އަބޫ މަރްވާން އަބްދުލް މަލިކް އިބްނު ޒުހުރް އުފަންވެވަޑައިގެންފައިވަނީ މުސްލިމް ސްޕޭންގެ ސެވިއްޔާ ގައި މީލާދީން 1091 ވަނަ އަހަރު އެވެ.
އިބްނު ޒުހުރް ތައުލީމު އުނގެނިވަޑައިގަތުމަށްފަހު ހާއްސަވެވަޑައިގަތީ ބޭސްވެރިކަމުގެ ދާއިރާ އަށެވެ. އޭނާ ވެވަޑައިގެންފައިވަނީ ދުނިޔެ ދުށް އެންމެ މޮޅެތި ފިޒިޝަނުންނާއި ކްލިނިޝަނުން ތެރޭގަ އެވެ. އެދުވަސްވަރުގެ އެހެނިހެން ބޭސްވެރިންނާއި ހިލާފަށް އިބްނު ޒުހުރް އިސްކަމެއް ދެއްވީ ބޭސްވެރިކަމުގެ ތެރެއިން ވަކި ހާއްސަ ދާއިރާ އަކަށެވެ. އެގޮތުން އޭނާ ހިޔާރުކުރެއްވި ދާއިރާގައި އިލްމީ ގޮތުން ކުރެއްވި މަސައްކަތްޕުޅުތަކަށް އަބަދަށް ތައުރީފް ލިބިގެންވަނީ ގޮސްފަ އެވެ.
ފިޒިޝަނެއްގެ ގޮތުގައި އިބްނު ޒުހުރް އެތަކެއް ހޯދުންތަކެއް ހޯދައި އެތަކެއް ކުރިއެރުމެއް ގެނެސްފައިވެ އެވެ. އެގޮތުން އެންމެ ފުރަތަމަ އެންމެ ރަނގަޅަށް ސްކެބީސް ފާހަގަކުރީ އޭނާ އެވެ. އަދި ހަމައެހެންމެ އާދައިގެ ގޮތަކަށް ކެއުންބުއިން އަދާނުކުރެވޭ ބަލިމީހުންނަށް ކާތެކަތި ދެވޭނެ އެހެން ގޮތެއް ކަމުގައިވާ ޓްރެކިއޯޓެމީ ތައާރަފްކުރި އެވެ. މީގެއިތުރުންވެސް އެކިބާވަތުގެ ޓިއުމަރުތަކާއި ކަންފަތުގެ އެތެރޭގެ ދުޅަވުމާއި މިފަދަ އެތަކެއް ބަލިތަކެއް ފާހަގަކޮށް ފަރުވާ އީޖާދުކުރި އެވެ.
އިބްނު ޒުހުރްގެ އިލްމީ މަސައްކަތުގެ ތެރެއިން މިހާތަނަށް ރައްކާކުރެވިފައިވަނީ އޭނާ ލިޔުއްވި ތިން އިލްމީ ފޮތެކެވެ. އެއީ ކިތާބް އަލް ތައިސީރް ފީ އަލް މުދާވަތް ވަލް ތަދްބީރް އާއި ކިތާބުލް އިގްތިސާދު ފީ އިސްލާހް އައްނަފްސް ވަލް އަޖްސަދް އަދި ކިތާބުލް އަގްތިޔާ އެވެ.
މީގެ ތެރެއިން ފުރަތަމަ ފޮތަކީ މުސްލިމް އިލްމުވެރިޔާ އިބްނު ރުޝްދު އެދިވަޑައިގެން ލިޔުއްވި ފޮތެކެވެ. މިފޮތް ވެފައިވަނީ އޭނާ ކުރެއްވި އެންމެ މުހިއްމު އެއް އިލްމީ މަސައްކަތަށެވެ. މި ފޮތުގައި އޭނާގެ އަސްލު އީޖާދީ އެތައް އިލްމެއް ގެނެސްފައިވެ އެވެ. ބަލިތަކާއި އޭގެ ތެރަޕީތައް ގެނެސްފައިވެ އެވެ.
ދެވަނަ ފޮތުގައި ބަލީގެ ބާވަތްތަކާއި އޭގެ ފަރުވާއާއި އަދި ސާފްތާހިރުކަމުގެ މައްޗަށް ލިޔުއްވާފައިވެ އެވެ. މިފޮތަކީ ހާއްސަކޮށް އެންމެ އާދައިގެ މީހަކަށްވެސް އެފޮތުން ދަނަގަނެވޭނެ މިންވަރަށް މައުލޫމާތު ހާމަކޮށްފައިވާ ފޮތެކެވެ. ނަމަވެސް އެފޮތުގެ ފުރަތަމަ ބަޔަކީ ސައިކޮލޮޖީއަށް ހާއްސަކޮށްފައިވާ ބައެކެވެ.
ތިންވަނަ ފޮތުގައި ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗާއި ބޭހާއި އަދި އޭގެ އަސަރު ސިއްހަތަށް ކުރާނެ ގޮތުގެ މައްޗަށް ލިޔުއްވާފައިވެ އެވެ.
އިބްނު ޒުހުރް ވެފައިވަނީ އޭނާގެ މަސައްކަތް ވަރަށް ބޮޑަށް ދިރާސާކޮށް ތަހުލީލުތަކުގެ މައްޗަށް ބުރަވެފައިވާ މަސައްކަތްތަކަށެވެ. އޭނާގެ މެޑިކަލް ސައެންސްގެ އިލްމީ މަސައްކަތް އިރުމައްޗާއި ހުޅަނގުގައި އެތައް ސަތޭކަ އަހަރަށް ދެމިގެން އައިސްފައިވެ އެވެ. އިބްނު ޒުހުރްގެ އިލްމީ މަސައްކަތްތައް ލެޓިނާއި ހިބްރޫ އަށް ތަރުޖަމާކުރެވި ޔޫރަޕްގައި 18 ވަނަ ގަރުނާ ޖެހެންދެން މަޝްހޫރުކަމާއެކު ބޭނުންކުރެވެމުން ދިޔަ އެވެ.