ތުރުކީއަށް ނަސޭހަތް ލައިދިނުމަށް ވުރެ ޓެރަރިޒަމް ނައްތާލަން އެ ބަޔަކަކަށް ކުރެވުނު ކަމެއް ކުރުމަކީ -- ތުރުކީއަށް އަދި ދުނިޔެއަށް ވެސް ކޮށްދެވޭނެ ހެޔޮ ކަމަކަށް ވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ތުރުކީގެ ބޯޑަރުގައި ޓެރަރިސްޓުން ހާލި ހަދައިގެން ތިބެ ރަށުތެރެއަށް އަރައި ބިސްއަޅައި ތަންތަން ގޮއްވައި ހުޅުޖަހާއިރު ވެސް ހިމޭނުން އޮންނަންވީތޯ އުރުދުޣާން ސުވާލު ކުރެއްވި އެވެ.
ސީރިއާގެ އުތުރު ބޯޑަރުގައި ތިބި ކުރުދީ ސިފައިން ތުރުކީއަށް ހަމަމާދެމުން ގެންދާއިރު ތުރުކީ ހިމޭނުން އޮންނާނެ ކަމަށް އެކަކުވެސް ގަބޫލުކޮށްގެން ނުވާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
ތުރުކްމެނިސްތާންގައި ބާއްވަން ހަމަޖެހިފައި އޮތް ތުރުކީ، އަޒަރުބައިޖާން އަދި ތުރުކްމެނިސްތާން ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން ތުރުކީގެ ވެރިރަށް އަންކާރާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރުދުޣާން ވިދާޅުވީ ޓެރަރިސްޓުން ތުރުކީއަށް ނުރައްކާކޮށްފި ކަމަށެވެ.
ތުރުކީ ހިމޭނުން ނޯންނާނެ ސަބަބަކީ އެއީ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
ނޮވެމްބަރު 15 ގައި އިސްތަންބޫލްގައި ބޮމެއް ގޮއްވާލައި ހަ މީހަކު ވަނީ މަރާލާފަ އެވެ. މި ހަމަލާގެ ފަހަތުގައި ތިބީ ސީރިއާ، އީރާގެު އަދި ތުރުކީ ގުޅޭ ބޯޑަރުގައި ގަވައިދާ ހިލާފަށް ވަޒަންވެރިވެގެން އުޅޭ ކުރުދީ ސިފައިން ކަމަށް ތުރުކީގެ އޮފިޝަލުން ބުނެ އެވެ.
އިސްތަމްބޫލަށް ދިން ހަމަލާއަށް ފަހު ތުރުކީން ވަނީ ކުރުދީ ސިފައިންނަށް އަމާޒުކޮށް ރޮކެޓުން ހަމަލާދީފަ އެވެ.
ތުރުކީގެ މި ހަމަލާތަކާ ގުޅިގެން އިރާނާއި ރަޝިއާ އޮތީ ޕްރެޝަރަށް އަރާފަ އެވެ.
ރަޝިއާ އާއި ތުރުކީ އަކީ ކޮނޑަށް އަތް އެއްލައިގެން ތިބި އެކުވެރިންނެވެ. އެހެން ނަމަވެސް ތުރުކީގެ މި ހަމަލާތަކާ ގުޅިގެން ރަޝިއާ ވަނީ ނުތަނަވަސްކަން ފާޅުކޮށްފަ އެވެ.
ސީރިއާގައި ތިބި ބާޣީ ހަނގުރާމަވެރި ގުރޫޕްތަކާ ނުކުޅެއް ރަޝިއާއިން ވަނީ ތުރުކީއަށް އަންގާފަ އެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި ރަޝިއާއަށް މިހާރު އޮތް އިޚުތިޔާރަކީ އެ ރޮނގު -- ޓެރަރިސްޓުން ތިބި ސަރަހައްދު ހަމައަކަށް އެޅުވުމެވެ.
އުރުދުޣާން ވިދާޅުވީ ބިންމަތީގައި ދުވާ ބާވަތުގެ ޒަމާނީ ޓޭންކަރަކީ މިހާރު ތުރުކީގައި އުފަދާ އެއްޗެއް ކަމަށެވެ. މާނަ އަކީ ބޯޑަރު ހުރަސްކޮށް ސީރިއާއަށް އަރައި ހަމަލާދޭން ޖެހިދާނެ ކަމަށެވެ.