މީހުން

މުސްލިމު އިލްމުވެރިޔާ އަލް އިދްރީސީ

އަބޫ އަބްދުﷲ މުހައްމަދު އިބްނު މުހައްމަދު އިބްނު އަބްދުﷲ އިބްނު އިދްރީސް އަލް ގުރުތޫބީ އަލް ހަސަނީ އުފަންވެވަޑައިގެންފައިވަނީ މީލާދީން 1099 ގައި ސްޕޭންގެ ބާރުގެ ދަށުގައި މޮރޮކޯ އާއި އިންވެގެން އޮންނަ އަމިއްލަ މިނިވަންކަމެއް ގާއިމްކޮށްފައިވާ އުތުރު އެފްރިކާގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ ސެއުތާގަ އެވެ.

އޭނާ ތައުލީމު އުނގެނިވަޑައިގެންފައިވަނީ ސްޕޭންގެ ދެކުނު ސަރަހައްދުގައި އަންދަލޫސިއާގެ ކޮރްޑޯވާގަ އެވެ. އުނގެނިވަޑައިގަތުމަށްޓަކައި އަލް އިދްރީސީ އެކިކަންކޮޅުތަކަށް ދަތުރުކުރި އެވެ. އެގޮތުން މެޑިޓަރޭނިއަންގައި އިޓަލީގެ ދެކުނުން އޮންނަ ރަށް ކަމުގައިވާ ސިޗިލީ ނުވަތަ ސިސިލީގެ ވެރިރަށް ޕަލޭރްމޯ އަށް ވަޑައިގަތެވެ. ޕަލޭރްމޯގެ ނޯރްމަން ކޯޓަކީ އޭޝިއާ އާއި ބައިޒެންޓައިން އަދި އަރަބިންގެ ސަގާފަތް އޮތް އެދުވަސްވަރުގެ އެންމެ ކުރިއަރާފައިވާ އިލްމީ ބަޔަކު އުޅުނު ތަނެވެ.

އަލް އިދްރީސީ މަޝްހޫރުވެފައިވަނީ ބޭސްވެރިކަމުގައި ބޭނުންކުރާ ފަތްޕިލާވެލީގެ އިލްމުގެ މައްޗަށެވެ. އޭނާ ވަނީ މިރޮނގުން އިލްމީ އެތައް ފޮތެއް ލިޔުއްވާފަ އެވެ. އެގޮތުން އޭނާ ލިޔުއްވި ކިތާބް އަލް ޖަމީ ލީ ސިފާތް އަޝްތަތް އަލް ނަބާތަތް ފާހަގަކޮށްލެވެ އެވެ.

އަލް އިދްރީސީ ވަނީ ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެލީގެ މައުލޫމާތު އެކުލެވޭ އެންމެހާ ފޮތްތަކެއް އެދުވަސްވަރުގައި ދިރާސާ ކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ކުރީ ޒަމާނުގައި އެއްކޮށްފައި ހުރި ފަތްޕިލާވެލީގެ އަސްލު މައުލޫމާތުގެ ތެރެއަށް އިތުރުކޮށްފައިވަނީ ކުޑަ މިންވަރެއްގެ އަސްލު އިލްމެއް ކަމަށެވެ. އެގޮތުން އެއިގެ ކުރިން ހޯދިފައިނެތް އެތައް މައުލޫމާތެއް އަލް އިދްރީސީ ވަނީ ހޯދައި އެމައުލޫމާތު ބޮޓަނީގެ ވަކި ދާއިރާއަކަށް މަގުފަހިކޮށްފަ އެވެ.

އޭނާގެ މިމަސައްކަތުން އެދުވަސްވަރުގެ ބޭސްވެރިންނަށް އައު ބޭސްވެރިކަމުގެ ބޭހާއި އޭގެ މޮޅުކަން ހާމަވެގެން ގޮސްފައިވެ އެވެ. އޭނާ ވަނީ ބޭހުގެ ނަންތައް ސީރިއަކް ބަހުންނާއި ގްރީކް އަދި ޕާޝިއަންގެ އިތުރުން ހިންދީ އާއި ލެޓިން އަދި ހަމައެހެންމެ އުތުރު އެފްރިކާގެ ބާބާ ބަހުން ގެނެސްދީފަ އެވެ.

އަލް އިދްރީސީ ވަނީ ޖިއޮގްރަފީގެ ރޮނގުންވެސް ނުހަނު މުހިންމު އިލްމީ މަސައްކަތް ކުރައްވާފަ އެވެ. މީގެތެރޭގައި އޭނާ ލިޔުއްވި ނުޒްހަތު އަލް މުޝްތާގު ފީ އިހްތިރާގް އަލް އަފަގް ނުވަތަ ކިތާބް އަލް ރުޖާރީ (ރޮޖާގެ ފޮތް) ހިމެނެ އެވެ. މި ފޮތަކީ އޭނާ އޭރުގެ ރަސްގެފާނު ރޮޖާ 2 އަކަށް ވެދުމަށް އެރުވި ފޮތެކެވެ. އެ ފޮތުގައި އޭޝިއާ އެފްރިކާ އަދި ހުޅަނގުގެ އެންމެހާ ޖިއޮގްރަފީގެ އިލްމެއް ހިމަނުއްވާފައިވާތީ އެ ފޮތް ވެފައިވަނީ ޖިއޮގްރަފީގެ އެންސައިކްލޮޕީޑިއާ އަކަށެވެ. މީގެ އިތުރުން މިދާއިރާގައި ލިޔުއްވާފައިވާ ކިތާބުލް މަމާލިކް ވަލް މަސާލިކް ވެފައިވަނީ އިހު މިދެންނެވި ފޮތަށްވުރެވެސް ފުރިހަމަ ޖިއޮގްރަފީގެ އެންސައިކްލޮޕީޑީއާ އަކަށެވެ.

އަލް އިދްރީސީ ބޭސްވެރިކަމުގެ ރޮނގުން އަދި ޖިއޮގްރަފީގެ ދާއިރާއިން ކުރެއްވި އިލްމީ މަސައްކަތުގެ ތަރުޖަމާ ލެޓިނުން ލިޔެވި އޭނާގެ މަޝްހޫރުކަން މުޅި ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިގެން ގޮސްފައިވެ އެވެ. ބޮޓަނީ އަދި ޖިއޮގްރަފީގެ އިތުރުންވެސް ޒޫލޮޖީ އަދި ތެރަޕިއުޓިކްސްގެ އާދަޔާހިލާފް އިލްމީ މަސައްކަތް އޭނާ ވަނީ ކުރައްވާފަ އެވެ.

އަލް އިދްރީސީ އަކީ ދުނިޔޭގެ މެޕެއް އެންމެ ފުރަތަމަ އެކީއެކަށް އެކުލަވާލެއްވި ޖިއޮގްރަފީގެ އިލްމުވެރިޔާ އެވެ.