އަބޫ އަލީ ހަސަން އިބްނު އަލް ހައިތަމް އުފަންވެވަޑައިގެންފައިވަނީ އިރާގުގެ ބަސަރާގައި މީލާދީން 965 ހާތާނގަ އެވެ. އޭނާ ތައުލީމު އުނެގނިވަޑައިގެންފައިވަނީ ބަސަރާ އަދި ބަޣުދާދުގަ އެވެ.
އަލް ހައިތަމް އަކީ ފިޒިކްސްގެ އިލްމަށް އަރައި ހުންނެވި އިލްމުވެރިއެކެވެ. އިލްމީ ދާއިރާތައް ކަމުގައިވާ އޮޕްޓިކްސް އަދި ސައެންޓިފިކް މެތަޑް ތަކަށް އޭނާ ކުރައްވާފައިވާ ހިދުމަތްތަކަކީ އާދަޔާ ހިލާފް އީޖާދީ ހިދުމަތްތަކެވެ. ހުޅަނގުގައި އޭނާ މަޝްހޫރުވެފައިވަނީ އަލްހާޒިންގެ ނަމުންނެވެ.
އަލިކަމާ ގުޅޭ ލޯ އޮފް ރިފްރެކްޝަން އީޖާދު ކުރެއްވީ އަބޫ އަލްހައިތަމް އެވެ. އަލިކަމުގައި އެޒަމާނުގައި އޭނާ ހޯދި ހޯދުންތައް އެއީ އާދަޔާ ހިލާފް ހޯދުންތަކެކެވެ. އެގޮތުން ތަފާތު ކުލަތަކަށް އަލި ފެތުރިގެންދާ ދިއުން ހާއްސަކޮށް ފާހަގަކޮށްލެވެ އެވެ. އޭނާ ލިޔުއްވި ފޮތް ކިތާބުލް މަނާދިރު، މިޑްލްއޭޖް ދުވަސްވަރު ލެޓިނަށް ތަރުޖަމާ ކުރެވި ފުޅާކޮށް ބޭނުންކުރަމުން އައިސްފައިވެ އެވެ.
އަލް ހައިތަމް އަކީ އެދުވަސްވަރު އިންސާނާގެ ލޮލުގެ ބައިތައް ވަކިވަކިން ދިރާސާ ކުރައްވައި ލޮލުގެ ފެނުމާ ގުޅޭގޮތުން ސައެންޓިފިކް ޝަރަހައެއް އެންމެ ފުރަތަމަ ދެއްވި އިލްމުވެރިޔާ އެވެ. އަލް ހައިތަމް އޮޕްޓިކްސް ދާއިރާއިން ކުރައްވާފައިވާ އިލްމީ މަތިވެރި މަސައްކަތުގެ ސަބަބުން އޭނާ އަށް މޮޑަން އޮޕްޓިކްސްގެ ބައްޕަގެ ގޮތުގައި މުހާތަބްކުރެވެން ފެއްޓުނެވެ.
އަލް ހައިތަމްގެ ކިތާބުލް މަނާދިރު ހުޅަނގުގެ ސައެންސަށް ބޮޑު ނުފޫޒެއް ފޯރުވި އެވެ. އެގޮތުން ހާއްސަކޮށް ހުޅަނގުގެ އިލްމުވެރިޔާ ރޮޖަ ބޭކަން އަދި ކެޕްލާގެ މަސަކަތް ތަރައްގީވެފައިވަނީ އަލްހައިތަމްގެ އިލްމީ މަސައްކަތުގެ މައްޗަށެވެ.
އަލް ހައިތަމް ލިޔުއްވި އިލްމީ ފޮތް މީޒާން އަލް ހިކްމާ އިބްނު އަލް ހައިތަމް އަކީ އެޓްމޮސްފިއާގެ ޑެންސިޓީ ބަޔާންކޮށް އެއާއި އުސްމިނާއި ގުޅުމެއްވާކަން އެންމެ ފުރަތަމަ ފާހަގަކޮށްފައިވާ ފޮތެވެ. އޭނާ ވަނީ އެޓްމޮސްފެރިކް ރިފްރެކްޝަންގެ މަސައްކަތް މިފޮތުގައި ހިމަނުއްވާފަ އެވެ. އެގޮތުން ޓްވައިލައިޓް ފެށިގެން އަންނަނީ އިރު ހޮރައިޒަނަށްވުރެ 19 ޑިގްރީ އަށް ތިރިވެގެން ދިއުމުންކަން ހޯއްދަވައި އެޓްމޮސްފިއާގެ އުސްމިން ހޯދުމުގެ މަސައްކަތް ކުރައްވާފައިވެ އެވެ.
އަލް ހައިތަމް ހިސާބް އިލްމަށާއި ފިޒިކްސްއަށް ކުރައްވާފައިވާ އިލްމީ މަސައްކަތް ގިނަ އެވެ. ހިސާބް އިލްމުގައި އެނަލިޓިކަލް ޖިއޮމެޓްރީ އީޖާދު ކުރެއްވީ އަލްޖަބްރާ އާއި ޖިއޮމެޓްރީގެ ގުޅުމުގެ މައްޗަށް ބިނާކޮށެވެ. ފަސްޓް ލޯ އޮފް މޯޝަންގެ އިލްމީ މަސައްކަތް އޭނާގެ އިލްމީ މަސައްކަތުން ފެނިގެން ގޮސްފައިވެ އެވެ.
އަލް ހައިތަމް ފިޒިކަލް ސައެންސް ވަކީން ހާއްސަކޮށް އޮޕްޓިކްސްގެ ދާއިރާއަށް ކުރައްވާފައިވާ އިލްމީ މަސައްކަތުގެ ސަބަބުން އޮޕްޓިކަލް ދާއިރާގެ ތިއޮރެޓިކަލް އަދި ޕްރެކްޓިކަލް ރޮނގުން ދިރާސާކުރުން އާ ހަރުފަތަކަށް މަގުފަހިވެގެން ގޮސްފައިވެ އެވެ.