ދީނީ އިލްމުވެރިން

މުސްލިމު އިލްމުވެރިޔާ އިބްނުލް މަޖްދީ

ޝިހާބުއްދީން އަބުލް އައްބާސް އަހުމަދު އިބްނު އަލް މަޖްދީ އުފަންވެވަޑައިގެންފައިވަނީ މީލާދީން 1359 ގައި މިސްރުގެ ވެރިރަށް ގާހިރާގަ އެވެ.

އިބްނުލް މަޖްދީ އަކީ ހިސާބު އިލްމަށާއި އެސްޓްރޮނޮމީގެ އިލްމަށް 15 ވަނަ ގަރުނުގައި މިސްރުގައި އަރައި ހުންނެވި އިލްމުވެރި އެކެވެ.

އޭނާ އަކީ އެދުވަސްވަރުގައި އަޒްހަރު މިސްކިތުގެ މައި އިމާމުގެ އިތުރަށް ޖާނީބަކިއްޔާ މަދަރުސާގެ މުދައްރިސުންގެ އިސްވެރިއާ އެވެ. މަޝްހޫރު އެސްޓްރޮނޮމީގެ އިލްމުވެރިޔާ އަބޫ އަބްދުﷲ މުހައްމަދު ސިބްތު އަލް މަރިދީނީ އަކީ އޭނާގެ ދަރިވަރެކެވެ.

އިބްނުލް މަޖްދީ ވަނީ އެދުވަސްވަރުގައި ގުރުއާން އިލްމު އުނގެނިވަޑައިގަތުމުގެ އިތުރުން ހަދީސް އިލްމާއި ފިގްހު އިލްމުގެ ރޮނގުން އުނގެނިވަޑައިގެންފަ އެވެ. މީގެ އިތުރުން ބަހުގެ އިލްމާއި އަރަބި ބަހުގެ ގަވާއިދުތައް ދަސްކުރައްވައި އެއިގެ މާހިރަކަށްވެ ވަޑައިގަތެވެ.

އިބްނުލް މަޖްދީ އަކީ އެރިތްމެޓިކް އާއި ޖިއޮމެޓްރީ އަދި އަލްޖަބްރާގެ އިތުރުން ތިއޮރެޓިކަލް އެސްޓްރޮނޮމީގެ މާހިރެކެވެ. އޭނާ ވަގުތު ކަނޑައެޅުމުގެ އިލްމު އުނގެނިވަޑައިގެންފައިވަނީ ދިމިޝްގުގެ މަޝްހޫރު އެސްޓްރޮނޮމީ އިލްމުވެރިޔާ އިބްނު ޝާތިރުގެ ދަރިވަރު ޖަމާލުއްދީން މަރިދީނީގެ އަރިހުންނެވެ.

އިބްނުލް މަޖްދީ ވެފައިވަނީ އެދުވަސްވަރުގައި ސައެންސްގެ މާއްދާތަކާއި ހިސާބު އިލްމު ކިޔަވައިދެއްވުމުގައި އަރައި ހުންނެވި މުދައްރިސެއްގެ ގޮތުގަ އެވެ. އޭނާގެ އަރިހުން ދަރިވަރުވި އިލްމުވެރި ބޭފުޅުންނަކީ މިސްރުގައި އޭގެ ފަހުން އައި އެކި ދުވަސްވަރުގައި ތިއްބެވި އެންމެ މޮޅެތި އެސްޓްރޮނޮމީގެ އިލްމުވެރިންނެވެ.

އިބްނުލް މަޖްދީ އަކީ ލިޔުންތެރިކަމުގެ ރޮނގުގައި އެހާމެ ކުޅަދާނަ ބޭފުޅެކެވެ. ހާއްސަކޮށް އޭނާގެ ލިޔުންތައް ވެފައިވަނީ އުނގަންނައި ދިނުމުގެ ރޮނގުން ފާހަގަކޮށްލެވޭ ލިޔުންތަކަކަށެވެ. އޭނާގެ ލިޔުންތައް 19 ވަނަ ގަރުނުގެ ފަހުކޮޅާއި ހަމައަށް ދަންދެން އުނގެނި އޭގެ މައްޗަށް ދިރާސާ ކުރެވެމުން ތަރައްގީ ކުރެވެމުން އައިސްފައިވެ އެވެ.

އިބްނުލް މަޖްދީގެ އިލްމީ ފޮތްތަކުގެ ތެރޭގައި އަލްމުބާރަކާތު ފިލް ހިސާބު އަދި ހާވީ އަލް ލުބާބް ވަ ޝަރްހް ތަލްކީސް އަލް ހިސާބް އެއީ ފާހަގަކޮށްލެވޭ އިލްމީ ފޮތްތަކެވެ. ފަހުން މިދެންނެވި ފޮތަކީ މޮރޮކޯގެ މަޝްހޫރު ހިސާބު އަދި އެސްޓްރޮނޮމީގެ އިލްމުވެރިޔާ އިބްނު އަލް ބައްނާ ލިޔުއްވި ތަލްކީސް އަމަލުލް ހިސާބްގެ މައްޗަށް ހައްދަވާފައިވާ ދިރާސާ އެކެވެ.

އެސްޓްރޮނޮމީގެ ދާއިރާގައި ފާހަގަކޮށްލެވޭ އިލްމީ ފޮތްތަކުގެ ތެރޭގައި ޖާމީ އަލް މުފީދް ފީ ބަޔާން އުސޫލުލް ތަގްވީމް ވަލްމަވާލިދް އަދި ގުންޔާތް އަލް ފަހީމް ވަލް ތާރިގް އިލާ ހައްލު އަލް ތަގްވީމްގެ އިތުރުން އަލް ދުއްރު އަލް ޔަތީމް ފީ ތަޝިލް ސިނާއަތު އަލްތަގްވީމް ހިމެނެ އެވެ. މި ފޮތްތަކަކީ 19ވަނަ ގަރުނުގެ ފަހުކޮޅާއި ޖެހެންދެން މިސްރުގައި ކިޔަވައި ދެމުން އައި އެންމެ މަޝްހޫރު އިލްމީ ފޮތްތަކެވެ.