ދިވެހިންގެ ކެއުންތަކުގައި ލުނބޯ ބޭނުންކުރާ މިންވަރު ވަރަށް ގިނަ އެވެ. ދިވެހިންގެ ސުފުރާމަތީގައި އަތުރާލެވޭ ކާނާގެ ރަހައަށް ފުރިހަމަކަމެއް ގެނެސްދޭ އެންމެ މުހިއްމު އެކައްޗަކީ ލުނބޯ އެވެ.
ލުނބޯ އިން ލިބޭ ފައިދާތައް
ލުނބޯ އަކީ ހިތުގެ ސިއްހަތައް ފައިދާ ހުރި އެއްޗެކެވެ. ލުނބޯގައި ހިމެނޭ ވިޓަމިން ސީގެ ސަބަބުން ސްޓްރޯކް ޖެހުން ކުޑަކޮށްދެ އެވެ. ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް ލުނބޯގައި ހިމެނޭ ވިޓަމިން ސީ މުހިއްމު ދައުރެއް އަދާކުރެ އެވެ.
ލުނބޮލަކީ އިންސާނާގެ ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށްދޭ އެއްޗެކެވެ. ހަމައެއާއެކު ކެންސަރު ފަދަ ބަލިތަކުންވެސް މީހާ ރައްކާތެރިކުރުމަށް ލުނބޯ އެހީތެރިވެދެ އެވެ.
މީގެ އިތުރުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމުގައިވެސް ލުނބޯ މުހިއްމު ދައުރެއް އަދާކުރެ އެވެ. ލުނބޮލަކީ ކާއެއްޗިހި ހަޖަމުކުރުމަށް ވެސް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ.
ލުނބޯ އިން ލިިބޭ ގެއްލުން
ލުނބޯ ފެނަކީ މާގިނައިން ބޭނުންކޮށްފިނަމަ އޭގެ ސަބަބުން ދަތް ގިރުމާއި ދަތް ފަނި ކެއުމަށް މަގުފަހިވާ ކަމެކެވެ. މާގިނައިން ލުނބޯ ފެން ބުއިމުގެ ސަބަބުން ހޮޑުލެވުމާއި މޭނުބައިކުރުމުގެ އިތުރުން ގޭހުގެ މައްސަލަވެސް ކުރިމަތިވެދާނެ އެވެ.
ލުނބޯ އަކީ ކާއެއްޗިހީގެ ރަހަ މީރުކުރުމުގައި ދިވެހިންނަށް ދެވަނައެއް ނުވާ އެއްޗެކެވެ. މަސްހުނިގަނޑެއް މޮޑުނަސް ނުވަތަ ގަރުދިޔައާއި ބަތާ މޮޑެގެން ކާން ބެލިނަމަވެސް ލުނބޯ މުހިއްމުވެ އެވެ.