ދުނިޔެ

އިސްލާމީ ގައުމުތައް - ތުރްކްމެނިސްތާން

ރަ މަޟާން މަހަށް ހާއްސަކޮށްގެން 'އަވަސް' އިން ގެނެސްދޭ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ މެދުތެރޭ އޭޝިއާގެ ތުރްކްމެނިސްތާނާ ބެހޭ މައުލޫމާތެވެ.

ތުރްކްމެނިސްތާން

ސޯވިއެޓް ޔޫނިއަން (ކުރީގެ ރަޝިއާ)ގެ ސަރުކާރު ބަދަލުވުމާ ގުޅިގެން 1991 ވަނަ އަހަރު، ތުރްކްމެނިސްތާން ވަނީ މިނިވަން ދައުލަތަކަށް ބަދަލުވެފަ އެވެ.

ތުރުކްމެނިސްތާންގެ ހުޅަނގު އުތުރަށް އޮންނަކީ ކަޒަކްސްތާން އެވެ. އިރު، އުތުރުން އުޒްބެކިސްތާން އޮންނައިރު އިރު ދެކުނުން އޮންނަނީ އަފްޣާނިސްތާން އެވެ. ހުޅަނގު ދެކުނުން އީރާން އޮންނައިރު ހުޅަނގަށް އޮންނަނީ ކެސްޕިއަން ކަނޑެވެ. ތުރުކްމެނިސްތާންގެ ބޮޑުބަޔަކީ ކަރަކުމް ޑެޒާޓް އެވެ. މިނިވަން ވުމަށްފަހު މި ގައުމުގައި ރައީސްކަން ކުރަމުން އައީ ހުދުމުހުތާރު ވެރިންނެވެ.

ތުރްކްމެނިސްތާންގެ އިގްތިސާދު ބިނާވެފައިވަނީ ގޭސް ތެޔޮ އާއި ކޮޓަން އެކްސްޕޯޓްގެ މައްޗަށެވެ. މިއީ ދުނިޔޭގައި ހަތަރުވަނައަށް އެންމެ ބޮޑު ގުދްރަތީ ގޭސް ރިޒާވް އޮންނަ ގައުމެވެ.

ރަނގަޅަށް ދައުލަތް ހިންގަމުން ނުދާތީ ގޭސް އެކްސްޕޯޓްކުރުމަށް ހަރުދަނާ ސިޔާސަތެއް ނެތުމާއި ކޮޓަން އާއި ގޭހުގެ އަގު ދަށަށް ދިއުމުން މިގައުމުގެ އިގްތިސޯދަށް ވަނީ ގެއްލުން ލިބިފަ އެވެ. އިގްތިސާދީ އުދަނގުލެއްގައި ގައުމު އޮތް އިރުވެސް ކުރީގެ ރައީސް ނިޔާޒޮވް ވަނީ ވެރިކަން ކުރާ ރަށާއި އެހެން ރައްތަކުގައި ބޮޑެތި ހަރަދުތަކެއް ކޮށްގެން އިމާރާތްތައް ބިނާކޮށް ރީތިކުރުމުގެ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ތުރްކްމެނިސްތާނަކީ ތަނަވަސް ދައުލަތަކަށް ހެދެން އޮތް ގައުމަކަށްވީ ނަމަވެސް މިވަގުތު ގިނަ ރައްޔިތުން އުޅެނީ ފަގީރު ހާލަތުގަ އެވެ.

މި ގައުމުގެ 6.3 މިލިއަން މީހުންގެ އާބާދީއަށް ބަލާއިރު ގާތްގަނޑަކަށް 93 ޕަސަންޓަކީ މުސްލިމުންނެވެ. މީގެ ތެރެއިން ގިނައީ ހަނަފީ މަޒްހަބްގެ ސުންނީ މުސްލިމުންނެވެ. ހަ ޕަސަންޓަކީ ކްރިސްޓިއަނުންގެ ކަމަށްވާއިރު، އެއް ޕަސަންޓަކީ އެއްވެސް ދީނަކަށް ތަބާނުވާ މީހުންނެވެ. ސެކިއުލާ ސްޓޭޓެއްގެ ގޮތުގައި ތުރްކްމެނިސްތާން ހިންގަމުންދާއިރު އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ބިރު އޮތް ކަމަށް ބަލައި އެކަމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.

ތުރްކްމެނިސްތާންގެ ގެ ރަސްމީ ބަހަކީ ތުރުކީ ބަހާ ގުޅުންހުރި ތުރްކްމަން ބަހެވެ. އެހެނަސް ރޫސީ ބަހަކީ މިހާރުވެސް ގިނަ މީހުން ވާހަކަ ދައްކާ އުޅޭ ބަހެކެވެ. މީގެ އިތުރުން އެކި ގަބީލާތަކުގެ ބަހާއި އަވައްޓެރި ބައެއް ގައުމުތަކުން ހިޖުރަކުރި މީހުން އެ ގައުމުތަކުގެ ބަހުން ވާހަކަ ދައްކާ އުޅެ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ތުރްކްމެނިސްތާންގެ ވެރިކަން ކުރާ ރަށް އަދި އެންމެ ބޮޑު ރަށް -- އަޝްގަބަތު އަކީ "ސިޓީ އޮފް ވައިޓް މާބަލް"ގެ ނަން ދީފައިވާ ރަށެވެ. މި ރަށުގައި ރީތި ހުދު އިމާރާތްތަކާއި ފާހަގަކޮށްލެވޭ ގިނަ ބިނާތަކާއި ތަންތަން ހުރެ އެވެ. އެގޮތުން ރިޔާސީ ގަނޑުވަރާއި ވެޑިން ޕެލަސް، ރޫހީ މިސްކިތް، ގިޕްޗެކް މިސްކިތް، ސެޕަރްމުރާތް ހާޖީ މިސްކިތް، އާޓްރުގުލް ގާޒީ މިސްކިތް، ސެޔިޑް ޖެމާލެތްދިން މިސްކިތް، ހަޒްރެތީ އޮސްމާން މިސްކިތް، ހަޒްރެތީ އޮމާރް މިސްކިތް، ޝެހިޓްލާ މިސްކިތް އަދި ޗާޗްތަކާއި ގިނަ ބިނާތައް ހިމެނެ އެވެ.

ނެޝަނަލް ލައިބްރަރީ، ނެޝަނަލް މިއުޒިއަމް އޮފް ހިސްޓްރީ، ތުރްކްމެން މިއުޒިއަމް އޮފް ފައިން އާޓްސް، ކާޕެޓް މިއުޒިއަމް، ކޭބަލް ކާ، ފެރިސް ވީލް، މޮނިއުމަންޓް އާޗް އޮފް ނިއުޓްރަލިޓީ، އިންޑިޕެންޑަންސް މޮނިއުމަންޓް، އަޝްގަބަތް ހިޕޯޑްރޯމް، ހަލްކް ހަކިދޭސީ މެމޯރިއަލް ކޮމްޕްލެކްސް، ޓްރޭން ސްޓޭޝަން ކޮލްކުޗްކާ ބާޒާރު، ޓޭކޭ ބާޒާރު، ރަޝިއަން ބާޒާރު އަދި ސާކަސް ވެސް މިއީ ބަލާލަން ރަނގަޅު ތަންތަނެވެ.

ކައު އަޓާ އަންޑާގްރައުންޑް ލޭކް ތަކާއި، ހޮހޮޅަ، ދަރްވާޒާ ގޭސް ކްރޭޓާސް އާއި، އަނދައަނދާ ހުންނަ "ޑޯ ޓު ހެލް"، ވޯކް އޮފް ހެލްތް، ސެކަންޑް ޕާކް އާއި، ދްރުޒްބާ ޕާކް، ގޮރޮގޯލީ ޕާކް ފަދަ ޕާކްތައް، ރެޕެޓެކް ވައިލްލައިފް ރިޒާވް، ޔަންގީކާލާ ކެންޔަން، ގަރަބޮގަޒްކޯލް ބޭސިން، އާވާޒާ ބީޗް، އާސާރީ މާވް، ނިސާގެ ޕާތިއަން ކިއްލާ، ދެހިސްތާން، ކަރަކުމް ޑެޒާޓް، ޑައިނޮސޯ ޕްލެޓޫ، ނޯހުރް ފަދަ ތަންތަންވެސް ހިތްގައިމެވެ.

ސަގާފަތް

ތުރްކްމެނިސްތާންގެ ސަގާފަތަކީ އެކި ދަރިކޮޅުގެ ޓްރައިބްތައް އެއްވެފައިވާ ސަގާފަތަކެވެ. މި ގައުމުގެ އަސްލު ރައްޔިތުން ކަމުގައިވާ ތުރްކްމެން ނަސްލު (އަދި އާބާދީގައި އެންމެ ގިނަ ނަސްލު)ގެ ތެރޭގައި ޓޭކޭ، ޔޯމުތް، އެރްސާރީ ފަދަ ގަބީލާތައް ހިމެނޭއިރު، މި ގައުމުގައި ރޫސީ، އުޒްބެކް، ކަޒަކްސް، ޓާޓާ، ކުރްދީން، ބަލޮކްސް، އަޒޭރީ، ޕަޝްތޫން، ޔުކްރޭން އަދި އާމޭނިއާގެ މީހުންވެސް ހިމެނެ އެވެ. އާބާދީގެ ގިނަ އަދަދެއްގެ މީހުންނަކީ ނޮމެޑިކްކޮށް، ޔޫރްޓްގައި ދިރިއުޅޭ، އަހުގެ ކުޅިވަރަށް މޮޅު މީހުންނެވެ. މި މީހުންނަކީ ގޮށް ޖަހާފައި ހުންނަ ދޫލަ ހެދުމާއި ކުލަގަދަ ފޭރާން ލުމަށް ޝައުގުވެރިވާ ބައެކެވެ. ފިރިހެނުން މެކަން ތެލްޕެކް ކިޔާ ތޮތްޕެއް އަޅާއިރު އަންހެނުން ގަހަނާ ގިނަ އަދަދަކަށް ބޭނުންކުރެ އެވެ.

ކެއުންބުއިން

ތުރްކްމެނިސްތާންގެ ކެއުން އެހިސާބުގަނޑުގެ އެހެން ގައުމުތަކުގެ ކެއުންތަކާ ވަރަށް އެއްގޮތެވެ. މިގޮތުން ކަންބަޅި، ބަކަރި އަދި ކުކުޅާއި، ކަނޑަމަސް، ބަތާއި، ޕާނާއި، ސޫޕް އާއި، ސްޓޫ ފަދަ ކާނާއަކީ އާންމު ކެއުންތަކެވެ. ޕަލޯ ފަދަ އެއްގަމު މަހާއި ތަރުކާރީ އަދި ބަތުން އެކުލެވިގެންވާ ކެއުމާއި، ޑޮގްރާމާ، އުނަޝް، މަންތި، ގޮވަރްޑަކް، ޑަމްޕްލިންގްސް، ނޫޑްލްސް، ސޫޕް، ގަޒަންލާމާ، ކެބާބް، ސިސްލިކް، ގުތަބް، ޗޮރެކް، އިޒްލެކްލީ، ޕިޝްމޭ، ބޮރެކްލި ކޯބާ، ބަތިރްމާ އަކީ ވެސް ފާހަގަކޮށްލެވޭ ބައެއް ކެއުމެވެ.

ވިސާ އާއި ދަތުރުކުރުން

ތުރްކްމެނިސްތާނަށް ޒިޔާރަތްކުރުމަށް ދިވެހިން ވިސާ ނަގަންޖެހެ އެވެ. އޮންލައިންކޮށް ވިސާއަށް އެޕްލައިކުރެވޭއިރު، ބައެއް ފަހަރު ވިސާ ލިބެން ގިނަ ދުވަސްތަކެއް ނަގަ އެވެ.