ. ކުލިދައްކާ ބިލްތައް ދައްކާލެވި ބާކީ ކޮންމެވެސް ވަރެއް އަތުގައި އޮތެވެ.
"ޖެހޭނެ ކުޑަކޮށް ފްރެޝްވެލަން މިހެން ރެސްޓޯރެންޓަކަށް ނަމަވެސް ޖައްސާލަން." އަހަރެންގެ އަތުގައި ފިރުމައިލަމުން އަޝްރަފު ބުނެލި އެވެ.
އަހަރުމެން ތިބީ މަޝްހޫރު ފްރެންޗައިޒް ރެސްޓޯރެންޓެއް ގައެވެ. މުޅި ތަން އޮތީ ފުރި ބާރުވެފަ އެވެ. މީހުން ހޭލަމޭލައަށް އުޅެމުން ދިޔަ އެވެ. ހުނުމާއި ސަކަރާތުގެ އަޑު ކެނޑި ނޭޅި އިވެމުން ދިޔައެވެ.
"އާނ! އެކަމަކު އެ ވަރަށް ލިބިގެންނެއްނު ވާނީ." އަހަރެން ބަލައިލީ ތަނުގެ މާހައުލަށެވެ.
"މަހުގެ ކުރީ ކޮޅުވީމަ އެހައި ބާރު ބޮޑުވަނީ،" އަޝްރަފު ވެސް ބަލައިލީ ވަށައިގެންވާ މާހައުލަށެވެ. "އެންމެން ވެސް މި އުޅެނީ އެއް ހާލެއްގައި. މަސް ނިމޭއިރު ޖީބު އޮންނާނީ ހުސްކޮށް. މަސް ފެށޭއިރު ލިބޭ ލާރިކޮޅުކޮޅު ވާނެ."
އެޕްރީލް މަސް ފެށުނު އިރަށް އަޝްރަފަށް ފުރަން ޖެހުނެވެ. އޮފީސް ދަތުރެއްގައި ރިސޯޓަކަށެވެ. ފަނަވަރަކަށް ދުވަހަށެވެ. އަޝްރަފު ފުރުމުން އަހަރެން އެކަނި ވެރިވި އެވެ. ވަރަށް ބޮޑަށް މާޔޫސްވި އެވެ. ނަމަވެސް، ދިރިއުޅުމުގައި އެކި ހާލަތް އަންނާނެކަން އެނގި، އެފަދަ އެތައް ކަމެއް ކުރިމަތިވާނެކަން އެނގޭތީ ކެތްކުރީމެވެ. އެކަނި އުޅެން ޖެހިދާނެކަން އަމިއްލަ ނަފުސަށް ވިސްނައިދިނީމެވެ.
ދެން ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުގައި ފެތުރެމުން ދިޔަ ބަލާއާފާތް ކަމަށްވާ، ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަހަށް ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ ހުރީ އަޝްރަފުމެން ދިޔަ ރިސޯޓުގަ އެވެ. އެހެންވެ އަޝްރަފުމެންނަށް މާލެ އާދެވޭ ގޮތް ނުވެ ރިސޯޓުގައި ތާށިވީ އެވެ. ރިސޯޓަށް އަރާ ފޭބުން މަނާ ކުރީ އެވެ. ވަގުތީ ގޮތުން ރިސޯޓު ބަންދު ކުރިއެވެ. އަޝްރަފާ ދުރުގައި އެކަނިމާ އެކަނި ކުލީ ކޮޓަރިއެއްގައި ދުވަސްތައް ހޭދަކުރަން ޖެހުން ވެގެން ދިޔައީ ބަޔާން ކުރަން ނޭނގޭ ވޭނެއް ލިބުނު ކަމަކަށެވެ. ބުނެދޭން ނޭނގޭ އިހުސާސެއް ކުރެވުނު ކަމަކަށެވެ.
"އަހަރެން އަދި ހަމަ ރަނގަޅޭ. އެއްވެސް ކަމެއް އަހަންނަކަށް ނުވެޔޭ. އެހެން ނޫނަސް ޕޮޒިޓިވްވި އެއްވެސް މީހަކާ އަހަރުމެން ބައްދަލެއް ނުވޭ. އެހެންވީމަ އަހަންނަށް ބަލި ޖެހުން ވަރަށް ދުރު." އަޝްރަފު އަހަންނަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރި އެވެ.
އަޝްރަފަށް މާލެ އާދެވުނީ ފަނަރަ ވަރަކަށް ދުވަސް ފަހުންނެވެ. މާލެ އައުމަށްފަހު ވެސް ވަޒީފާއަށް ނުކުންނަށް ޖެހުނެވެ. ސްކޫލު ތަކާއި ޔުނިވާސިޓީ ބަންދުވުމާ ގުޅިގެން އަހަންނަށް އޮންނަން ޖެހުނީ ގޭގަ އެވެ. އޮންލައިންކޮށް ޓިޔުޝަން ދިނުން ވެސް ކުރިއަށް ގެންދެވުނުވެ. ނަމަވެސް، ޓިޔުޝަން ދެމުން ދިޔަ ފަސް ކުދިންގެ ތެރެއިން ހަތަރު ކުދީން ޓިއުޝަން ހުއްޓައިލި ކަމަށް ބެލެނިވެރިން އެންގި އެވެ. އެމީހުންގެ އަތްމަތިދަތިވާން ފެށުމުންނެވެ. އަޝްރަފުގެ އޮފީހުން ވެސް އިތުރު ގަޑި ދިނުން ހުއްޓައިލި އެވެ. އަސާސީ މުސާރަ އެކަނި ދޭން ނިންމި އެވެ.
"މި ހާލަތުގައި ކިހިނެއް އުޅޭނީ؟ އަހަންނަށް ފެންނަނީ ރަށަށް ބަދަލުވާން." އަހަރެން އަޝްރަފަށް ވިސްނައި ދެވޭތޯ އުޅުނީމެވެ.
"އަދި ރަނގަޅު ގޮތެއް ވެދާނެ. މި މަހު، ކަންކަން ހަމައަކަށް އަޅުވާލެވިދާނެ." އަޝްރަފު ފުން ވިސްނުމެއްގައި އޮވެ ބުނެލި އެވެ.
"ކުލި ކުޑަވޭތޯ ގުޅަންވީނު. ހާލުގައި ޖެހިގެންދާ ވަގުތު އެހީތެރިކަމެއް ލިބުމަކީ ވެސް މުހިއްމު ކަމެއް." އަހަރެންގެ ޚިޔާލު ދިނީމެވެ.
އަޝްރަފަކީ ލަދުރަކި މީހެކެވެ. މީހުން ގާތު އެއްޗެއް ދޭން ބުނުމަކީ، ކަމަކަށް މީހަކު ގާތު އެދުމަކީ އޭނާ ވަރަށް ޖެހިލުންވާ ކަމެކެވެ. ލަދުގަންނަ ކަމެކެވެ.
"އަހަރެން ގުޅަންތަ؟" އަޝްރަފުގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރު ފެނިފައި އަހަރެން ބުނެލީމެވެ. "މަށަށް ކެރޭނެ."
"ސޮބާ އެކަމާ އުޅޭނެ ކަމެއް ނެތް. އަހަރެން އެހެން ގޮތެއް ވޭތޯ ބަލާނަން."
މާލެތެރެއިން ކޮވިޑު ޖެހިގެން މީހަކު ފެނުމާ ގުޅިގެން މާލެ ބަންދުކުރީ އެ ދުވަހު އެވެ. އެކަމާ އެންމެ ކަންބޮޑުވީ އެކަކީ އަޝްރަފެވެ. އޮފީހަށް ނުދާ ނަމަ މުސާރައިން ކެނޑޭނެ ކަމަށް އަންގައިފައި އޮތުމުންނެވެ. އަޝްރަފު ބޭނުންވީ ކޮންމެ ގޮތެއް ހަދައިގެން ވެސް ވަޒީފާއަށް ނުކުންނާށެވެ. ނަމަވެސް އެކަން ވާގޮތެއް ނުވިއެވެ.
"މައްސަލައަކީ ޓިއުޝަން ވެސް ހުއްޓައިލަން ޖެހުން. މިހާރު އަނެއް ކުއްޖާގެ މަންމަ ވެސް ބުނެފި ދެން މިވަގުތު ޓިއުޝަން ހުއްޓައިލަން. އެމީހުން ވެސް އަތްމަތި ދަތިވެގެން." އަޝްރަފުގެ މޭގައި ބޯ އަޅައިގެން އޮވެ އަހަރެން ބުނެލީމެވެ.
"ދެން ރަށަށް ވެސް ދެވޭނީކީ ނޫން. މާލެ ބަންދު ކުރީމަ ފުރުން ވެސް މަނާވީ." އަހަރެންގެ އިސްތަށިގަނޑުގައި އަތުން ފުނާއަޅައިލަމުން، ފަންގިފިލާއަށް ބަލަން އޮވެ އަޝްރަފު ބުނެލި އެވެ.
"ދެން ނުވިސްނަމާ ދޯ! ކޮންމެ ވެސް ރަނގަޅު ގޮތެއް ވާނެ ކަމަށް މި ބަލަނީ." އަހަރެން ބުނެލީމެވެ.
"ކާނެ އެއްޗެހި އެބަހުރިތަ؟ ކާނެ އެއްޗެހި ހޯދަން ޖެހޭނެއްނު. މަށަށް ލާރިއެއް ލިބިގެން ކުލި ވެސް ދެއްކޭނީ." އަޝްރަފު ފުން ނޭވާއެއް ދޫކޮށްލި އެވެ.
"ދެތިން ކޮތަޅު ނޫޑުލުސް އޮންނާނެ. ހަނޑޫކޮޅެއް ވެސް ހުންނާނެ. ދެ ދުވަހަކަށް ދެ މީހުންނަށް ކެވޭ ވަރަށް އެއްޗެހި އެބަހުރި."
ވާހަކައިގައި އޮއްވާ އަހަންނަށް ނިދުނެވެ. ކުއްލިއަކަށް ލޯ ހުޅުވާލެވުނީ ފޯނު ރަނގަބީލުވާ އަޑަށެވެ. އަހަންނަށް ބަލައިލެވުނެވެ. އަޝްރަފު ވެސް އޮތީ ނިދައި މަރުވެފަ އެވެ. ރަނގަބީލުވަމުން ދިޔައީ އަޝްރަފުގެ ފޯނެވެ. އަހަރެން ފޯނަށް ބަލައިލީމެވެ. ތިނަކުން ފެށޭ ނަންބަރެއް އަރާފައި އޮތެވެ. އެއްފަހަރު އަޝްރަފުގެ މޫނަށް އަނެއް ފަހަރު ފޯނުގެ އިސްކުރީނަށް ބަލައިލެވުނެވެ. އަޝްރަފު ނިދައިފައި އޮތް އަރާމުގޮތް ފެނިފައި ޚިޔާލު ބަދަލުވި އެވެ.
"އައްސަލާމް އަލައިކުމް." އަހަރެން ފޯނު ނަގައި ކަންފަތުގައި ޖައްސާލީމެވެ.
"ވާލައިކުމުއް ސަލާމް. މިއީ އެޗްޕީއޭ އިން ހަމްދާން. މުޙައްމަދު އަޝްރަފާ ބައްދަލުވެދާނެ ތޯ؟"
"ކިހިނެއްތޯ ވީ؟ ވާހަކަދައްކަނީ އަޝްރަފުގެ އަންހެނުން، ޞަބާހާ. އަޝްރަފަށް އޮތީ ނިދިފަ. މެސެޖެއް އޮތް ނަމަ ދެއްވާ އަޅުގަނޑު ރައްދުކޮށް ދޭނަން." އަހަރެންގެ ހިތް ތެޅިގަތެވެ.
"އަޝްރަފާއެކު އެއް ކޮޓަރިއެއްގައި ރިސޯޓުގައި ހުންނެވި ނާޝިދު، ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާތީ، އޭނާ ވަނީ އެކަހެރި ކުރެވިފަ. އޭނާއާ އެކު އެންމެ ގިނަ ދުވަހު، އެންމެ ގިނަ ވަގުތު އުޅުނު އެއް ބޭފުޅަކީ އަޝްރަފު ކަމަށްވަނީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފަ. ކޮވިޑް ޖެހުމުގެ ފުރުޞަތު އެންމެ ބޮޑު މީހުންގެ ތެރޭގައި އަޝްރަފު ހިމެނޭ ކަމަށް މި ކޮޅުގެ ޓީމަށް ފާހަގަ ކުރެފައިވާތީ އަޅުގަނޑުމެންގެ ޓީމެއް މިހާރު އެ ދަނީ އަޝްރަފުގެ ސާންޕަލް ނެގުމަށް ތި ކޮޅަށް. އެހެންވީމަ ތައްޔާރު ވެލުމަށް ދަންނަވާ. އަދި އަޅުގަނޑުމެންގެ ސައިކޯ ސޯޝަލް ސަޕޯޓު ޓީމުގެ މެންބަރަކު ވެސް އެބޭފުޅުންނާއެކު ވަޑައިގަންނަވާނެ." ހަމްދާން ލަސްލަހުން ބުނެލި އެވެ.
އަހަރެންގެ ހިތަށް ހީވީ ތޫނު އެއްޗެއް މީހަކު ހަރައިލިހެންނެވެ. އަތުގައި އޮތް ފޯނު ދޫވެގެން ވެއްޓުނީ ގޮދަޑި މައްޗަށެވެ. ދެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އެއް ފަހަރު އަޝްރަފަށް އަނެއް ފަހަރު ފޯނަށް ބަލައިލެވުނެވެ. ހަމްދާންގެ ވާހަކަތައް ކަންފަތުގައި ގުގުމަމުން ދިޔަ އެވެ.
"ނޫން. ނޫން." ކަންފަތުގައި އަތް އަޅައިގެން އިނދެ އަހަންނަށް ހަޅޭއްލަވާ ގަނެވުނެވެ.
އެ އަޑަށް އަޝްރަފު ތެދުވިއެވެ. އޭނާ ބަލައިލީ އަހަރެންގެ މޫނަށެވެ. އަހަންނަށް ވަމުންދިޔަ ގޮތް ފެނިފައި އޭނާ ސުވާލު ކުރާން ފެށިއެވެ. އަހަންނަށް އަޝްރަފާ ދުރަށް ޖެހިލެވުނެވެ.
"ކިހިނެއްތަވީ؟" ހައިރާންކަމާއެކު އަޝްރަފު އަހައިލިއެވެ.
އަހަންނަށް ގިސްލެވެން ފެށުނެވެ. މުޅި މީހާ އެކުގައި ފިނިވަމުން ދިޔައެވެ. ބޮލާއި ބުރަކަށި އެކުގައި ތުރުތުރު ލައިގަތެވެ.
"އަހަންނާ ކައިރި ނުވޭ." ބޭއިޚްތިޔާރުގައި އަހަންނަށް ބުނެލެވުނެވެ.
"ކިހިނެއްވީ؟ ހުވަފެނެއް ފެނުނީތަ؟" އަޝްރަފަށް ވާނުވާ ނޭނގިގެން ސުވާލު ތަކުރާރުކޮށްލި އެވެ.
އަނެއްކާ ވެސް ފޯނު ރަނގަބީލުވާން ފެށިއެވެ. އަޝްރަފު ބަލައިލީ އަހަރެންގެ މޫނަށެވެ.
"ކޮވިޑު. ނާޝިދު ޕޮޒިޓިވް. ސާންޕަލް ނަގަން އެ އަންނަނީ." އެކި ވާހަކަ އެކި ތަނުން ނަގައި އަހަންނަށް ބުނެލެވުނެވެ.
އަޝްރަފަށް ލިބުނީ ކުއްލި ސިހުމެކެވެ. ފޯނު ނެގި އިރު ވެސް އޭނާގެ ދެ އަތް ތުރުތުރު އަޅައެވެ. އަޝްރަފު ފޯނު ނެގިއެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައިރު މޫނުމަތިން އެކި ކުލަ އަރައި ފައިބަމުން ދިޔައެވެ. ފޯނު ބޭއްވުމާއެކު އޭނާގެ ހަރަކާތްތައް އަވަސްވިއެވެ. އަހަންނަށް އިނދެވުނީ ބަލާށެވެ. ކުރަންވީ ކަމެއް، ހަދަންވީ ގޮތެއް ނޭނގިފައެވެ. ލޮލުން ހޯސް ލައިފައި ކަރުނަތައް އޮހެމުން ދިޔައެވެ.
ސާންޕަލް ނެގުމުގެ ކަންކަން ނިމިގެން ދިޔައެވެ. އެޗްޕީއޭގެ ޓީމުގައި ހިމެނޭ ކައުންސިލަރުގެ ބުރަ މަސައްކަތުން އަހަރެން ހަމައަކަށް އެޅުނެވެ. ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނަމަވެސް، އުޅެން ޖެހުނީ އަޝްރަފާ ދުރުގަ އެވެ. ގައިދުރު ކޮށްގެންނެވެ. ހެނދުނު ހޭލި ގޮތަށް ސައި ތައްޔާރުކޮށް ނިންމާލީމެވެ. އަޝްރަފު ކަރަންޓީނު ކުރަން ބަލާ އަންނާނެ ކަމަށް ބުނެފައިވާތީ އެވެ. ހެނދުއްސުރެ މޭ ހުންނަނީ ބޮޑުވެފަ އެވެ. ބޯ ހުންނަނީ ގަބުވެފަ އެވެ. ހިތް ހުންނަނީ އަވަސްވެފަ އެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވެ އެވެ. ހިތުގެ ތެޅުން އަވަސްވެގަނެ އެވެ. ބާރުބާރަށެވެ. އަވަސް އަވަހަށެވެ.
ދޮރުގައި ޓަކި ޖަހައިލިއެވެ. އަހަންނަށް ހީވީ ބަރު އެއްޗަކުން މޭގައި ޖަހައިލިހެންނެވެ. ދޮރު ހުޅުވާލީ އަޝްރަފެވެ. ކޮޓަރީގެ ދޮރުމަތީގައި ތިބީ އެއްކޮށް ނިވާވެގެން ތިބި ދެ މީހުންނެވެ. އެމީހުންގެ މުޅި ހަށިގަނޑު ނިވާކޮށްފައި ވަނީ ނޫކުލައިގެ ހެދުމަކުންނެވެ. ހީވީ އިނގިރޭސި ފިލްމެއްގެ މަންޒަރެއްހެންނެވެ. އެމީހުން އަތުގައި ވެސް ސާމާނުތަކެއް ހުއްޓެވެ. އަޝްރަފު އެމީހުންނާ ދެތިން ވާހަކައެއް ދެއްކިއެވެ. އޭރު ވެސް އަހަންނަށް އިނދެވުނީ މޭޒު ކައިރީގައި ބަލާށެވެ. މޫނުގައި އަތްއަޅައިގެން ދެ އިނގިލި ދޭތެރެއިންނެވެ.
"ސޮބާ!" އަޝްރަފު ފެންކަޅިވެފައި ހުރެ އަހަންނަށް ގޮވާލި އެވެ.
އޭނާގެ އަޑުގައި ވަނީ ވޭނީ އިހުސާސެކެވެ. އަޑު ހުރީ ކުރަކިވެފަ އެވެ. އަހަރެންގެ ހިތުގައި ޖެހުނެވެ. އަޝްރަފު ގެންދަނީއޭ ހިތް ބުނެލި އެވެ. އަހަންނަށް ދުއްވައި ގަނެވުނެވެ. އަޝްރަފުގެ ގައިގައި ބައްދާލަން ބޭނުންވީ އެވެ. އޭނާއާ ބައްދަލުވާނެ އެންމެ ފަހު ފަހަރު ކަމަށް ވެދާނެއޭ ހިތް ބުނަނީ އެވެ. ގޮނޑިން ތެދުވި އިރަށް އަހަރެން ހުއްޓުވީ ކުރިމަތީގައި ތިބި ދެމީހުންނެވެ. އެކަކު އަތް ދިމާކޮށްލި އެވެ.
"އަހަންނަށް ވާނެ ގޮތެއް ވެ ނިމިފައޭ ހުންނާނީ. އެހެން ނޫނަސް އެއީ ޕޮޒިޓިވެފައި ހުރި މީހެއް ވެސް ނޫނެއްނު. އެންމެ ފަހަރަކު، ހަމަ އެންމެ ފަހަރަކު އަހަންނަށް ފުރުސަތެއް ދީ." ރޮމުން ގިސްލަމުން އަހަރެން އާދޭސް ކުރީމެވެ.
"އެކަމަކު އަޅުގަނޑުމެންނަށް އެނގޭ ހިސާބުން އެ ފުރުސަތުދީފި ނަމަ އަޅުގަނޑުމެންނާ ސުވާލު ކުރެވޭނެ." ވާހަކަދެއްކީ ކާކު ކަމެއް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ އެއީ ފިރިހެނެއް ކަމެވެ. ކުރިމަތީ ތިބި ދެމީހުން ތެރެއިން އެކަކު ކަމެވެ.
"އަހަންނަށް މައްސަލައެއް ނެތޭ. އާދޭސްކޮށްފަ ބުނަން. އާދޭސްކޮށްފަ ދެ ފައިގަ ހިފައި. އަހަންނަށް ހަމަ އެންމެ ފުރުސަތެއް. އަޝްރަފާ ސަލާން ކޮށްލަން." އަހަރެން ރޯން ފެށީމެވެ.
"އަޝްރަފު ބޭނުންވާނަމަ ހުއްދައެއް ދެވިދާނެ." މިފަހަރު ވާހަކަދެއްކީ އަންހެނެކެވެ.
އެއީ ރޭގައި އަހަންނަށް ނަސޭހަތްދިން މީހާގެ އަޑެވެ. ޔަގީންކުރެވުނީ އެއީ ކައުންސިލަރު ކަމެވެ.
އަހަންނަށް ބަލައިލެވުނީ އަޝްރަފުގެ މޫނަށެވެ. އޭނާ އަހަންނާ ދިމާއަށް ހިނގައިގަތެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. ބާރުބާރަށް ބައްދައިލި އެވެ. ރޮމުން ގިސްލަމުން ދެމީހުން އެކަކު އަނެއްކަކު ގައިގައި އޮޅުލީމެވެ. އެންމެ ފަހުން އަހަރުމެންނަށް ޖެހުނީ ދުރުވާށެވެ. ވަދާއުގެ ސަލާމަށް އަތްދިއްކޮށްލާށެވެ. އަޝްރަފުގެ އަތުގައި އަހަރެން ބާރަށް ހިފައިލީމެވެ. އަޝްރަފު ވެސް އަހަރެންގެ އަތުގައި ބާރަށް ހިފައިލި އެވެ. ކިތައްމެ ބޭނުންވި ނަމަވެސް އަހަންނަށް ޖެހުނީ އަޝްރަފުގެ އަތުން ދޫކޮށްލާށެވެ. އެއީ ހިތްދަތި އިހުސާސްތަކެއް ކުރުވި ހިނދުކޮޅެކެވެ.
"ސޮބާ! ބަލައިގެން އުޅޭތި. ރަނގަޅަށް ކައިގެން ހުންނާތި. ދެރަ ނުވާތި،" އަޝްރަފުގެ އަޑު ބެދުނެވެ. "އިރާދަ ކުރެއްވިއްޔާ އަހަރެން ސަލާމަތުން އަންނާނަން."
އަހަންނަށް އެނދު މައްޗަށް ވެއްޓި ގަނެވުނެވެ. އެމީހުންނާއެކު އަޝްރަފު ބޭރަށް ނުކުންނަން ދެން ބަލަން އޮވެވުނެވެ. ރޮމުން ގިސްލަމުންނެވެ. އަޝްރަފު ކޮނޑުގައި ދަބަސް ނެގި އެވެ. އަހަރެންގެ ހިތް ހީވީ ފިތި ބާރުވަމުން ދިޔަ ހެންނެވެ. ނޭވާ ވެސް ކުރުވަމުން ދިޔަ އެވެ. އަޝްރަފު ނިކުންނަމުން ވެސް އަހަންނާ ދިމާއަށް ބަލައިލި އެވެ. އެވަގުތު އަހަންނަށް ދުއްވައި ގަނެވުނެވެ. އަހަންނަށް ނުދެވެނީސް ލިފްޓު ލެއްޕުނެވެ. ކުޑަ ކަކޫ މައްޗަށް އަހަންނަށް ތިރިވެވުނެވެ. ބޮލުގައި އަތް އަޅައިގެންނެވެ. ނޭވާ ފިތި މީހާ ހުއްޓެމުންދާ ކަމުގެ އިހުސާސް އަހަންނަށް ކުރެވެމުން ދިޔައެވެ.
މަޑުމަޑުން ތެދުވެ ދޮރު ލައްޕައިލަމުން އެނދާ ދިމާއަށް ހިނގައިގަތީމެވެ. ކުއްލިއަކަށް އެނދު މައްޗަށް ވެއްޓި ގަނެވުނެވެ. ދެން ވީ ނުވީއެއް ނޭނގުނެވެ. ލޯ ހުޅުވާލެވުނީ މޫނަށް އަވި އެރުމުންނެވެ. އަހަންނަށް ބަލައިލެވުނީ އަވި އައި ދިމާ އަށެވެ. ހަނދާނަށް އައީ ހެނދުނު ތެދުވެ އަޝްރަފު ކުޑަދޮރު ހުޅުވާލި ހަނދާނެވެ.
"ތާޒާ ވައި ވަންނާނެ. ޚަރަދަށް ބަލައިގެން އުޅެންވާނީ ވެސް." އަޝްރަފުގެ ޖުމުލަތައް ކަންފަތުގައި ޖެހުނުހެން ހީވިއެވެ.
އެނދުގައި އޮވެ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލައިލެވުނެވެ. މެންދުރުން އަނބުރާ ދޭއް ޖަހަނީއެވެ. އަހަންނަށް ހަމަ އެހައި ވަރަށް ނިދުނީ ހެއްޔެވެ؟
މަޑުމަޑުން އެނދުން ތެދުވެލީމެވެ. ބޮލަށް ހުރީ ބަރުވެފަ އެވެ. ގަބުވެފަ ހުންނަ ކަހަލަ ގޮތެއް ވެފައެވެ. އެނދުން ތެދުވެ އިށީނދެލީމެވެ. ހީވަނީ ވެއްޓިދާނެ ހެންނެވެ. ރަނގަޅަށް ދެ ލޯ އުނގުޅައިލީމެވެ. ދެފަރާތަށް ބޯ ހޫރައިލީމެވެ. މޫނާއި ލޮލަށް ބާރު ކޮށްލަމުންނެވެ. އެވަރުން ވެސް ލުއި ވާގޮތެއް ނުވި އެވެ. އެހެންވެ އަނެއްކާ ވެސް އެނދުގައި އޮށޯވެލީމެވެ. ފޯނު ކޮބައިތޯ ބަލައިލަމުންނެވެ.
ފޯނު އޮތީ ބާލީސް ދަށުގައެވެ. ފޯނުގެ އިސްކުރީނަށް ބަލައިލީމެވެ. އެތައް ފަހަރަކު އަޝްރަފު ގުޅައިފައި އޮތެވެ. ނުދަންނަ ނަންބަރަކުން ވެސް ގުޅައިފައި އޮތެވެ. އެންމެ ފަހުން އަޝްރަފަށް ގުޅައިލީމެވެ.
"ހާދަ ގުޅައިފީމޭ." ދެ ފަހަރަކު ރިންގުވެލި އިރަށް އަޝްރަފު ފޯނަށް ޖަވާބު ދިނެވެ.
"ނިދުނީ،" އަހަރެންގެ އަޑު ވެސް ހުރީ ބަރުވެފަ އެވެ. "ބޮލަށް ގޮތެއް ވެފަ ހުންނަނީ."
"މާ ބޮޑަށް ހާސްވަނީތި. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. މިތަން ވަރަށް ރަނގަޅު. ވަރަށް ހިތްހެޔޮ އެންމެން ވެސް. އަހަރެންގެ ސާންޕަލް ވެސް ނަގައިފި. މާދަމާ ނަތީޖާ ވެސް ލިބޭނެ. ސޮބާ މާ ބޮޑަށް ހާސް ނުވާތި. ކެތްތެރިވާތި. ދުއާ ކޮށްދޭތި. ހުރިހާ ވެސް އެއްޗަކީ ދުއާ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ." އަހަންނަށް ވާހަކަ ދައްކާނެ ފުރުސަތު ވެސް ނުދީ އަޝްރަފު އެއް ނޭވާއިން އަމުނައިލި އެވެ.
އަޝްރަފުގެ ކޯލު ނިމުނު އިރަށް ނުދަންނަ ނަންބަރަކުން ގުޅި އެވެ. ފޯނު ނަގަން ނުނަގަން އިނދެ ނެގީމެވެ. ގުޅީ އެޗްޕީއޭ އިންނެވެ. އަހަރެންގެ ހާލަތު ދެނެގަތުމަށެވެ. މާބޮޑަށް ހާސްވެ ކަންބޮޑުވެދާނެތީ ފަންނީ އިރުޝާދުތައް ދިނުމަށެވެ. ކައުންސިލަރުގެ ނަސޭހަތުން އަހަރެން ހަމައަކަށް އެޅެމުން ދިޔައެވެ. މޫޑު ކޮންމެ ވެސް ވަރަކަށް ރަނގަޅުވެލުމުން ތެދުވެ ސައިބޮއި ނަމާދު ކޮށްލީމެވެ. ހަވީރުވާންވީ އިރަށް ހަމައަކަށް އެޅުނެވެ.
ޖެހިގެން އައި ދުވަހެވެ. ފަތިސް ނަމާދުން ފައިބައިގެން އަހަރެން ގުޅީ އަޝްރަފަށެވެ. ނަތީޖާއަށް ވީ ނުވީއެއް ބަލާށެވެ.
"މެންދުރު ފަހު ލިބެނީ." އަޝްރަފު ބުނެލި އެވެ.
އިންތިޒާރުގެ ވަގުތުތައް ގުނަމުން ދިޔައީމެވެ. އަހަންނަށް ހީވީ ބައި ސިކުންތަކީ ވެސް ބައި ގަރުނުހެންނެވެ. އެހައި ވެސް ވަގުތު ދިގު ހެން ހީވަމުން ދިޔައެވެ.
"އަލްހަމްދުﷲ، ނެގްޓިވް،" އަޝްރަފު ދިނީ އުފާވެރި ޚަބަރެކެވެ. "އެކަމަކު އެމީހުން ބޭނުންވަނީ ދެވަނަ ޓެސްޓެއް ވެސް ހަނދަން. މި ބަލީގައި އެގޮތަށް ވެސް ދިމާވާ ކަމަށް ބުނަނީ. ދެ ޓެސްޓު ވެސް ނެގެޓިވެފަ ސާދަ ދުވަސް ވީމަޔޯ ދޫކޮށްލެވޭނީ."
އަނެއްކާ ވެސް އިންތިޒާރު ކުރަން ޖެހުނީއެވެ. އެއީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ދެތިން ދުވަސް ފަހެވެ. ނުދަންނަ ނަންބަރަކުން ގުޅައިތީ ބަލައިލެވުނެވެ. ދެ ފިކުރެއްގައި ހުރެ ފޯނު ނެގީމެވެ.
"އަޝްރަފު ބުނީ އަންހެނުންނަށް ގުޅާށޭ." އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ.
"ކޮން ބޭފުޅެއްތޯ؟" އަހަންނަށް އަހައިލެވުނެވެ.
"އިބްރާހިމް. އެޕާޓުމަންޓުގެ ކުލީގެ ކަންތަކާ މިގުޅީ. މަހުގެ ދިހައެއް ދިޔައިރު ވެސް ކުލި ނުދައްކާތީ." ރުންކުރު ރާގެއްގައި އިބްރާހިމް ބުނެލި އެވެ.
"އަޝްރަފު ކަރަންޓީނުގައި ހުރީމަ. އަތްމަތި ދަތިވެގެން. އަޅުގަނޑުމެންނަށް އިތުރު ގޮތެއް ހައްދަވައިދެއްވަން ވީނުންތޯ!"
"ކުރިން ގުޅީމަ ވެސް ބުނިންދޯ! އަހަންނަށް އިތުރު ގޮތެއް ނެތޭ. އަހަރެން ވެސް ލޯނު ދައްކަން ޖެހޭނޭ. ފައިސާ ބޭނުންވާނޭ. އެހެން ނޫނަސް އެންމެ ބާރަހާސް ރުފިޔާއަކީ ބޮޑު އެއްޗެއް ނޫން. މި ޒަމާނުގައި މިހާ އާ ތަނެއް ބާރަ ހާސް ރުފިޔާއަކަށް ނުލިބޭނެ." އިބްރާހިމް ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކިއެވެ.
"އާދޭސް ކުރަން. އަހަރެން މިހާލުގައި ހުއްޓާ، އަހަރުމެން މިހާ ނިކަމެތި ވެފައި ތިއްބާ ތިޔަ ގޮތަށް މަޖުބޫރު ނުކުރައްވާ. އަޅުގަނޑުމެންނަށް އޯގާތެރިވެ ލައްވާ. ހަމަ ލާރި ލިބޭ އިރަށް ދައްކާނަން." އަހަންނަށް ރޮވޭ ގޮތްވި އެވެ.
"މާ ގިނަ ވާހަކަ ނުދައްކާ! މިއަދު އިރު އޮއްސުމުގެ ކުރިން ފައިސާ ނުދެއްކޭނަމަ ތަން ހުސްކުރޭ. މިހާރު ވެސް ތި ތަނަށް ފަނަރަ ހާހަށް ވެސް ހިފާނެ މީހުން އެބަތިބި." އިބުރާހިމް ފޯނު ކަނޑައިލީ އެވެ.
އަހަންނަށް ބަލައިލެވުނީ ގަޑިއަށެވެ. އޭރު ހަތަރެއް ޖަހަނީ އެވެ. ލޮލަށް ޖަމާވެ ގިނަވި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތީ އެވަގުތު އެވެ. ދެ ގަޑިއިރު ތެރޭގައި ތަން ހުސްކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ އެކަނިމާ އެކަނި ހުރި މީހެކެވެ. ފިރިމީހާ ހުރީ ކަރަންޓީނުގަ އެވެ. އޭނާއަށް މި ޚަބަރު ދޭނީ ކިހިނެއް ހެއްޔެވެ؟ މާލެ އޮތީ ބަންދު ކޮށްފަ އެވެ. ގެއިން ބޭރަށް ދިޔުން އޮތީ މަނާ ކޮށްފަ އެވެ. އަހަރެން ވަކި ގުޅާނީ ކާކަށް ހެއްޔެވެ؟ މަންމައެއް ބައްޕައެއް ހުރީ އެއް ނޫނެވެ. ފިރިމީހާގެ އާއިލާގައި ވެސް ގިނަ ބަޔަކު ތިބީއެއް ނޫނެވެ. ތިބި ބަޔަކު ވެސް ތިބީ ރަށުގަ އެވެ. އެއީ ވެސް ގުޅުން އޮންނަ ބައެއް ނޫނެވެ. ގުޅިޔަސް ޖެހޭނީ ލަދެއްގައި ބެދޭށެވެ. ނުފޯރާ ފޮތިން ފޫގަޅަން މާލެ ބަދަލުވި ވާހަކަ އޮތީ ކުރިން ވެސް އެމީހުން ދައްކާފަ އެވެ. ނެގި މަޑުވެފައި އަހަންނަށް އިނދެވުނީ އެވެ. ލޮލަށް ޖަމާވިހާ ކަރުނައެއް ކޯތާފަތް މައްޗަށް އޮހޮރުވުން ނޫން ކަމެއް ނުކުރެވުނެވެ. އަނެއްކާ ވެސް އިބްރާހިމް ގުޅަން ފެށި އެވެ.
"ކޮބާ؟ ފަހެއް ޖަހައިފި. ބާކީ އޮތީ އެއް ގަޑިއިރު؟" އިބްރާހިމްގެ ހަރުކަށި ރާގުން އަހަންނަށް ސިހުން ލިބުނެވެ.
"އަހަރެން ވަކި ދާނީ ކޮންތާކަށް. އިންސާނިއްޔަތު ކަމަށް ޓަކައި ނަމަވެސް، އަހަރެން މި ތަނުގައި ބަހައްޓައިދީ. ގޮތެއް ފެނުނީމަ އަހަރެން ނުކުމެގެން ދާނަން،" އަހަންނަށް ބޭއިޚްތިޔާރުގައި ގިސްލެވެން ފެށުނެވެ. "އާދޭސް ކުރަން. އިންސާނިއްތު ކަމަށް ޓަކައި ނަމަވެސް."
"އަހަރެން ބޭނުމެއް ނޫން، އަހަރެންގެ ގެއެއްގައި ބަލި މީހުން ބައިތިއްބާކަށް. މިއީ ބަލިމީހުންނަށް ޚިދުމަތްދޭ ހޮސްޕިޓަލެއް، ކުލިނިކެއް ނޫން. ކަލޭމެން ވެސް ބޭނުން ކުރަނީ އަހަރުމެން ވެސް ބޭނުންކުރާ ލިފުޓާއި ސިޑި. ކަލޭމެންގެ ސަބަބުން އަހަރެންގެ ދަރިންނާއި އާއިލާ މަރުގެ ތުންފަތް މައްޗަށް ވައްޓައިލާކަށް އަހަރެން ބޭނުންމެއް ނޫން. މިއަދު ތަން ހުސްކުރޭ. އެހެން ނޫނީ ގަދަކަމުން ވެސް އަހަންނަށް ޖެހޭނީ ނެރެން." އިބްރާހިމް ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.
އޭނާގެ ވިސްނުން އަހަންނަށް އެނގުނެވެ. މައްސަލައަކީ ކުލި ނުދެއްކުން އެކަންޏެއް ނޫނެވެ. އަޝްރަފު ކަރަންޓީނުގައި ހުރުމެވެ. އަހަރެން އަޝްރަފަށް ގުޅަން ހިތަށް އެރީ ވެސް އެވަގުތެވެ.
"ސޮބާ! ހިތްވަރު ކުރައްޗޭ، ކެތްތެރިވާތި! އެއްވެސް އިންސާނަކަށް ދެރަ ގޮތެއް މިންވަރު ނުކުރައްވާނެ." އަޝްރަފު ރޮމުން ގިސްލަމުން ވާހަކަ ދެއްކި އެވެ.
އަހަރެން ދައްކަން ބޭނުންވި ވާހަކަ ދައްކަން އަނގަ ހުޅުވާލާނެހާ ހިތްވަރު ވެސް ނުލިބުނެވެ.
"ޑޮކުޓަރު ބުނީ އަހަރެންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވިޔަސް، އަހަންނަކީ ބަލި ޖެހުމުގެ ފުރުސަތު އޮތް މީހެކޭ، އެހެންވެ އަހަރެންގެ ކަންކަން ގާތުން ބަލަމުންނޭ ދަނީ،" އަޝްރަފު ނޭފަތް ދަމަމުން ވާހަކަ ދެއްކި އެވެ. "އަހަންނަށް އެނގޭ ސޮބާ އެކަނިވާނެވަރު، ދެރަވާނެ މިންވަރު، އަތްމަތި ދަތިވެ ހަދާނެ ގޮތް ހުސްވާނެ ކަން ވެސް. މިއަދު އޮފީހުން ގުޅައިފަ ބުނެފި އޮފީހުން ކަނޑައިލާ މީހުންގެ ތެރޭގައި އަހަރެން ވެސް ހިމެނޭ ކަމަށް. ޕްރޮބޭޝަން މުއްދަތު ވީމަ އެމީހުންނަށް އެ ފުރުސަތު ވެސް އެބަ އޮތް."
އިތުރު ވާހަކައެއް ދައްކާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ފޯނު ބޭއްވީ އެވެ. ކުރާނެ އިތުރު ކަމެއް ނެތުމުންނެވެ. ރޮމުން ގިސްލަމުން، ފޮއްޓަށް އެއްޗެހި އަޅައި ނިންމާލެވުނު އިރު ހުރީ ހައެއް ޖަހައިފަ އެވެ. ބަންގީގެ އަޑު އިވުމާއެކު ދޮރުގައި މީހަކު ޖަހައިލި އެވެ. އަހަންނަށް ޔަޤީންވީ އެއީ އިބްރާހިމް ކަމެވެ. ނުރޮން ވަރަށް ހިތްވަރު ކޮށްގެން ހުރެ ދޮރު ހުޅުވާލީމެވެ.
"ނިކަމެތިވެ ހާލުގައި ޖެހޭ ހިނދު އޯގާތެރިކަމުގެ އަތް ދިއްކޮށްލާނީ މާތް މީހުން. ތިމާ ކިތައްމެ ފިލައިގެން، ފޮރުވިގެން އުޅުނަސް ދައްކަވަން ހުރި ތަނެއް ދައްކަވާފައި ނޫނީ ނުގެންދަވާނެ." ވަރަށް ހިތްވަރު ކޮށްގެން ހުރެ އިބުރާހިމާ ދިމާ ބަލައި ވެސް ނުލާ އަހަރެން ބުނަން ބޭނުންވި ވާހަކަ ބުނުމަށް ފަހު އޭނާއަށް ތަޅުދަނޑި ދިއްކޮށްލީމެވެ.
އިބްރާހިމްގެ ހަރަކާތަކަށް ބެލުމެއް ނެތި އަހަރެން ނުކުންނަން ހިނގައި ގަތީމެވެ. ވާނެގޮތެއް އަންދާޒާ ކޮށްލަން ވެސް ނޭނގޭ ހާލުގައެވެ. ދާނެ މަންޒިލެއް ނެތި އެވެ. ދެ ލޯ ފޮހެލަމުން ގެއިން ބޭރަށް ނިކުތީމެވެ. ނުރޮން އަޒުމު ކަނޑައަޅައި ގެންނެވެ.
ގެއިން ނުކުތް އިރަށް ވާރޭ ވެހިގަތެވެ. އެ ހިމަ ފޮދު ވާރެ އެވެ. އެއީ ރަހުމަތުގެ ވާރޭއަށް ވޭތޯ ހިތައިހިތައި ދުއާ ކުރެވުނެވެ. ދުވާރުމަތީގައި ދިހަވަރަކަށް މިނެޓު މަޑުކޮށްލައިގެން ހުރީމެވެ. މީހެއްގެ ހިލަމެއް ހުވަމެއް ނެތެވެ. މަގުތައް ފެންނަނީ އަމާން ކޮށެވެ. ފަޅުކޮށެވެ. ލޮލަށް ގިނަވި ކަރުނަތައް އޮހިގަންނަން ތައްޔާރުވި އެވެ. އަހަރެން ދެ ލޯ މަރައިލީމެވެ. ކުއްލިއަކަށް މީހަކު އަހަންނާ ވާހަކަ ދެއްކިހެން ހީވެގެން ދެ ލޯ ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ އަންހެނެކެވެ. އެއީ، ފަޒުނާ އެވެ. އޭނާ ދިއްކޮށްލީ އޯގާތެރިކަމުގެ އަތެވެ.
"މީހުންގެ ގޮތެއް ވެސް ނުހުންނަނީ. ކާކަށް އެނގެނީ މާދަމާ ވާނެ ގޮތެއް. މިއަދު ވެރިންނާއި ޚިދުމަތްތެރިންނަށް ފާޑުކިޔާ މީހާ ވެސް މާދަމާ ބަލިއެނދަށް ވެއްޓުނީމަ ބަލަން ޖެހޭނީ އެމީހުން. މީހުންނަށް ނުވިސްނޭތީ ދެރައީ،" އަހަރެންގެ ވާހަކަތައް ނުނިމެނީސް ފަޒުނާ ބުނެލި އެވެ. "އަހަރެންގެ ދޮށީ ދަރިފުޅަކީ ސިފައިގެން އޮފިސަރެއް. އޭނާވީ ކޮވިޑް ކަންކަމުގަ އެކޮޅުގަ. އޭނާ ގެއަށް އަންނާނީ ކޮވިޑްގެ ކަންކަން ހަމައަކަށް އެޅުމުން. އޭނާގެ ކޮޓަރި ހުރީ ހުހަށް. އަހަރެން ކެއި އެއްޗެއް ކާން ހުންނާނެ. އެއްވެސް އެއްޗެއް ދޭނެ ކަމެއް ނެތް. އާދޭ އަހަންނާއެކު ދާން. ހާލުގައި ޖެހިފައިވާ މީހަކަށް އެހީއެއް ވެގެން ލިބޭނެ ގެއްލުމެއް ނޯންނާނެ."
"އަހަރެން ހުރި ހާލެއް ވެސް ނޭނގެ. ވައިރަސް ނެތް ކަމެއް ވެސް ނޭނގެ." އަހަންނަށް ބުނެލެވުނެވެ.
"ހުރި ކަމެއް ވެސް، ނެތް ކަމެއް ވެސް ނޭނގެއެއްނު. އަހަރެންގެ ހާލަކީ ވެސް ތީ. ވެދާނެ ގޮތެއް، ވާނެ ގޮތެއް އަހަރުމެންނަކަށް ވެސް ނޭނގޭނެ. ކަންކަން ދިމާވީމަ އެކަމާ އުޅޭނީ." ފަޒުނާ ހިނިތުންވެލިއެވެ.
އަހަރެންގެ ފޮށި ހިފައިގެން ފަޒުނާ ހިނގައި ގަތެވެ. އޭނާގެ ފަހަތުން އަހަރެން ވެސް ހިނގައިގަތީމެވެ. މީހުން ބުނަނީ ތެދެކެވެ. އެއް ދޮރު ބަންދުވާއިރަށް އެތައް ހާސް ދޮރެއް ހުޅުވޭނެ އެވެ. އަހަރުމެން އިންސާނުން ޖެހޭނީ ކެތްތެރި ވާށެވެ. އެންމެން އެއްގޮތް ނުވެދާނެ އެވެ. ބައެއް މީހުންނަށް ހުޅުވިފައި ހުރި ދޮރު ދެނެގަންނަށް ވަގުތުކޮޅެއް ހޭދަކުރަން ޖެހިދާނެ އެވެ. އަނެއް ބަޔަކަށް އެތައް އަހަރެއް ހޭދަ ކުރަން ވެސް ޖެހިދާނެ އެވެ.
ކޮންމެ ކަމަކީ ވެސް އިމްތިހާނެވެ. އިމްތިހާނުގެ ވަގުތަކީ ފޮނި މީރު ވަގުތެއް ނޫނެވެ. އެއީ ފަސޭހަ ވަގުތެއް ވެސް ނޫނެވެ. ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ހެވެއް ރަނގަޅު ކަމެއް އޮންނާނެ އެވެ. މާދަމާ ވާނެ ގޮތް އެކަކަށް ވެސް ނޭނގޭނެ އެވެ. އަހަންނަށް ކުރެވުނީ އެ އިހުސާސެވެ. އިންތިޒާރު ކުރެވުނީ އެފަދަ ފަތިހަކަށެވެ. އަޝްރަފު އެނބުރި އަންނާނެ ވަގުތަކަށެވެ. (ނިމުނީ)