ދުނިޔެ

އުރުދުޣާން އާއި އަސަދު، ޕޫޓިން މެދުވެރިވެ ވަޑައިގެން މަޝްވަރާ ކުރައްވަނީ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ސީރިއާގެ ރައީސް ބައްޝާރުލް އަސަދުއާ މަޝްވަރާ ކުރައްވާނެ ކަމަށް ޚަބަރުތައް ބުނަން ފަށައިފި އެވެ.

އުރުދުޣާން އާއި އަސަދު މަޝްވަރާ ކުރައްވާ ވާހަކަ ފެށިގެން މިއައީ މިދާކަށް ދުވަހު އުރުދުޣާން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން މޮސްކޯގައި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކަށްފަހު އެވެ.

އެހެންކަމުން، ބެލެވެނީ ސީރިއާގައި ސުލްހަ ގާއިމުކޮށް ދެމެހެއްޓުމަށް އުރުދުޣާން އާއި އަސަދު މަޝްވަރާ ކުރެއްވުމަށް ޕޫޓިން ބާރުއެޅުއްވީ ކަމަށެވެ. އަނެއްކޮޅުން މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދަައުރު އަދާކުރައްވަނީ ވެސް ޕޫޓިން އެވެ.

ޕޫޓިން އާއި އުރުދުޣާން މިދާކަށް ދުވަހު، ޖުލައި 19 ގައި އީރާނަށް ވަޑައިގެން ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ.

މި ދެ ލީޑަރުން އީރާނަށް ވަޑައިގަތީ އީރާންގެ ރައީސް، އިބްރާހީމް ރައީސީއާ އެކު ސީރިއާގައި ސުލްހަ ދެމެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

ސީރިއާގައި ސުލްހަ ދެމެހެއްޓުމުގައި ތުރުކީ އާއި ސީރިއާ މަޝްވަރާކުރަން ޖެހޭ ކަމަށް ޕޫޓިން ވިދާޅުވި ކަމަށް ތުރުކީ ނޫސްތަކުން ވެސް ބުނެ އެވެ.

އުރުދުޣާން އާއި އަސަދު މަޝްވަރާ ނުކުރައްވައި މަސްލަހަތު ދަމަހައްޓަން ދަތިވާނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން މިހެން ވިދާޅުވި ސަބަބަކީ ރަޝިއާ އާއި އީރާން އަކީ އަސަދުގެ ސަރުކާރު ދަމަހައްޓަން މަސައްކަތްކުރާ ދެ ގައުމަށް ވާތީ އެވެ. އަދި ތުރުކީ މަސައްކަތްކުރަނީ އަސަދުގެ ސަރުކާރު ވައްޓާލުމަށެވެ.

ސީރިއާގައި އަސަދާ ދެކޮޅަށް ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް -- ކުރުދީންނަށް ތުރުކީން އެހީތެރިވެ އެވެ. މިއީ ރަޝިއާއަށާއި އީރާނަށް ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވަނީ ވެފަ އެވެ.

ރަޝިއާ އާއި ތުރުކީ ވަރަށް ގާތް ގުޅުމެއް އޮންނައިރު ދެ ގައުމު ގުޅިގެން ހިންގަން ޖެހޭ މަޝްރޫއުތަކަށް، ސީރިއާއާ ހެދި ބުރޫއަރާފާނެ ކަމަށްވެސް ޕޫޓިން އުރުދުޣާންއަށް ވިދާޅުވި އެވެ.

ތުރުކީ ޚަބަރުތައް ބުނާ ގޮތުން އުރުދުޣާން އާއި އަސަދު ފޯނު މެދުވެރިކޮށް މަޝްވަރާ ކުރައްވާނެ އެވެ. އެކަމަކު ވަކި ތާރީޚެއް އަދި ކަށަވަރު ކޮށެއް ނުދެ އެވެ.