ޗާޑް

އިސްލާމީ ގައުމުތައް – ޗާޑް

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އެފްރިކާގެ ފަގީރު އަދި ދާހިލީ ހަމަނުޖެހުން ބޮޑު ގައުމެއްކަމުގައިވާ ޗާޑް އެވެ.

ޗާޑް

ފަރަންސޭސި ވިލާތުގެ ދަށުން މިނިވަންވެ، ރިޕަބްލިކް އޮފް ޗާޑް އުފެދުނީ 1960 ގައެވެ. އޭގެ ފަހުން މި ގައުމު ވަނީ ދާހިލީ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ތެރޭގަ އެވެ. ޗާޑްގެ އުތުރުގައި ލީބިއާ، އިރު މަތީގައި ސޫދާން، ދެކުނުގައި ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ހުޅަނގު ދެކުނުގައި ކެމަރޫން އަދި ނައިޖީރިއާ، ހުޅަނގުގައި ނައިޖާ އޮވެ އެވެ. މިއީ އެފްރިކާގައި ފަސްވަނައަށް އެންމެ ބޮޑު ގައުމެވެ.

ދާހިލީ ހަޖަނުޖެހުމާއި އަވައްޓެރި ގައުމުތަކުގެ ހަމަނުޖެހުމާ ގުޅިގެން ޗާޑްއަށް އެތެރެވާ ރެފިއުޖީންނާ ގުޅިގެން މިއީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ޗާޑްއަކީ ކުރިން މައިގަނޑު ގޮތެއްގައި ދަނޑުވެރިކަމާއި (ކޮޓަން) ބަކަރިހުއިހެއްޕުމުން އިގްތިސޯދު ބިނާކޮށްފައިވާ ގައުމެކެވެ.

ޗާޑް އިން 2003 ގައި ތެޔޮ ފެނުމާ ގުޅިގެން، މި ގައުމުގެ އިގްތިސޯދު ތެޔޮ އެކްސްޕޯޓްކުރުމަށް ވަރަށް ބޮޑަށް ބަރޯސާވެ އެވެ. މީގެ އިތުރުން މަސްވެރިކަމާއި ރަނާއި ޔުރޭނިއަމް މައިނިން އަކީވެސް މި ގައުމުގެ މީހުން ކޮންމެވެސް ވަރަށް ކޮށް އުޅޭ މަސައްކަތެވެ. އެހެން ނަމަވެސް ރަނގަޅު އުމްރާނީ ވަސީލަތްތކެއް ނެތުމުން ގިނަ ކަންތައްތައް ފުރިހަމައަށް ނުކުރެވެ އެވެ. މި ގައުމުން ވަނީ މިދިޔަ ޖޫން މަހު ކާބޯތަކެތީގެ އެމަޖެންސީ އިއުލާންކޮށް، އެހީ އަށް ވެސް އެދިފަ އެވެ.

މި ގައުމުގެ 17.8 މިލިއަނެއްހާ އާބާދީގެ ގާތްގަނޑަކަށް 52-58 ޕަސަންޓަކީ މުސްލިމުންނެވެ. މީގެ 95 ޕަސަންޓަކީ ސުންނީ މުސްލިމުން ކަމުގައިވާއިރު، މަދު އަދަދެއްގެ ޝީންނާއި އަހްމަދީން އުޅެ އެވެ. ބާކީ މީހުންގެ ތެރެއިން ގިނައީ ކްރިސްޓިއަން ގޮފިތަކަށް ތަބާވާ މީހުންނާއި އެފްރިކާގެ ސަގާފީ ދީންތަކަށް ތަބާވާ މީހުންނެވެ. މި ގައުމުގެ ރަސްމީ ބަހަކީ އަރަބި އާއި ފަރަންސޭސި ބަހެވެ. އަދި މީގެ އިތުރުން ޗާޑްއަށް ހާއްސަ އަރަބި ބަހާއި 100 ވަރަކަށް ސަރަހައްދީ ބަސް އުޅެ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ޗާޑްގެ ވެރިރަށް އެންޖަމީނާ އަކީ މި ގައުމުގެ އެންމެ ގިނަ މީހުން ދިރިއުޅޭ އަދި އެންމެ ބޮޑު ރަށެވެ. މި ޕޯޓް ސިޓީ އޮންނަނީ ލޮގޯން ކޯރާއި ޗާރީ ކޯރު ގުޅޭ ދިމާލެއްގައި، ކެމެރޫންގެ ކުސޭރީ ސިޓީގެ އަނެއް ފަރާތުގަ އެވެ. މިއީ ކޮޓަން، މަސްވެރިކަން އަދި މީޓް އިންޑަސްޓްރީގެ މައި މަރުކަޒެވެ.

މި ރަށުގެ ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަނުގެ ތެރޭގައި ރިޔާސީ ގަނޑުވަރު، ބޮޑު ދެ މިސްކިތް، ނެޝަނަލް ސްކުއާ، ނެޝަނަލް މިއުޒިއަމް، ނެޝަނަލް އެސެމްބްލީ، ނެޝަނަލް ސްޓޭޑިއަމް، ކެތީޑްރަލްތައް، ޗަރީ އަދި ލޮގޯން ކޯރު، ނެޝަނަލް ޒޫ، އެލެފަންޓް ޑަންޑީ ރޮކް އެންޑް ޑޫގިއާ، ގައޫއީ ވިލެޖް އަދި ނޯމެންޑީ ސިނެމާ ހިމެނެ އެވެ.

އަބޭޗޭ، ސަރްހް، ފަޔާ-ލާޖޫ، އަމް ތިމަން، މޫންޑޫ، ގޮޒް ބޭދާ އަދި ބޯލް އަކީ ބަލާލަން ރަނގަޅު ރަށްރަށެވެ. މިއީ ޓިބެސްޓީ ފަދަ ފަރުބަދަތަކާއި، ލޭކް ޗެޑް، އުއިނަގާ ފަދަ ލޭކްތަކާއި އެމްބެރޭ ކޯރު އޮންނަ ގައުމެވެ. އަދި އެއްނެޑީ ނޭޗާ ރިޒާވް، ޒަކޫމާ، އައުކް އަދި މަންޑާގެ ނެޝަނަލް ޕާކް ސަފާރީ ތަކުގައި ދިއުމަކީވެސް ވަރަށް މަގުބޫލު ކަމެކެވެ.

ސަގާފަތް

ޗާޑްގެ ސަގާފަތުގައި އަރަބި، ފަރަންސޭސި އަދި އެފްރިކާގެ އެކި ގަބީލާތަކުގެ ސަގާފަތް އެކުވެފައިވެ އެވެ. މި ގައުމުގައި 200 އެއްހާ ގަބީލާ އުޅޭއިރު، އެ މީހުންގެ އާދަކާދަތައް ތަފާތެވެ.

އުތުރުގައި އަރަބި އަދި އެފްރިކާގެ މުސްލިމް ނޮމެޑިކް ގަބީލާތައް ގިނައިރު، ދެކުނުގައި އުޅެނީ ގިނައިން ސާރާ ކްރިސްޓިއަން ދީނުގެ އާބާދުވެފައިވާ މީހުންނެވެ. މެދުގައި މައިގަނޑު ގޮތެއްގައި ދިރިއުޅެނީ ގިނައިން ނޮމެޑިކް އަދި އެ ރަށުގައި އާބާދުވެފައިވާ ސަގާފީ ދީންތަކުގެ މީހުންނެވެ.

މީގެ އިތުރުން މިއުޒިކާއި އެކި ގަބީލާތަކުގެ ހާއްސަ ނެށުންތައް އޮވެ އެވެ. މިގޮތުން ވޮޑާބޭ އަދި ފުލާ މީހުންގެ ގެރެވޯލް ފެސްޓިވަލްގައި ޒުވާން ފިރިހެނުން އެ ގަބީލާގެ ސަގާފީ ހެދުމާއި ޒީނަތްތެރިވާ ތަކެތީގެ އިތުރުން މޫނުގައި ކުލަ ޖައްސައިގެން ނަޝާ ލަވަކިޔާ ހަދަ އެވެ. އެއީ ކައިވެނި ކުރުމަށް ޒުވާން އަންހެން ކުދިންގެ ސަމާލުކަން ހޯދުމަށެވެ. އަދި ކޮންމެ ބައެއްގެވެސް ދީނާއި ސަގާފަތަށް އިހުތިރާމް ކުރުމަކީ މި މީހުންނަށް މުހިއްމު ކަމެކެވެ.

ކެއުންބުއިން

ސަގާފަތެކޭ އެއްފަދައިން ޗާޑްގެ ކެއުމަށް އެފްރިކާ އަދި ޔޫރަޕް ގައުމުތަކުގެ އަސަރު ފޯރާފައިވެ އެވެ. އުތުރުގެ ނޮމެޑިކް (މައިގަނޑު ގޮތެއްގައި މުސްލިމުން) ކައި އުޅެނީ ކިރާއި އެއްގަމު މަހެވެ. ބަތް، ގޮވާން ފަދަ ތަކެތިން ހަދާފައިވާ ކާނާ ކަނީ މަދުންނެވެ.

ދެކުނުގެ މީހުން (މައިގަނޑުކޮށް ކްރިސްޓިއަނުން) ބަތް، މިލެޓް، އަލަ، އަލުވި، ރެޑް ބީންސް، މޭވާ އާއި، އެއްގަމު މަސް، ސޫޕް އަދި ސްޓޫ ކައިއުޅެ އެވެ. މިމީހުން އާންމުކޮށް ކައިއުޅެނީ ބޮޑު އެއްތައްށީގައި، އަންހެން ފިރިހެން ވަކިންނެވެ. މިގޮތުން މޫލާ ދަރާބާ، ކިސްރާ، އެޝް، ޖެރެޓް ޑީ ބޯފް، ކިސާ، ލާ ބުއީ، ތަގާލިއާ، ކަރަކަންޖީ، ސޫރޮންދޫ، ލޫބިޔާ، ޗުރްބާ، ކަންޑާ އަދި ޕާން، މަހާރަގްވީ، ބެންގޫ، އެޑެވޭ އަދި ކަވާލް އަކީ ފާހަގަކޮށްލެވޭ ކެއުމެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިންނަށް ޗާޑްއަށް ޒިޔާރަތްކުރުމަށް ވިސާ ނަގަންޖެހެ އެވެ. އެހެންނަމަވެސް އެ ގައުމުގެ ސިޔާސީ މަސްރަހު ހޫނުވެ، ހަނގުރާމަވެރި ގްރޫޕްތަކާއި ސިފައިންގެ މެދުގައި ކުރިމަތިލުންތައް ކުރިއަށްދާތީ، މި ގައުމަށް ޒިޔާރަތްކުރުމަކީ ރައްކާތެރިކަމެއް ނޫނެވެ.