މީހުން

މުސްލިމު އިލްމުވެރިޔާ އަލް ބަތާނީ

އަބޫ އަބްދުﷲ މުހައްމަދު އިބްނު ޖާބިރު އިބްނު ސިނާން އަލް ބަތާނީ އަލް ހައްރާނީ އުފަންވެވަޑައިގެންފައިވަނީ މީލާދީން 858 ހާތާނގައި ހައްރާން ކިޔުނު ރަށުގެ ބަތާންގަ އެވެ.

އޭނާ އެންމެ ފުރަތަމަ ތައުލީމު ހާސިލްކުރެއްވީ އޭނާގެ ބައްޕަ މަޝްހޫރު ސައެންޓިސްޓް ޖާބިރު އިބްނި ސަންއާން އަލް ބަތާނީ ގެ އަރިހުންނެވެ. އެއިގެ ފަހުން ޔޫފްރޭޓް ކޯރުގެ އައްސޭރީގައި އޮންނަ ރައްގާއަށް ހިޖުރަ ކުރެއްވި އެވެ. އެތަނުގައި އިތުރަށް އުނގެނިވަޑައިގެން މޮޅު އިލްމުވެރިއެއްގެ ދަރަޖައިގައި މަޝްހޫރުވެ ވަޑައިގަތެވެ.

ނުވަވަނަ ގަރުނު ފެއްޓުނުތަނާހެން އަލް ބަތާނީ ވަނީ ސަމައްރާ އަށް ހިޖުރަ ކުރައްވާފަ އެވެ. އޭނާ އަކީ ސާބިއާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމެކެވެ.

ސާބިއާ ދަރިކޮޅު މީހުންނަކީ ތަރިތަކުގެ ދީނަށް އަޅުކަން ކުރަމުން އައި ބައެއްކަމުން ސާބުންނަކީ ފަޒާއާއި ތަރިތަކުގެ އިލްމަށް ކުޅަދާނަ ބައެކެވެ. އަލްބަތާނީ އަކީވެސް އެގޮތުން އެސްޓްރޮނޮމީއަށް އަރައި ހުންނެވި އިލްމުވެރި އެކެވެ. ހިސާބާއި ތަރިތަކުގެ އިލްމަށް އެޒަމާނުގައި އެމީހުން އިންތިހާއަށް މޮޅެވެ. މުސްލިމް އިލްމުވެރިޔާ އަލް ގުއްރާ އަކީވެސް ސާބުދަރިކޮޅުގެ އެފަދަ އިލްމު ވެރިއެކެވެ. ނަމަވެސް އަލް ބަތާނީ އަކީ ސާބުން ގަބޫލުކޮށްގެން އުޅުނު ތަރިތަކުގެ ދީނަށް ތަބާވި ބޭފުޅެއް ނޫނެވެ.

ބުނެވޭ ގޮތުގައި އަލް ބަތާނީގެ ބައްޕާފުޅަކީ އެދުވަސްވަރު ހައްރާނުގައި ވަރަށް ކުޅަދާނަ އިންސްޓްރުމަންޓްތައް އުފެއްދެވި ބޭފުޅެކެވެ. އެގޮތުން އަލް ބަތާނީ ވެސް ވެފައިވަނީ އެސްޓްރޮނޮމީގެ އިންސްޓްރުމަންޓްތައް ކުޅަދާނަކަމާއެކު ފަރުމާކޮށް އެތަކެތި އުފެއްދެވި ބޭފުޅެއްގެ ގޮތުގަ އެވެ.

އަލް ބަތާނީ ވަނީ އެސްޓްރޮނޮމީގެ އޮބްޒަވޭޓަރީތައް ސީރިއާގެ އަންތިއޮޚް އަދި އައް ރައްގާ ގައި އެދުވަސްވަރު ގާއިމްކޮށްފަ އެވެ. އެތަކެއްޗަކީ ވަރަށް ސީދާކޮށް އެދުވަސްވަރުގެ ފަޒައީ އިލްމުގެ ލަފާކުރުންތައް ގެނެސްދިން ތަކެއްޗެވެ. އައް ރައްގާ އަކީ އެދުވަސްވަރުގެ އައްބާސީ ދައުލަތުގެ ފަސްވަނަ ހަލީފާ ހާރުނު އަލް ރަޝީދުގެ ދުވަސްވަރު ނުހަނު މުއްސަނދި ރަށެކެވެ. އަދި އެތަނުގައި އެތަކެއް ބޮޑެތި ގަނޑުވަރުތައް ހަލީފާ ހާރޫނު އަލް ރަޝީދު ބިނާ ކުރެއްވި އެވެ.

އަލް ބަތާނީ ވެގެންގޮސްފައިވަނީ އެސްޓްރޮނޮމީގައި ގުރަހަ ނުވަތަ ޕްލެނެޓްތަކާއި އެސްޓްރޮލޮޖީގެ ޗާޓުތައް ވަރަށް ފުރިހަމަކޮށް އޭނާގެ އިލްމީ މަސައްކަތުގައި ގެންނަވާފައިވާ ބޭފުޅެއްގެ ގޮތުގަ އެވެ. އަލް ބަތާނީ އެދުވަސްވަރު ބަޣުދާދުން ރައްޔިތުންގެ އަތުން ޓެކްސް ނެގުމުގައި އިންސާފްވެރި ނޫން ކަމަށް ބުނެ އުފެދުނު އިހްތިޖާޖްތަކުގައި ބައިވެރިވެ ވަޑައިގެން އައް ރައްގާއިން ބަޣުދާދަށް ވަޑައިގެން އޭނާއަށް ފެނިވަޑައިގެންނެވި ގޮތްތައް ބަޣުދާދުގައި ރަސްކަމުގެ ދަރުބާރަށް ހުށަހެޅުއްވި ކަމުގައިވެސްވެ އެވެ.

އަލް ބަތާނީގެ އެންމެ ބޮޑު އިލްމީ މަސައްކަތަކީ އެސްޓްރޮލޮޖީގެ ދާއިރާއިން އޭނާ ލިޔުއްވާފައިވާ 57 ޗެޕްޓަރުގެ މައްޗަށް އެކުލެވޭ ކިތާބުލް ޒިޖް އެވެ. އޭގައި 489 ތަރި އެއްގެ ދައުރުވުމާއި ޒޯޑިއަކް ރަމްޒުތަކާއި އޭގެ ދަރަޖަތައް އެކުލެވިގެންވާ ގޮތާއި ބައިތަކުގެ މައްޗަށް ވަރަށް ފުންކޮށް ނަޒަރިއްޔާތުކޮށްފައިވެ އެވެ. އަދި ހަމަ އިރާއި ހަނދާއި ފަސް ޕްލެނެޓެއްގެ ދައުރުވުމަށް ނަޒަރުކޮށް ފުންވިސްނުންތަކެއް ގެންނަވާފައިވެ އެވެ. އަދި މިޒަމާނުގެ މި އޮންނަ އަހަރެއްގައި ހިމެނޭ 365 ދުވަހާއި ފަސްގަޑި 48 މިނެޓް 5 ސިކުންތު ފަލަކީ އިލްމަށް ބިނާކޮށް ގާއިމް ކުރި އެވެ. އޭނާ މިކަން ކޮށްފައިވަނީ އެދުވަސްވަރުގެ އިލްމުވެރިޔާ ޓޮލެމީ ގެންގުޅުނު ތިއަރީ ޖިއޮމެޓްރީއާއި ހިލާފަށް ޓްރިގޮނޮމެޓްރީގެ ނަޒަރިއްޔާތުގެ އަލީގަ އެވެ.

އަލް ބަތާނީގެ އިލްމީ ފޮތް ކިތާބުލް ޒިޖް ވަނީ މީލާދީން 1116 ގައި ލެޓިނަށް ތަރުޖަމާކޮށްފަ އެވެ. އަދި 1537 އަދި 1645 ގައި އެ ފޮތް އަލުން ޕްރިންޓް ކޮށްފައިވެ އެވެ. ހަމައެހެންމެ 13 ވަނަ ގަރުނުގައި ސްޕެނިޝް ބަހަށް އެ ފޮތް ތަރުޖަމާ ކޮށްފައިވެ އެވެ.