މީހުން

މުސްލިމު އިލްމުވެރިޔާ އަލް ބައިރޫނީ

އަބޫ ރައިހާން މުހައްމަދު އިބްނު އަހުމަދު އަލް ބައިރޫނީ އުފަންވެވަޑައިގެންފައިވަނީ މީލާދީން 973 ގައި ހީވާ ސިޓީގައި އުރާލް ކައިރީގަ އެވެ. މިޒަމާނުގައި އެއީ އުޒްބެކިސްތާން ސަރަހައްދެކެވެ.

އެގާރަ ވަނަ ގަރުނުގައި އުޅުއްވި މުސްލިމުންގެ މަޝްހޫރު ރަސްގެފާނު މަހުމޫދް އަލް ގަޒްނަވީގެ ދަރުބާރުގައި އަލް ބައިރޫނީ އަކީ އަރިސް ބޭފުޅެކެވެ. އޭނާ އަކީ އެދުވަސްވަރުގެ އެންމެ ބޮޑު އެއް އިލްމުވެރިޔާ އެވެ.

އަލް ބައިރޫނީ ވަނީ ފިޒިކްސް އާއި މެޓަފިޒިކްސް އާއި މެތަމެޓިކްސްގެ އިތުރުން ޖިއޮގްރަފީ އަދި ހިސްޓްރީގެ ދާއިރާގައި އިލްމީ ބޮޑެތި ހިދުމަތްތަތަކެއް ކުރައްވާފަ އެވެ.

ސުލްތާން މަހުމޫދް އަލް ގަޒްނަވީގެ ބާރުގެ ދަށަށް އަލް ބައިރޫނީ އުޅުއްވި އުޒްބަކިސްތާން ސަރަހައްދު ދިއުމުން އޭނާ ގެންނަވައި ސުލްތާނާއި އެކު އިންޑިއާ އަށް ކުރެއްވި އެތަކެއް ދަތުރެއްގައި އަލް ބައިރޫނީ ބައިވެރިކުރެއްވި އެވެ. އެގޮތުން ހިންދޫ ފިލޯސޮފީ ދަސްކުރައްވައި އަރަބި އަދި ގްރީކް ފިލޯސޮފީ ހިންދޫ ޕަންޑިތުންނަށް އުނގަންނަވައި ދެއްވި އެވެ.

އަލް ބައިރޫނީ ލިޔުއްވާފައިވާ ކިތާބުލް ހިންދުގައި އިންޑިއަން ސަބްކޮންޓިނެންޓާ ބެހޭ ތާރީހީ އިޖުތިމާއީ އެންމެހާ މައުލޫމާތެއް ގެނެސްދެއްވާފައިވެ އެވެ.

އަލް ބައިރޫނީ އިންޑިއާ އިން އެނބުރިވަޑައިގެން ގާނޫނުލް މައްސޫދީ ފިލް ހައިޔާ ވަލް ނުޖޫމް ލިޔުއްވާފައިވެ އެވެ. އެ ފޮތުގައި އެސްޓްރޮނޮމީ އާއި ޓްރިގޮނޮމެޓްރީ އާއި ސޯލާ އާއި ލޫނާ އަދި ޕްލެންޓް ތަކާއި ބެހޭ އިލްމީ މަސައްކަތް ކޮށްފައިވެ އެވެ. މީގެ އިތުރުން އަތަރު އަލް ބާގިއާ ގައި ޖިއޮގްރަފީގެ އިލްމް ބަޔާންކޮށް ގަދީމީ ޒަމާނުގައި ގައުމުތައް ގުޅިފައިވާ ގޮތުގެ މައްޗަށް ނަޒަރުކޮށްފައިވެ އެވެ. އެ ފޮތުގައި ދުނިޔެ ދައުރުވުމާއި އެކި ސަރަހައްދުތަކުގެ ލެޓިޓިއުޑް އަދި ލޮންޖިޓިއުޑްގެ ސީދާ އަދަދުތައް ގެނެސްފައިވެ އެވެ.

އަލް ބައިރޫނީ އަކީ އެސްޓްރޮލޮޖީގެ ދާއިރާއިންވެސް އަރައި ހުންނެވި އިލްމުވެރި އެވެ. އޭނާގެ އެސްޓްރޮލިޖަކަލްގެ އިލްމުގެ ސީދާކަމާމެދު އެދުވަސްވަރުގެ މީހުން އާޝޯހްވެފައިވެ އެވެ.

އަލް ބައިރޫނީ ވަނީ ދުނިޔެ އޭގެ ސަތަހައިގައި އެނބުރެމުން އަންނަ އައުން މިޒަމާނުގެ އިލްމުވެރިންނަށް އެނގުމުގެ އެތައް ޒަމާނެއް ކުރިން އެވާހަކަތައް ގެނެސްފަ އެވެ.

އެސްޓްރޮނޮމިކަލް ފެނޯމެނާގެ ތަހުލީލުތައް އެންމެ ފުރަތަމަ ގެނެސްފައިވަނީ އަލް ބައިރޫނީ އެވެ. މޮޑަން ސައެންސް ބިނާވެފައިވަނީ އަލް ބައިރޫނީ އިލްމީ ގޮތުން ކުރެއްވި މަސައްކަތާއި މުސްލިމު އިލްމުވެރިޔާ އަލް ހައިތަމް ފަދަ އިލްމީ ބޭފުޅުންގެ މަސައްކަތުގެ މައްޗަށެވެ.