މީހުން

މުސްލިމު އިލްމުވެރިޔާ އަލް ފަރްގާނީ

އަބުލް އައްބާސް އަހްމަދު އިބްނި މުހައްމަދު އިބްނި ގާދިރު އަލް ފަރްގާނީ އުފަންވެވަޑައިގެންފައިވަނީ ޓްރާންސޮކްޝިއާނާގެ ފަރްގާނާ ގައެވެ. މިޒަމާނަށް ބަލާއިރު އެއީ މެދުތެރޭ އޭޝިއާގެ އިރުމަތީ އުޒްބަކިސްތާނަށް ނިސްބަތްވާ ތަނެކެވެ.

އަލް ފަރްގާނީ އަކީ އައްބާސީ ދައުލަތުގެ ހަލީފާ އަލް މައުމޫންގެ ދުވަސްވަރާއި އެއިގެ ފަހުގައިވެސް އެންމެ ގަދަރު އުފުލިގެންވާ އެސްޓްރޮނޮމީގެ އިލްމުވެރިޔާ އެވެ.

އަލް ފަރްގާނީގެ އެންމެ ފާހަގަކޮށްލެވޭ އިލްމީ މަސައްކަތަކީ އޭނާ ލިޔުއްވި ކިތާބް ފީ އަލް ހަރަކާތު އަލް ސަމާވިޔާ ވަޖަވާމީ އިލްމު އަލް ނުޖޫމް ނުވަތަ އެލިމެންޓްސް އޮފް އެސްޓްރޮނޮމީގެ ފޮތެވެ. މިފޮތަކީ 12 ވަނަ ގަރުނުގެ ތެރެގޭގައި ލެޓިން ބަހަށް ތަރުޖަމާކޮށް ޔޫރަޕްގައި އެސްޓްރޮނޮމީގެ އިލްމަށް އެންމެ ބޮޑު ނުފޫޒެއް ގެނުވި އިލްމީ މަސައްކަތެވެ.

އަލް ފަރްގާނީ ވަނީ ދުނިޔޭގެ ޑައަމީޓަރު ހޯދުމުގެ މަސައްކަތް ކުރައްވައި 6500 މޭލު ކަމަށް އެދުވަސްވަރު ކަނޑައަޅުއްވާފަ އެވެ. އަލް ފަރްގާނީ އެދުވަސްވަރުގެ އެންމެ މަގުބޫލް ތިއަރިސްޓެއް ކަމަށްވާ ޓޮލެމީގެ ނަޒަރިއްޔާތާއި ހިލާފަށް ތަރިތަކާއި ޕްލެނެޓްތައް ދައުރުވުމުގައި އަސަރުކުރާ ކަންކަން ދަނެގެންފައިވެ އެވެ.

އަލް ފަރްގާނީގެ އިލްމީ މަސައްކަތް އެސްޓްރޮނޮމީގެ އިތުރުން އިންޖިނިއަރިން އަށްވެސް ކުރައްވާފައިވެ އެވެ.

އަލް ފަރްގާނީ ވެފައިވަނީ މިޑްލްއޭޖް ޒަމާނުގައި އެސްޓްރޮނޮމީގެ އިލްމް ދުނިޔެއަށް ފެތުރުމުގައި އެންމެ މުހިންމު އެއް އިލްމުވެރިޔާ ކަމުގަ އެވެ. ވަކިން ހާއްސަކޮށް ޓޮލެމިކް އެސްޓްރޮނޮމީ ފެތުރުމުގައިވެސް އޭނާގެ ހިއްސާ ބޮޑެވެ. އެސްޓްރޮނޮމީގެ މަޝްހޫރު އިލްމުވެރިޔާ ސަކްރޮބޮސްކޯގެ ސްފިއާ އިލްމަކީ އެ އިލްމެއް އަލް ފަރްގާނީގެ އެލިމެންޓްސް އޮފް އެސްޓްރޮނޮމީ އަށް ދަރަނިވެރިވެފައިވާ މަސައްކަތެކެވެ.

ޔޫރަޕްގެ މަޝްހޫރު މުއައްރިހު ޖެރާޑްގެ މަސައްކަތުން، އަލް ފަރްގާނީގެ އެލިމެންޓްސް އޮފް އެސްޓްރޮނޮމީ ލެޓިނަށް ބަދަލުކުރި ކުރުން އެއީ ޑާންޓޭގެ ވީޓާ ނޯވާ އަދި ކޮންވީވިއޯގައި ގެނެސްފައިވާ އެސްޓްރޮނޮމީ އިލްމުގެ މަސްދަރަށް ފަހިވި މަގެވެ.