ތުރުކީ އާއި ސީރިއާގެ ގުޅުން ބަދަހި ކުރުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އޮތީ ވިދާޅުވެފަ އެވެ. ޕޫޓިން މިހެން ވިދާޅުވީ ސީރިއާ ބޯޑަރުގައި ދިރިއުޅޭ ކުރުދީންނަށް ތުރުކީން ރޮކެޓް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.
ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ރަޝިއާ އާއި އީރާން އޮތީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް އެހީތެރިވުމުގަ އެވެ. ތުރުކީ އޮތީ ބައްޝާރުގެ ސަރުކާރާ ދެކޮޅު ހަނގުރާމަ ވެރިންނަށް މަދަދުވެރި ވުމުގަ އެވެ.
ތުރުކީގެ އިސްތަންބޫލަށް ބަޔަކު މިފަހުން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ތުރުކީން ވަނީ ސީރިއާ، އީރާގު ބޯޑަރަށް ވެސް ހަމަލާދީފަ އެވެ.
ތުރުކީން ދިން މި ހަމަލާތަކާ ގުޅިގެން ޕޫޓިން ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. އަދި ސީރިއާގައި ހަމަނުޖެހުން އިތުރުވެދާނެ އެއްވެސް ކަމެއް ތުރުކީ އިސްވެ ނުކުރުމަށް ޕޫޓިން ވަނީ އެދިވަޑައިގެންފަ އެވެ.
ސީރިއާއާ މެދު ހިތްހަމަނުޖެހޭ ކަމެއް އޮތް ނަމަ -- ޕޫޓިން ވިދާޅުވި ގޮތުގައި، އެކަމެއް ހައްލުކުރެވޭނީ ވެރިންގެ ފެންވަރުގައި މަޝްވަރާކޮށްގެންނެވެ.
ޕޫޓިން ވިދާޅުވީ ތުރުކީ އާއި ސީރީއާ އެއް މޭޒު ދޮށުގައި މަޝްވަރާކުރުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އަންކާރާއިން އެދިއްޖެނަމަ އުރުދުޣާން އާއި އަސަދަށް އެއް މޭޒު ދޮށުގައި މަޝްވަރާއަށް ފުރުސަތު ފަހިކޮށްދެވިދާނެ ކަމަށެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މްވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުގައި ތިން ރައީސުން -- އުރުދުގާން، ޕޫޓިން އަދި އަސަދުގެ ބައްދަލުވުމެއް ބޭއްވޭނީ ތަންކޮޅެއް ބޮޑަށް ރާވައިގެންނެ އެވެ. އެހެންކަމުން ޖެނުއަރީ 2023 އަކީ މާ އަވަސް ތާރީޚެކެވެ.
ތިން ރައީސުންގެ ބައްދަލުވުމަށް ވަކި ތާރީޚެއް ނެތް ނަމަވެސް، ތިން ރައީސުން ބައްދަލު ކުރެއްވުމުގެ ކުރިން މަޝްވަރާ ކުރެއްވުމަށް ތިން ގައުމުގެ އިންޓެލިޖެންސްގެ ވެރިން ބައްދަލުކުރައްވާނެ އެވެ.
ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރެވެން ހުރި ގޮތްތައް ދެނެގަތުމަށް ތުރުކީގެ ޑިފެންސް މިނިސްޓަރާއި، ރަޝިއާގެ ޑިފެންސް މިނިސްޓަރު އަދި ސީރިއާގެ ޑިފެންސް މިނިސްޓަރު ވެސް ވަނީ ޑިސެމްބަރު 28 ގައި ބައްދަލުކުރައްވާފަ އެވެ.
އުރުދުޣާން ވިދާޅުވި ގޮތުަގައި އަސަދާ ބައްދަލުކުރެއްވުމަށް ހުންނެވީ ތައްޔާރަށެވެ. ތިން ރައީސުންނަށް އެއްބަސްވެވޭ ތާރީޚެއްގައި ބައްދަލުވުން -- ބެލެވޭ ގޮތުގައި މޮސްކޯގައި އޮންނާނެ އެވެ.