ތުރުކީ އާއި ސީރިއާއާ ދެމެދު ގުޅުން ކެނޑިފައި އޮތުމަކީ ސުލްހައަށް އޮތް ހުރަހެއް ކަމަށް ރަޝިއާގެ ހާރިޖީ ވަޒީރުގެ ނައިބު މިޚައީލް ބަގްދަނަފް ވިދާޅުވެއްޖެ އެވެ.
ބަގްދަނަފް އަދި ވިދާޅުވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އެއްމޭޒު ދޮށުގައި ބައްދަލުކުރެއްވުމަށް ރަޝިއާއަށް މަގުފަހިކޮށްދެވިދާނެ ކަމަށެވެ.
ތުރުކީ އަކީ ރަޝިއާގެ އެކުވެރިއެއް ކަމަށް ވިދާޅުވެ ބަގްދަނަފް ވިދާޅުވީ ހަމައެފަދައިން ސީރީއާ އަކީ ވެސް ރަޝިއާއާ ގުޅުން ބަދަހި ގައުމެއް ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި ހުރި ހިލާފުތައް ނައްތާލަން ކުރާ މަޝްވަރާއަށް ރަޝިއާ އެއްބާލުން ދެއްވާނެ ކަމަށް ވެސް ނައިބު ވިދާޅުވި އެވެ. އަދި މިފަދަ ބައްދަލުވުކަށް ތުރުކީ ނުވަތަ ސީރިއާ އެދުނު ނަމަވެސް -- ރަޝިއާއަށް ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީރިއާގައި 2011 ގައި އަސަދު ސަރުކާރާ ދެކޮޅަށް ނުކުތް މީހުންގެ ތެރޭގައި ހުޅަނގުން ވިސްނައިދިފައި ތިބި ބަޔަކު ތިއްބެވެ. އެ މީހުންގެ މައިގަނޑު އަމާޒަކަށް ވެފައި އޮތީ އަސަދު ވެރިކަން ވައްޓާލައި އެމެރިކާ ތާއީދުކުރާ ސަރުކާރެއް ސީރިއާގައި ގާއިމުކުރުމެވެ.
އެހެން ނަމަވެސް ރަޝިއާ އާއި އީރާނުން އެކަމާ ދެކޮޅު ހަދައި އަސަދަށް އެހިތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިއްބެވެ.
އަނެއްކޮޅުން އެމެރިކާ އާއި ސައޫދީ އަދި ތުރުކީގެ ބޭނުމަކަށް ވެފައި އޮތީ އިދުލީބުގެ އާންމުންނަށް -- ސަރުކާރާ ދެކޮޅަށް ނުކުތް މީހުން -- އެހީތެރިކަން ފޯރުކޮށްދީ ބާރުވެރިކުރުވުމެވެ.
މިއީ ރަޝިއާއަށް ބަލައިގަނެވުނު ކަމަކަށް ނުވި އެވެ.
އިދުލީބުގައި އަސަދުގެ ސިފައިން އެއެއް މިއެއް ބަލައިނުލައި ދިން އަނިޔާވެރި ހަމަލާތަކުގައި އޭނާގެ އަމިއްލަށް އެތައް ހާސް ބަޔަކު ވަނީ އަނދައި ހުލިވެފަ އެވެ.
މި ހަމަލާތައް މަތަކުރުމުގެ ވިސްނުމުގައި ސީރިއާއަށް ވަދެގަތް ތުރުކީ ސިފައިންގެ ތެރެއިން ވެސް ގިނަ ބަޔަކު މަރުވެ ތުރުކީއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ތުރުކީގެ ހަމަލާތަކުގައި ސީރިއާގެ އެތައް ބަޔަކު ވެސް ވަނީ މަރުވެފަ އެވެ.
ތުރުކީގެ އިސްތަންބޫލަށް މިދާކަށް ދުވަހު ދިން ބޮމުގެ ހަމަލާ އަކީ ވެސް ސީރިއާގެ ބިމުން އުފަންވެގެން އައި ހަމަލާއެއް ކަމަށް ތުރުކީ ބުނެ އެވެ. އަދި ޝައްކުކުރެވޭ ކުރިދީ ބައިނގަޑުތަކަށް ތުރުކީން ވަނީ މިސައިލް ހަމާދީ ގެއްލުންތަކެއް ކޮށްފަ އެވެ.
މި ހަމަލާތަކާ ގުޅިގެން ރަޝިއާ ބުނީ ތުރުކީ އަމިއްލަ އަމިއްލައަށް ސީރިއާއާށް ހަމަލާދޭން ހަދައިގެން މަސްލަހަތު މިހާރު އޮތް ގޮތަށް ވެސް ނޯންނާނެ ކަމަށެވެ. އަދި މަޝްވަރާ މޭޒުދޮށުން ހައްލެއް ހޯދަށް އޮތީ ގޮވާލާފަ އެވެ.