ސާމިއާ ސުލޫހޫ ހަސަން އިރުމަތީ އެފްރިކާގެ ޓެންޒޭނިއާގެ ރައީސް ކަމާއި ހަވާލުވެވަޑައިގަތީ އެގައުމުގެ ރައީސް ޖޯން މަގުފުލީ ހިތުގެ އާލާސްކަންފުޅެއްގައި މާޗް 17، 2021 ގައި އަވަހާރަވުމާ ގުޅިގެންނެވެ.
ރައީސް ސާމިއާ ޓެންޒޭނިއާގެ ނައިބް ރައީސް ކަމުގެ މަގާމަށް ހޮވިވަޑައިގަތީ އެގައުމުގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް މަގުފަލީގެ ނައިބެއްގެ ގޮތުގައި 2015 ވަނަ އަހަރު އެވެ.
އެކަމަނާ ރައީސް މަގުފަލީ އާއިއެކު ދެވަނަ ދައުރަކަށް ހޮވިވަޑައިގަތީ 2020 ގައެވެ. ނަމަވެސް ރައީސް މަގުފަލީ ކުއްލި ގޮތެއްގައި އަވަހާރަވުމާ ގުޅިގެން މި ދައުރުގެ ބާކީ އޮތްބައިގައި ޓެންޒޭނިއާގެ ރައީސްކަމުގެ ހުވާ އެކަމަނާއަށް ކުރައްވަން ޖެހިވަޑައިގަތީ އެވެ.
ރައީސް ސާމިއާ އަކީ ޓެންޒޭނިއާގެ ހަވަނަ ރައީސް އެވެ. ވެރިކަންކުރާ ޗަމާ ޗާ މަޕިންޒޫދީ ޕާޓީގެ ފަރާތުން ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތް ރައީސް ސާމިއާ އަކީ އެގައުމުގެ އެންމެ ފުރަތަމަ އަންހެން ރައީސް އަދި ނައިބް ރައީސް ވެސްމެއެވެ. އަދި އިރުމަތީ އެފްރިކާ ޖަމާއަތްތަކުގެ ގައުމުތަކުގެ ތިންވަނަ އަންހެން ރައީސް އެވެ. އެއީ ބުރުންޑީގެ ބޮޑުވަޒީރުކަން ކުރެއްވި ސިލްވީ ކިނީގީ އާއި ރުވާންޑާގެ ބޮޑުވަޒީރު އަގާތޭ އުވިލިންގިޔިމަނާގެ އިތުރުންނެވެ.
ޓެންޒޭނިއާގެ ބައިކުޅަބައި މިނިވަންކަން އޮންނަ ޒެންޒިބާރުގެ ރައްޔިތެއް ކަމުގައިވާ ސާމިއާ ސުލޫހޫގެ ސިޔާސީ މަސައްކަތްޕުޅު ފައްޓަވާފައިނީ ލޯކަލް ލެވެލްގައި 2000 ވަނަ އަހަރު ޒެންޒިބާރުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ސްޕެޝަލް ސީޓް މެންބަރެއްގެ ގޮތުގައި ހޮވިވަޑައިގެންނެވެ. އޭގެ ކުރިން ސަރުކާރުގައި އެކި މަގާމުތަކުގައި މަސައްކަތްޕުޅު ކުރައްވާފައިވެ އެވެ. އަދި ޓެންޒޭނިއާގެ ނެޝަނަލް އެސްމްބްލީ އަށް ކުރިމަތިލައްވައި މަތީ އައުލަބިއްޔަތަކުން 2010 ގައި ހޮވިވަޑައިގެންފައިވެ އެވެ. އެއާ އެކު މިނިސްޓާ އޮފް ސްޓޭޓް ފޯ ޔުނިއަން އެފެއާޒްއަށް އެކަމަނާ އައްޔަން ކުރެވުނެވެ.
އެކަމަނާ ކިޔަވައި ވިދާޅުވެފައިވަނީ އިކޮނޮމިކްސް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިންނެވެ. އެކަމަނާ އިނގިރޭސި ވިލާތުން އިތުރަށް ތައުލީމް ހާސިލް ކުރައްވާފައިވެ އެވެ. އެކަމަނާ އަކީ ޒެންޒިބާރުން ޓެންޒޭނިއާގެ ރައީސް ކަމަށް ވަޑައިގަތް ފުރަތަމަ ބޭފުޅާ އެވެ. ހަމައެހެންމެ އެފަދަ މަގާމަކަށް ޓެންޒޭނިއާގައި ވަޑައިގަތް މުސްލިމު ތިންވަނަ ބޭފުޅާ އެވެ.
ޓެންޒޭނިއާގެ އައު ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގެ ނައިބަކަށް 2014 ގައި އެކަމަނާ ހޮވިވަޑައިގަތެވެ. އެކަމަނާ އަކީ ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތުމުގެ ކުރިން ވަރުގަދަ އެކްޓެވިސްޓެކެވެ.
ރައީސް ސާމިއާ ސުލޫހޫ ވިދާޅުވެފައިވާ ގޮތުގައި އެކަމަނާ ގްރާސްރޫޓް ލެވެލްގައި މަސައްކަތް ކުރެއްވިއިރު ކޮންމެ ދުވަހަކު އާންމު ރައްޔިތުން އުޅެމުންދާ ހާލު އަމިއްލަ ލޮލުން ފެނިވަޑައިގަތުމުގެ ސަބަބުން ސިޔާސީ މައިދާނަށް ވަންނަވަން ނިންމެވީ މުޖުތަމައަށް ހެޔޮ ބަދަލެއް ގެންނެވުމަށެވެ. އެކަމަނާ އަކީ އިރުމަތީ އެފްރިކާގައި އަންހެނުން ބާރުވެރިކުރުވުމުގައި ނަމޫނާ ކަނބަލެކެވެ.