ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ މެދުތެރޭ އޭޝިއާގެ އުޒްބެކިސްތާންގެ މައުލޫމާތެވެ.
އުޒްބެކިސްތާން
ސޯވިއެޓް ޔޫނިއަން (ކުރީގެ ރަޝިއާ)ގެ ސަރުކާރު 1991 ގައި ބަދަލުވާން ގާތްވެފައި އޮއްވައި، އުޒްބެކިސްތާން ވަނީ މިނިވަން ދައުލަތަކެއްގެ ގޮތުގައި އެކަން އިއުލާންކޮށްފަ އެވެ.
އުޒްބެކިސްތާންގެ އުތުރުން ކަޒަކްސްތާން، އިރު އިތުރުން ކިރިގިސްތާން، އިރު ދެކުނުން ތަޖިކިސްތާން، ދެކުނަށް އަފްޣާނިސްތާން އަދި ހުޅަނގު ދެކުނުގައި ތުރްކްމެނިސްތާން އޮވެ އެވެ.
އުޒްބެކިސްތާން އަކީ ދުނިޔޭގައި ހަތްވަނަ އަށް އެންމެ ގިނަ އިން ރަން ބޭރުކުރާ ގައުމެވެ. އެންމެ ގިނައިން 10 ވަނައަށް ކޮޕާ އާއި އެންމެ ގިނައިން 12 ވަނަ އަށް ޔުރޭނިއަމް އަދި އެންމެ ގިނައިން ފަސްވަނަ އަށް ކޮޓަން ބޭރުކުރާ ގައުމަކީވެސް އުޒްބެކިސްތާން އެވެ.
މީގެ އިތުރުން އުޒްބެކިސްތާންގައި ރިހި، ލެޑް، ޒިންކް، ޓަންގްސްޓަން ފަދަ މައުދަން އަދި ގޭސް، ކޯލް އާއި ތެޔޮވެސް ހުރެ އެވެ. އުޒްބެކިސްތާން ދަނީ މަޑުމަޑުން ކޮމާންޑް އިގްތިސޯދަކުން މާކެޓް އިގްތިސޯދަކަށް ބަދަލުވަމުންނެވެ.
އުޒްބެކިސްތާނަކީ މެދުތެރޭ އޭޝިއާގައި އެންމެ ވަރުގަދައަށް ކަރަންޓު އުފައްދާ ގައުމެވެ. މިގޮތުން ތިން ހައިޑްރޮއިލެކްޓްރިކް ޑޭމް -- ތިން ކޯރުގައި ހަދާފައިވެ އެވެ. ދަނޑުވެރިކަމަށް ބަލާއިރު، މި ގައުމުގެ މޫސުމާއެކު ބިމަކީ ދަނޑުވެރިކަމަށް ރަނގަޅު ބިމެކެވެ.
ހަތަރުވަނަ ގަރުނުއްސުރެއް އުޒްބެކިސްތާންގެ މީހުން ސިލްކްވޯމް ގެންގުޅެ، އޭގެން ސިލްކް ނުވަތަ ފަށުވި ހަދައި، ވިއްކަ އެވެ. އަދި ތަރުކާރީ އާއި މޭވާ ހެއްދުމާއި ކަރަކުލް ކަންބަޅި ބަކަރި ފަދަ ޖަނަވާރުން ހުއިހެއްޕުން ވެސް މިއީ ކޮށް އުޅޭ ކަމެކެވެ.
މި ގައުމުގެ ގާތްގަނޑަކަށް 36.1 މިލިއަންގެ އާބާދީއަށް ބަލާއިރު ގާތްގަނޑަކަށް 90 ޕަސަންޓަކީ މުސްލިމުންނެވެ. މީގެ ތެރެއިން ގިނައީ ހަނަފީ މަޒްހަބްގެ ސުންނީ މުސްލިމުންނެވެ.
މީގެ އިތުރުން ރަޝިއާ ދަރިކޮޅުގެ ކްރިސްޓިއަނުން، ޔަހޫދީން، ބުދިސްޓުން އަދި ކޮންމެވެސް ވަރަކަށް ހިންދޫ ފަދަ ދީންތަކުގެ މީހުންވެސް ދިރިއުޅެވެ.
އުޒްބެކިސްތާން މީހުންގެ ރަސްމީ ބަހަކީ އުޒްބެކް ކަމުގައިވީއިރު، ކަރަކަލްޕަކް، ތަޖިކް، ތުރްކްމެން، ކޯރްޔޯ-މާ، އާޒަރްބައިޖާނީ، ރޫސީ، އުއިގޯރް ބުހާރީ އަދި އަރަބި ބަހުން ވާހަކަ ދައްކާ ބަޔަކު ވެސް އުޅެ އެވެ.
ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން
އުޒްބެކިސްތާންގެ ވެރިކަން ކުރާ އަދި އެންމެ ބޮޑު ރަށް ޓާޝްކެންޓްއަކީ ޗިރްޗިކް ކޯރުގެ އައްސޭރިގައިވާ ރަށެކެއެވެ. މި ރަށުގެ ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި ރިޔާސީ ގަނޑުވަރު، ޓާޝްކެންޓް މިއުޒިއަމް، ޚަސްތް އިމާމް ކޮމްޕްލެކްސް، ހިއުމޯ އެރީނާ، ޕާލަމަންޓް (ސުޕްރީމް އެސެމްބްލީ) އިމާރާތް، މަދްރަސާ ކުކަލްޑާޝް، ނެޝަނަލް ޕާކް، ޓާޝްކެންޓް ޒޫ އަދި ބޮޓޭނިކަލް ގާޑަން ހިމެނެ އެވެ.
ކިވާ މިއުޒިއަމް، ކިވާގެ އިޗަން ކަލާ، ކިވާގެ ބޭރުގައިވާ ސިޓަޑެލްތައް، ސަމަރްކަންޑްގައިވާ ޝާހް އޭ ޒެންޑާ އާއި ރީތި މިސްކިތްތަކާއި ސުލްތާން ތައިމޫރްގެ ޒިޔާރަތް، ބުހާރާގެ ޗާރްމިނާރް މިސްކިތާއި، ކަލްޔާން މުއްނާރާއި، ކަރަކަލްޕަކްސްތާންގެ ނުކުސް މިއުޒިއަމް، ކޯކަންޑް، ޝާހްރިސަބްޒްގެ އަކް-ސަރޭ ގަނޑުވަރާއި، ރީތި ވާދީ އާއި ތަންތަނަކީ ހިތްގައިމް އާސާރީ އަދި ރީތި އިސްލާމީ އާކިޓެކްޗާ ފެންނާނެ ތަންތަނެވެ.
މީގެ އިތުރުން ބައިބުލޮކް ހޮހޮޅަ، ސިރް ދަރިޔާ، ނަރީން އަދި ޗިރްޗިކް ކޯގައިވާ ހައިޑްރޯއިލެކްޓްރިކް ޑޭމްތައް، ސިލްކް ރޯޑް، ސަމަރްކަންޑްގެ ރޭގިސްތާން ސްކުއެއާ، ނުރަޓާއު ފަރުބަދަ އާއި އެހެން ފަރުބަދަތަކާއި އެތައް ގުދުރަތީ އަދި އިންސާނުން ހަދާފައިވާ ލޭކްތަކަށް ޒިޔާރަތްކޮށްލުން ވެސް ރަނގަޅެވެ. އަދި ސިލްކް ރޯޑްގެ ފަރްގާނާ ވާދީގެ މަސައްކަތްތެރިންނާއި ޔުރްޓީ ޓެންޓް ގޭގައި ރީތި ފަރުބަދަ ތަކުގައި ދިރިއުޅެ، އެކި ދުވަސްވަރާ ދިމާކޮށް ސަރަހައްދު ބަދަލުކުރާ މީހުންގެ "ނޮމެޑިކް" ލައިފްސްޓައިލް އާއި މެހެމާންދާރީ ތަޖުރިބާކޮށްލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.
ސަގާފަތް
އުޒްބެކިސްތާންގެ ސަގާފަތަކީ އެ ގައުމު އިސްތިއުމާރުކުރި ގައުމުތަކަކުގެ ސަގާފަތް އެއްވެފައިވާ މަސްހުނި ސަގާފަތެކެވެ. މީގެ ތެރޭގައި އިރާންގެ ހަޟޯރާތްތައް، ޓާޓާއިންނާއި، ކަރަކަލްޕަކްސް ފަދަ ތުރްކީ ނަސްލުން އުފެދިފައިވާ ނޯމެޑް ގަބީލާތައް، އަރަބީން، ޗައިނީޒް އަދި ރޫސީންގެ ދަރިކޮޅުތައް ހިމެނެ އެވެ.
އުޒްބެކިސްތާންގެ ގިނަ މީހުންނަކީ މުސްލިމުން ކަމުގައިވީ ނަމަވެސް ރޫސީންގެ ދަށުގައި މި ގައުމުގެ ރައްޔިތުންނަށް ދީނީ ކަންތައްތައް ކުރުން މަނާކުރުމުގެ ސަބަބުން، ގައުމަށް މިނިވަން ލިބުމާއެކު ދީނީ މިނިވަންކަން ވެސް ލިބުނެވެ. އެހެންވެ ގިނަ މީހުންގެ މެދުގައި އިސްލާމީ އަގީދާ ބަލިކަށިވެފައިވެ އެވެ. މިގައުމުގައި ލިޔަންކިޔަން ދަންނަ މީހުންގެ ރޭޓަކީ 98 ޕަސަންޓެވެ.
އުޒްބެކިސްތާންގެ އާބާދީގެ ގިނަ އަދަދެއްގެ މީހުންނަކީ ނޮމެޑިކްކޮށް ޔުރްޓްގައި ދިރިއުޅޭ މީހުންނެވެ. އަދި ބޮޑެތި އާއިލާތައް އުޅެނީ އެކުގަ އެވެ. މި މީހުންނަކީ ބެރާއި ދިގު ދުންމާރި ފަދަ ތަކެތި ބޭނުންކޮށްގެން މިއުޒިކް ކުޅުމަށާއި ނެށުމަށް ޝައުގުވެރިވާ ބައެކެވެ.
އުޒްބެކިސްތާން މީހުންނަކީ އަތްތެރި މަސައްކަތަށް ވަރަށް މޮޅު ބައެކެވެ. އެގޮތުން ކޮޓަން އާއި ސިލްކް ހެދުމާއި ދޫލަ ހެދުމާއި ކާތަށްޓާއި ޕޮޓަރީ ހެދުމުގެ އިތުރުން އެމީހުންގެ ކުލަގަދަ ފޭރާން ހެދުމަށް ޝައުގުވެރިވެ އެވެ. މިއީ މެހެމާންދާރީ ވަރަށް ބޮޑު ބައެކެވެ. މި ގައުމުގައި ކައިވެނީގެ ފޯރިގަދަ އެތައް ހަފްލާއެއް ކޮންމެ ދުވަހަކުވެސް އޮވެ އެވެ. އުޒްބެކިސްތާންގެ ފިރިހެނުން ވަރަށް ފޯރީގައި އަހުގެ ކުޅިވަރު ކުޅެ އެވެ.
ކެއުންބުއިން
އުޒްބެކިސްތާންގެ ކެއުމުގައި އަވައްޓެރި ގައުމުތަކުގެ ރަހަ ކޮންމެވެސް ވަރަކަށް އެކުލެވިގެންވެ އެވެ. މިމީހުން ކައި އުޅޭނީ އެކި ވައްތަރުގެ ޕާން، ނޫޑްލްސް، ޑަމްޕްލިންގްސް، ބަތް، ލޭމްބް އަދި މަޓަން (ކަންބަޅި ބަކަރި އަދި ބަކަރި މަސް)، ތަރުކާރީ، މޭވާ، ހިއްކި މޭވާ އާއި ނަޓްސް ފަދަ ކެއުމެވެ.
ބަތާއި ތަރުކާރީ އަދި މަޓަން ލައިގެން ހަދާ ޕުލޮވް އަކީ އެންމެ އާންމު ކެއުމެވެ. ޕާން އަދި ކަބާބް ފިހަނީ ރުނބާއެއް ފާޑުގެ ތަންދޫރަކުންނެވެ.
މި ގައުމުގެ ފާހަގަކޮށްލެވޭ ކެއުންތަކުގެ ތެރޭގައި ސުމާލަކް، ޝަޝްލިކް، ޝުރްޕާ (ސޫޕް)، މަންޓި، ޗުޗްވަރާ، ސޮމްސާ، ލަގްމަން، ދިމްލާމާ ފަދަ ސްޓޫ، ޝަކަރަޕް، ތިރިތް، އޮޝް ޓޮކި އަދި ސުޒްމާ ހިމެނެ އެވެ.
ބުއިމުގެ ތެރޭގައި ގްރީން ޓީ، ޖޫސް ހިމެނެ އެވެ. ޓީ ހައުސް ތަކަކީ މަގުބޫލް ތަންތަނެވެ. މި ގައުމުގެ މީހުން އެމީހުންގެ އާންމު ބުއިންތަކުގައި ބަނގުރަލުގެ ބާވަތްތައް ވެސް ބޭނުންކުރެ އެވެ.
ވިސާ އާއި ދަތުރުކުރުން
ދިވެހިންނަށް އުޒްބެކިސްތާނަށް ޒިޔާރަތްކުރުމަށް އީ-ވިސާ ދޫކުރެއެވެ.