އީރާން

ޕޫޓިން އާއި އުރުދުޣާން އާސްޓާނާ މަޝްވަރާއަށް އީރާނަށް

ރަޝީއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުފުޣާން އީރާނަށް ވަޑައިގަންނަވަނީ އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން، ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި ޕޫޓިން ޖުލައި 19 ގައި އީރާނަށް ވަޑައިގަންނަވާނެ އެވެ.

ޕޫޓިން އާއި އުރުދުޣާން އަދި އީރާންގެ ރައީސް، އިބްރާހީމް ރައީސީ ބައްދަލު ކުރެއްވުމުގައި ބޭނުންތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން ބައެއް ވާހަކަތައް އާންމު ޚަބަރަކަށް ނާރާނެ އެވެ.

އެހެން ނަމަވެސް، މި ތިން ގައުމު ގުޅިގެން 2017 ގައި އެކުލަވާފައި އޮތް "އާސްޓާނާ ޕީސް ޕްރޮސެސަސް" -- ކަޒަކިސްތާންގެ ވެރިރަށް އާސްޓާނާގެ ނަމުން ނަންދެވި، ސީރިއާގައި ސުލްހަ ދެމެހެއްޓުމަށް އެކުލަވާފައި އޮތް އެއްބަސްވުމާ އެއްގޮތަށް ކުރަން ޖެހޭ މަޝްވަރާތަކުގައި ތިން ލީޑަރުން މަސްއޫލްވެ ވަޑައިގަންނަވާނެ އެވެ.

އީރާނާއި ރަޝިއާ އަދި ތުރުކީ އަކީ ސީރިއާގައި ހިނގަމުންދިއަ ހަނގުރާމައިގެ ތެރެއަށް ވަދެގަނެ ގައުމު ސުލްހަކުރުމަށް ކުރެވުނު މަޝްވަރާތަކުގައި މިހާރު އެންމެ ނުފޫޒު ގަދަ ތިން ގައުމެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ދެމެހެއްޓުމަށް އެންމެ ބޮޑު ހޭދައެއް ކުރަނީ އީރާނަޢި ރަޝީއާ އެވެ.

އެހެން ނަމަވެސް ތުރުކީ އަކީ އަސަދާ ގުޅުން ގާތް ސަރުކާރެއް ނޫނެވެ.

ތުރުކީގެ ވިސްނުމުގައި އޮންނަނީ ސީރިއާގައި ވަކިވެގަތުމަށް -- އަސަދާ ދެކޮޅަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަށް މަދަދުވެރިވުމަށެވެ. ތުރުކީ އަކީ އަސަދަށް ތާއީދުކުރާ ގައުމެއް ނޫނެވެ.

ދިމިތުރީ ފެސްކޯފް ވިދާޅުވި ގޮތުގައި އާސްޓާނާ މަޝްވަރާތަކަށް ފަހު ޕޫޓިން އާއި އުރުދުޣާން ވަކިން ބައްދަލު ކުރައްވާނެ އެވެ. އެހެން ނަމަވެސް އިތުރު ތަފުސީލެއް ތަރުޖަމާން ނުދެއްވި އެވެ.

ޕޫޓިން އާއި އުރުދުޣާންގެ ބައްދަލު ކުރެއްވުމުގައި ހަމަ ކަށަވަރުން ވެސް ޔުކްރޭނާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. ރަޝިއާ، ޔުކްރޭންގެ މަޝްރަހު ހޫނުވާން ފެށީއްސުރެ ތުރުކީ އަކީ ރަޝިއާއާ ވަރަށް ގާތުން މަޝްވަރާކުރި ގައުމެކެވެ.

އަނެއްކޮޅުން ޕޫޓިން އާއި އުރުދުޣާންއާ ދެމެދު އޮންނަ ސިޔާސީ ގުޅުމަށް ވުރެ އޮން ގާތްކަން ބޮޑު ކަމަށް ޕޫޓިން ވެސް ވިދާޅުވި އެވެ. އެހެންކަމުން، ދުނިޔޭގެ މަލަމައްޗަށް ބައްލަވައި ދެބޭފުޅުން ޚިޔާލު ބަދަލުކުރައްވާނެ އެވެ.