މޮރިޓޭނިއާ

އިސްލާމީ ގައުމުތައް - މޮރިޓޭނިއާ

އި ސްލާމީ ގައުމުތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިގެނެސްދޭ ލިޔުންތަކުގައި މިއަދު ހިއްސާ މިކޮށްލަނީ އެފްރިކާގެ ފަގީރު ގައުމެއް ކަމުގައިވާ މޮރިޓޭނިއާގެ މައުލޫމާތެވެ.

މޮރިޓޭނިއާ

ފަރަންސޭސި ވިލާތުގެ ދަށުން މިނިވަންވެ، އިސްލާމިކް ރިޕަބްލިކް އޮފް މޯރިޓޭނިއާ އުފެދުނީ 1960 ގައެވެ. އޭގެ ފަހުން މި ގައުމު ވަނީ ދާހިލީ ހަމަނުޖެހުންތަކާއި އެތައް ބަގާވާތަކާއި އަސްކަރީ ވެރިކަމާ ކުރިމަތިލާފަ އެވެ. މި ގައުމުގެ ހުޅަނގުގައި އެޓްލާންޓިކް އޯޝަން އޮންނައިރު، އުތުރާއި ހުޅަނގު އުތުރުގައި ވެސްޓަން ސަހާރާ، އިރު އުތުރުގައި އަލްޖީރިއާ، އިރާއި އިރު ދެކުނުގައި މާލީ، އިރު ދެކުނުގައި ސެނެގާލް އޮވެ އެވެ. މިއީ އެފްރިކާގައި 11 ވަނައަށް އަދި ދުނިޔޭގައި 28 ވަނައަށް އެންމެ ބޮޑު ގައުމެވެ.

މިއީ ގުދުރަތީ ވަސީލަތްތަކުން މުއްސަނދި އެކަމަކު ތަރައްގީ ނުވެ އޮތް ފަގީރު ގައުމެކެވެ. މޮރިޓޭނިއާއަކީ މައިގަނޑު ގޮތެއްގައި ދަނޑުވެރިކަމާއި ބަކަރިހުއިހެއްޕުމާއި މަސްވެރިކަން ކުރާ ގައުމެކެވެ.

ބައެއް ސަގާފީ ކަންކަމުންނާއި އިގްތިސޯދީ ކަންކަން މެނޭޖުކުރަން ނޭގުމުންނާއި ވާރޭ ނުވެހޭ މުއްދަތު ދިގުވުމުން ދަނޑުވެރިކަމަށް ހީނަރުކަން އައިސް، މި ގައުމުގެ އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ. މީގެ އިތުރުން މިގައުމުގައި ދަގަނޑާއި ޕެޓްރޯލިއަމް ވަރަށް ގިނަ އިރު، ރަނާއި ކޮޕާވެސް މައިންކުރެ އެވެ.

މޮރިޓޭނިއާގެ 4.6 މިލިއަންގެ އާބާދީގެ 100 ޕަސަންޓަކީ މުސްލިމުންނެވެ. މީގެ ތެރެއިން ގިނައީ ސުންނީ މުސްލިމުންނެވެ. މި ގައުމުގައި އަވައްޓެރި ގައުމުތަކުގެ 5000 އެއްހާ ބިދޭސީ ކްރިސްޓިއަނުން ދިރިއުޅެވެ. މޮރިޓޭނިއާގެ ރަސްމީ ބަހަކީ އަރަބި ބަސް ކަމުގައިވީ ނަމަވެސް، އަރަބީގެ ވައްތަރެއް ކަމުގައިވާ ހަސައްނިއްޔާ ބަހުންނާއި، ފުލާ، ސޮނިންކޭ، ވޮލޮފް އަދި ފަރަންސޭސި ބަހުން މި ގައުމުގެ މީހުން ވާހަކަ ދައްކާ އުޅެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

މޮރިޓޭނިއާގެ ވެރިރަށް ނުއަކްޝޯޓް އަކީ އެ ގައުމުގެ އެންމެ ގިނަ މީހުން ދިރިއުޅޭ އަދި އެންމެ ބޮޑު ރަށެވެ. މި ރަށުގައި ނުއަކްޝޯޓް-އޯމްޓުންސީ އިންޓަނޭޝަނަލް އެއާޕޯޓް، ކަނޑުގެ ޕޯޓް، ޔުނިވާސިޓީ އޮފް ނުއަކްޝޯޓް އަލް އަސަރިއްޔާ، ނެޝަނަލް މިއުޒިއަމް، ނެޝަނަލް ލައިބްރަރީ، ނެޝަނަލް އާކައިވްސް، މަސް މާރުކޭޓް، މާޝޭ ކެޕިޓަލް ފަދަ މާރުކޭޓްތައް ހިމެނެ އެވެ.

އަދި ރޮސޯ އާއި ނިކޮލާ ފަދަ ރީތި ގޮނޑުދޮށްތަކާއި، ޓެރްޖިޓް އޮއޭސިސް، ބޭންކް ޑާގުއިން ނެޝަނަލް ޕާކް އާއި، ޑިއާލިންގް ނެޝަނަލް ޕާކް ފަދަ ޕާކްތަކަކީ މަޖާކޮށްލަން ދާން މަގުބޫލު ތަންތަނެވެ.

މީގެ އިތުރުން ޗިންގެޓީ، އަތަރް، ބޫތިލިމިޓް، އޫދޭން، އޫލޭޓާ، ނުއާދިބޫ، ބިން އަމޭރާ އަދި ނުއާދިބޫ އަކީ އާސާރީ ތަންތަނާއި ސަހާރާ ޑެޒާޓް ބަލާލަން ބޭފުޅުންނަށް ރަނގަޅު ތަންތަނެވެ.

ސަގާފަތް

މޮރިޓޭނިއާގައި ނަސްލާއި ފަންތިތަކުގެ ތަފާތުކުރުމަކީ ބޮޑު ކަމެކެވެ. މި ގައުމުގައި އަޅުވެރިކަން ރަސްމީކޮށް 2007 ގައި މަނާކުރި ނަމަވެސް އަދިވެސް ޒަމާނީ އަޅުވެރިކަން ކުރިއަށްދެ އެވެ. މި ގައުމުގެ 40 ޕަސަންޓަކީ ކަޅު ނަސްލުގެ މޫރސް ނުވަތަ ހަރަތީން ކަމުގައިވީއިރު، މި ނަސްލާއި 30 ޕަސަންޓް އެކުލެވޭ ހުޅަނގު އެފްރިކާގެ (ހަލްޕުލާރް، ފުލާނީ، މަންޑޭ، ވޮލޮފް) އެހެން ކަޅު ނަސްލުތަކަކީ ފަގީރު އަދި ދަށް ފަންތީގެ މީހުންނެވެ. އަދި މަތީ ފަންތީގައި އުޅެނީ ދޮން މޫރސް ނުވަތަ އަރަބި-ބާބަރު ދަރިކޮޅުގެ ބޭދާން އެވެ.

އަޅުންގެ ތެރޭގައި ހިމެނެނީ ހަރަތިން ފަދަ ދަށު ފަންތީގެ މީހުންނެވެ. މިކަމުގެ އެއް ސަބަބަކީ ދަށު ފަންތީގެ މީހުން ފަގީރުކަމަން، މިނިވަންވެއްޖެނަމަ އެމީހުންނާއި އާއިލާ ކައިބޮއި އުޅުމުގެ ފެންވަރު ނުހުންނާނެތީ އެވެ. މީގެ ގިނަ މީހުންނަކީ ސީދާ އެއްތަނެއްގައި ނޫޅެ، އެކި ތަންތަނަށް ދުވަސްދުވަސްކޮޅުން ބަދަލުވާ ގަބީލާތަކެވެ.

މޮރިޓޭނިއާގައި އަރަބި-ބާބަރުންގެ ސަގާފަތާއި އެހެން ނަސްލުތަކުގެ ސަގާފަތް އެއްވެފައިވެ އެވެ. އެގޮތުން ޓުއަރެގް އާއި މޮރިޓޭނިއާގެ ރިހިން އަތްކަންކުރާ މީހުން ބާބަރު ގަހަނާ ހަދާ އުޅެ އެވެ. އަދި މި ގަހަނާ އަންހެނުންނަށާއި ފިރިހެނުންނަށް ވަކިން ހަދާފައި ހުރެ އެވެ.

މޮރިޓޭނިއާގައި އަންހެނުންގެ މެދުގައި އޮބީސިޓީ ވަރަށް ގިނަ އެވެ. މީގެ ސަބަބަކީ މި ގައުމުގެ ފިރިހެނުންނަށް ފަލަ، ބޮޑުކޮށް ތިބޭ އަންހެނުން ރީތިވެފައި، ހިކިކޮށް ތިބޭ އަންހެނުންނަކީ ބަލި ބައެއްގެ ގޮތުގައި ދެކޭތީ އެވެ.

މިގޮތުން މޮރިޓޭނިއާގެ (ހާއްސަކޮށް) ރަށްފުށު ސަރަހައްދުގައި، "ލެބްލޫ" ނުވަތަ ހަ އަހަރާއި 19 އަހަރުގެ އަންހެން ކުދިން ފަލަކުރުމުގެ ގޮތުން ގަދަކަމުން ކާންދީ އުޅެ އެވެ. މޫސުމަށް އަންނަ ހީނަރުކަމުގެ ސަބަބުން ގެރިބަކަރީގެ ކިރު ލިބުން ދަތިވުމުން، ފަލަވުމަށް ސްޓެރޮއިޑްސް އާއި އެންޓިހިސްޓަމީންސް ވެސް ބޭނުންކުރާތީ، މިއީ ސިއްހަތަށް ހުރި ބޮޑު ނުރައްކަލެކެވެ.

ކެއުންބުއިން

މޮރިޓޭނިއާގެ ކެއުން ވަނީ އަރަބި އަދި އެފްރިކާގެ ގައުމުތަކުގެ ކެއުމާ އެއްވެފަ އެވެ. މިގޮތުން އުތުރުގެ މީހުންގެ ކެއުމުން މޮރޮކޯގެ ރަހަތައް ފެންނައިރު، ދެކުނުގެ ކެއުމުން ސެނެގާލްގެ ރަހަތައް ފެނެ އެވެ. މީގެ ތެރޭގައި ކުސްކުސް، ބަތް، ކަނޑުމަހާއި ކުކުޅު، ކަންބަޅި، ބަކަރި މަހާއި، ޖަމަލު މަސް ފަދަ އެއްގަމު މަސް، ތަރުކާރީ، މޭވާއާއި ސްޓޫ، ޗީޒް، ޕޭސްޓްރީ، ޕާން ފަދަ ކެއުން ހިމެނެ އެވެ.

ޗެބުޖިން، މެޝުއި، ސަމަކް މުތާބީ، އަރަޒް ބިއަލްހަދްރަވަތް، ޔަސާ ޕުލޭ، ހައްކާ، ލަކް، މަރޯލޭމް، ޗޭޗެން، ބޮނަވާ، ބަނަފް، ހަރީހާ އަދި އަލް އައިޝް އަކީވެސް ފާހަގަކޮށްލެވޭ ކެއުންތަކެވެ. މި ގައުމުގައި ބައެއް ކަހަލަ ކާނާ ހުންނަނީ ގަބީލާތަކުން ދަތުރުފަތުރު ކުރާއިރު ފަސޭހައިން ހަދައި، އަދި ގެންގުޅެވޭ ފަދަ ގޮތަކަށް ތައްޔާރުކޮށްފަ އެވެ.

ބުއިންތަކުގެ ތެރޭގައި ކުދީނާ (މިންޓް) ސަޔާއި، ސައިމަލުގެ ސައި ފަދަ އެކި ވައްތަރުގެ ސައި، ޒްރިގް އަދި ޖޫސް ހިމެނެ އެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިންނަށް މޮރިޓޭނިއާއަށް ޒިޔާރަތްކުރުމަށް ވިސާ ނަގާކަށް ނުޖެހެ އެވެ. މިއީ ދަތުރުކުރަން އެ ސަރަހައްދުގެ އެންމެ އަމާން ގައުމު ތެރޭ ހިމެނޭ ގައުމެކެވެ.