މީހުން

މުސްލިމު އިލްމުވެރިޔާ އަލްހުވާރިޒަމީ

އަބޫ އަބްދުﷲ މުހައްމަދު ބިން މޫސާ އަލްހުވާރިޒަމީ އުފަންވެފައިވަނީ އެރަލް ކަނޑުގެ ދެކުނުން އޮންނަ ހުވާރިޒަމީ ނުވަތަ ހީރް ގައެވެ. މިއަދުގެ ދުނިޔޭގައި އެއީ އުޒްބެކިސްތާން އެވެ. ސީދާ އެ ޓައުން ވަނީ މިއަދު ނެތިގޮސްފަ އެވެ.

އަލްހުވާރިޒަމީގެ ޅަދުވަސްވަރުގެ ގިނަ މައުލޫމާތު ލިބިފައި ނެތް ނަމަވެސް އޭނާގެ މައިންބަފައިންނާއެކު ޒުވާން އުމުރުގައި އިރާގުގެ ދެކުނުން ބަޣުދާދަށް ހިޖުރަ ކުރިކަން އެނގެ އެވެ.

އޭނާ އުފަންވި ކަމަށް ލަފާކުރެވެނީ މީލާދީން 780 ގައި ހުވާރިޒަމްގެ ހާތް ޓައުންގަ އެވެ. އޭނާގެ އިލްމެވެރިކަން ބޮޑުވެ އައްބާސީ ދައުލަތުގެ ހަލީފާ އަލް މައުމޫން އޭނާ ބަޣުދާދަށް ގެންނަވައި ހަލީފާގެ ދަރުބާރުގެ ފަޒާގެ އިލްމުވެރިޔާގެ ގޮތުގައި މަސައްކަތްޕުޅު ހަވާލުކުރެއްވި އެވެ.

އަލްހުވާރިޒަމީ އަވަހަރާވެފައިވަނީ މީލާދީން ގާތްގަނޑަކަށް 850 ގައި ކަމުގައިވެ އެވެ.

އޭނާގެ 1200 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ސޯވިއެޓް ޔުނިއަން ނުވަތަ މިހާރުގެ ރަޝިއާ އިން އޭނާގެ ތަސްވީރާއެކު ސްޓޭމްޕެއް ނެރެފައިވެ އެވެ.

އަލްޖަބްރާ އަދި އަލްގޮރިތަމް ފަދަ ބަސްބަސް އަޅުގަނޑުމެންނަށް މިއަދު އާންމެވެ. އެހެންނަމަވެސް މި ބަސްބަސް ގެނެސްދީފައިވާ އިލްމު ގެނެސްދިން އިލްމުވެރިޔާ އެނގެނީ އަހަރެމެން ތެރެއިން ކިތައް މީހުންނަށް ބާވަ އެވެ.

އަލްޖަބްރާ މިލަފްޒު ނަގާފައިވަނީ އަލްހުވާރިޒަމީ ލިޔުއްވި ފޮތް -- ހިސާބް އަލްޖަބްރު ވަލް މުގާބަލާ އިންނެވެ.

ބާރަވަނަ ގަރުނުގެ ތެރޭގައި ކްރިމޯނާގެ ޖެރާޑް އަދި ޗެސްޓާގެ ރޮބަޓް ވަނީ އަލްހުވާރިޒަމީގެ ފޮތް އަލްޖަބްރު ވަލްމުގާބަލާ ލެޓިނަށް ތަރުޖަމާކޮށްފަ އެވެ. ސޯޅަވަނަ ގަރުނާ ޖެހެންދެން ހިސާބު އިލްމުވެރިން ގެންގުޅެމުން އައީ އެފޮތެވެ.

އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީގައި 1857 ވަނަ އަހަރު އަލްހުވާރިޒަމީ ލިޔެފައިވާ ހިސާބް އިލްމުގެ ފޮތް ލެޓިނަށް ތަރުޖަމާކޮށްފައި އޮއްވާ ވަނީ ފެނިފަ އެވެ. އެފޮތް ފަށަމުން އަލްހުވާރިޒަމީ ލިޔެފައިވެ އެވެ.

"މިއީ އަލްގޮރިތްމީގެ ފެށުމެވެ. އެކަމަށްޓަކައި ހައްގުވެގެންވާ އިލާހަށް ޝުކުރު އަދާކުރަމެވެ. އަދި ހަމަ އަހަރެމެންގެ ލީޑާރަށާއި އަދި ހިމާޔަތް ދޭފަރާތަށް ވެސް ޝުކުރު ހުއްޓެވެ."

ޖިއޮގްރަފީގެ އިލްމުގައި ޓޮލަމީގެ ނަޒަރިއްޔާތު އިސްލާހްކޮށް ރަނގަޅުކުރީ އަލްހުވާރިޒަމީ އެވެ.

އޭނާ މީލާދީން 830 ގައި ދުނިޔޭގެ ފުރަތަމަ މެޕް އެކުލަވާލެއްވި އެވެ. އަލްހުވާރިޒަމީ ދުނިޔޭގެ ސާކަމްފަރެންސް އަދި ވޮލިއުމް ހޯދުމުގެ މަސައްކަތްކުރި އެވެ. އަދި ގަޑި އުފެއްދުމާއި ވަގުތު ދަނެގަތުމުގެ ސާމާން ތަރައްގީކުރުމުގެ އިތުރުން ކައުނުގެ މޮޑެލް ފަދަ ފަޒާގެ އިލްމީ މަސައްކަތްވެސް ކޮށްފައިވެ އެވެ. އެހެންކަމުން އަލްހުވާރިޒަމީ އަކީ ހިސާބް އިލްމުގެ އިތުރުން ޖިއޮގްރަފީ އަދި އެސްޓްރޮނޮމީގައި އަރައި ހުންނެވި އިލްމުވެރިއެކެވެ.

އަލްހުވާރިޒަމީ ބެލެވިފައިވަނީ ދުނިޔޭގައި އުފެދުނު އެންމެ ބޮޑު ހިސާބް އިލްމުވެރިޔާ ކަމުގަ އެވެ. މެޑީވަލް ޒަމާނުގައި އޭނާއަށް ވުރެ ބޮޑަށް ދުނިޔޭގައި ހިސާބް އިލްމަށް ހިދުމަތްކުރި މީހަކު އެނގޭކަށް ނެތެވެ.

އަލްހުވާރިޒަމީ ލިޔުއްވި އަލްޖަބްރާ ފޮތުގެ ސަބަބުން އެދުވަސްވަރު މީހުންނަށް ބޭނުންވެފައިވާ ކަންކަމަށް މަގުފަހިކޮށްދިނުމުގެ އިތުރުން ހާއްސަ ގޮތެއްގައި ވާރުތަ މުދަލާއި ތަރިކައާއި ވިޔަފާރީގެ މުއާމަލާތާއި ތަކެތި ބެހުމާއި ގާނޫނު މެދުވެރިވެގެން ހިނގާ ކަންކަން ހިސާބް އިލްމުން ހައްލުކޮށްދިނުމަށް މަގުފަހިވެގެން ގޮސްފައިވެ އެވެ.

އަލްހުޥާރިޒަމީ އޭނާގެ އެމަސައްކަތް އަމިއްލަފުޅަށް ދެކެފައިވަނީ އިލާހަށްޓަކައި އޭނާ ކުރި އަޅުކަމެއްގެ ގޮތުގަ އެވެ.