ދުނިޔެ

ގައުމު ދޫކޮށް ފިލީ ކަމަށް ބުނާ ބަޔަކު އެ ހަދަނީ ދޮގު: އަސަދު

ސީރިއާގައި އޮތް ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލަން ހަނގުރާމަކުރި ހައިއަތު ތަހުރީރުއްޝާމްގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްގަށް އަރައިގަތުމުގެ ކުރިން ފިއްލެވުމަށް ދަތުރުހައްދައި ތައްޔާރުވެވަޑައިގެންނެވި ކަމަށް ބުނެ ދައްކަނީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް އަސަދު ވިދާޅުވެއްޖެ އެވެ.

އަސަދު ވިދާޅުވީ ގައުމު ދޫކުރައްވައި ނުފިއްލަވާ ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހުންނެވީ ވެރިރަށް ދިމިޝްގައި -- ގައުމަށްޓަކައި އަދި ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމުގައި ކަމަށެވެ.

ހަނގުރާމަވެރިން ދިމިޝްގަށް އަރައިގަނެ، ރިޔާސީ ގަނޑުވަރަށް ވަދެފާނެ ކަމަށް ހީފުޅުވުމުން ރަޝިއާ ސިފައިންގެ އެހީތެރިކަމާ އެކު ހަނގުރާމައިގެ މައިދާނުން ނުކުމެވަޑައިގެންނެވި ކަމަށް އަސަދު ވިދާޅުވި އެވެ.

ރަޝިއާ ސިފައިން އޭނާ ދެން ގެންދިޔައީ އެ މީހުންގެ އަސްކަރީ މަރުކަޒަކަށް ކަމަށާއި އެއަށް ފަހު މޮސްކޯގެ އަމުރަށް ރަޝީއާއަށް ގެންދެވީ ކަމަށްވެސް އަސަދުވިދާޅުވި އެވެ.

ސަރުކާރު ސިފައިން ބަލިކޮށް ހަނގުރާމަވެރިން ކުރިހޯދީ ކުއްލިއަކަށް ކަމަށްވެސް އަސަދު ވިދާޅުވި އެވެ. ސަރުކާރަށް ވަފާތެރި ސިފައިންގެ ފައުޖުތައް ބަލިވެގެން ދިއުން ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަސަދުގެ ސަރުކާރު ވައްޓާލީ ސިފައިންގެ ތެރެއިން ބައެއްގެ އެހީތެރިކަމާ އެކު އަދި ވަވައްޓެރިންގެ ވެސް މަދާދާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން ހަމަލާތައް ދިނުމުގެ ކުރިން އަދި އޭގެ ފަހުންވެސް ގައުމު ދޫކުރައްވައި ވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށް އަސަދު ވިދާޅުވި އެވެ. ނިކަމެތި ހާލަތެއް ޖެހިއްޖެ ނަމަ ސަލާމަތްކޮށްދިނުމަށް އެދިވަޑައިގެން އެއްވެސް ބަޔަކާ ޑީލެއް ނުހައްދަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާ ސިފައިން އެހީތެރިވީ ކުރިއާލައި އެދިވަޑައިގަތުމުން ނޫން ކަމަށް ވެސް އަސަދު ވިދާޅުވި އެވެ. ހަނގުރާމަވެރިން ކުރިއަރައިގެން އައި ގޮތް ބަލަން ތިބި ސިފައިންނަށް އޭނާގެ ޖާނަށް ނުރައްކާވެދާނެ ކަމަށް ހީވުމުން އެހީތެރިވީ ކަމަށް ވެސް އަސަދު ވިދާޅުވި އެވެ.

ހަނގުރާމަވެރިންގެ ގިނަ ހަމަލާތަކެއް ރަޝިއާގެ އަސްކަރީ މަރުކަޒުތަކަށް އެރި ކަމަށާއި ހަނގުރާމަވެރިން އެންމެ ގިނައިން ހަމަލާދިނީ ޑްރޯން ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.